Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ހަގީގީ ރަހުމަތްތެރިން

އަވަށުގެ ގަދަރުވެރިޔަކު، ޅަ ގެރިއެއް ކަތިލައި ފިހެލާފައި އޭނާގެ ދަރިފުޅު ގާތު ބުންޏެވެ. "ދަރިފުޅާއެވެ! ރަށުތެރަށް ނިކުމެ، އަހަރުމެންގެ ގާތް ރަހުމަތްތެރިންނަށް ކާން ދައުވަތު ދޭށެވެ!"

ދެން ދަރިފުޅު މަައި މަގަށް ނިކުމެ އަޑު ހަރުކޮށް ގޮވަން ފެށިއެވެ. "މީސްތަކުންނޭވެ! އަހަރުމެން ގޭގައި އަލިފާންގަނޑެއް ރޯވެއްޖެއެވެ. ގެ ސަލާމަތްވޭތޯ އަލިފާންގަނޑު ނިއްވާލަން އެހީއެއްވެދޭން އަންނާށެވެ!"

ދެން، އެވާހަކަ އަޑުއަހައި އެއްބަޔަކު އަވަށުގެ އެ ގަދަރުވެރިޔާ ގެއަށް ދިޔައެވެ. އަނެއް ބަޔަކު އެވާހަކަ އަޑު އިވޭކަމަށް ވެސް ނުހެދިއެވެ. އަވަށުގެ ގަދަރުވެރިޔާގެ ގެއަށް ދިޔަ މީހުން ކެއުމުގައި ބައިވެރިވެ ކައިބޮއި ހެދިއެވެ. ކައި ނިމުމުން، ގޭގެ ވެރިޔާ އޭނާގެ ދަރިފުޅަށް ގޮވައި ގެނެސް ބުންޏެވެ.

"ދަރިފުޅާއެވެ! ގެއަށް ކާން އައީ ނުވެސް ދަންނަ ބީރައްޓެހިންނެވެ! ބައްޕަމެންގެ ގާތް ރަހުމަތްތެރިން ކޮބައިހެއްޔެވެ؟"

ޖަވާބުގައި ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ! އަޅުގަނޑު ގޮވީ ގޭގައި އަލިފާން ރޯވެގެން އުޅޭ ވާހަކައާއި އަލިފާންގަނޑު ނިއްވާލަން އެހިވާން އަންނަ ވާހަކައެވެ. ގެއަށް އައީ އަލިފާންގަނޑު ނިއްވާލަން އެހީވާން އައި މީހުންނެވެ. އަޅުގަނޑުމެންގެ ދީލަތިކަމުގެ އަސަރު އެމީހުންނަށް ކުރުން މޮޅުވެ އިތުރުވެގެންވޭ ނޫންތޯއެވެ! ދަތިތައް ދިމާވާ ވަގުތުތަކުގައި އެހީވެދިނުމުން ދުރަށްދާ މީހުންނަކީ ގާތް ރަހުމަތްތެރިންނެއް ނޫނެވެ! އެފަދަ މީހުންގެ ނަން، އަޅުގަނޑުމެންގެ ހަޔާތުގެ ބަސްފޮތުން ފޮހެލަން ޖެހޭނޫންތޯއެވެ!"