Support Us

ޙަޤީޤަތުގައި މިހާރު ލޯ ހުޅުވިއްޖެއެވެ.

އަހަރެމެންގެ ގެއަށް ރަހުމަތްތެރިއަކު ސައެއް ބޯލަން އައި ދުވަހެކެވެ. އަހަރެމެން ތިބީ ދިރިއުޅުމުގެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާލާށެވެ. އިރުކޮޅެއް ފަހުން އަހަރެމެން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލުމަށްފަހު އެކުވެރިޔާގެ ގާތުގައި ބުނެލީމެވެ. "ސައިބުއި ތަށިތައް ދޮވެލާފައި އެބަ އަންނަމެވެ." އަހަރެން އެހެން ބުނުމުން އޭނާ އަހަންނަށް ބަލަހައްޓައިގެން އިން ގޮތުން ހީވަނީ ރޮބޮޓެއް ހަދާނަމޭ އަހަރެންނަށް ބުނެވުނުހެންނެވެ.

ހައިރާންވެފައި އިން ނަމަވެސް އަހަރެންނަށް އޭނާ ތަޢުރީފު ކުރި އެވެ.

"ތިބާ އަނބިމީހާ އަށް އެހީތެރިވާތީ އަހަރެން ވަރަށް އުފާވެއްޖެ. އަހަރެން އަނބި މީހާ އަށް އެހީތެރިވަނީ ވަރަށް މަދުން. އެއީ އަހަރެން އެހީވިޔަސް އަންހެނުން ކުޑަމިނުން ޝުކުރިއްޔާއޭ ވެސް ބުނެނުލާނެ. މިދިޔަ ހަފުތާގައި ގޭގައި މޮޕް ލައިދިނީމަވެސް ޝުކުރިއްޔާއޭ ވެސް ނުބުނޭ،" އެކުވެރިޔާ ބުންޏެވެ.

އަހަރެން އެކުވެރިޔާ އަށް އޮޅުންފިލުވައިދިނީމެވެ. އަހަރެން އަނބި މީހާ އަށް 'އެހީތެރި’ވަނީއެއް ނޫނެވެ.

ޙަޤީޤަތުގައި އަހަރެންގެ އަނބިމީހާ އެހީއެއް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ ބައިވެރިވިއެކެވެ. އެކުގައި އެއް ޓީމެއްގައި މަސައްކަތް ކުރާނެ މެންބަރެކެވެ. އަހަންނަކީ ގޭތެރޭގެ މަސައްކަތްތަކުގައި އޭނާގެ ބައިވެރިޔާއެވެ. އެހެންކަމުން ގޭތެރޭގެ މަސައްކަތްތައް ކުރަނީ ދެމީހުން ބަހައިލައިގެންނެވެ.

ގޭތެރެ ކުނިކަހާކަށް އަހަރެން އަނބިމީހާ އަށް "އެހީތެރި"ވަނީ އެއް ނޫނެވެ. އަހަރެން ގޭތެރެ ކުނިކަހަނީ އެ ގޭގައި އަހަރެން ވެސް ދިރިއުޅޭތީ އެ ތަން ސާފުކުރަން ޖެހޭތީ އެވެ.

ކައްކާކަށް އަހަރެން އަނބިމީހާ އަށް "އެހީތެރި"ވަނީ އެއް ނޫނެވެ. އަހަރެން ކައްކަނީ އަހަރެން ވެސް ކާން ބޭނުން ވާތީއެވެ.

ކައި ނިމިގެން ތަށިތައް ދޮންނަން އަހަރެން އަނބިމީހާ އަށް "އެހީތެރި"ވަނީ އެއް ނޫނެވެ. އަހަރެން ތަށި ދޮންނަނީ އެއީ އަހަރެން ވެސް ކެއި ތަށިތަކަށް ވީތީ އެވެ.

ދަރިން ބެލުމަށް އަހަރެން އަނބިމީހާ އަށް "އެހީތެރި"ވަނީ އެއް ނޫނެވެ. އަހަރެން ދަރިން ބަލަނީ އެއީ އަހަރެންގެ ވެސް ދަރިން ކަމުގައި ވާތީ ބައްޕައެއްގެ ވާޖިބު އަދާކުރުމަށެވެ.

ދޮވެ އިސްތިރިކޮށް ހެދުންތައް ފަތްޖެހުމުގައި އަހަރެން އަނބިމީހާ އަށް "އެހީތެރި"ވަނީ އެއް ނޫނެވެ. އަހަރެން އެ މަސައްކަތް ކުރަނީ އެއީ އަހަރެންނާއި އަހަރެމެންގެ ދަރީން ލާ ހެދުންތަކަށް ވާތީ އެވެ.

އިޙްތިރާމާއެކީ އަހަރެން ރަޙްމަތްތެރިޔާއާ ސުވާލު ކުރީމެވެ. ތިބާގެ އަނބިމީހާ ގެ ސާފުކުރުމާއި ދޮވެ އިސްތިރި ކުރުމާއި ބެޑްޝީޓް ބަދަލުކުރުމާއި ދަރިން ބަލައި ކައްކާ ހެދުމާއި މިކަހަލަ އެތައް ކަމެއް ކޮންމެ ދުވަހަކު ކުރާއިރު އެންމެ ދުވަހަކުވެސް ތިބާ އަނބިމީހާ އަށް "ޝުކުރިއްޔާ" އޭ ބުނިން ހެއްޔެވެ؟

އެންމެ ދުވަހަކު ގޭތެރޭގައި މޮޕް ލައިގެން އެވޯޑެއް ޙައްޤުވާ ކަމަށް ތިބާ އުއްމީދު ކުރިއިރު ދުވަހަކު ވެސް އެކަމާ ފުންކޮށް ވިސްނާލިންތޯއެވެ؟

ފަހަރުގައި ތިބާއަށް ދަސްކޮށް ދީފައިވަނީ އިނގިއްޔެއްވެސް ހަލުވައިނުލާ މި ހުރިހާ ކަންކަމެއް ވާންޖެހޭ ކަމަށް ވެސް ވެދާނެއެވެ.

"ދެމެހެއްޓެނިވި މާދަމާ އަކަށް، މިންތީގެ ހަމަހަމަކަން މިއަދު"

(ތަރުޖަމާއެއް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *