Support Us

އޭނާ ވަކިވެއްޖެއެވެ. އެކަމާ ވިސްނައި ފިކުރުކޮށްލާށެވެ.

އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ ގާތްތިމާގެ މީހަކު ނުވަތަ އެކުވެރިއަކު ނިޔާވި ޚަބަރު ލިބިއްޖެނަމަ ބަޔާންކުރަންވެސް ނޭނގޭ ހިތާމައެއް އަހަރެމެންގެ ހިތްތަކަށް ވެރިވެގެންދެއެވެ. ނޭވާލާން އުނދަގޫވެ އަޑުބަންދުވެދެއެވެ. ރޮއެރޮއެ މީހާ ވަރުބަލިވެއެވެ. އޭނާގެ ހަނދާންތައް އައިސްވަށާލައެވެ. ކެއިންބުއިމަށް ފޫހިވެއެވެ. މީހަކާ އަނގައިން ބުނާކަށް ބޭނުމެއް ނުވެއެވެ. ނަމާދުތަކަށް ސަމާލުކަން ދަމައިގަނެއެވެ. ކޮންމެ ނަމާދަކަށްފަހު ރޮމުން ކުރާ ދުޢާތަކުން ހިތަށް ހަމަޖެހުން ގެނުވައެވެ.

މިގޮތުގައި އެއްދުވަހެވެ. ދެދުވަހެވެ. ހަފްތާއެކެވެ. ދެހަފްތާއެވެ. މި ހިސާބުން ދުނިޔަވީ ދިރިއުޅުމުގެ ކަންތައްތައް އައިސް އަހަރެމެން ގައިގައި އޮޅުލައިގަނެއެވެ. މީހާ ބިޒީކޮށްލައެވެ. މަޑުމަޑުން ނަމާދުތަކާ ދުރުކޮށްލުވައެވެ. އެއްކަލަ ނިޔާވި ފަރާތަށް ދުޢާކޮށްލަން އިނުން މަޑުމަޑުން ބުރައަކަށްވެދެއެވެ. ލޯބިނުވާތީކީ ނޫނެވެ. ދިރިއުޅުމުގެ ކަންތަކާ ހެދި ވަގުތު ނުވަނީއެވެ. މިހެން ގޮސް ދުޢާތައް މެދުކެނޑެއެވެ. ނަމަވެސް އޭނާގެ މަތިން ހަނދާން ނެތުނީއެއް ނޫނެވެ. ލޯބިނުވަނީކީއެއްވެސް ނޫނެވެ. ހަނދާންވާ ކޮންމެ ފަހަރަކު ރޮވެއެވެ. ވަރަށް މިސްވެއެވެ. ގާތް ރައްޓެހިންނާއި ތިމާގެ މީހުން ކައިރީގައި އަބަދުވެސް އޭނާ ނެތުމުން ކުރާ އަސަރުގެ ވާހަކަ ބުނެވެއެވެ. ހިތަށް ތަދުވާވަރު ކިޔައިދެއެވެ. ލޯބިވާވަރު ހާމަކުރެއެވެ. ހުވަފެނުގައި ބައްދަލުވާވަރު ރައްޓެހިންނާއި ތިމާގެ މީހުން ކައިރީގައި ބުނެދެމެވެ.

ވިސްނާލުން ރަނގަޅެވެ. ހަމަ ހަޤީގަތުގައިވެސް ލޯބިވޭބާވައެވެ؟ ނޫނީ އެއީ ކަންދެއްކުމަށް ބުނެލާބަހެއްބާވައެވެ؟ ލޯބިވާނަމަ ނަމާދަށްފަހު އޭނާ ދުޢާ ކޮށްލަން އިނުން ބުރައަކަށް ވާނެބާއެވެ؟ ނަމާދަށް ފަރުވާކުޑަކުރެވޭނެބާއެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

އޭ އަޚުންނާއި އުޚުތުންނޭވެ. ތިމާގެ އަޚާ އެވަނީ ތާއަބަދަށް ތިބާޔާ ވަކިވެގެން ގޮސްފައެވެ. އެނބުރި އައުމެއް ނުވާ އުޚުރަވީ ހަޔާތާ ކުރިމަތިލާފައެވެ. އޭނާ އަށް މިހާރު މަދުކަމަކުން މެނުވީ އިތުރު ފައިދާއެއް ނުކުރާނެތެވެ. އެއީ؛

  1. އޭނާ ދުނިޔޭގައި އުޅުނު ދުވަސްވަރު ކޮށްފައިވާ ހެޔޮ އަމަލު
  2. ދެމިގެން ދާގޮތަށް ކޮށްފައިވާ ސޮދަގާތެއް
  3. ސާލިހު ދަރިން ކުރާ ހެޔޮ ދުޢާ
  4. ގާތް ތިމާގެ ރައްޓެހި އަދި ނުދަންނަ ފަރާތްތަކުން ކޮށްދޭ ހެޔޮ ދުޢާ އަދި ސޮދަގާތް

އޭ އަޚުންނާއި އުޚުތުންނޭވެ. ތިބާގެ އަޚާ ނިޔާވި ފަހުން ތިބާގެ އަޚާއަށް ދުޢާ ކޮށްދެމުހެއްޔެވެ؟ ފަރުލު ނަމާދުން އަވަދިވެ ކިތައް ފަހަރު ދުޢާ ކޮށްދިނިން ހެއްޔެވެ؟ ތިބާ ފަރުލު ނަމާދު އޭގެ ވަޤުތުގައި އަދާކުރަންހެއްޔެވެ؟ ޤުރުއާން ކިޔަވަންހެއްޔެވެ؟

މަސްވެރިޔާ މަހަށް ނިކުންނައިރު މަސްބޭނުމަށް ބޭނުންކުރާނެ އެން ކުރީބައިގައި ދަމާ ތައްޔާރުކުރެއެވެ. ހަމަ އެފަދައިން ނަމާދާއި ޤުރުއާނާ ތިބާގެ ހިތްސާފުވުމަކީ ތިބާގެ ދުޢާގެ ކާނާއެވެ. ނުވަތަ އެންވެރިކަމެވެ. ނަމާދާއި ޤުރުއާނާ ނުލާ ތިބާ ކުރާ ދުޢާ އިޖާބަކުރައްވާނެ ކަމަށް ތިބާ ހީކުރަނީހެއްޔެވެ؟ ތިބާގެ ހިތް ސާފުނުވެ ތިބާ ކުރާ ދުޢާ އިޖާބަ ކުރައްވާނެ ކަމަށް ތިބާ ހީކުރަނީހެއްޔެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

އޭ އަޚާއެވެ. އަދި އުޚުތާއެވެ. ތިބާ ރައްޓެހި ތިމާގެ މީހުން ކައިރީގައި ބުނެލާ ބަހަކުން ނޫނީ ފާޅުކޮށްލާ ޝުއޫރަކުން ނުވަތަ ކުރާ ދަޢުވާ އަކުން ނުވަތަ ސޯޝަލް މީޑިއާގައި ލިޔެލާ ނުވަތަ ޝެއަރކޮށްލާ ޕޯސްޓަކުން ނިޔާވެފައިވާ ގާތްތިމާގެ ނުވަތަ އެކުވެރިޔާ ދެކެ ތިބާވާ ލޯބި ހާމައެއްނުވެއެވެ. އަދި އެއިން މައްޔިތާއަށް ކުރާނެ އެއްވެސް ފައިދާއެއްނެތެވެ. ތިބާގެ ހިތް ސާފުވާން ޖެހެއެވެ. ތިބާގެ އަމަލުތައް ސީދާވާން ޖެހެއެވެ. މިހިރީ ބޮޑެތި ކަންތައްތަކެވެ. ނަމަވެސް ކުރަން ބޭނުންވެއްޖެނަމަ ނުހަނު ފަސޭހަވެސް ކަންކަމެކެވެ. ދަންނާށެވެ. ތިބާގެ އެންމެހައި އަމަލުތަކާއި ސިއްރާއި ފައުޅުގައި ތިބާކުރާ ހުރިހާ ކަމަކާއި ތިބާ ވަންހަނާ ކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެއީ ހުރިހާ ކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވާ އެންމެ މަތިވެރި އިލާހެވެ.

އޭ އަޚާއެވެ. އުޚުތާއެވެ. ހަމައެކަނި ނިޔާވެފައިވާ ތިބާގެ އަޚާ ދެކެ ތިބާ ލޯބިވާވަރު ހާމަކޮށް ތިބާ އަށް ވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ މީހަކު ނެތް ކަމަށް ހާމަކުރަމުން ހިނގުމަކީ ކަންދެއްކުމެވެ. އެއިން ބައެއް މީހުންގެ ފަރާތުން ތިބާ އަށް ހުޝާމަދުގެ ބަސްތައް އިވި ތިބާއަށް ވަޤުތީ ހިތްހަމަޖެހުމެއް ލިބިދާނެއެވެ. އެކަމަކު މައްޔިތާއަށް ކުރާނެ އެއްވެސް ފައިދާއެއްނެތެވެ. އަދި ތިބާގެ އެފަދަ ދަޢުވާއަކުން އެ އަޚާ ދެކެ ލޯބިވާ އަނެކުންނަށް ލިބޭނެ އެއްވެސް ނިކަމެތި ކަމެއް ވެސް ނެތެވެ. އެއިން ރަމްޒުކޮށްދެނީ ތިބާގެ ކިބުރުވެރިކަމާއި ބޮޑާކަމާއި މީހުންގެ ސަމާލުކަން ތިބާ ބޭނުންވާ މިންވަރެވެ. ހަމަ ކަށަވަރުން ބޮޑާވެގަތުމާއި ކިބުރުވެރިވުމަކީ ޝައިތާނާގެ ސިފަތަކުންކުރެ ހުތުރުކަން ބޮޑު ސިފައެކެވެ.

ނިޔާވެފައިވާ ތިބާގެ އަޚާދެކެ ތިބާ ލޯބިވާވަރު ހާމަ ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ތިބާގެ ހިތް ސާފުވާން ޖެހެއެވެ. އަމަލުތައް ސީދާވެ އިޚުލާސްތެރިވާން ޖެހެއެވެ. ނޫން ނަމަ ތިބާ ތިޔަ ހުރީ އަމިއްލަ އެދުމުގެ ޝިކާރައަކަށްވެ ނިމިފައެވެ.

ޔާﷲ މިފަދަ ޖާހިލު ބައެއް ކަމުގައި އަޅަމެން ނުލައްވާދޭނވެ. ޔާﷲ އެންމެނާ މެދު އަޅަމެންގެ ހިތްތައް ސާފުކުރައްވާދޭވެ. ޔާ ﷲ، ބޮޑާވެރިކަމާއި ކިބުރުވެރިކަން އަޅަމެންގެ ކިބައިން ނެތިކުރައްވާދޭވެ. ޔާﷲ، އަޅަމެންނީ ނަމާދު އޭގެ ވަޤުތުގައި އަދާކުރާ ބަޔަކު ކަމުގައި ލައްވާދޭވެ. ޔާﷲ ޤުރުޢާނަކީ އަޅަމެންގެ ހިތުގެ ނޫރުކަމުގައި ލައްވާދޭވެ. ޔާﷲ އަޅަމެންނީ އެނގިގެންވެސް އަދި ނުއެނގިވެސް ދެބައޮޑުވާ، ނެތިމޮށޭ، ތިމާގެ އަޚާގެ މުޅަމަސްކާ މުޑުދާރު ބަޔަކު ކަމުގައި ނުލައްވާދޭވެ. ޔާﷲ އަޅަމެންނަށް ހެޔޮމަގު ދައްކަވާދޭވެ. ޔާ ﷲ، އަޅަމެންނީ ކަންދައްކާ ބަޔަކު ކަމުގައި ނުލައްވާދޭވެ. ޔާﷲ، އަޅަމެންނީ އަޅަމެންގެ އަމަލުތަކުގެ ސަބަބުން އެހެން މީހުންނަށް އޭގެ ފައިދާ ކުރާ ބަޔަކު ކަމުގައި ލައްވާދޭވެ. ޔާﷲ، އަޅަމެންގެ ހިތުން ރުޅިވެރިކަމާއި ނަފުރަތްތެރިކަމާއި ހަސަދަވެރިކަން ނެތިކުރައްވާދޭވެ. ޔާﷲ، ދުޢާ އިޖާބަ ކުރައްވާ އަޅުތަކުން ތެރޭގައި އަޅަމެން ލައްވާދޭވެ. آمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *