Support Us

އަމިއްލަ މަރު 10،000 ދިރުޙަމަށް ގަތް މީހާގެ ވާހަކަ!

ދުވަސްވަރަކީ ހައްޖާޖް ބުން ޔޫސުފްގެ ޚަލީފާކަމުގެ ދުވަސްވަރެވެ. އޭނާ މަޝްހޫރުވެފައިވަނީ ހަރުކަށި، އަނިޔާވެރި ބޭކަލެއްގެ ގޮތުގައެވެ. އެގޮތުން ވަރަށް އާދައިގެ ކުދިކުދި ކަންކަމާ ވެސް މީސްތަކުންނަށް ބޮޑެތި އަދަބު ދީ ހައްދަވައެވެ. އެހެން ކަމުން އޭނާއާ ދެކޮޅަށް ބަސްބުނަން ކެރެނީވެސް ވަރަށް މަދު ބަޔަކަށެވެ.

ކޮންމެއަކަސް މި ހައްޖާޖުގެ ޚަލީފާކަމުގެ ދުވަސްވަރު ބިލާލް ބުން އަބީ ބުރުދާ ނަމަކަށް ކިޔުނު މީހަކު ޖަލުގައި ގައިދުކުރެވުނެވެ. ދެން އެ ދުވަސްވަރު ޚިލާފަތުގެ ޤަވައިދު އޮންނަ ގޮތަކީ ޖަލުގައި މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑު ވާރިސުންނާ ހަވާލުކުރުމުގެ ކުރިން އެ ޚަބަރު ޚަލީފާއަށް އަރުވަން ޖެހެއެވެ. ވާރިސުންނާ ހަށިގަނޑު ހަވާލުކުރެވެނީ އެއަށް ފަހުއެވެ.

ދެންފަހެ މި ބިލާލް ބުން އަބީ ބުރުދާ ޖަލުގައި ދުވަސްތައް ގުނަމުން ގޮސް އެންމެފަހުން ޖަލުން ފިލާނެ މޮޅު ހީލަތެއް ރާވާލިއެވެ. އެގޮތުން ޖަލު ބަލަހައްޓާ ގާޑު ގާތުގައި ބިލާލް ބުންޏެވެ. "އަހުރެން ކަލެއަށް 10،000 ދިރުޙަމް ދޭނަމެވެ. ކަލޭ އަހުރެން މަރުވެއްޖެ ކަމުގައި ހައްޖާޖަށް ޚަބަރު ދޭށެވެ."

ކޮންމެއަކަސް ޖަލު ބަލަހައްޓާ ގާޑު ބިލާލްގެ ބަހަށް ހެއްލި އޭނާ އަތުން 10،000 ދިރުހަމް ރިޝްވަތުގެ ގޮތުގައި ނަގައިފިއެވެ. އަދި މައްޔިތުންގެ ލިސްޓުގައި ބިލާލުގެ ނަން ޖަހައިގެން ގޮސް ހައްޖާޖަށް ލިސްޓު ހުށަހަޅައިފިއެވެ. އެ ހިނދު ހައްޖާޖު އެ ލިސްޓަށް ނަޒަރު ހިންގާލާފައި ބިލާލުގެ ނަން ފެނުމާ އެކު ބުނެފިއެވެ. "مثل هذا لا يجوز أن يخرج حتي أراه هاته" މިފަދަ ކުށްވެރިޔަކު ޖަލުން ދޫކޮށްލެވޭނީ އަހުރެން (ވަރަށް ރަނގަޅަށް) ބެލުމަށް ފަހުއެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު އަހުރެންގެ ގާތަށް ގެންނާށެވެ."

ހައްޖާޖުގެ ޖަވާބާ އެކު މި ޖަލު ބަލަހައްޓާ ކަލޭގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އެހެނީ ބިލާލް މަރުނުވާކަން ހައްޖާޖަށް އެނގިއްޖެ ނަމަ އޭނާގެ ޒަމާން ދިޔައީއެވެ. ހިނދުކޮޅަކުވެސް ނުބަހައްޓައި ވަގުތުން ގަތުލު ކުރާނެއެވެ. އެހެންކަމުން ޖަލު ބަލަހައްޓާ ކަލޭގެ މޮޅިވެރިކަމާ އެކު ބިލާލުގެ ގާތަށް ދިޔައެވެ. ހަމަ ފެނުމާ އެކު ބިލާލު އަހައިފިއެވެ. "ކޮން ޚަބަރަކައިގެން ހެއްޔެވެ؟" ޖަވާބުގައި ޖަލު ބަލަހައްޓާ ކަލޭގެ ބުންޏެވެ. "ކަލޭގެ އެއްވެސް ވަސިއްޔަތެއް އޮތިއްޔާ އަވަހަށް ލިޔެފައި ދޭށެވެ." ބިލާލް ކިހިނެއްވީތޯ ސުވާލުކުރުމުން ގާޑު ބުންޏެވެ. "ކަލޭގެ ނަން މައްޔިތުންގެ ލިސްޓުގައި ޖަހައިގެން ދިޔުމުން ހައްޖާޖު އެކަން ޔަގީން ކުރަން ބޭނުން ވެއްޖެވެ. އެހެން ކަމުން ކަލޭގެ ގަބުރު ހައްޖާޖުގެ ގާތަށް ގެންދިޔުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ. އެހެން ނޫނީ އަހުރެން ހެދީ މަކަރެއްކަން ހައްޖާޖަށް އެނގޭނެއެވެ. އަދި އަހުރެން ވަގުތުން ގަތުލު ކުރާނެއެވެ. ވީމާ ކަލޭ މަރައިލުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ."

ދެންފަހެ ބިލާލު މިކަމާ ވަރަށް ރޮއި އާދޭސްކުރިއެވެ. އަދި އެގޮތަށް ކަންތައް ނުކުރުމަށް އެދުނެވެ. ނަމަވެސް ޖަލު ބަލަހައްޓާ ކަލޭގެ ބިލާލުގެ އާދޭހަކަށް ބެލުމެއްނެތި އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން މަރައިލިއެވެ. އެއަށްފަހު ހައްޖާޖުގެ ގާތަށް އޭނާގެ ގަބުރު ގެންދިޔައެވެ. ހައްޖާލު ވަރަށް ރަނގަޅަށް ބެލުމަށްފަހު ބިލާލުގެ ގަބުރު ވާރިސުންނާ ހަވާލު ކުރިއެވެ. އެއަށްފަހު އަވަށު މީހުންތައް ކިޔަން ފެށިއެވެ. "ހަމަ ކަށަވަރުން ބިލާލް ބުން އަބީ ބުރުދާ އޭނާގެ އަމިއްލަ މަރު 10،000 ދިރުހަމަށް ގަތެވެ. އަދި އޭނާގެ ހީލަތް އެނބުރި ރުޖޫޢަވީ އޭނާއަށެވެ."

މަސްދަރު:- ނަވާދިރު މިން އަލް ތާރީޚް 1/105 (ސާލިޙް މުޙައްމަދު އައްޒަމްމާމް)

ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *