Support Us

ޢީސާގެފާނުން ފެންމަތީގައި ހިންގެވި ހާދިސާ

އިބްން އަބޫ އައް ދުންޔާ ފުދައިލް ބިން ޢިޔާދުގެ އަރިހުން ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޢީސާގެފާނުންގެ އަރިހުގައި ދެންނެވިއެވެ: އޭ ޢީސާގެފާނުންނެވެ! ކަލޭގެފާނުން ފެންމަތީގައި ހިންގަވަނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނުން ޖަވާބުގައި ވިދާޅުވިއެވެ: ﷲ އާމެދު އޮންނަ ފުރިހަމަ ޔަޤީންކަމާއި އީމާނާއެކުއެވެ. ދެން އެމީހުން ދެންނެވިއެވެ: އެކަމަކު އަހުރެމެންގެވެސް ޔަޤީންކަމާއި އީމާންތެރިކަން އޮވެއެވެ. ދެން ޢީސާގެފާނުން ވިދާޅުވިއެވެ: އެހެންވިއްޔާ (ފެނުގައި ހިނގާފައި) އަންނާށެވެ. ދެން އެމީހުން އެކަލޭގެފާނުންނާއެކު ފެންމަތީގައި ހިނގިއެވެ. އަދި ފެންގަނޑުގެ ތެރެއަށް ވެއްޓުނެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: ކިހިނެއް ވީހެއްޔެވެ؟ އެމީހުން ދެންނެވިއެވެ: އަހުރެމެން އެހެރަ ބޮޑެތި ރާޅުތައް ފެނިފައި ބިރުގަތީއެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: އެ ރާޅުތަކުގެ ވެރި އިލާހު ދެކެ ތިޔަބައިމީހުން ބިރެއް ނުގަނޭހެއްޔެވެ؟ ދެން އެކަލޭގެފާނުން އެމީހުން އެތަނުން ނެންގެވިއެވެ. ދެން އެކަލޭގެފާނުން ބިމުގައި އަތް ބީއްސަވައި އެއިން ހިރަފުސްކޮޅެއް ނަންގަވައި އަތް ހުޅުއްވައިލެއްވިއެވެ. އެއިރު އަތްޕުޅުގައި ވަނީ މުތާއި ރަނެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: މީގެ ތެރެއިން ކަލޭމެން އެންމެ ރުހެނީ ކޮން އެއްޗަކަށްހެއްޔެވެ؟ އެމީހުން ދެންނެވިއެވެ: ރަނެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ: އެހެނަސް ތިމަންކަލޭގެފާނުންނަށް މިއީ ހުސް އެކައްޗެކެވެ.

އެކަލޭގެފާނުން ތުރުކުރައްވައި އުޅުއްވީ އުއިން ހަދައިފައިވާ ފޮތީގެ ފޭރާމެވެ. ފަރިއްކުޅުވައި އުޅުއްވީ ގަސްގަހުގެ ފަތްފަތެވެ. އުޅުއްވާނެ ގެއެއް ނުހުރެއެވެ. ޢާއިލާއެއް ނެތެވެ. މުދަލެއް މިލްކިއްޔާތެއް ނެތެވެ. މާދަމާއަށް ރައްކާކުރައްވާނޭ އެއްޗެއް ނުވެއެވެ.

ޝަޢްބީ އިމާމް ވިދާޅުވިއެވެ: ހިސާބު ބެއްލެވޭ ދުވަހުގެ ވާހަކަ އެކަލޭގެފާނުންގެ އަރިހުގައި ދެންނެވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުން ކީރިތިކުރައްވައި ވިދާޅުވެއެވެ: މަރިޔަމްގެފާނުންގެ ދަރިކަލުންނަށް ހިސާބު ބެއްލެވޭ ދުވަހުގެ ވާހަކަ ނަންގަނެވުމުން ހަނުހުރުމަށް ނުފުދެއެވެ.

އެކަލޭގެފާނުން ވިދާޅުވިއެވެ: "މަދު ރޮށިކޮޅަކުން ފުއްދާލައިގެން އުޅޭށެވެ. އަދި ސާފު ފެން ބޯށެވެ. އަދި ދުނިޔެއިން ނިމިދާއިރު ސަލާމަތްތެރިކަމާއެކު ދާށެވެ. ދުނިޔޭގެ ފޮނިިކަމަކީ އާޚިރަތުގެ ހިތިކަމެވެ. އަދި ދުނިޔޭގެ ހިތިކަމަކީ އާޚިރަތުގެ ފޮނިކަމެވެ. ﷲ ގެ ތެދުވެރި އަޅުން ދުނިޔޭގެ ލައްޒަތާއި މުއްސަނދިކަމުގައި ނޫޅޭނެއެވެ. ތިމަންކަލޭގެފާނުން ޙައްޤު ގޮތުގައި ބުނަމެވެ. ތިޔަބައިމީހުންކުރެ އެންމެ ނުބައިމީހަކީ އެމީހެއްގެ އެދުންތައް އޭނާގެ ޢިލްމުގެ މައްޗަށް އިސްނުކުރާ ޢިލްމުވެރިޔާއެވެ."

ރެފަރެންސް: ޤަސަސުލް އަންބިޔާ/ އިމާމް އިމާދުއްދީން އަބުލް ފިދާ އިސްމާޢިލް އިބްން ކަޘީރުއް ދިމިޝްޤީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *