Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް- ހަޔާތް ކުރެހުމާއި ހަޔާތް އުފެއްދުން

ކަނާތް ފަރާތުން ފެންނަ ފޮޓޯގެ ތިރީގައި ލިޔެވިފައި ވެއެވެ. "ބައްރުތައް ހުރަސްކޮށް ދަތުރުކޮށްފައިދާނޭ އެއް މިލިޔަން ޑޮލަރުގެ އަގުހުރި މިސައިލެއް، އެހެން ގައުމުތަކު(ގެ ހަމަލާއަކުން) އޭނާގެ ގައުމު ރައްކާތެރިކުރުމުގެ ގޮތުން އުތުރު ކޮރެއާގެ ރައީސް ފޮނުއްވާލައްވައިފިއެވެ.

ވާތް ފަރާތުން ފެންނަ ފޮޓޯގެ ތިރީގައި ލިޔެވިފައި ވެއެވެ. "މުސަޅެއް ޝިކާރަކޮށް ހިފުމަށްޓަކައި، އެއް މިލިޔަން ޑޮލަރުގެ އަގުހުރި ބާޒެއް، އަރަބި ވެރިޔެއްގެ ދަރިކަލަކު އުދުއްސާލައްވައިފިއެވެ."

މިތަސްވީރު ކިޔައިދޭ ވާހަކައަކީ ކޮބައި ހެއްޔެވެ؟ ފަހަރެއްގައި ވެސް އުތުރު ކޮރެއާއަކީ ދުނިޔޭގައި އޮތް ސުވަރުގެ ވާހަކައެއް ނޫނެވެ. އަދި އެތަނުގައި ގާއިމުވެފައި އޮތް ސިޔާސީ ނިޒާމަކީ އެ ނިޒާމަށް އެންމެން ތަބާވާންވީ ނިޒާމެކޭ ވެސް ނޫނެވެ. ހަމަ އެހެންމެ، ޝިކާރަކުރުމާއި މުނިފޫހިވިލުވުމާ ދުރަށް ދާންޖެހޭ ވާހަކައެއް ވެސް ނޫނެވެ. މި ތަސްވީރު ބުނެދޭން މަސައްކަތް ކުރަނީ މުހިއްމު ކަންކަމާއި އާއްމު ކަންކަން ވަކިކުރަން ޖެހޭނޭ ކަމެވެ. ތަރައްގީގެ މަގުގެ މަސައްކަތްކުރަމުންދާ ބަޔަކަށް މިކަން ފާހަގަ ނުކުރެވިއްޖެ ނަމަ، ތަނުގެ މުއްސަނދިކަން ވަކި ބައެއްގެ އަތްމައްޗަށް ގޮސް، އެ މުއްސަނދިކަމަކީ ހަމައެކަނި އެ މަދު މީސްކޮޅެއްގެ އަމިއްލަ ޒާތީ އުފަލަށާއި ހިތްހަމަޖެއްސުމުގެ މަގުގައި ހޭދަކުރަން އޮންނަ އެއްޗެއްކަށް ވެގެންދިޔުމެވެ. ދެން، ބާކީ ތިބި މީހުންނަށް އޮންނަނީ އެފަދަ މީސްމީހުން މިގޮތުގައި އުފާކޮށް ހިތްހަމަޖައްސަމުންދާއިރު އަތްޖަހަން ތިބުމެވެ. މިވާހަކަ އަރަބި އިލްމުވެރި ސިޔާސީ ވެރިޔަކު ކަމުގައިވާ މުސްތަފާ އައްސިބާއީ އަންނަނިވި އިބާރަތުން ލިޔުއްވާފައިވެއެވެ.

"ފަންނީ ކަންކަމުގައި (މިތާނގައި 'ފަންނީ' ބޭނުންކުރެވިފައިވަނީ ލަވައާއި މިޔުޒިކާއި ނެށުން ފަދަ މުނިފޫހިފިލުވުމުގެ ގޮތުން ކުރާކަންކަމަށެވެ.) މަޝްޣޫލު ވެގެން އުޅުމަކީ، ރަށްވެހިކަމުގެ ބިނާ ފުރިހަމަކުރެވިފައިވާ މީހުންގެ ކަމެކެވެ. ރަށްވެހިކަމުގެ ބިނާ ނުވެސް ފެށިގެން އުޅޭ މީހުން، ނުވަތަ މާފަހުން އެ މަސައްކަތަށް ފަށައިގަނެވޭ މީހުން، އެ ބިނާ ވަރުގަދަކުރުމަށް އަހައްމިޔަތުކަން ދިނުމުން އެއްކިބާވެ، އައު އީޖާދުތައް ކުރުން ދޫކޮށް ލަވަޔާއި މިޔުޒިކަށް (އަދި، ތިރިން ފެންނަ މަންޒަރު ދައްކާ ފަދަ މުނިފޫހިފިލުވުމުގެ ކުޅިވަރުތަކަށް) އަހައްމިއްޔަތުކަންދީ 'ހަޔާތް އުފެއްދުމު’ގެ ބަދަލުގައި، 'ހަޔާތް ކުރެހުމަށް' އަހައްމިއްޔަތުކަން ދީގެން އުޅުމަކީ އެންމެ ބޮޑެތި މޮޔަކަންތަންތަކުގެ ތެރެއިން ހިމެނިފައިވާ ކަމެކެވެ."

މަރްހޫމު ސިބާއީގެ ވާހަކަކޮޅުގައި ފަންނީ ކަންކަން މަނާކުރެވިފައެއް ނެތެވެ. އެ ވާހަކަކޮޅުގައި އޭނާ ފާހަގަކުރައްވަނީ ހަޔާތް އުފެއްދުމާ ބެހޭ ކަންކަމަށް އިސްކަންދޭން ޖެހޭނޭ ވާހަކައެވެ. ހަޔާތް އުފެއްދުމަށް އެންމެ މުހިއްމީ ވިސްނާ ފިކުރުކުރުމުގެ ހުނަރު ދަސްކޮށްދޭ ތައުލީމީ ނިޒާމެކެވެ. މައުލޫމާތު ލިބިގަނެ، އެ މައުލޫމާތު އުފައްދާފައިވަނީ ކިހިނެއްތޯ ބަލައި، މައުލޫމާތު އުފައްދާނޭ ބަޔަކު ނެރޭނޭ ފަދަ ތައުލީމީ ނިޒާމެކެވެ. މައުލޫމާތު އުފައްދާނޭ ބަޔަކު ތައުލީމީ މުއައްސާސާތަކުން ދަސްވެނިވެގެން ނުނިކުންނަނަމަ، ދެން ފެނިގެންދާނީ ރަށްވެހިކަން ލިބިގަންނަން ހަޔާތް ކުރަހާތަނެވެ. ތަސްވީރުން ދައްކާ ގޮތަށް ބޮޑެތި އަގުތައްދީ ޝިކާރަކުރާނޭ ޖަނަވާރުތައް ހޯދައި މުސަޅު ހިފުން އެއީ މޮޅުކަމަށް ދެކި، އަޅާ ހެދުމުންނާއި ޖަހާ ސެންޓުން، ދުއްވާ ގާޑިޔަލާއި ކާރު މޮޅުކޮށްގެން 'ހަޔާތް ކުރަހަމުންދާ' މަންޒަރުތަކެވެ.