Support Us

ކޮލަމް މާޒީ: "ވަކި ގައުމެއްގެ ސިފައިން ބޭރުކުރާން ގޮވުމަކީ ރަނގަޅު ކަމެއް ނޫން."

ސުރުޚީގައި އެ ވަނީ އަޅުގަނޑުގެ ޢިބާރާތެއް ނޫންކަމަށް ވިޔަސް އުސޫލެއްގެ ގޮތުން އެ ބުނުމާ އަޅުގަނޑަށް ވެސް އެއްބަސްވެވެއެވެ. މިސާލަކަށް މިއަދު ވިލާތުގެ ގައުމެއް ކަމަށްވާ ޔޫކްރޭނަށް އަރައި ރޫސީވިލާތުން ހަނގުރާމަކުރާއިރު، އެ މީހުންނަށް އެހީވުމަށް ޓަކައި އެ ގައުމާ އެކުވެރި ބެލަރޫސްފަދަ ގައުމުތަކުގެ ސިފައިން ވެސް ގެންދަނީ ޔޫކްރޭނަށް ވަދެ ހަނގުރާމައިގައި ރޫސީންނާ ބައިވެރިވަމުންނެވެ. މިހެން މި ކަން އޮއްވައި ހަމައެކަނި ވަކި ގައުމެއްގެ ބަޔަކު، ޔޫކްރޭނުން ބޭރުވާން ގޮވުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. އޭރުން ހަނގުރާމައަކަށް ނިމުމެއް ނާންނާނެއެވެ. ޞުލްޙަ ގާއިމެއް ނުވާނެއެވެ. އެހެންވީމާ ޔޫކްރޭނުން ބޭރު ގައުމުތަކުގެ ސިފައިން ބޭރުވާން ގޮވާ ނަމަ، ބޭރުގެ ހުރިހާ ގައުމެއްގެ ސިފައިން ވެސް ބޭރުވާން ގޮވާންޖެހޭނެއެވެ. އާދޭހެވެ! "ވަކި ގައުމެއްގެ ސިފައިން ބޭރުކުރާން ގޮވުމަކީ ރަނގަޅު ކަމެއް ނޫނެވެ."

މަތީގައި (ސުރުޚީގައި) އެ ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އިސްވާރެއް ކަމުގައިވާ އަސްވާރަކު ވިދާޅުވި ވާހަކަފުޅެއް ކަމަށް މީޑީއާގެ ޚަބަރުތައް ބުނެއެވެ. އެކަމަކު އެ ވާހަކަ ވިދާޅުވީ ރޫސީ-ޔޫކްރޭން ހަނގަރާމައާ ގުޅިގެންނެއް ނޫނެވެ. އެހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ހިންގާ "މިނިވަންކަމުގެ ދިފާޢުގައި ދިވެހީން.." މި ޙަރަކާތުގެ ދަށުން ބޭނުންކުރާ "އިންޑިއާ (މިލިޓަރީ) އައުޓް" މި ޝިޢާރާ ގުޅިގެން ކަމަށް ބެލެވެއެވެ. އެކަން އެނގެނީ ސުރުޚީގައި އެވާ ޢިބާރާތާއި އޭގެ ވަށައިގެންވާ އެހެން ވާހަކަތަކަށް ބެލުމުންނެވެ.

މި ދެންނެވި ޙާލަތުގައި (އެ ކޮންޓެކްސްޓްގައި) ވެސް އެ ޢިބާރާތުގެ ވަށައިގެންވާ އެހެން ޖުމުލަތަކަށް އަޅުގަނޑަށް އެއްބަސް ނުވެވުނަސް ސުރުޚީގައި އެ އޮތް ޖުމުލައިން ބުނެދޭ ވާހަކައާ އަޅުގަނޑު ވެސް އެއްބަސްވަމެވެ. އެހެނީ ދިވެހި ކާބަފައިން އެތައް ހާސް އަހަރެއް ވަންދެން މިނިވަން ގައުމެއްގެ ގޮތުގައި ދިވެހި ގައުމު ދެމެހެއްޓީ މި ބިމުގައި ބޭރުގެ ބާރުތައް ބައިތިއްބައިގެން އެ މީހުންގެ ތައްޕާހުގައި ތިބިގެންނެއް ނޫނެވެ. އަދި "މާތްވެގެންވާ" އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ނަމުގައި ސިޔާސީ އަޅުވެތިކަމެއްގައި އަޅުގަނޑުމެން ތިބި އިރު ވެސް އިނގިރޭސީންގެ ބައިނުލްއަޤުވާމީ ބޭނުންތަކަށް ޓަކައި އައްޑޫގައި ބޭނުންކުރި އަސްކަރީ މަރުކަޒުގައި ފިޔަވައި ދިވެހި ރާއްޖޭގައި ސިފައިންނެއް ނުތިބެއެވެ. އެހެން ބޭނުމަކަށް ޓަކައި ކުޑަ ދުވަސްކޮޅަކަށް ހއ. ކެލާގައި ސިފައިން ތިބި ތިބުން އިސްތިސްނާ ކުރަމެވެ. ނަވާރަ ސަތޭކަ ތިރީސް ހަތަރު ވަނަ އަހަރުން ފެށިގެން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން (ނުވަތަ ދެތިން އަހަރެއްހާ ދުވަހު) ކެލާގެ ތުނޑީ ސަރަހައްދު، "ސްޓޭޖިންގ ޕޮއިންޓް"އެއްގެ ގޮތުގައި އިނގިރޭސީން ބޭނުން ކުރަމުން ދިޔަކަމަށް ވެއެވެ. ހިންދުމާކަނޑުގައި ހަރަކާތްތެރިވާ އިނގިރޭސި އުޅަނދުފަހަރަށް ތެޔޮ އަޅައިދިނުން ފަދަ ޙަރަކާތްތައް ހިންގުމުގެ އިތުރަށް އިނގިރޭސި "ރޯޔަލް އެއަރފޯސް"ގެ ކަނޑަށް ޖައްސާ މަތީންދާބޯޓުތައް ކެލާގެ ބަނދަރަށް އެ ދުވަސްވަރު އައިސް ގޮސް އުޅުނުކަމަށް ވެސް ވެއެވެ. މިއީ 1887ގައި ދިވެހިރާއްޖެއާއި "މާތްވެގެންވާ" އިނގިރޭސި ދައުލަތާއެކު ކޮށްފައިވާ މުޢާހަދާއެއްގެ ދަށުން އިނގިރޭސީންނަށް ލިބިފައިވާ ހައްގެކެވެ. ނަމަވެސް އޭރު ވެސް ދިވެހިރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ އެ މީހުން ބެހި ފާޑުކިޔައި ހަދައިފައެއް ނުވެއެވެ.

ދިވެހީންނަށް ޚާރިޖީ އަދި ސިޔާސީ މިނިވަންކަން ނެތް އިރު ވެސް، އޭރު އިނގިރޭސީންނާއެކު ހަދައިފައިވާ އެއްބަސްވުން ދިވެހީންނަށް ފެނެއެވެ. ފެނުނެވެ. މިހާރު ވެސް އެ އެއްބަސްވުން ފެންނާން އެބައޮތެވެ. މިއަދު އުތުރުކަރައާއެކު، ޢަދަދު ނޭނގޭހާ ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަން އެނގެއެވެ. ނަމަވެސް މިނިވަން ޑިމޮކްރެޓިކް ރާއްޖެއެއް ކަމަށް ދަޢުވާކުރާ މި ރާއްޖޭގެ ރައްޔިތަކަށް ނުވަތަ އެ ރައްޔިތުން ތަމްސީލުކުރާ ބަރުލަމާނުގެ މެންބަރަކަށް ވެސް އެއިން އެއްޗެއް ނުދައްކައެވެ. ވީމާ، އޭގައި އޮތް އެއްޗެއް ނޭނގެއެވެ. އެނގޭ ކަމަކީ އުތުރުކަރައިގެ ރައްޔިތަކު މި ރާއްޖޭގައި ކޮންމެ ފަދަ ކުށެއް ކުރިޔަސް އެކަން ނުބެލޭކަމެވެ. ކަނޑުގެ ސަރަހައްދުން ދާއަޅައިގެން މަސްއައިންތައް ކަހައިލިޔަސް ފިޔަވަޅު ނޭޅޭކަމެވެ. ރާއްޖޭގެ ވުޒާރާތަކަށް ވުރެ އުތުރުކަރައިގެ ސަފާރާގެ ބާރު ގަދަކަމެވެ. އުތުރުކަރައިގެ ސިފައިން ބޭރުކުރާށޭ (india Out) ގޮވަނީ އެހެންވެގެން ކަމަށް ފެނެއެވެ. އަދި އެހެން ގޮވަނީ އެހެން ގައުމެއްގެ ސިފައިން މި ރާއްޖޭގައި ބަނޑަހަޖަހައިގެން މި ވަގުތު ނެތީތީއެވެ. އެ ގޮތަށް ޕާކިސްތާނު ސިފައިން ނުވަތަ ސީނުކަރައިގެ ސިފައި ތިއްބަސް އެ ގައުމުތަކުގެ ސިފައިން ވެސް ބޭރުކުރާށޭ ގޮވާނެއެވެ. އެއީ ދިވެހި ކާބަފައިން މި ފަސްގަނޑު ޙިމާޔަތްކުރީ ބޭރު ސިފައިން މިތާނގައި ބައިތިއްބައިގެން ނޫންކަމަށް ވާތީއެވެ. އަދި ވަކީން ޚާއްޞަކޮށް މި ރާއްޖެއަށް އައި ކޮންމެ ޢުދުވާނީ ޙަމަލާއެއް އައީ ކޮން ދިމާއަކުންކަން ތާރީޚުން ފެންނާން އޮތީތީ އެހެން (india Out) ގޮވުން މާ އައުލާކަން ބޮޑުކަމަށް، އެހެން ގޮވާ މީހުންނަށް ފެންނާތީއެވެ. އެއީ ކޮންމެހެން ވަކި ގައުމަކަށް ވާތީ ގޮވާ ގޮވުމެއް ކަމަކަށް ނުފެނެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރިކަމަށް އަޅުގަނޑުމެން ތާރީޚުގައި ނިންމައިގެން ތިބި އިރު، އެ ޙަމަލާތައް ދިނީ ގޯވާއިން ފުރައިގެން އައި އުޅަނދުތަކަކުންނެވެ. ގޯވާއަކީ ޕޯޗްގަލްގެ ސަރަހައްދެއް ނޫނެވެ. އަދި ދެވަނަ ފަހަރަށް ރާއްޖެ އަޅުވެތި ކުރި މަލާބާރު ނުވަތަ ކަންނަންނޫރަކީ ވެސް ޕޯޗްގަލްގެ ނުވަތަ ސީނުކަރައިގެ ސްޓޭޓެއް ނޫނެވެ. އަދި އޭގެ ފަހުން ހިނގި ކަންތައްތަކާ ވެސް ވެސް ދުނިޔޭގެ މަސްރަޙު ދިރާސާކުރާ މީހުން ގުޅުވަނީ ހަމަ އެއް ދިމާއަކަށެވެ. ދުނިޔޭގެ އެހެން އެއްވެސް ދިމާއަކުން ރާއްޖެ އަޅުވެތިކުރާކަށް ދުވަހަކު ވެސް މަސައްކަތެއް ކުރިކަމަކަށް ތާރީޚުން އެނގޭކަށް ވެސް ނެތެވެ. އަދި 1965 ގައި ދިވެހި ރާއްޖެއިން މިނިވަންކަން އިޢުލާންކުރުމުން ދިވެހިރާއްޖޭގެ މިނިވަންކަމަށް އިޢުތިރާފުވި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ސީނުކަރަ ހިމެނުމުން އެ ކަމަށް މަލާމަތްކުރީ ކޮން ގައުމަކުންކަން ވެސް ރާއްޖޭގެ ނޫސްތަކުގައްޔާއި ދުނިޔޭގެ ނޫސްތަކުގައި ލިޔެ ބަޔާންކޮށްފައި އެބަހުއްޓެވެ. އެހެންވީމާ، އުތުރުކަރައިގެ ސިފައިން ބޭރުކުރާށޭ ގޮވަނީ ސަބަބުތަކެއް ހުރެގެންނެވެ. އެއީ ވަކި ގައުމަކަށް ވާތީ ގޮވާ އެއްޗެއް ނޫނެވެ. ހަމަ އެއްވެސް ގައުމެއްގެ ސިފައިން މި ރާއްޖޭގައި ބަނޑަހަޖަހައިގެން ގާއިމުވެ ތިބޭކަށް، ދިވެހި ކާބަފައިން މިނިވަންކަމަށް ޓަކައި ކުރި ޖިހާދަށް އިޙުތިރާމްކުރާ ހަމަ އެކަކު ވެސް ނޭދޭނެއެވެ.

އާދޭހެވެ! "ވަކި ގައުމެއްގެ ސިފައިން ބޭރުކުރާން ގޮވުމަކީ ރަނގަޅު ކަމެއް ނޫން"ކަމަށް އަޅުގަނޑު ވެސް އެއްބަހެވެ. މިއަދު އެހެން ގޮވަނީ ހަމައެކަނި މި ރާއްޖޭގައި މި ވަގުތު ތިބި ބޭރު ގައުމެއްގެ ސިފައިންނަކީ އުތުރުކަރައިގެ ސިފައިންކަމަށް ވާތީއެވެ. މާދަމާ އެހެން ގައުމެއްގެ ސިފައިން ވެސް އެ ގޮތަށް މި ރާއްޖޭގެ ކަންކޮޅުތަކުގައި ބަނޑަހަޖަހައިފި ނަމަ، އެ މީހުން ބޭރުވާށޭ ވެސް ގޮވާނެއެވެ. އެއީ މުސްލިމް ޕާކިސްތާންކަމަށް ވިޔަސް އެކުވެރި ސީނުކަރަކަމަށް ވިޔަސް އަދި އަވަށްޓެރި އޮޅުދޫކަރަ ކަމަށް ވިޔަސް އަދި އެ ނޫން ގައުމަކަށް ވިޔަސް ވެހެވެ.

 

މި ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުގެ މާނަ

އިސްވާރު:  (1) ވެރިޔާ،   (2) އިސްވެ ހުންނަ މީހާ

އަސްވާރު:  އަސްމަތީގައި ދަތުރުކޮށްފައި ދާ މީހާ.

ތައްޕާސް:  މުއްފަތު

ބަރުލަމާނު:  (1) ރައްޔިތުންގެ މަޖިލިސް  (2) ގާނޫނު ހަދާން ނުވަތަ ގާނޫނު ހަދާށާއި ސަރުކާރު ހިންގާން ރައްޔިތުން އިންތިޚާބުކުރާ ނުވަތަ އައްޔަނުކުރާ މަޖިލިސް ނުވަތަ މަޖިލިސްތައް.

  • މި މާނަތައް އަޅުގަނޑު ހޯދީ https://www.basfoiy.com މި ވެބްސައިޓުންނެވެ.