Support Us

"ދަރިފުޅާއެވެ. އެއީ ކޯންޗެއް ހެއްޔެވެ؟"

އުމުރުން 80 އަހަރުގެ ‎މުސްކުޅި ފިރިހެނަކު އޭނާގެ ގޭގެ ސިޓިންގ ރޫމުގެ ސޯފާގައި އިށީނދެގެން އިނެވެ. ކައިރީގައި މަތީ ތަޢުލީމު ޙާޞިލްކޮށްގެން ހުރި އޭނާގެ ފިރިހެން ދަރިފުޅުވެސް އިނެވެ. އެދަރިފުޅުގެ އުމުރުން ސާޅީހަކަށް އަހަރެވެ. ދެބަފައިން މިހެން ތިއްބާ ކުއްލިއަކަށް ކާޅެއް އައިސް ގޭގެ ކުޑަދޮރު ކައިރީގައި އިށީނދެއްޖެވެ. އެހިނދު މުސްކުޅި މީހާ އެކާޅު ދައްކާފައި އޭނާގެ ދަރިފުޅު ގާތުގައި އެހިއެވެ. "ދަރިފުޅާ އެވެ. އެއީ ކޯންޗެއް ހެއްޔެވެ؟" ޖަވާބުގައި ދަރިފުޅު ބުންޏެވެ. "އެއީ ކާޅެކެވެ."

‎އޭގެ ކުޑަ އިރުކޮޅެއް ފަހުން ބައްޕަ އަނެއްކާވެސް ދަރިފުޅާ ސުވާލުކުރިއެވެ. "ދަރިފުޅާއެވެ. އެއީ ކޯންޗެއްހެއްޔެވެ؟" ޖަވާބުގައި ދަރިފުޅު ބުންޏެވެ. "ހަމަ ދެންމެ ވެސް ބައްޕަ ގާތުގައި މިބުނީ ނޫން ހެއްޔެވެ. އެއީކާޅެކެވެ."

އަނެއްކާވެސް ހަމަ އޭގެ އިރުކޮޅެއް ފަހުން ބައްޕަ އެ ކާޅު ދައްކާފައި ދަރިފުޅާ ސުވާލުކުރިއެވެ. "ދަރިފުޅާއެވެ. އެއީ ކޯންޗެއް ހެއްޔެވެ؟" މިފަހަރު އޭނާގެ ދަރިފުޅުގެ މޫނުމަތިން ފޫހިކަމުގެ އަސަރު ފާޅުވިއެވެ. އަދި ތަންކޮޅެއް ރުޅިވެރި ރާގަކަށް ބުންޏެވެ. "އެއީ ކާޅެކެވެ. އެއީ ކާޅެކެވެ."

‎ކޮންމެއަކަސް އެ ބައްޕަ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އަނެއްކާވެސް އެ ކާޅު ދައްކާފައި ސުވާލުކޮށްލިއެވެ. "ދަރިފުޅާއެވެ. އެއީ ކޯންޗެއްހެއްޔެވެ؟" މިފަހަރު ދަރިފުޅުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރުޅިވެރިކަމާ އެކު ބައްޕައާ ދިމާލަށް ހަޅޭއްލަވައިގެންފައި ބުންޏެވެ. "ބައްޕަ އަބަދު ތަކުރާރުކޮށް އެއް ސުވާލެއް ތިޔަ ކުރަނީ ކީއްވެހެއްޔެވެ؟ އަހުރެން ތަކުރާރުކޮށް ކިތައް ފަހަރު އެއީ ކާޅެކޭ ބުނެފިންހެއްޔެވެ؟ އަދިވެސް މިކިޔާ އެއްޗެއް ބައްޕައަށް ފަހުމުނުވޭ ހެއްޔެވެ؟"

‎ދެންފަހެ ބައްޕަ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ބާވެ ހަސްނެތިފައި އޮތް ޑައިރީއެއް ހިފައިގެން އައިސް ދަރިފުޅުގެ އަތަށް ދިނެވެ. އަދި އެއިން ވަކި ސަފުހާއެއް ހުޅުވާލުމަށްހު އެ ޞަފްހާ ކިޔުމަށް ދަރިފުޅު ގާތުގައި ބުންޏެވެ. އެ ޑައިރީ އަކީ ބައްޕަ އޭނާގެ ދަރިފުޅު އުފަންވީއްސުރެ ލިޔަމުން ގެންދިޔަ ޑައިރީއެކެވެ.

ކޮންމެއަކަސް ‎ދަރިފުޅު އެ ސަފުހާ ކިޔާލިއެވެ. އޭގައި ލިޔެފައިވެއެވެ. "މިއަދު އަހަރެންގެ ލޯބިވާ، ތިން އަހަރުގެ ދަރިފުޅާ އެކީ ސިޓިންގ ރޫމް ސޯފާގައި އިނީމެވެ. އެ ހިނދު ކުޑަދޮރު ކައިރިޔަށް ކާޅެއް އައެވެ. އެ ކާޅު ދައްކާފައި އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު، އެއީ ކޯންޗެއްތޯ އަހަރެންގެ ގާތުން 23 ފަހަރު ސުވާލުކުރިއެވެ. އއެ ސުވާލު ތަކުރާރުކުރާ ކޮންމެ ފަހަރަކު އަހުރެން ލޯބިން އެ ދަރިފުޅު ގައިގާ ބައްދާލަމެވެ. އަދި އެއްވެސް ފޫހިކަމެއް ނެތި 23 ފަހަރުވެސް ޖަވާބު ދިނީމެވެ. އެ ސުވާލަށް ޖަވާބު ދިނުމުން އަހަރެން އެ މައުސޫމް ދަރިފުޅަށްޓަކައި ހިތުގައި އަށަގެންފައިވާ ލޯބި އުތުރިއަރައެވެ."

ލޯބިވާ އަޚުންނާއި އުޚުތުންނޭވެ. ނިކަން ވިސްނާލަބަލާށެވެ. އަހުރެމެންގެ މައިންބަފައިން ތަކުރާރުކޮށް އެއް ވާހަކައެއް އަހުރެމެންނާ ދެއްކުމުން އަހުރެމެން ވަނީ ފޫއްސެވެ. އަބަދު އެއް ނަސޭހަތެއް ދޭތީ އަހުރެމެން އަންނަނީ ރުޅިއެވެ. ނަމަވެސް އަހުރެމެންގެ ޅަފަތުގައި މައިންބަފައިންނާ އެއް ވާހަކައެއް، އެއް ސުވާލެއް ކިތައް ފަހަރު ކުރެވިފައި ހުންނާނެ ހެއްޔެވެ؟ އޭގެން ކޮންމެ ފަހަރަކު އެވެރިން އަހުރެމެންނަށް ޖަވާބު ދެނީ ހިނިތުންވުމާއި ލޯތްބާ އެކު ނޫން ހެއްޔެވެ؟

މައިންބަފައިންނަށް ކަމޭހިތައި އޯގާތެރިވުމަކީ އަޅުގަނޑުމެންގެ ދީން އެކަމަށް ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ. އަމުރުކުރައްވާފައިވާ ކަމެކެވެ. އެންމެ ކުޑަ މިނުން "އުފް" ވެސް އެ ދެ މީހުންނަށް ބުނެގެން ނުވާނެ ކަމަށް އަންގަވައި މާތްﷲ އަލް އިސްރާ ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. ‎

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

މާނަ:- އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

މާނަ:- އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!

އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަކި ވެސް މައިންބަފައިންނަށް ކަމޭ ހިތާ އޯގާވެރި ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *