Support Us

ޕްރޮފެސަރ އުގައިލްގެ ކޮލަމް:

ޕްރޮފެސަރ އުގައިލްގެ ކޮލަމް: ދިވެހިބަސް ނެތިފަނާވެ ދަނީ ބާ؟

މީގެ އަހަރުތަކެއް ކުރިން، މާލޭގައި ދިރިއުޅޭ ދިވެހި ރައްޓެއްސެއްގެ ގެއަށް ހަވީރު ސަޔަށް ދިއުމަށް އަޅުގަނޑަށް ދައުވަތު ލިބުނެވެ. އެ ދައުވަތު ގަބޫލު ކުރީމެވެ. އެހެންކަމުން، އަޅުގަނޑުގެ މިތުރުގެ ގޭގައި އޭނާގެ އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ލިބުނެވެ. އެތަނުގައި ހޭދަކުރެވުނު ދެގަޑިއެއްހާ އިރުތެރޭގައި އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އެއީ، އެގޭގައި ދިރިއުޅުނު އުމުރުން ދިހަ އަހަރުން ދަށުގެ ތިން ކުދިންވެސް އާންމު ގޮތެއްގައި އިނގިރޭސިބަހުން މުޢާމަލާތްކޮށް އުޅުމެވެ. މައިންބަފައިންނާވެސް އެކުދިން ވާހަކަ ދައްކާ ހެދީ އިނގިރޭސި ބަހުންނެވެ. އަޅުގަނޑާވެސް އެކުދިން މުޅިން ކަހަލަ ގޮތަކަށް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އަދި އެ ކުދިންގެ މަންމަ ވަރަށް ފަޚުރުވެރި ރާގެއްގައި އަޅުގަނޑު ގާތު ބުނީ "މިގޭ ކުދިން އިނގިރޭސި ބަހަށް ވަރަށް ފަރިތަވާނެ، ގިނައިން މިގޭގައި ވާހަކަ ދައްކާނީވެސް އިނގިރޭސިބަހުން" އެވެ.

އުސޫލެއްގެ ގޮތުން ބަލާއިރު ދިވެހިން އިނގިރޭސިބަހަށް ފަރިތަވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގައި އެންމެ ފުޅާ ގޮތެއްގައި ބޭނުން ކުރެވޭ ބަހަކީ އިނގިރޭސިބަސް ކަމުންނެވެ. އެހެންނަމަވެސް، އަޅުގަނޑު ގަބޫލު ކުރާ އެހެން ޙަގީގަތެއްވެސް އެބައޮތެވެ. އެއީ ދިވެހިންނަށް ދިވެހި ބަސްވެސް ރަނގަޅަށް އެނގި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތްކޮށް އުޅުމުގެ މުހިއްމު ކަމެވެ. މީގެ ސަބަބެއް ކަމަށް އަޅުގަނޑު ހުށަހަޅަން ބޭނުންވަނީ އެއްބަހަށް ވުރެ ގިނަ ބަހުން ފުރިހަމައަށް މުޢާމަލާތްކޮށް އުޅުމުން ދިރިއުޅުމަށް ލިބޭ ސާދާކަމެވެ. ސިކުނޑިއަށް ލިއްބައިދޭ ތަޒާ ކަމެވެ. މީހާގެ ތޫނުފިލިކަމަށް ގެނެސްދޭ ކުރިއެރުމެވެ.

ދެބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން (ނުވަތަ އެއްބަހަށް ވުރެ ގިނަބަހުން މުޢާމަލާތް ކުރަން އެނގުން) އެއީ އިންސާނާގެ ތޫނުފިލިކަން އިތުރުކޮށްދޭ ކަމެއްކަން ސައެންސުގެ އަލީގައި ދޭހަކޮށްދޭ ގިނަ ދިރާސާތަކާއި ހެކިތައް އެބަހުއްޓެވެ. މިކަމާ ގުޅޭގޮތުން ސައެންސުގެ ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި އެއްބަހުން މުޢާމަލާތްކޮށް އުޅޭ މީހުންނާއި އެއްބަހަށްވުރެ ގިނަބަހުން މުޢާމަލާތްކޮށް އުޅޭމީހުންގެ ސިކުނޑީގައި ބޮޑެތި ތަފާތުތަކެއް ވެއެވެ. މިގޮތުން، ވިސްނުމާއި އަދި ކަންކަމާ މެދު ގޮތް ނިންމުމަށް ބޭނުން ކުރެވޭ ސިކުނޑީގެ ބައިތައް އާންމު ގޮތެއްގައި އެއްބަހަށްވުރެ ގިނަބަހުން މުޢާމަލާތްކޮށް އުޅޭމީހުންގެ އިތުރަށް ތަރައްޤީވާ ކަމުގެ ގިނަގުނަ ހެކި އެބަހުއްޓެވެ. ދިރާސާވެރިން ފާހަގަކުރާގޮތުގައި އެއްބަހަށްވުރެ ގިނަ ބަހުން އާންމުކޮށް މުޢާމަލާތްކޮށް އުޅުމުގެ ހުނަރު ލިބިފައިވުމަކީ ސިކުނޑިއަށް ނިހާޔަތައް ފައިދާކުރާ ކަމެކެމެވެ. އެއީ އިންސާނާގެ ތޫނުފިލިކަން އިތުރުވުމަށް ބާރުއަޅާ ކަމެކެވެ. އަދި އެއީ ހަނދާންނެތޭ ބަލި ފަދަ ސިކުނޑީގެ ބަލިތަކުންވެސް މީހާ ރައްކާތެރި ކުރުމަށް ބާރު އަޅާ ކަމެކެވެ.

އެމެރިކާގެ ނާސާގައި މަސައްކަތް ކުރާ ސައެންސްވެރިއަކާއި އަޅުގަނޑާ ދެމެދު އެއްދުވަހު ދެކުވުނު ވާހަކައެއްގެ ތަފްސީލު ހިއްސާކޮށްލާނަމެވެ. އެއްދުވަހު ދެމީހުންގެ ދެމެދު ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރޭގައި އޭނާ ބުނީ ދެކުނު އޭޝިއާގެ މީހުންނަށް ބަލާއިރު ދިވެހިންނަކީ އާންމު ގޮތެއްގައި ތޫނުފިލި މީހުންގެ ގޮތުގައި އޭނާއަށް ފާހަގަކުރެވޭ ކަމެވެ. މިކަމުގެ ޙަގީގީ ސިއްރަކީ ކޮބައިބާވައޭ އޭނާ އަޅުގަނޑު ގާތު ސުވާލު ކުރިއެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ދިވެހިން ތޫނުފިލިވަނީ ދިވެހިން އާންމުގޮތެއްގައި ކަނޑުމަސް ކައިއުޅޭތީ ކަމަށް ދިވެހިންގެ ތެރޭގައި ވާހަކަދެކެވޭ ކަމަށެވެ. އެހެންނަމަވެސް، އެއީ ޙަގީގީ ވާހަކައެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށްވެސް އޭނާގާތު އަޅުގަނޑު ބުނީމެވެ. އެކަމަކު، ދިވެހިން އާންމު ގޮތެއްގައި ދެބަހުން މުޢާމަލާތްކޮށް އުޅުން އެއީ ދިވެހިން ތޫނުފިލިވުމުގެ ސަބަބެއް ކަމުގައި ބެލިދާނެ ކަމަށް ބުނީމެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޔަތް ފަދަ ގޮތްގޮތުން ދިވެހިން ދުނިޔެވީ ކަންކަމަށް ލޯހުޅުވި ހޭލުންތެރިވެފައިވާ މިންވަރު ނިސްބަތުން ބޮޑުކަންވެސް އެއީ ސަބަބެއް ގޮތުގައި ފާހަގަ ކުރީމެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ ތެރޭގައި މާދަރީ ދިވެހި ބަހަށް އޮންނަން ޖެހޭ ލޯބި ދުވަހެއް ދުވަހަކަށް ކުޑަވަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް އަޅުގަނޑުމެންގެ ޒުވާން ޖީލު ދިވެހިބަހާ ދުރަށްދާ މަންޒަރުވެސް އެބަ ފެނެއެވެ. މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވަން ދުރުހެލިވެ އަކަމަށް ބުރަހެލިވާ ކިޔަވާކުދިންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ.

ދިވެހިބަސް އެއީ އުވާލަންޖެހޭ ބަހެކޭ ކިޔައިގެން މިކަމާމެދު ބަހުސުކޮށް ހަދާ ޒުވާނުންވެސް މިހާރު އަޅުގަނޑުމެންގެ މުޖުތަމައުން ފެނެއެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެމީހުން ހުށަހަޅަނީ ދިވެހިބަހުގެ ފަގީރުކަމާއި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދިވެހިބަސް ލިޔަން އުނދަގޫކަމުންނެވެ. އެހެންނަމަވެސް، މިއީ ދިވެހިބަސް އުވާލަން ޖެހޭ ސަބަބުތަކެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރަން ދައްޗެވެ. ދިވެހިބަސް ދިރުވައި ތަރައްގީ ކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ޒިންމާއެކެވެ. ބަހުގެ ފަގީރުކަން ކުޑަކުރެވޭނީވެސް ޒަމާނާ އެއްގޮތަށް ބަސް ކުރިއަރުވަން މަސައްކަތްތަކެއް ކުރެވިގެންނެވެ. މިސާލަކަށް، ދުނިޔޭގެ އެންމެ މުއްސަނދި ބަސްތަކުގެ ތެރޭގައި ހިމެނޭ ޢަރަބި ބަހުގައި ގުދުރަތީގޮތުން ނުހިމެނޭ ބަސްތަކާއި ލަފްޒުތައް މީހާރު އެބަހަށް ވައްދައި ޒަމާނާއި އެއްގޮތަށް އެބަސްވެސް ދަނީ ކުރިއަރުވަމުންނެވެ.

އެކަމަކު، މިހުރިހާ ކަމަކަށް ވުރެންވެސް، ދިވެހިންގެ ތެރޭގައި ދިވެހިބަސް ދިރުވުމުގެ އެންމެ މުހިއްމު އެއްބޭނުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އެއްބަހަށްވުރެ ގިނަ ބަހުން މުޢާމަލާތް ކުރުމުގެ ފުރުސަތު އޮތުމުން ދިވެހިންގެ ސިކުނޑިތައް ދުޅަހެޔޮގޮތުގައި ދަމަހައްޓައި ދިނުމަށް އެޅޭ ބާރަކަށް އެބަސް ވާތީއެވެ.