Support Us

ކޮލަމް ކޯދު: ސުއްޓާ އިންޝުއަރ ކުރުމުގެ ވާހަކައެއް

ވަރަށް ކުޅަދާނަ ވިޔަފާރިވެރިޔަކު އަގު ބޮޑު ސުއްޓާތަކެއް ގަތެވެ. އަދި އެ ސުއްޓާތައް ގެއްލިދާނެތީ ނޫނީ އެއަށް އެއްވެސް ގެއްލުމެއް ލިބިދާނެތީ އެ ސުއްޓާތައް ތައުމީނު (އިންޝުއަރ) ކުރިއެވެ. ތައުމީނުކުރުމުގެ އެއްބަސްވުމުގައި، ސުއްޓާތައް އަނދައި ގޮސްފި ނަމަ ވެސް އޭގެ ބަދަލު ދޭނޭ ކަމަށް ތައުމީނުކުރި ކުންފުނިން އެއްބަސްވެފައި އޮތެވެ.

އެ އަގުބޮޑު ސުއްޓާތައް ލިބުނުތާ ދެތިން ދުވަހުގެ ތެރޭގައި ވިޔަފާރިވެރިޔާ ސުއްޓާތައް ބޮއި ހުސްކުރިއެވެ. ދެން ސުއްޓާތައް އަނދައި ހިނގައްޖޭ ބުނެ، ތައުމީނު ކުންފުނީގެ ފަރާތުން ސުއްޓާތަކުގެ ބަދަލު ހޯދުމުގެ ދައުވާ ކުރިއެވެ.

ދެން ޝަރީއަތުގައި މައްސަލަ ދިގުދެމީދާ ގޮތް ވުމުން، ތައުމީނު ކުންފުނިން ނިންމީ ކޯޓުން ބޭރުން މައްސަލަ ނިންމައި އެއް މިލިޔަން ޑޮލަރު ސުއްޓާގެ ވެރި ފަރާތަށް ދިނުމަށެވެ.

އެއް މިލިޔަން ޑޮލަރު ސުއްޓާގެ ވެރި ފަރާތް ބަލައިގަތްތާ މާ ގިނަ އިރު ނުވަނީސް، ތައުމީނު ކުންފުނިން ސުއްޓާގެ ވެރިފަރާތަށް ދައުވާކޮށް ބަންދުކުރުމަށް ޝަރީއަތަށް ހުށަހެޅިއެވެ. ގަސްދުގައި ސުއްޓާތައް އެންދިކަމުގެ ދައުވާއެވެ!

ކޮންމެއަކަސް ސުއްޓާތަކުގެ މި ވާހަކަ ހަނދާންނަށް ގެނުވަނީ އަޅުގަނޑުމެންގެ ތެރޭގައި ކުރެވޭ ބައެއް ބޮޑެތި މަޝްރޫއުތައް ނިމިދާ ގޮތާއި ބޮޑެތި ބޮޑެތި ފައިސާގެ އަދަދުގެ ބަދަލުތައް ދެވޭ ވާހަކަތަކެވެ. ގައުމީ ބޮޑެތި މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު، ކޮންމެވެސް ސަބަބަކާ ހުރެ، މަޝްރޫއުތައް ހުއްޓި، މަޝްރޫއުތައް ހަވާލުވާ ފަރާތަށް ފައިސާގެ ބޮޑެތި ބަދަލުތައް ދެވޭ ވާހަކައެވެ. ބޮޑެތި އަދަދުތަކޭ މި ނަންގަތީ މިލިޔަނެއް ދެމިލިޔަނުގެ އަދަދުތަކުގެ ވާހަކައެއް ނޫނެވެ. އެތައް ސަތޭކައިގެ މިލިޔަނުގެ އަދަދުތަކެކެވެ. ސުއްޓާގެ ވެރި މީހާ ފަދައިން، މި މަޝްރޫއުތައް ހިންގަން ހަވާލުވާ ކުންފުނިތައް ނުވަތަ މީސްމީހުން، ބަދަލު ހޯދުމުގެ ދައުވާކޮށް އެމީހުންގެ މައްސަލަ ޝަރީއަތުގެ ބޭރުން ނިންމާލައެވެ.

ނަމަވެސް މިތާނގައި ފާހަގަކޮށްލަން ޖެހެނީ ސުއްޓާގެ މައްސަލައާ ޚިލާފަށް، އެ ބަދަލުތައް ލިބޭ މީހުންނަށް ކުޑަވެސް ގެއްލުމެއް ނުލިބެއެވެ. ހުރިހާ ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށެވެ. އެފަދަ ބަދަލަތަކެއް ދޭންޖެހޭ ފަދަ ދޯހަޅި އެއްބަސްވުންތައް އެއްބަސްވި ބައެއް ޒިންމާދާރުކުރާ ތަނެއް ނުފެނެއެވެ. ދައުލަތުގެ ޚަޒާނާއަކީ އެ ވަގުތު ވެރިކަމުގައި ތިބޭ ބައެއްގެ މެޓާ ޖާޑިއެއް ފަދައެވެ. އެ ޖާޑިއަށް އަތްބާނައިފައި، އެ މީހުން ބޭނުން ބަޔަކަށް، ބަދަލު ދިނުން ނޫނީ އެ ނޫންވެސް އެހެން ނަންނަމުގައި މެޓާ ނަގައި ބެހޭ ގޮތަށް އޮންނަ މެޓާ ޖާޑިއެކެވެ.