Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް

މަތީގައި އެ ފެންނަނީ 20 ވަނަ ގަރުނުގެ ކުރީކޮޅުގެ ފޯޓެއެކެވެ. ގާތްގަނޑަކަށް 1915 ހިސާބު ނެގިފައިވާ ފޮޓޯއެކެވެ. ބުނެވޭ ގޮތުގައި، މި ފޮޓޯގައި އެވަނީ ޔޫރަޕުންގެ އިސްތިއުމާރީ ބާރުގެ ދަށުގައި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާ އޮތް އިރު، ގާނާގައި ތިބި ޔޫރަޕުގެ އިސްތިއުމާރީ ތިން އޮފިސަރަކާއި އެމީހުން އިން ގާނާގެ އަންހެނުންނެވެ.

އާންމު ގޮތެއްގައި އެ ދުވަސްވަރު، މިފަދަ މުސްތައިމުރުންގެ އޮފިސަރުން ތަނުގެ އަހުލުވެރިންނާ ކައިވެނީގެ ގޮތުން ގުޅެނީ ލޯބީގެ މައްޗަށް ބިނާވެ އުފެދޭ ގުޅުމަކުން ނޫނެވެ. ނަމަވެސް، އެ ފަދަ ގުޅުންތައް ވެސް ވަރަށް ގިނަ ފަހަރު ގުޅެނީ އިސްތިއުމާރީ ބާރު، ސީދާ ގޮތެއްގައި، ނުވަތަ ނުސީދާ ގޮތެއްގައި، ދެމެހެއްޓުމާއެވެ. މިފަދަ ގުޅުންތަކުން ލިބޭ ކުދިންނަށް ޚާއްސަ އިނާޔަތްތައް ދެވެއެވެ. އޭގެ ތެރޭގައި އެކުދިންނަށް ޔޫރަޕުގެ ޖާމިއާތަކުން ކިޔެވުމުގެ ފުރުސަތު ލިބެއެވެ. އަދި، ކިޔެވުން ނިންމާފައި އައުމުން، ސަރުކާރުގެ އިދާރީ ވަޒީފާތައް އެކުދިންނަށް ފަސޭހައިން ލިބޭ ގޮތް މެދުވެރި ވެއެވެ. މިފަދައިން އިނާޔާތްތަކާއި ފަސޭހަތައް، އެފަދަ ކުދިންނަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތުމުން، އިސްތިއުމާރީ ބާރުތަކަށް، އެ ބާރުތައް ބޭނުންވާ ގޮތަށް، މިފަދަ މީހުން ކޮންޓުރޯލުކުރެވޭ ގޮތް ވެއެވެ. އަދި، އިސްތިއުމާރީ ބާރުތަކުގެ ސިޔާސަތުތަކާއި ނުފޫޒު އެމީހުންގެ މައްޗަށާއި އެމީހުންގެ ގައުމުތަކަށް ފޯރުވޭ ގޮތް ވެއެވެ.

އާދެ، ތިމާމެންނަކީ އެހެން ބައެއްގެ ކިބައިން ފައިދާތަކެއް ލިބޭ ބަޔަކަށް ވެއްޖެ ނަމަ، ތިމާމެން ވެގެންދާނީ، އެފަދަ ބަޔަކަށް އިސްކަންދޭ، އެބައެއްގެ ޚިދުމަތުގައި ތިބޭ ބަޔަކަށެވެ. ޚާއްސަ ގޮތެއްގައި ތިމާމެންގެ މީހުންނަކީ، ތިމާމެންގެ ނަޒަރުގައި، ނުވިސްނޭ، ނުވަތަ އަމިއްލައަށް ވިސްނަން ނޭނގޭނޭ، 'ބަތަލުން’ގެ ފަހަތުން ދުވެ، އަމިއްލަ ސިކުނޑީގެ ތަރާދުން އެ އެއްޗެއް ކިރާލުމެއް ނެތި އެމީހެއްގެ ބަތަލު މީހާ ބުނާހާ އެއްޗެއް ގަބޫލުކުރާނޭ ބައެއް ކަމުގައި ދެކޭ ނަމައެވެ. މިފަދަ ކަންތައް ހުއްޓުވުމުގެ ގޮތުން، އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި ސިޔާސީ ޕާޓީތަކަށް ބޭރު ގައުމުތަކުންނާއި ބޭރު މީސްމީހުންގެ އެހީ ހޯދުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައެޅިފައި އޮވެއެވެ.