Support Us

ތަސްވީރެއް ކިޔައިދޭ ވާހަކައެއް: ހިމާރުގެ ޑައިރީއިން ތަންކޮޅެއް

މި ތަސްވީރު ފެނިފައި ހިމާރު އޭނާގެ ޑައިރީގައި ލިޔެލިއެވެ. ޖަންގަލީގެ ސިންގާ މަރުވެ ދިޔަތާ ވީ ދުވަހެއް މިހާރަކު ނޭނގެއެވެ. އެހެން ވިޔަސް، މި ފަހުން އަހަންނަށް އެއްޗެއް ވިސްނުނެވެ. ސިންގާގެ އިސްތިބުދާދު، ޑިކްޓޭޓަރުކަން، ރާމާމަކުނުތަކާއި ކުއްތާތަައް ގެނައި މިނިވަންކަމަށް ވުރެ މާ ރަނގަޅެވެ. އަދި މިހާރު އަހަންނަށް ޔަގީންވަނީ ހަގީގަތުގައި ސިންގާ އަހަރުމެން އަޅުވެތިކުރީކީ ނޫނެވެ. ނަމަވެސް، މަކުނުތަކާއި ކުއްތާތަކުގެ ކިބައިން އަހަރުމެން ހިމާޔަތްކޮށް ސަލާމަތްކޮށްދިނީއެވެ. މިހާރު ނިކަން ދެކިބަލާށެވެ! މަކުނުތަކަށް ފައިދާވާ ގޮތަށް ޖަންގަލީގެ ދެބައިކުޅައެއްބައި ފީ ދޮންކެޔޮ ގަނޑަކަށް ވިއްކާލައިފިއެވެ. ޖަންގަލީގެ ދެން އޮތް ބައި، ކުއްތާތަކަށް ފައިދާވާ ގޮތަށް، ހިކި ކަށިކޮޅަކަށް ވިއްކާލައިފިއެވެ.

މި ވާހަކަ އަހަރެންގެ ރަހުމަތްތެރި ބުޅާ ގާތު ބުނުމުން އޭނާ ބުނީ މިހެންނެވެ. ދެން ޝަކުވާކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ތިޔައީ ކަލޭމެން ޖަންގަލީގެ ޖަނަވާރުތައް ކަލޭމެންގެ މައްޗަށް އަމިއްލައަށް ގެނެސްގަތް ކަމެއް ނޫން ހެއްޔެވެ؟ އަމިއްލައަށް ނުވިސްނާ އެހެން މީހުންނަށް ކަލޭމެންގެ ސިކުނޑިއަށް ސަވާރުވުމުގެ ޖާގަ ދިނީމައި ވާނޭ ގޮތް ވީއެވެ. އެ ގޮތަށް ކަންތައް ކުރުމުން ދުވާލަކީ ރޭގަނޑޭ ބުނުމުން ވެސް ކަލޭމެން ތިތިބެނީ އަތްޖަހާށެވެ! އަަދިވެސް ހޭވެރިވާކަން ނުވޭ ހެއްޔެވެ؟ މަކުނުތަކާއި ކުއްތާތަކުގެ އުނދަގުލުން ސަލާމަތްވާނޭ މަގު ކަލޭމެން އަމިއްލައަށް ކޮށާކަށް ނުވޭ ހެއްޔެވެ؟