Support Us

އަލްމަޙްދީގެ ވިސްނުންފުޅު ތޫނުކަން

އެއް ދުވަހަކު އަލްމަހްދީ ރައްޔިތުންނާ ބައްދަލު ކުރައްވަން އިންނަވަނިކޮށް މީހަކު އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އެމީހާ އަތުގައި ބޮޑު ރުމާލެއްގެ ތެރެއަށް ލައި އޮޅާލާފައިވާ ފައިވާން ޖޯޑެއް އޮތެވެ. އެމީހާ އަލްމަހުދީގެ އަރިހުގައި ދެންނެވިއެވެ. "އޭ މޫމިންތަކުންގެ އަމީރެވެ! އަހުރެންގެ އަތުގައި މިއޮތީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ ގެ ފައިވާންޖޯޑު ކޮޅެވެ. އަހުރެން މި ފައިވާން ޖޯޑުކޮޅު ކަލޭގެފާނަށް ހަދިޔާ ކުރަމެވެ."

ދެންފަހެ އަލްމަހްދީ އެ ފައިވާން ޖޯޑު އަތުލައްވައި، އެއަށް ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު އެމީހާއަށް ދިހަހާސް ދިރުހަމު ދެއްވުމަށް އަމުރު ކުރެއްވިއެވެ. އެމީހާ ފައިސާކޮޅު ހިފައިގެން އެނބުރި ދިޔުމުން އަލްމަހްދީ އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުންނަށް ވިދާޅުވިއެވެ.

"މި ފައިވާން ޖޯޑަކީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ ތުރުނުކުރެއްވުމުގެ އިތުރުން އެކަލޭގެފާނު ދުވަހަކު ދެކެވަޑައިގެންފައިވެސް ނުވާ ފައިވާނެއްކަން، އަހުރެންނަށް ނޭނގޭ ކަމަށް ތިޔަބޭކަލުންނަށް ހީފުޅުވޭ ހެއްޔެވެ؟ އެކަމަކު އަހުރެމެން އޭނާގެ ވާހަކަ އަކީ ދޮގެއްކަން ހާމަކޮށްފި ނަމަ އޭނާ މީސްތަކުން ކައިރީގައި ބުނާނެއެވެ. ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺގެ ފައިވާން ޖޯޑުކޮޅު، އަމީރުލް މުއުމިނީނަށް ތިމަން ވެެދުންކުރީމެވެ. ނަމަވެސް އެކަލޭގެފާނު އެ ފައިވާން ޖޯޑުކޮޅު ޤަބޫލުފުޅު ނުކުރެއްވިއެވެ. އޭރުން އެކަމުގެ ޙަޤީޤަތް ހޯދައި ބަލާ މީހުންނަށްވުރެ އޭނާގެ ވާހަކަ އަޑުއަހައި ޤަބޫލުކުރާ މީހުން މާގިނަވާނެއެވެ. އެހެނީ މީސްތަކުންނަށް ފަސޭހައިން ޤަބޫލު ކުރެވޭނީ އެފަދަ މީހުންގެ ވާހަކަތަކެވެ. އަދި ބާރުވެރި މީހެއްގެ ކިބައިން ދެރަ ނިކަމެއްޗަކަށް އަނިޔާއެއް ލިބޭނަމަ އެމީހަކަށް އެހީތެރިވުމުގެ ޝައުޤުވެރިކަން މީސްތަކުންގެ ކިބައިގައި ބޮޑުވާނެއެވެ. (އެހެންކަމުން) އޭނާއަކީ ދޮގުވެރި އަނިޔާވެރިޔަކަސް އަހުރެމެން އޭނާގެ ދޫ ގަނެލީއެވެ. (ދުލުގެ ނުބައިކަމުން ސަލާމަތްވީއެވެ.) އަދި އޭނާގެ ހަދިޔާ ޤަބޫލުކޮށް އޭނާގެ ކިބައިންވެސް ސަލާމަތްވީއެވެ. މިއީ އެންމެ އައުލާވެގެންވާ ގޮތް ކަމުގައި އަހަރެންނަށް ފެނުނެވެ."

މަސްދަރު:- ޖެމްސް އެންޑް ޖެވެލް/ އަބްދުލް މާލިކް މުޖާހިދް މުޙައްމަދު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *