Support Us

ޤުރުއާނުގެ އެންމެ އާޔަތަކުން ފުދުނެވެ.

އެއްފަހަރެއްގައި ‎އަލް އިމާމު އަލް އަސްމާޢީ ހައްޖަށް ވަޑައިގަންނަވަނިކޮށް ބަދަވިން ދިރިއުޅޭ ސަރަޙައްދަކުން މީހަކު އެކަލޭގެފާނާ ދިމާކޮށްލިއެވެ. އޭނާ އަތުގައި އޮތް ދިގު ލޮންސިޔާއި ބޮޑު ސިންގާ ކަނޑި ފެނިފައި އެއީ މަގުފޭރެން އުޅޭ ބަދަތްވެއްކަން ވަރަށް އަވަހަށް އަސްމާޢީއަށް އެނގިވަޑައިގެންފިއެވެ. ނަމަވެސް އޭނާގެ ކިބައިން ފިލައިގެން ރައްކާވުމުގެ ބަދަލުގައި އެކަލޭގެފާނު މަޑުކޮށްލެއްވިއެވެ. އެހިނދު އެމީހާ އަސްމާއީގެ އަރިހަށް ގޮސް އެކަލޭގެފާނުގެ ބޮލުން ފެށިގެން ފައިތިލައާ ހަމަޔަށް ނަޒަރު ހިންގާލާފައި ސުވާލުކުރިއެވެ.

"އޭ މިހިރަ މީހާއެވެ. ކަލޭ ތިޔައީ ކޮންތާކު މީހެއް ހެއްޔެވެ؟"

އަސްމާއީ ޖަވާބު ދެއްވިއެވެ. ‎"އަހުރެންނަކީ ދަތުރު ކުރަމުންދާ ފަޤީރު މީހަކީމެވެ."

ބަދަވިންގެ މީހާ ސުވާލުކުރިއެވެ. "ކަލޭގެ އަތުގައި އެއްވެސް އެއްޗެއް އެބަ އޮތްހެއްޔެވެ؟"

އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. "އާނއެކެވެ. އަހުރެންގެ އަތުގައި ޤުރުއާން އެބައޮތެވެ."

ބަދަވީންގެ މީހާ ސުވާލުކުރިއެވެ. ‎".ޤުރުއާނަކީ ކޯއްޗެއް ހެއްޔެވެ؟"

ޖަވާބުގައި ޢަސްމާއީ ވިދާޅުވިއެވެ. "ޤުރުއާނަކީ ﷲގެ ކަލާމްފުޅެވެ. (ބަސްފުޅެވެ.)"

އެހިނދު ބަދަވިންގެ މީހާ އަނެއްކާވެސް ސުވާލުކުރިއެވެ. ‎"ﷲ އަށް ބަސްފުޅުތަކެއްވެސް ވޭހެއްޔެވެ؟"

އެހިނދު ‎އިމާމް އަސްމާޢީ އާނއެކޭ ވިދާޅުވުމުން ތިމަންނާއަށް އެއިން އާޔަތެއް ކިޔައިދޭށޭ އެބަދަވިންގެ މީހާ ބުންޏެވެ.

ދެން އަސްމާޢީ ކިޔަވައިވިދާޅުވިއެވެ. "وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ (އަދި ތިޔަބައި މީހުންނަށް ވަޢުދު ކުރައްވާފައިވާ ރިޒުޤް ވަނީ އުޑުގައެވެ.)"

ފަހެ މިއާޔަތް އަޑު އިވުމާއެކު އެބަދަވިންގެ މީހާގެ އަތުން ކަނޑިއާއި ލޮންސި ދޫވެގެން ވެއްޓުނެވެ. އަދި އޭނާ އަޑުން އަޑުނަގައި ރޯންފެއްޓިއެވެ. ‎ބަދަތްވެއް ކަމަކު އޭނާއަށް މިއާޔަތުން ވަރަށް އަސަރުކުރިއެވެ. އަދި ބުންޏެވެ. "އަހަރެން ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އަހަރެންގެ ރިޒްޤު އުޑުގައިވާއިރު އަހަރެން މިއުޅެނީ އޭތި (ނަހަމަގޮތުގައި) މި ބިމުން ހޯދާށެވެ."

ކޮންމެއަކަސް ‎ﷲގެ ހެޔޮ ރަޙްމަތްފުޅުން އެ ބަދަވީންގެ މީހާ ވަޤުތުން ވަގުތަށް އިސްލާމްވެ އިސްލާޙުވިއެވެ. އަދި ޖެހިގެން އައި އަހަރު މިބަދަވީންގެ މީހާ ޙައްޖަށް ގޮސް ހުއްޓައިވެސް އަލްއަސްމާޢީއަށް ފެނިވަޑައިގަތެވެ. އެއީ ރޭގަނޑުގެ ދަން ވަގުތެކެވެ. އޭރު އޭނާ ކަޢުބާގެ އުރަކޮޅުގައި ބައްދައިގެން އޮވެ ރޮމުން ބުނަމުންދެއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ލޯތައްވަނީ ނިދާފައެވެ. ލޯބިވާ ހުރިހާ މީހުންތައްވީ އެމީހުން ލޯބިވާ ފަރާތްތައް ކައިރީގައެވެ. އަދި ރަސްރަސްކަލުންގެ ދޮރުކޮޅުތައް ވަނީ ތަޅުލެވި ބަނދުކުރެވިފައެވެ. ނަމަވެސް އިބަ ﷲގެ ހަޟުރަތަށް އެދި ދަންނަވާ ފަރާތްތަކަށް އިބަރަސްކަލާނގެ ދޮރުކޮޅުވަނީ ހުޅުވާލާފައެވެ. ޔާﷲ އެވެ. އަހުރެންގެ ހެޔޮ އަމަލުތައް ޤަބޫލުކުރައްވާފާނދެއެވެ."

ނޯޓް:- ލޯބިވާ އަޚުންނާއި އުޚުތުންނޭވެ. ‎އެއީ ބަދަތްވެކެވެ. އެކަމަކު އޭނާއަށް ޤުރުއާނުގެ އެންމެ އާޔަތެއް ފުދުނެވެ. އަހަރެމެން ކުރިމަތީގައި 6،000 އަށްވުރެ ގިނަ އާޔަތް އެބައޮތެވެ. މުޅި ޤުރުއާންވެސް އެބައޮތެވެ. ނަމަވެސް ފޮތެއް އޮތަކަސް އެއިން ވާނޭކަމެއް އޮންނާނެހެއްޔެވެ؟ އެއިން އެއްޗެއް ކިޔާލާނޭނަމަ، އަހަރެމެންގެ މި ހަރު ހިތްތަކަށްވެސް ކޮންމެވެސް އަސަރެއް ކުރާނެ ނޫންހެއްޔެވެ؟

މަސްދަރު: މުޙައްމަދު އަބްދުލް މުޣާވިރީ/ ސްޓޯރީސް އޮފް ރިޕެންޓެންސް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *