ކަތިލެވި މިހިތް ޒަޚަމް ވީ ތިޔަރީތި ކަޅިރަވައިންނޭ
ދަތިކަން ހިތަށް މިލިބެނީ ލޯބީގެ އިންތިހާ އިންނޭ
ޝާނާއި ޝައުކަތުގެ ވެރި ޝަޚުސުގެ އެ ރީތިކަން ފެނި
ޝާހެއްގެ ލަޤަބު ދެވުނީ ތިޔަ ރީތި ލޯ ފުޅުންނޭ
ތިޔަ އަސަރުގައި ދިވާނާ ވީ ރީތި ރޭގެ ދަންވަރު
ތިޔަ ސޫރަ ހިތުތެރޭގައި ކުލަޖެއްސި ހަނދުވަރުންނޭ
ހުވަފެން ތަކުން ދުށުން އެދި ހިތް ބޭޤަރާރު ވީމާ
ހުވަފެންތެރޭ އުދުހެނީ އުފަލުގެ ނިހާޔަތުންނޭ
ހިމަ ނާރު ތަކުތެރޭގައި ތިޔަނަން ވަނީ ލިޔެވިފައި
ހިމަނައި ކޮޅުން ނުލާފަދަ ލޯބީގެ ލަފުޒަކުންނޭ
ދެއްވާނުހޭ ކަލާ ދެން ހިތް އެދިގޮވާ ޖަވާބެއް
ދެއްވުން އަދައި މިކުރެވޭ ފޮނި އިންތިޒާރަކުންނޭ