އޯގައީ ނަކަތާ ދުވަސް ގުޅުވައިލެވޭ ތާސީރެކޭ
އޯގައީ ވަގުތުގެ ނަމެއް ނޫން ވަގުތުގައިވާ އަސަރެކޭ
މަންޒިލެއް (ނަކަތެއް) ދުވަހުގައި އެކުލެވޭ ކުޑަ ހިނދުކޮޅުން
ފަންނު ދަންނަ ނަކަތްތެރީން ތާސީރު ކިރުވި ތަރާޒެކޭ
އުޑުމަތީން ފެނިގެން ހިނގާ މަންޒިލްތަކުގެ ޕޮޒިޝަން ބަލައި
ތުނޑުބިމަށް އަފުނޯސްކަށިން ޖެހިތަން ބެލޭނޭ ވަގުތުކޭ
ބުރުޖުތައް ތަރުތީބު ވެވިފައި ވާގޮތުން "ޢުންޞަރު" ބަލަން
ދުރުމި ނެތި "ވެލި" "ހޫނު" "ވައި" "ފެން" ވަކިވެވޭނޭ އަޞްލެކޭ
ހަތްދުވަސް މީޒާންކަމަށްލައި ހަތްބަޔަށް ތަރިތައް ބަހައި
ހަތްދުވަހު ދުވަހަކު އަށާވީސް އަސަރު ވަކިވާ ގޮތްތަކޭ
ބިޔަވި ޢިލްމެއް ކަމަކު އަދުނެތް އޭގެ ފަދައެއް ދަސްވެވެން
ނިޔަމިކަން ފަދައިން ނަކަތްތެރިކަން އެއީ ބޮޑު ޢިލްމެކޭ
ބަހުގެ ހަމަޔާ މާނަޔާ ގުޅުވައި ލެވެން އަދު ނެތްކަމުން
ފަހުގެ ޖީލުތަކަށް "ނަކަތްތެރިކަން" އެނގޭނެ މަގެއް ނެތޭ