Support Us

ކުރުވާހަކަ: އެމާރިތިކާ އާއި އޭނާގެ އެކުވެރިން

އެމާރިތިކާ އަކީ ވަރަށް ބާރާއި ނުފޫޒު ގަދަ މީހެކެވެ. އޭނާގެ ވަށައިގެން އޭނާ އަށް މަދަދުދާރުވާނޭ ވަރުގަދަ ފަހުލަވާނުން ތިބެއެވެ. ފައިސާ އާއި ހަތިޔާރުގެ ގޮތުން ދުނިޔޭގެ އެންމެ ނުފޫޒާއި ބާރުގަދަ މީހާ ކަމަށް އެމާރިތިކާ އަބަދުވެސް ޤަބޫލު ކުރެއެވެ. އަދި އޭނާގެ ބާރާއި ނުފޫޒުން އޭނާގެ އަވަށްޓެރިންނާއި އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވާ މީހުން އޭނާ އަށް ކިޔަމަންތެރި ކުރުވުމަކީ އެމާރިތިކާ އެންމެ އިސްކަންދޭ ކަންތަކެވެ. އޭނާއާ ދެކޮޅުވާ އެންމެން އޭނާގެ މުށުތެރެއަށްލައި ފިއްތާލާނޭ ހުރިހާ ގޮތެއް އޭނާ ވަނީ ރާވައިފައެވެ.

އެމާރިތިކާ އަކީ އޭނާގެ ރައްޓެހިންނާއި ނުދަންނަ މީހުންނަށްވެސް އެހީވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކަމަށް ދަޢުވާ ކުރާ މީހެކެވެ. ނަމަވެސް މި ހުރިހައި ކަމެއްގެ ފަހަތުގައި ފޮރުވިފައިވަނީ އެމާރިތިކާގެ ކިބުރުވެރިކަމާއި ބޮޑާކަމާއި ނުފޫޒު އެހެން މީހުންގެ މައްޗަށް ފޯރުވުމާއި އެމާރިތިކާގެ އާރާއި ބާރު ނެތުނަނުދީ ދެމެހެއްޓުމެވެ.

މިކަންކަން ހާސިލު ކުރުމަށް އެމާރިތިކާ ވަނީ ދުރާލާ އެތައް ރޭވުންތަކެއް ރާވައިފައެވެ. މިގޮތުން ދުނިޔޭގެ ބާރުގަދަ ކަމަށް މަޝްހޫރުވެފައިވާ ރަޝާދު، ޗައިނީ، ފުރާދު، އިންމަ، ޖައުފަރު އާއި އެމާރިތިކާގެ ރުހުން ލިބިގެން ދުނިޔޭގެ ކޮންމެ ކަމެއްވެސް ނިންމޭ ގޮތަށް ޖަމިއްޔާއެއް އުފެއްދިއެވެ. މި ޖަމިއްޔާ އަށް ކީނަމަކީ އެކުވެރި ބައިގަނޑު (އ.ބ) އެވެ. އަދި އެމީހުން ޤަބޫލުކުރާ ޤާނޫނީ ނިޒާމަކީ ދިމާކުރާތީ ފެންނަ ނިޒާމެއް ކަމަށް ކަނޑައަޅާ ހުރިހާ އެންމެންނަށް އެ ޤަބޫލުކުރަން އެކިއެކި ފިއްތުންތައް ކުރިމަތިކުރުވައެވެ. އަދި ދިމާކުރާތީ ފެންނަ ނިޒާމަކީ ގިނަ މީހުން ނިންމާ ގޮތަށް ކަންތައްތައް ނިންމާ ނިޒާމެއް ކަމަށް ދައުވާކޮށް ވިސްނައިދެމުން ދިޔައެވެ. މި ވިސްނުން ވިސްނައިދެމުން ދިޔައިރު ދުނިޔޭގެ ހުރިހާ އެންމެން ނިންމާ ނިންމުމެއް ބަދަލުކޮށްލުމުގެ ބާރު އެމާރިތިކާ، ރަޝާދު، ޗައިނީ، ފުރާދު، އިންމަ އާއި ޖައުފަރުންކުރެ ކޮންމެ މީހަކަށް ވަނީ ލިބިދީފައެވެ. މިވެސް ދިމާކުރާތީ ފެންނަ ނިޒާމުގެ ފުރިހަމަކަމުގެ ބަޔަކަށް ވެދާނެއެވެ. މައްސަލައެއް ނެތްތާއެވެ. ދުނިޔޭގައި ތިބި އެތައް ބިލިއަން މީހުންނަށް މިތަން ފެންނަ ކަމަކަށް ނުވެއެވެ.

މިގޮތުން އެމާރިތިކާގެ ހިޔާލުތަކާއި ނިންމުންތަކާ އެއްބަސްނުވާ މީހުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ފިއްތާ ދަތިކޮށް ހެދުމަކީ އެމާރިތިކާގެ ކަށީގައި ހިފައިފައިވާ ކަމެކެވެ. މިކަމަށް އަނދުން އެޅުވުމަށް ބޭނުންކުރަނީ އ.ބ. އެވެ. މިވަރުން ނުފުދިގެން އެމާތޫރުގެ ރޭވުމުން ޓޯނޭ ކިޔާ އިތުރު ބައިގަނޑެއް އުފައްދައި އ.ބ.ގެ ރުހުމެއް ނެތި އެތައްބަޔެއްގެ ގެދޮރަށް ވަދެ ހަންފަތުރާ އެތައް ބަޔެއްގެ ފުރާނަ ދުއްވާލާފައިވެއެވެ. މައްސަލައެއް ނެތްތާއެވެ. ބާރުގަދަ އެންމެން އެކަމާ އެއްޗެއް ނުބުނެއެވެ. އެހެނީ އެމާރިތިކާ އެކަން ކުރަނީ ދިމާކުރާތީ ގެންނަ ނިޒާމް ޤާއިމް ކުރުމަށެވެ.

މިގޮތުން އެމާރިތިކާ އާއި އޭނާގެ ބައިވެރިން ވަނީ މެދު އިރުމަތީގައި އުޅޭ ނުފޫޒު ގަދަ މީހެއް ކަމަށްވާ ދައްސާމް ދިރިއުޅޭ އަވަށަށް ވަދެ އެތައް ބަޔަކު މަރައި، މުޅި އަވަށް ސުންނާފަތިކޮށް ދައްސާމް ހިފައި ހައްޔަރުކޮށް، ދަންޖައްސައި މަރާފައެވެ. ދިމާކުރާތީ ނިޒާމް ޤާއިމް ކުރުމަށާއި، އެ އަވަށު މީހުންނަށް މިނިވަންކަން ހޯދައިދިނުމަށޯލައެވެ. ދައްސާމު މަރާ އެމާރިތިކާ ބޭނުންވާ ބަޔަކު ވެރިކަމަށް ގެނައުމަށްފަހު މޮޅު ހުވަފެން ދައްކާފައި އެމާރިތިކާ އާއި އޭނާގެ އައުވާނުން ދިޔައީއެވެ. ތަނަށް ހަންފަތުރަން ފެށީ ސައިޒިސް ކިޔާ ރަހުމު ކުޑަ ބައިގަނޑެކެވެ. ދައްސާމު އަވަށުގެ މީހުންނަށް އަދިއަދާ ޖެހެންދެންވެސް ހަމަނޭވާލާނޭ ފުރުސަތެއް ނުލިބެއެވެ. އެމާރިތިކާ ގެނެސްދިން ދިމާކުރާތީ ފެންނަ ނިޒާމްގެ ފޮނިމީރުކަމާއި ފުރިހަމަ މިނިވަންކަން ލިބުނުލެއް ބޮޑުކަމުން ދިރިއުޅެން ޖެހިފައިވަނީ ނުލާހިކު ނިކަމެތި ހާލުގައި މާދަމާވެސް ދިރި ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތިއެވެ.

ދެން އެމާރިތިކާގެ ނިންމުންތަކަށް ފާޅުގައި ގޮންޖަހަމުން އައީ އެފްރިކާގެ އަވަށެއްގައި ދިރިއުޅޭ ހައްފާޒީ ކިޔާ ނުފޫޒު ގަދަ މީހެކެވެ. މީނާއަށްވެސް އެމާރިތިކާ އާއި އޭނާގެ ބައިގަނޑު ޖެއްސީ ހަމަ މިހާލެވެ. ހައްފާޒީ އުޅޭ އަވަށުގެ މީހުންނަށް ހައްފާޒީގެ ނުބައިކަން ބުނެދީ އެމީހުންގެ މިނިވަންކަން ނެތްކަން ވިސްނައިދީ ހައްފާޒީއާ ދެކޮޅަށް އަވަށު މީހުން ނެރުވާ ފުރުސަތުގެ ބޭނުން ހިފައި އެތަނަށް ވަދެ ހައްފާޒީވެސް މަރާލީއެވެ. އާޚިރުގައި އެ އަވަށު މީހުނަށްވެސް ޖެހުނީ ހަމަ ދައްސާމު އަވަށު މީހުނަށްވެސް ޖެހުނު ހާލެވެ. އެމީހުން އެމީހުނާ ތަޅާފޮޅުމުގައި މުޅި އަވަށް ނާމާންވެދިޔައީއެވެ. އެމާރިތިކާ ވިސްނައިދޭ ގޮތުންނަމަ މިނިވަންކަން ލިބި ދިމާކުރާތީ ފެންނަ ނިޒާމު ޤާއިމުވީއެވެ.

ދެން އޮތީ އަނެއްކާވެސް ބަސްނާހާ ކުއްޖަކު އިސްލާހުކުރުމެވެ. މިފަހަރު ލައްވާލީ ޝައްބާރު އާއި އޭނާގެ އަވަށު މީހުންނެވެ. އެމާރިތިކާ މިފަހަރުވެސް އަތުރާލީ ހަމަ އެއް ކުޅިބަޔެކެވެ. ދައްސާމު އާއި ހައްފާޒީއާ ދެކޮޅަށް އަތުރާލި ކުޅިބަޔެވެ. ބޭނުން ކުރީ ހަމަ އެ އުކުޅުތަކެވެ. އޭގެ އިތުރުން ސައިޒިސްއޭ ކިޔުނު ބައިގަނޑު ޝައްބާރުގެ އަވަށަށް ވައްދައި ޝައްބާރުގެ އެއްވެސް ރުހުމެއްނެތި އެމާރިތިކާ ޝައްބާރުގެ އަވަށަށް ވަދެ އެތަނުގެ ތެޔޮވަޅުތައް ޚިސޯރު ކުރިއެވެ. ޝައްބާރުގެ ނުބައިކަމުން އަވަށުމީހުން ސަލާމަތް ކުރުމުގެ ނަމުގައާއި ސައިޒިސް ނައްތާލުމުގެ ނަމުގައެވެ.

މިގޮތުން ޝައްބާރުގެ އަވަށުގެ އެކި ހިސާބުގަނޑަށް ބޮން އަޅާ ސުންނާފަތި ކުރަމުން ސައިޒިސްގެ ހަނގުރާމަވެރިން ލައްވާ އެ ހިސާބު ހިފާ ސުންނާފަތިކުރަމުން ޝައްބާރު ދިރިއުޅޭ ސަރަހައްދަށް އަރަން ވަރަށް ކުޑަތަން ވެފައި ވަނިކޮށް ޝައްބާރު ރަޝާދު އަށް ގުޅާ އެހީއަށް އެދުނެވެ. ރަޝާދަކީ އެމާރިތިކާ ފަދައިން ބާރުގަދަ ފަހުލަވާނެކެވެ. ނުފޫޒު ގަދަ މީހެކެވެ. އެމާރިތިކާއާ ޖަދަލުކޮށްލެވޭ ފަދަ ބާރުގަދަ ހަތިޔާރު ހުރި މީހެކެވެ. މި ހިސާބުން އެމާރިތިކާގެ ރޭވުންތައް އެފުށްމިފުށަށްޖެހި ޝައްބާރު އަތުން ބީވެދިޔަ ހިސާބުތައް ރަޝާދުގެ މަދަދާ އެކު ހިފާ ސައިޒިސްގެ ބާރު ކަނޑުވާލިއެވެ. މިއީ އެމާރިތިކާ ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ގޮތް ދޫނުކޮށް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާ އެކު ޝައްބާރުގެ އަވަށުގެ ހިސާބެއްގައި ފައިވިއްދާލާފައި ތިބީއެވެ. ނަމަވެސް މި ހިސާބުން ރަޝާދާ ދޭތެރޭ ހަސަދަވެރިވިއެވެ. އެމާރިތިކާ އަށް އޮތް ނުރައްކަލެއް ކަމުގައި ދެކުނެވެ. ކަމުގެ ނުރައްކާތެރިކަން ދެނެގަތެވެ. އެމާރިތިކާގެ ބާރު ކެނޑިދާނެތީ ކަންބޮޑުވިއެވެ. ރަޝާދުގެ ބާރު ކަނޑުވާލާނޭ ގޮތްތައް ވިސްނަން ފެށިއެވެ. ފާޅުގައި ރަޝާދާ ދެކޮޅަށް ހަނގުރާމަ ކުރަން ނުކެރުނު ކަމުގައި ވިޔަސް އެކި ގޮތްގޮތުން ރަޝާދާ ދިމާކުރަން ފެށިއެވެ. ވަރަށް ހީލަތްތެރިކަމާ އެކުއެވެ. ދަނޑިވަޅު ބަލާ ރަޝާދާ ވަރަށް ޚިޔާލުތަފާތު މީހެއް ކަމަށްވާ ހާވަންދީ އާއި އޭނާ އަށް ތާއީދުކުރާ މީހުންގެ ބޮލަށް ސަވާރުވެ ދިމާކުރާތީ ނިޒާމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ރަޝާދާ ދެކޮޅަށް ނެރުވިއެވެ. ނަމަވެސް މިފަހަރުވެސް އެމާރިތިކާ ހީކުރި ގޮތަށް ކަންތައްތަކެއް ނުދިޔައެވެ. ރަޝާދުގެ ވިސްނުން ތޫނުވެ އެމާރިތިކާގެ ރޭވުންތައް ފަނުފުލުން ދުއްވާލިއެވެ.

މި ހިސާބުން އެމާރިތިކާ ދިމާކުރީ ރަޝާދުގެ އަވައްޓެރިއެއް ކަމުގައިވާ ޒުކުރެންއާއެވެ. އެމާރިތިކާ އާއި އޭނާގެ ބައިގަނޑު ޓޯނޭ ގުރޫޕަށް ވައްދާ ވަރުގަދަ ހަތިޔާރާއި އަތްމަތި ތަނަވަސްކުރުވަން ޓޯނޭ ތެރެއިން އިތުރު ފައިސާ ހޯދައިދީ ޒުކުތެންގެ ދިފާއުގައި ތިބޭނޭ ކަމުގެ ހުވަފެން ދެއްކިއެވެ. ފިސާރި ރަނގަޅަށް އެމާރިތިކާގެ ކެހިވެރި މަޅީގައި ޒުކުރެން ޖެއްސިއެވެ. އަދި ޒުކުރެންގެ ނިވާފަތްގަނޑުގައި ހުރެ ރަޝާދާ ތޮޅެންފެށިއެވެ. މި ހިސާބުން ރަޝާދަށް މީގެ ނުރައްކާ އިހުސާސުވެ އޭނާގެ އަވަށާއި އަވަށު މީހުންގެ ރައްކަލަށްޓަކައި އެމާރިތިކާ އާއި ޓޯނޭ އަށް ހުށައެޅުމެއް ހުށައެޅިއެވެ. ހުށައެޅީ ރަޝާދާއި އޭނާގެ އަވަށު މީހުންގެ ރައްކަލަކަށް ޒުކުރެން ޓޯނޭއާ ނުގުޅުވުމަށާއި އެމާރިތިކާގެ ހަތިޔާރު ޒުކުރެން އުޅޭ އަވަށުގައި ނުބެހެއްޓުމަށެވެ. މި ހިސާބުން އެމާރިތިކާ އާއި ޓޯނޭގެ ވަރަ ފުއްޕާ، ގޮތްދޫނުކުރުމާއި ކިބުރުވެރިކަމާއި ބޮޑާވެރިކަން އިސްކޮށް ރަޝާދާ ދެކޮޅަށް ގަދަބަސް ބުނަން ފެށިއެވެ. ޒުކުރެން އަށް ބިރުނުގަތުމަށާއި ޒުކުރެންގެ ދިފާޢުގައި އެމާރިތިކާއާއި ޓޯނޭ ތިބިކަމުގެ ޔަޤީންކަން ދެމުން ރަޝާދާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދެމުންދިޔައެވެ. މި މީހުންގެ މަޅީގައި ފިސާރި ރަނގަޅަށް ޒުކުރެން ޖައްސައި ފިއްތާލިއެވެ.

ރަޝާދަށް އެމާރިތިކާގެ މަކަރުވެރި ރޭވުން ވިސްނި އިންޒާރުގެ ބަސްތައް ޒުކުރެން އަށް ދެމުންދިޔައެވެ. އަދި ރަޝާދުގެ ބާރުގަދަ ފަހުލަވާނުން ޒުކުރެން ދިރިއުޅޭ އަވަށު ބޭރަށް ޖަމާކުރަމުން ދިޔައެވެ. އެމާރިތިކާ އާއި އޭނާގެ އައުވާނުންނާއި ރަޝާދާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވި އިންޒާރުގެ ބަސްތައް ރައްދު ކުރެވެމުން ގޮސް ރަޝާދުގެ ކެތްތެރިކަން ކޮޅުންލާ އެމާރިތިކާ އާއި އޭނާގެ އައުވާނުންގެ ރޭވުން އެނގި ޒުކުރެން ދިރިއުޅޭ އަވަށަށް ހަތިޔާރާއެކު އަރާ ހަމަލާދިނެވެ. މި ހިސާބުން އެމާރިތިކާ އާއި އޭނާގެ ބައިގަނޑު ބޭނުންވި ފުރަތަމަ ހަރުފަތް ހުރަސްކުރެވުނީއެވެ. ފުރުސަތުގެ ބޭނުން ހިފައި އ.ބގެ ނިންމުމެއް ނެތި ޒުކުރެންގެ ރުހުންނެތި އޭނާގެ އަވަށަށް ރަޝާދު ދުނިޔޭގެ ޤާނޫނުތަކަށް ގޮންޖަހާފައި އަރާ އެތައް ކުށެއްނެތް ބަޔަކު މަރަމުންދާ ކަމަށާއި ރަޝާދަކީ ދުނިޔެއަށް އަދި އިންސާނުންނަށް ހުރި ނުރައްކަލެއް ކަމަށް ބުނެދޭންފެށިއެވެ. ދިމާކުރާތީ ފެންނަ ނިޒާމަށް ހުރި ފާޅުކަން ބޮޑު ނުރައްކަލެއް ކަމަށް ބުނެދޭންފެށިއެވެ. މިކަމުގައި އެމާރިތިކާގެ ބައިވެރިން ތިބީ އެކީ އެކައްޗަކަށް ފޫގަޅައި އެކައްޗެއް ކިޔާލަކިޔާލައެވެ. އެ އެންމެން އެކުވެ ރަޝާދު އަށް ބަހުގެ ހަމަލާތައް ރައްދުކުރަން ފެށިއެވެ. ރަޝާދު އާއި އޭނާގެ އަވަށު މީހުން އެކަހެރިކޮށް އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަންފެށިއެވެ. ރަޝާދުގެ އަނިޔާވެރިކަމާއި އިންސާނިއްޔަތާ ޚިލާފު އަމަކުތަކާއި އެތައްބަޔަކު ރަހުމެއްނެތި މަރަމުންދާކަން ހާމަކުރަންފެށިއެވެ. ދުނިޔޭގެ ކުރިމަތީގައި ރަޝާދުވަރުގެ ނުބައި ނުލަފާ ރަހުމު ކުޑަ މީހަކު ނެތްކަން ހާމަކުރަންފެށިއެވެ. ހިތާމަ އަކީ އެންމެ ފަހު ވަޤުތު ނިކަމެތި ޒުކުރެން އާއި އޭނާގެ އަވަށު މީހުނަށް ޖެހުނީ ރަޝާދުގެ ބިޔަ ބޮޑު ލަޝްކަރާ އެކަނިމާއެކަނި ކުރިމަތިލާށެވެ. އެމާރިތިކާ އާއި އޭނާގެ ބައިގަނޑުގެ އެއްބާރުލުމާއި ތާއީދު ޒުކުރެންއާ އެކު ވާކަން ހާމަކޮށް އެމީހުންގެ ޚަބަރުތައް ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ބޮޑެތި ބަޔާންތައް ނެރުން ފިޔަވައި ޒުކުރެން އަށް އެއްވެސް އެހީއެއްނުވިއެވެ.

އެމާރިތިކާ ދޮގު ހަދާ އޮޅުވާލާ ދައްސާމު އަތުގައި ނުރައްކާތެރި ވިހަ ހަތިޔާރު ހުރިކަމަށް ދުނިޔޭގެ އެންމެނަށް ހާމަކޮށް ދައްސާމުގެ ރަށަށް އަރާ އަވަށުގެ 500،000 އާއްމު ރައްޔިތުން މަރާ، މުޅި އަވަށް ސުންނާފަތިކޮށް، އަވަށުގެ މުއްސަނދި ތަރިކަ ފޭރި، ދައްސާމު ދަންޖައްސާ މަރައި، މުޅި އަވަށް ނުރައްކާތެރި ކުށްވެރިން ގިނަ ތަނަކަށް ހަދާ، ދިރިއުޅެން ހެޔޮނުވާވަރު އުނދަގޫ ތަނަކަށް ބަދަލު ކޮށްލައި، އ.ބ މެދުވެރިކޮށް ޤަރާރެއް ހަދާ އޭގެ ނާޖާއިޒު ފައިދާ ނަގާ ހައްފާޒީއާ ދިމާކޮށް ބޮންއަޅާ އެތައް ފުރާނައެއް ދުއްވާލާ، މުޅިތަން ސުންނާފަތިކޮށް ހައްފާޒީ ހިފާ މަރާލައި އެ މުއްސަނދި އަވަށް ދެކޮޅުވެރި ކަމާއި އަރާރުމާއި ތަޅާފޮޅުމުގެ ހާއްޔަކަށް ބަދަލުކޮށްލާ، އ.ބގެ ނުވަތަ ޝައްބާރުގެ އެއްވެސް ދަޢުވަތެއް ނެތި ޝައްބާރުގެ އަވަށަށް އަރާ ސައިޒިސް ފަދަ ރަހުމް ކުޑަ ޖަމާއަތްތަކާއި ނުސީދާކޮށް ގުޅި ޝައްބާރުގެ އަވަށުގެ އެތައްއެތައް ފުރާނައެއް ދުއްވާލި ދުއްވާލުން ހަމަ އެއްވެސް ކަމަކަށް ނުވި ފަދައެވެ.

މިއީ އެންމެންގެ ލޯތައް ކުރިމަތީގައި އެމާރިތިކާ ހިންގާފައިވާ މުޑުދާރު ރަހުމް ކުޑަ އަމަކުތަކެވެ. ނަމަވެސް ދުނިޔޭގެ ގިނަ މީހުން ތިބީ އެމާރިތިކާ ދެކެ ގަންނަ ބިރުން ހަމަ ޗުއްޕުވެސް ބުނަން ނުކެރިފައެވެ.

ކަންމިހެން ހުރި އިރު ތިމާގެ ބުރަކަށީގައި އެތައް ގުދެއް އޮތް އިރު ރަޝާދުއާ ދިމާލަށް ގުދޯގުދޯ ގޮވަމުން އެމާރިތިކާ އާއި އޭނާގެ ބައިގަނޑު ދުވަން ހަމަ ލަދުގެ ކަންފުޅެއްވެސް ނެތީ ބާއެވެ؟ އަދިވެސް ދަޢުވާ ކުރަނީ އޭނާ ވަރުގެ އިންސާފަށް ލޯބިކުރާ، ދިމާކުރާތީ ފެންނަ އެ ނިޒާމަށް އިހުތިރާމްކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްޤުތައް ރައްކައުތެރިކޮށްދޭ މީހަކު ނެތްކަމަށެވެ.

މިފަހަރު މިއޮތީ ރަޝާދު ގޯސްވެފައެވެ. އޭނާ ވަރުގެ ނުބައި ނުލަފާ މީހަކު ނެތިފައެވެ. ރަހުމު ކުޑަ މީހަކު ނެތިފައެވެ. އޭނާ ވަރުގެ އަދުލު އިންސާފާއި ޤާނޫނުތަކާއި މުއާހަދާތަކަށް ކިޔަމަން ނުވާ މީހަކު ނެތިފައެވެ. ނަމަވެސް ކަން ވަރަށް ސާފެވެ. މައްސަލައަކީ އެމާރިތިކާގެ ބާރާއި ނުފޫޒު ކެނޑިގެން ހިނގައިދާނޭ ކަމުގެ ބިރު އޭނާ އަށް ބޮޑުވުމެވެ.

ކަންވާނީވެސް އެހެންތާއެވެ. ދެން ތިބީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔެކެވެ. ކޮންމެ ގޮތެއް ވަރިހަމަވެފައި ތިބި ބަޔެކެވެ. އެމީހުންނަށް ބޭނުންވާ މުހުތާދުތައް ހަމަޖެހި ބާރުވެރިކޮށް ތިބެވެންޏާ އެ ނިމުނީއެވެ.

 

 

މިފަހަރު މިއޮތީ ގަދަ ހިފުމެކެވެ. ވާގޮތެއް އެނގިދާނެ ތާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
621
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *