Support Us

ކޮލަމް މާޒީ: "އިންޑިއާ އައުޓް" ޙަރަކާތަކީ ޖިހާދެއްހެއްޔެވެ؟ އެކަމަކު ޖިހާދަކީ ނިރުބަވެރިކަމެއް ނޫނެވެ.

"މިނިވަންކަމުގެ ދިފާޢުގައި ދިވެހީން" މި ޝިޢާރާއެކު "އިންޑިއާއައުޓް" ޖަހައިގެން ދިވެހިރާއްޖޭގައި ހިންގާ ޙަރަކާތުގައި ޖިހާދަށް ގޮވައިލެވޭ ކަމަށް ވިދާޅުވެ، ޖިހާދަކީ، ނިރުބަވެރިކަން (ޓެރަރިޒަމް) ކަމަށް ދޭހަވާ ގޮތަށް ބާރުވެރި މަގާމެއްގައި ހުންނަވާ ބޭފުޅަކު، ނުވަތަ އެ ފަދަ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، ވާހަކަފުޅުދެއްކެވުމަކީ ދެރަ ކަމެކެވެ. "ދެރަވަރު ކަމެކެވެ." އެއީ ޣައިރުމުސްލިމުން ކުރާ ބާވަތުގެ ދަށު ދަރަޖައިގެ ހުތުރު ޢަމަލެކެވެ. ޖިހާދަކީ "މުޤައްދަސް ހަނގުރާމަ"އޭ އެއީ "ނިރުބަވެރިކަމޭ" ކިޔައި، ޖިހާދުގެ މާނަ އޮޅުވައިލަނީ ޣައިރު މުސްލިމުންގެ ތެރެއިން ބައެއް މީހުންނެވެ. އެއީ މުސްލިމަކު، އަދި ހަމަ ގަބޫލުކުރާ ޣައިރު މުސްލިމަކު ވެސް، ޖިހާދު މާނަކުރާނެ ގޮތެއް ނޫނެވެ. އިތުރު ތަފުސީލުތަކާއެކު މި ނުކުތާއަށް ތަންކޮޅެއް ފަހުން އެބަ ރުޖޫޢަވަމެވެ. ވިދާޅުވަމުން ކުރިއަށް ވަޑައިގަތުން އެދެމެވެ.

ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ލޯބިކުރާ މީހުން، މި ރާއްޖޭގެ އަމިއްލަ ވަންތަކަން ގެއްލޭ ގޮތަށް ބޭރު ޤައުމެއްގެ ސިފައިން މިތާނގައި ބައިތިއްބާން ދެކޮޅު ހަދައި، އިންޑިއާ ސިފައިން މި ތަނުން ބޭރުކުރާށޭ (India Out) ގޮވާން ފެށީމާ (ކޮންމެވެސް ސަބަބަކާ ހުރެ) އިންޑިއާގެ އަތްދަށުވެ ނަގޫ ފިތިފައި ތިބި ބަޔަކު، އެ ގޮވާ ގޮވުން ހުއްޓުވާން ކުރެވޭން ހުރި ހުރިހާ މަސައްކަތެއް އެބަ ކުރެއެވެ. އެ ގޮވާ އެއްޗަކާއި އެހެން ގޮވާ ސަބަބުގެ މައްޗަށް އެއްޗެކޭ ބުނާކަށް ވެސް ބޭނުމެއް ނުވެއެވެ. ކޮންމެ އަގެއް ދައްކައިގެން ވެސް ބޭނުންވާ ކަމަށް ފެންނަނީ އެހެން ގޮވިޔަ ނުދޭށެވެ. ދިވެހި ރައްޔިތުންގެ ޝުޢޫރާއި އިޙުސާސަށް އިޙުތިރާމްކުރުމެއްނެތި އިންޑިއާގެ ހިންދޫ ސަރުކާރުގެ މަސްލަހަތަށް އިސްކަން ދީގެންނެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅުކަން ރައްޔިތުން ހާމަކުރާން ފެށުމުން، އެންމެ ފުރަތަމަ ބުނަމުން ގެންދިޔައީ މި ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށެވެ. ދެން ކިޔާން ފެށީ ހަތިޔާރުއެޅި ސިފައިން ނެތްކަމަށެވެ. ނަމަވެސް އެކަން ދޮގު ނުކުރެވޭ ވަރަށް ތިލަވީމާ، ދެން ކިޔާން ފެށީ އިންޑިއާ ސިފައިން ތިބުމަކީ މައްސަލައެއް ނޫން ކަމަށެވެ. އިންޑިއާ އައުޓޭ ގޮވަނީ ހައެއްކަ "ބޮޑުންނޭ" ބުނެ ބޭރު މީޑިއާތަކަށް ބަސްދީގަތުން ވެސް ދީފައިވެއެވެ. މިހާރު ވަކާލާތުކުރަނީ އިންޑިއާ ސިފައިން މި ރާއްޖޭގައި ތިބޭން ޖެހޭނެ ކަމަށެވެ. އެއީ މަސްތުވާ ތަކެތީން ރާއްޖެ ސަލާމަތްކުރުމަށް ޓަކައި މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އިންޑިއާއަކީ މަސްތުވާތަކެތީން އެ ގައުމު ވެސް ސަލާމަތްކުރުމުގެ ޤާބިލުކަން ދެއްކިފައި ނުވާ ގައުމަކަށް ވާއިރު، އެހެން ގައުމަކަށް އެ ކަން ކޮށްދެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން އެނގި ތިބެ ވެސް މިއީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށް ޓަކައި ދައްކާ އަސާސެއް ނެތް ވާހަކަތަކެއްކަން އެންމެންނަށް ވެސް އެނގެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް ގޮވާގޮވުން އަޑުގަދަވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ޙަރަކާތް ފުޅާވާން ފެށުމުން، ދެން، މަސައްކަތް ފެށީ އެހެން ގޮވަނީ ކޮންމެވެސް ޖަރީމާއަކަށް އަރައިގެންފައިވާ މީހުން ކަމަށް މުޖުތަމަޢަށް ވިސްނައިދެވޭތޯއެވެ! ނަމަވެސް އެހެން ގޮވާ މީހުންގެ ތެރޭގައި ތިބީ މުޖުރިމުން ނޫންކަމާއި އެހެން ގޮވާ ގިނަ މީހުންނަކީ ހަމަ މަޢުޞޫމު މީހުންކަން ހާމަވާން ފެށުމުން ދެން ކިޔާން ފެށީ އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ސިޔާސީ ޙަރަކާތެއްގައި ދުވަހަކު ވެސް ނޫޅޭ، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި ދުވަހަކު ވެސް ނެތް ކިތަންމެ ބަޔަކު، އަދި ޚާއްޞަކޮށް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތް ބައެއް ބޭފުޅުން ވެސް، އެހެން ގޮވާކަން ޢާންމުންނަށް އެނގޭން ފެށުމުން ދެން މަސައްކަތް ފެށީ އެއީ ހަރުކަށި ފިކުރުގެ މީހުން ކުރާ ކަމެއް ކަމަށް ލޭބަލުކުރާށެވެ.

ހަރުކަށި ފިކުރަކީ ތަފާތު މީހުން ތަފާތު ގޮތްގޮތަށް މާނަކުރާ އެއްޗެކެވެ. އަޅުގަނޑު އެ އިޞްޠިލާޙު މާނަކުރަނީ އެއީ، މާތް ﷲ އާއި ކައު ރަސޫލާ ﷺ ގެނެސްދެއްވި އިސްލާމީ ޝަރީޢަތަށް ގޮންޖަހައި ޤުރުއާނަށް މަލާމާތްކުރާ ލާދީނީ މީހުން ކަމަށެވެ. އަނެއް ބަޔަކު މާނަކުރަނީ އެއީ އިސްލާމީ ޝަރީޢަތާ އެއް ގޮތަށް (ބަރާބަރަށް) އުޅޭ މީހުން ކަމަށެވެ. އަނެއް ބަޔަކު މާނަކުރަނީ އެއީ އިސްލާމް ދީނުގައި ޝަރުޢުކުރައްވައިފައި ނެތް ކަންކަން ދީނުގެ ނަމުގައި ކުރާ މީހުން ކަމަށެވެ. އަދި މި ނޫން ކިތަންމެ ގޮތްގޮތަކަށް "ހަރުކަށި ފިކުރު" މާނަކުރެއެވެ.

ނަމަވެސް "އިންޑިއާއައުޓް" މި ޝިޢާރު ބޭނުންކުރާ ގިނަ މީހުންނަކީ މިއިން އެއްވެސް ގިންތިއަކަށް ނުފެތޭ ހަމަ އާންމު ގޮތެއްގައި މުސްލިމުން އަދާކުރާ ފަރުޟުތައް އަދާކޮށްލައިގެން އުޅޭ އާދައިގެ މަޢުޞޫމު މީހުންކަން މީހުންނަށް ހާމަވާން ފެށުމުން ދެން ކިޔާން ފެށީ، އިންޑިއާ ކަނޑުގައި އޮވެ އެހެން ނުކިޔޭނެ ކަމަށެވެ. އެހެން ބުނި މީހަކު މާނަކޮށްދޭން ބޭނުންވީ އިންޑިއާ ކަނޑަކީ އިންޑިއާގެ މިލްކެއް ކަމަށެވެ. ނަމަވެސް ކާށިދޫ ކަނޑު ވެސް ކިޔަނީ އެ ކަނޑު ކާށިދޫގެ މިލްކަކަށް ވެގެން ނޫންކަމާއި އިންޑިއާ ކަނޑަކީ ވެސް ޖުޣުރާފީ ގޮތުން އެ ތަނަށް ކިޔަމުން އަންނަ ނަމެއްކަމާއި އެއީ ރާއްޖެއަށް ވަކި ނެތް ހައްގެއް އިންޑިއާއަށް ވެސް ލިބިފައިވާ ކަނޑެއް ނޫންކަން މީހުންނަށް އެނގިއްޖެކަން އެނގުނީމާ އެ ވާހަކަ ހުއްޓައިލައިފިއެވެ.

ދެން އިލްތިމާސްކުރެވުނީ ރާއްޖެއަށް ފިޔަޔާއި އަލުތްވާއި ގެންނަނީ އިންޑިއާއިން ކަމަށްވާތީ "އިންޑިއާ (މިލިޓަރީ) އައުޓް" ނުކިޔާށެވެ. ނަމަވެސް އަލުތްވާއި ކުނި ފިޔާ ރާއްޖެއަށް އިންޑިއާއިން ގެނައި ކަމަށް ވިޔަސް އެ ގެންނަނީ ހިލޭ ނޫންކަމާއި އަގު ދީފައިކަން މީހުންނަށް އެނގޭކަން ހާމަވީމާ….

އާދޭހެވެ! މުދާ އިމްޕޯޓްކުރާ ގައުމުގައި މުދާ އެކްސްޕޯޓްކުރާ ގައުމުގެ ސިފައިން ތިބުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަން ހިނގާ ގޮތެއް ނޫނެވެ. ދިވެހިރާއްޖެއަށް އިންޑިއާއިން ބައެއް މުދާ އެތެރެކުރިކަމުގައި ވިޔަސް ދިވެހިރާއްޖެއަށް ޔޫއޭއީއިންނާއި ޗައިނާއާއި ސިންގަޕޫރުން އެތެރެކުރާ މުދާ މާ ގިނައެވެ. އެކަމަކު މިއިން ގައުމެއްގެ ސިފައިން މި ރާއްޖޭގައި ބައިތިއްބާކަށް މި މީހުން ވަކާލާތެއް ނުކުރެއެވެ. އެއިން ޤައުމަކުން އެ ކަމަށް ނުވެސް އެދެއެވެ. އަދި އެމެރިކާއަށް އެންމެ ގިނަ މުދާ އެތެރެކުރާ ގައުމަކީ ޗައިނާ ކަމަށް ވިޔަސް އެމެރިކާގައި ސިފައިން ބާއިތިއްބާކަށް ޗައިނާއަކުން ޚިޔާލެއް ވެސް ނުކުރެއެވެ. އަދި މިއަދު ވެސް އިންޑިއާއަށް އެންމެ ގިނަ މުދާ އެތެރެކުރަނީ ޗައިނާއިންނެވެ. ނަމަވެސް އެ ކަމުގެ ބަހަނާގައި ޗައިނާ ސިފައިން އިންޑިއާގައި ތިބޭކަށް އިންޑިއާއަކުން ހުއްދައެއް ވެސް ނުދޭނެއެވެ. އެހެންވީމާ މިއީ ވެސް ތާކުންތާކު ނުޖެހޭ ދޯހަޅި ވާހަކަތަކެއްކަން ވަރަށް ސާފެވެ.

ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ގޮވާ ގޮވުމެއް ކަމަށް ދެކިގެން "އިންޑިއާއައުޓް" ގޮވުމަކީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ގޮވާގޮވުމެއް ކަމަށް މާނަކޮށް އެ ގޮވުން ހުއްޓުވާން އުޅޭ މީހުން، އިންޑިއާގެ ރައްޔިތުންގެ މެދުގައްޔާއި ދިވެހި މުޖުތަމަޢުގައި ބިރުވެރިކަން އުފައްދާން ވެސް މަސައްކަތް ފެށްޓެވެ. ވެރިކަންކުރާ މައި ޕާޓީއަށް ނިސްބަތްވާ މީހަކު ލައްވައި ރާއްޖޭގެ ރަށެއްގެ އިސްކޫލުގެ ބޭރު ފާރުގައި "އިންޑިއާއައުޓް" ލިޔުއްވައިގެން މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ފެތުރިއެވެ. އަދި އިންޑިއާ ޓީޗަރުންނާއި މުދައްރިސުން ރާއްޖެ ދޫކޮށް ދާން އުޅޭ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދޭތޯ ވެސް ބަޔަކު މަސައްކަތްކުރިއެވެ. ނަމަވެސް ރަށްރަށުގައި އުޅޭ ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި އިންޑިއާގެ އެހެން ރައްޔިތުންނަށް އެކަމުން ނޭދެވޭ އެއްވެސް އަސަރެއް ނުފޯރާކަން ހާމަވެ، އަދި އިންޑިއާގެ ރައްޔިތުންނާއި ދިވެހީންނާ ދެމެދު މިހާރު ވެސް އޮންނަނީ ސަގާފީ އެކުވެރި ގުޅުމެއްކަން އެނގި، މި "ކަންތައްގަނޑު" ފަޅައި އެރުމުން އެ ވާހަކަ މައިތިރިވިއެވެ.

ދެން ކިޔާން ފެށީ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހަކުން ދެ ބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށް ވާތީ، "އިންޑިއާ އައުޓް" ކިޔައިގެން ނުވާނެ ކަމަށެވެ. މި ވާހަކަ ވެސް ވައިގައެއް ނުހިފިއެވެ. އެހެނީ ކުރީން ވެސް ދެންނެވި ފަދައިން ރާއްޖެއަށް ބިސް ގެންނަނީ ގަނެގެން ކަމަށް ވެފައި މުދާ އެކްސްޕޯޓްކުރާ ގައުމުގެ ސިފައިން، އެ މުދަލެއް އެތެރެކުރާ ގައުމުގައި ތިބޭންޖެހޭ ކަމަށް ހަމަވިސްނުން ހުރި މީހަކު ގަބޫލެއް ނުކުރާނެއެވެ.

ދެން އިވުނީ ވެސް ވަރަށް މަޖާ ވާހަކައެކެވެ. "އިންޑިއާއައުޓް" ކިޔުން ނުހުއްޓައިފިއްޔާ ރައީސް ޔާމީނަށް ދައުލަތުން އަރުވާ ޢިނާޔަތްތައް ހުއްޓުވާންޖެހިދާނެކަމުގެ އިންޒާރެވެ. މި ޚަބަރުގެ ސުރުޚީ ފެނުމުން އަޅުގަނޑު ނުހޭން ހުއްޓައި ވެސް ހެވުނެވެ. އިންޑިއާއައުޓް ގޮވާގޮވުން ގޮވަނީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ބަޔަކަށް ހީވުމަކީ ކިހާ ބޮޑު ހަލީސާއެއްތޯއެވެ؟ ރައީސް ޔާމީން ވިދާޅުވިޔަސް ނުވިޔަސް ޤައުމު ދެކެ ލޯބިވާ މީހުން ލޯބިވާނެއެވެ. އެ ބަޔެއްގެ ޚިޔާލު ފާޅުކުރާނެއެވެ. އެ ޢިނާޔަތް ވެސް ކަނޑައިލެވިދާނެއެވެ. ޖަލަށް ވެސް ލެވިދާނެއެވެ. އަނިޔާ ވެސް ކުރެވިދާނެއެވެ. ނަމަވެސް އެހެން ގޮވާ މީހުން އެހެން ގޮވާނެއެވެ. އިންޑިއާ ސިފައިން މި ގައުމުން ބާލަންދެން، ނުވަތަ އެހެން ގޮވާ މީހުންގެ ފުރާނަ ދަންދެން އެހެން ގޮވާނެކަމަށް އެ މީހުން ބުނެއެވެ. މި ވާހަކަ ފަތުރައިގެން މި ގޮވުން ނުހުއްޓުވޭނެކަން އެނގުމުން އެ ފަދަ އެހެން ވާހަކަތަކެކޭ އެއް ފަދައިން އެ ވާހަކަ ވެސް ފަނޑުވެއްޖެއެވެ.

އަދި އެންމެ ބާރަށް ދައްކާ އެއް ވާހަކައަކީ "އިންޑިއާއައުޓް" ޙަރަކާތަކީ "ޤައުމީ ސަލާމަތަށް" ހުރި ނުރައްކަލެއް ކަމަށް "ސަލާމަތީ" ބާރުތަކުގެ މީހުންލައްވައި ކިޔުއްވާން ފެށި ފެށުމެވެ. އެންމެ ގިނައިން ދައްކަނީ އެ ވާހަކައެވެ. އެއީ އެ ޙަރަކާތް ހުއްޓުވާން ވެގެން ފާސްކުރާން އުޅޭ ގާނޫނު ފާސްކުރާން ދައްކާ ބަހަނާއެއް ކަމަށް ބެލެވެއެވެ. ނަމަވެސް "ސިއްރު އެއްބަސްވުންތައް" ހާމަކުރުމާއި ބަޔަކަށް ފެންނަ ޚިޔާލެއް ފާޅުކުރުމުން ގައުމަށް، ގައުމީ ސަލާމަތަށް، އޮތް ނުރައްކަލެއް ބުނެއެއް ނުދެވެއެވެ. ހަގީގަތުގައި ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ގެއްލުން ހުރީ، ޤައުމީ މަޞްލަޙަތަށް ނުރައްކަލީ، ބޭރުގެ އަސްކަރީ ބާރެއް މި ފަސްގަނޑުގައި ފައިހަރުކޮށްގެން ތިބީތީއެވެ. ބޭރު ގައުމެއްގެ ޖާސޫސީ އެޖެންޓުން ޑިޕްލޮމެޓިކް އިމްތިޔާޒުތަކާއެކު، ރާއްޖޭގެ ގާނޫނު ނުހިނގާ ގޮތަށް ރާއްޖޭގައި ތިބުމަކީ އިންތިހާ ދަރަޖައަށް ނުރައްކާތެރިކަމެކެވެ. ރާއްޖޭގެ ހުރިހާ ސިއްރެއް ހިލޭ ސާބަހަށް އިންޑިއާއަށް ދީގެން ހެވިފައި ތިބޭ ތިބުމަކީ ދިވެހި ޤައުމަށް، ޤައުމީ މަޞްލަޙަތަށް، އޮތް އެންމެ ބޮޑު ނުރައްކަލެވެ.

ދެން ކިޔާން ފެށީ، "އިންޑިއާ އައުޓް" ގޮވުން ނުހުއްޓަންޏާ ރާއްޖެއަށް އެހީ ލިބުމަށް ހުރަސްއެޅޭނެ ވާހަކައެވެ. ނަމަވެސް ހުސް ހިތަކައިގެން ހެޔޮ ވިސްނުމުން ވިސްނައިފި ނަމަ، އެހީ ނުލިބެންޏާ ނުލިބޭނީ، އިންޑިއާ ސަރުކާރުގެ ގޮނޑިކޮއްކޮއަކަށް ވެގެން އުޅޭތީކަން އެނގޭނެއެވެ. އިންޑިއާއަކީ ބަޔަކަށް އެހީވެވޭ ފަދަ ޙާލަތެއްގައި އޮތް ގައުމެއް ނޫނެވެ. އެއީ ކިތަންމެ ބިން ބޮޑަސް މީސް ގިނަޔަސް ހަމަ ދިވެހިރާއްޖެ ފަދައިން ތަރައްގީވަމުން އަންނަ ގައުމެކެވެ. ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ފޯރުކޮށެއް ނުދެވެއެވެ. އުނުއޮރިޔާން ނިވައިކޮށްނުލެވޭ ފަދަ މީހުންނާއި، ހިޔާވަހިކަމެއް ނެތި މަގުމަތީގައި ނިދާ މީހުންނަކީ އިންޑިއާގެ ބޮޑު އާބާދީއެކެވެ. ވީއިރު އެ ބަޔަކު ތަރައްގީނުވެ އެހެން ބަޔަކު ތަރައްގީވާން އެދޭނެ ކަމަށް ހީކުރުމަކީ ވެސް ކިހާ މޮޔަ ކަމެއްތޯއެވެ! އެ ގައުމުގެ ދަށުގައި އޮންނަ މަލިކު މީހުން އަދި ވެސް އެ އުޅެނީ މީގެ 50 އަހަރު ކުރީން ދިވެހީން އުޅުނު ހާލުގައެވެ. އަނެއްކޮޅުން ބަލާއިރު، އިންޑިއާ ސަރުކާރާއި، އަދި އިންޑިއާގައި ދިވެހި ސަފީރެއްގެ ނަމުގައި ހުންނަ އިންޑިއާ ސަރުކާރުގެ އެޖެންޓް ކިތަންމެ ދޮގެއް ހެދިޔަސް އިންޑިއާގެ މައި ބިމާއި ކަޝްމީރުގައި އެ ގައުމުގެ މުސްލިމު ރައްޔިތުންނަށް ދޭ އަނިޔާއާއި ޖައްސާ ދުއްތުރާތަކަކީ ދުނިޔެއަށް ވަންހަނާ ވެފައިވާ ކަމެއް ނޫނެވެ. ދިވެހި ސަރުކާރުން ތާއީދު ނުކުރިޔަސް އޯއައިސީން ވަނީ އިންޑިއާގެ ހަރުކަށި ހިންދޫ ބީޖޭޕީ ސަރުކާރާ ދެކޮޅަށް ދެ ޤަރާރެއް ވެސް ފާސްކޮށްފައެވެ. އެހެންވީ އިރު، މި ފަދަ ސަރުކާރަކުން މުސްލިމު ޤައުމަކަށް އެހީތެރިވާނެ ކަމަށް ގަބޫލުކުރުމަށް ވުރެ މޮޔަ ކަމެއް ކޮބައިތޯއެވެ! އެހެން ގައުމަކުން ކުޑަ ސޫދުކޮޅަކަށް ނަގާ ދަރަނި ބޮޑު ސޫދަކާއެކު ދިވެހިރާއްޖެއަށް ދަރަންޏަށް ދީ، ދިވެހީންގެ ދަރީންގެ ދަރީންގެ ބޮލުގައި ދަރަނި އަޅުވައި އިޤުތިސާދީ ގޮތުން ރާއްޖެ އިނދަޖައްސައިލުމަކީ އެހީކަމަށް ވާނަމަ އިންޑިއާއިން ކިތަންމެ ވަރަކަށް ވެސް އެހީތެރިވެ އެބަދެއެވެ. އިންޑިއާއިން އެތައް ދަރަންޏެއް ނަގައިގެން ތިން ހަތަރު ބުރިޖު އެޅޭހާ ފައިސާއިން އެންމެ ބުރިޖެއް އަޅާން ހަވާލުކުރާން ޖެހުނީ އިންޑިއާ ކުންފުންޏަކާއެވެ. ތަޖުރިބާއެއް ނެތް މި މީހުން އެތައް މަހެއް ހޭދަކުރީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބިނާކޮށްފައިވާ ގޮތް ދިރާސާކުރާށެވެ. އިންޑިއާއިން ދަރަންޏަށް ފައިސާ ނަގައިގެން އިންޑިއާ ކުންފުންޏަކަށް ދީގެން ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށް އެ ތާނގައި ތިބޭން ޖެހެނީ އިންޑިއާ ސިފައިންނެވެ. އުތުރު ތިލަފަޅުގައި ސިފައިންގެ މަރުކަޒެއް ހަދާން އިންޑިއާއިން ދަރަނި ނަގައިގެން އިންޑިއާ ކުންފުންޏެއް ލައްވައި އެ ތަން ހައްދުވައިގެން އެ ތާ ތިބޭން ޖެހެނީ އިންޑިއާ ސިފައިންނެވެ. ރާއްޖެއަށް ފުލުހުންގެ އިސްކޫލެއް އައްޑޫގައި ޢިމާރާތްކޮށްދީފައި އެ ތާނގައި ތިބޭންޖެހެނީ އިންޑިއާ ސިފައިންނެވެ. އެތާ ހިންގާންޖެހެނީ އިންޑިއާގެ ކޮންސިއުލޭޓެކެވެ. މި ހުރިހާ ދަރަންޏެއް ބޮލުގައި އަޅާންޖެހެނީ ދިވެހީންނެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނާއި ހޫރުދަރީންނާއި މިނިމިނީންނެވެ. ކިހާ މަތިވެރި އެހީތަކެއްތޯއެވެ! އެހީއަކަށް ދީފައި އޮންނަ ހެލިކޮޕްޓަރުތަކާއި މަތީންދާ ބޯޓެއްގައި ދިވެހި ސިފައިންނަށް އަތެއް ނުލެވެއެވެ. ސިފައިންގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ހެލިކޮޕްޓަރުތަކުގެ ފުރިހަމަ ކޮންޓްރޯލް ސިފައިންނަށް އޮތޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އިތުރުފުޅު (ރޯބުހުތާނު ދޮގު) ހެއްދެވިކަމުގައި ވިޔަސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އޭގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ އިންޑިއާއަށް އެކަންޏެވެ. ހެލިކޮޕްޓަރުތައް ދަންވަރު އުދުހިއުދުހިފައި އިންޑިއާގެ މަނަވަރުތަކުން ހަތިޔާރުތައް ގެސް ޖަމާކުރާންވީއެވެ. އެކަން އެ ގޮތަށް ކުރާ ކަމަށް އެކަން އެނގޭ މީހުން ބުނެފައި ވެސް އެބަހުއްޓެވެ. ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައި ތިބި މި މީހުން ގެންނަ އެއްޗެއް ގެންދާ އެއްޗެއް ބަލައިލުމުގެ ހުއްދަ ވެސް ދިވެއްސަކަށް ނޯވެއެވެ. މި ވަރުވީމާ އިންޑިއާ އައުޓޭ ކިޔާނެއެވެ. ގައުމާމެދު ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ހިތުގައި ލޯތްބެއް އޮތް ކޮންމެ މީހެކެވެ.

އެހެންވީމާ އެހީ ނުލިބެންޏާ ނުލިބޭނީ ދިވެހި ސަރުކާރުން ދިވެހި ގައުމު އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ އުނގަށް ވެއްޓިގަނެގެން އުޅޭތީއެވެ. އިންޑިއާއައުޓް ކިޔުމަކީ އިންޑިއާ ފިޔަވައި އެހެން ގައުމަކުން ކަންބޮޑުވާނޭ ކަމެއް ނޫނެވެ. އެހެން ގައުމުތަކުން އެ ކަމާ ކުރާނީ އުފަލެވެ. އެހެންވީމާ އިންޑިއާ އައުޓް ކިޔައިގެން، ބޭރު ގައުމުތަކުން ލިބޭ އެހީއަށް ހުރަސްއެޅޭނޭ އެއްވެސް ސަބަބެއް ނެތެވެ. އެއީ ވެސް ހަމަ ހޮޅި ވާހަކައެވެ.

މިހާރު…. އެންމެ ފަހުން މާ ނުރައްކާތެރި ކަމަކާ، "އިންޑިއާއައުޓް" ޝިޢާރާ ގުޅުވާން މަސައްކަތްކުރާ ތަން ފެނިއްޖެއެވެ. އިންޑިއާއައުޓް ޙަރަކާތުގެ ތެރޭގައި "ޖިހާދަށް" ގޮވާ ކަމަށާއި އެއީ ނިރުބަވެރިކަމަށް (ޓެރަރިޒަމަށް) އޮތް ބިރެއްކަމަށް ބުނެ، އެ ކަމާ ނިރުބަވެރިކަމާ ގުޅުވާން އެބަ މަސައްކަތްކުރެއެވެ. މިކަމާ ނިރުބަވެރިކަމާ ގުޅުވާން މަސައްކަތް ކުރަނީ ނިރުބަވެރިކަމަކީ މުޅި ދުނިޔެ ވެސް ދެކޮޅު ޙަރަކާތަކަށް ވާތީ، ދުނިޔޭގެ ނުރުހުން "އިންޑިއާ އައުޓް" ހަރަކާތަށް ހޯދޭތޯކަމަށް ބެލެވެއެވެ. ނަމަވެސް "އިންޑިއާއައުޓް" ޙަރަކާތަކީ ގައުމުގެ މިނިވަންކަމުގެ ދިފާޢުގައި އުފުލާ އަޑެކެވެ. ޞުލްޙަވެރިކަމާއެކު އުފުލާ އަޑެކެވެ. މި އަޑު އުފުލުމަކީ ޤައުމީ ނަޒަރަކުން ބަލާއިރު މިނިވަންކަމުގެ ޖިހާދެއްކަމަށް މާނަކުރެވުނަސް ޖިހާދާއި ނިރުބަވެރިކަމަކީ އުޑާއި ބިމާ ހައި ތަފާތު ބޮޑު އެ ޢަމަލެކެވެ.

އާންމު ގޮތެއްގައި ނިރުބަވެރިކަމަކީ (ޓެރަރިޒަމަކީ) "ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު"ކަމަށް ބަސްފޮތް ބުނެއެވެ. ނުވަތަ "އާދަޔާ ޚިލާފަށް އުފައްދާ ނުވަތަ ފަތުރާ ބިރުވެރިކަން" ކަމަށް ވެސް ބަސްފޮތުގައި އޮވެއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެއީ ވަކި މަގުޞަދެއް ހާޞިލުކުރުމަށް ޓަކައި ގާނޫނާ ޚިލާފު، ހަރުކަށި އަމަލުތައް ހިންގައި މަދަނީންނަށް ބިރުދެއްކުމުގެ ޢަމަލުތަކެކެވެ. މީގެ ތެރޭގައި ގިނަ ފަހަރަށް އަނިޔާވެރިކަން ވެސް އެކުލެވޭނެއެވެ.

ނިރުބަވެރިކަމުގެ މާނައަކީ އިސްވެ މި ދެންނެވީ ކަމަށް ވިޔަސް "އިންޑިއާއައުޓް" ގޮވާ މީހުން މި ފަދަ ކަމަކަށް ނުގޮވައެވެ. އެ ޙަރަކާތަކީ ޞުލްޙަވެރިކަމާއެކު ފާޅުކުރާ ޚިޔާލެކެވެ. ގާނޫނީ ގޮތުން ހުއްދަ ޢަމަލެކެވެ. ޤާނޫނުއަސާސީގެ 27ވަނަމާއްދާއާއި 28ވަނަމާއްދާއާއި 29ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައި ހައްގެކެވެ. މި ފަދަ ހައްގެއްގެ ބޭނުން ކުރީމާ، އެ ހައްގުގެ ބޭނުންކުރިޔަ ނުދޭން ނުވަތަ އެ ހައްގަށް ހުރަސްއަޅާން ކުރެވޭ މަސައްކަތަކީ އެއީ ޑިމޮކްރެސީއާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ޓަކައި ހިންގޭ ދަށު ދަރަޖައިގެ ޢަމަލެއްކަމުގައި ނޫނީ ހަމަގައިމުވެސް ހެޔޮ ވިސްނުމަކުން މާނައެއް ނުކުރެވޭނެއެވެ.

ދެން އޮތީ "ޖިހާދު"ގެ މާނައެވެ. ދިވެހިބަހުގައި ޖިހާދުގެ މާނައަކީ "ދީނާއި ޤައުމު ހިމާޔަތް ކުރުމަށް ޓަކައި ކުރާ ހަނގުރާމަ"އެވެ. މި މާނައަށް ބެލިކަމުގައި ވިޔަސް މިއީ އިސްވެ ކުރާ ކަމެއް ނޫނެވެ. އެއީ ދިފާޢީ ޢަމަލެކެވެ. އެ ބައެއްގެ ދީނާއި ޤައުމަށް ދުޝްމަނުންގެ ނުރައްކާ ކުރިމަތިވުމުން ދިފާއަށް ޓަކައި ކުރާ ޢަމަލެކެވެ. އެ ކަން ހުއްޓައިލައިފި ނަމަ، ނުވަތަ އަމާން ދީފިނަމަ، އެ ހިސާބުން އެ ކަން ނިމި ޞުލްޙަ ގާއިމުވީއެވެ. ވީމާ، މި މާނައަށް ބެލިއަސް މި ކަމުގައި ނިރުބަވެރިކަމުގެ ޢަމަލެއް ނުހިމެނެއެވެ. "ޖިހާދު" މި ލަފުޒަކީ ޢަރަބި އަޞްލުން އައިސް ދިވެހި ބަހަށް ވެސް އަދި އިނގިރޭސިބަހަށް ވެސް ވަދެފައިވާ ލަފުޒެކެވެ. އިނގިރޭސިބަހުން ޖިހާދުގެ މާނައަށް ބެލިއަސް އެއީ ނިރުބަވެރިކަމާ ގުޅުން ހުރި ލަފުޒެއް ނޫނެވެ. އެހެނީ އެވެރީން މާނަކުރާ ގޮތުގައި އެއީ އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް ކުރެވޭ (ދިފާޢީ) މަސައްކަތެކެވެ. ވެވޭ ޤުރުބާނީއެކެވެ.

މިހެން މި ކަން އޮތްކަމަށް ވިޔަސް "ޖިހާދު"ގެ މާނަ (ޢަރަބިބަހުގައި) މިއަށްވުރެ މާފުޅަލެވެ. އެންމެ ޢާންމު މާނައަކީ ގަދައަޅައި މަސައްކަތްކުރުމެވެ. ދަރީންނަށް ތަޢުލީމު ދިނުމަށް ޓަކައި ދިވެހި ބެލެނިވެރީން އެ ކުރަނީ ޖިހާދެކެވެ. ރިޒުޤު ހޯދުމަށް ޓަކައި މަސްވެރީން ކަނޑުމައްޗަށް ނުކުމެ އެ ކުރަނީ ޖިހާދެކެވެ. އަދި ތިމާގެ ނަފުސު ނުބައި ކަންތައްތަކުން ދުރުކުރުމަށް ގަދައަޅައިކުރެވޭ މަސައްކަތަކީ ވެސް ޖިހާދެކެވެ. ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ނުހަނު ފިއްތުންތަކާއެކު ނޫސްވެރީން ވެސް އެ ކުރަނީ ޖިހާދެކެވެ. އަދި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ހިނގައިދާނެ ކަމަށް ދެކޭ މީހުން، އެ ކަމުން ސަލާމަތްވުމަށްޓަކައި، ސަރުކާރުގެ ފިއްތުންތަކުގެ ކުރިމަތީގައި ޚިޔާލު ފާޅުކޮށް އަޅުވެތިކަމާ ދެކޮޅަށް އަޑު އުފުލައި، މި ފަސްގަނޑުގައި ބޭރުގެ އަސްކަރީ ބާރުތައް ނުބާއިތިއްބާށޭ، އިންޑިއާ ސިފައިން ބާލާށޭ ގޮވައި އިއްވުމަށް ޓަކައި ކެރިގެން އިޚުލާޞްތެރިކަމާއެކު ގޮވާ ގޮވުމަކީ ވެސް އޭގެ ޒާތުގައި ޖިހާދަކަށް ބެލިދާނެއެވެ. މިއިން ކޮންމެ ކަމަކީ ވެސް އިޚުލާޞްތެރި ނިޔަތަކާއެކު ﷲއަށް ޓަކައި ކުރެވޭ ޢަމަލެއް ނަމަ، އެ ޢަމަލަށް ހެޔޮ ޖަޒާ ވެސް ލިބޭނެ ޢަމަލެކެވެ. މި ނަޒަރުން ބަލާނަމަ، "އިންޑިއާ (މިލިޓަރީ) އައުޓް" ޙަރަކާތަކީ ޖިހާދެއްކަމަށް ވެސް މާނަކުރެވިދާނެއެވެ. އެކަމަކު ޖިހާދަކީ އެއްވެސް ޙާލެއްގައި ނިރުބަވެރިކަމެއް ނޫނެވެ. އަދި ޖިހާދާއި ނިރުބަވެރިކަމަކީ ތިމާގެކަމެއް އޭގައި އެކުލެވޭ ދެ ޢަމަލެއް ވެސް ނޫނެވެ. މާތް ﷲއަށް ޓަކައި އެކަލާނގެ މަގުގައި ޖިހާދުކުރުމަކީ ވަރަށް މަތިވެރި ހެޔޮ ޢަމަލެކެވެ. އެއާ ޚިލާފަށް ނިރުބަވެރިކަމަކީ ކޮންމެ ހިނދެއްގައި ކޮންމެ ޙާލަތެއްގައި ވެސް ވަރަށް ދަށު ދަރަޖައިގެ އަދި އިންސާނިއްޔަތާ ވެސް ޚިލާފު ނުބައި ޢަމަލެކެވެ.

މި ހުރިހާ ކަމަކަށް ނަޒަރެއް ދިނުމުން އާންމު މައް މީހެއްގެ ނަޒަރުން ވިސްނާއިރު ފެންނަނީ، ރައްޔިތުން ކޮންމެ އެދުމެއް އެދުނަސް، ކޮންމެ ވާހަކައެއް ދެއްކިޔަސް މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް ދިވެހިރައްޔިތުން ފިޔަވައި އިންޑިއާގެ މިއަދުގެ ސަރުކާރުގެ ދިފާޢުގައި އެކި ވާހަކަ ދައްކާ ތަނެވެ. ހަގީގަތާ ޚިލާފު ވާހަކަދައްކައި ދެކޮޅު ނުޖެހޭ ސަބަބު ދައްކާން އުޅުނީމާ ހަމަޖެހޭ ސަބަބެއް ނުދެއްކޭނެތާއެވެ. ނެތް އެއްޗެއް ނުދެއްކޭނެތީއެވެ. އިންޑިއާގެ ސިފައިން މި ރާއްޖޭގައި ގާއިމު ތިބޭންޖެހޭ މަގުބޫލު ސަބަބެއް ނޯންނާނެއެވެ. މިއަދު އިންޑިއާގެ ދިފާޢުގައި ދެއުޅި އެއްނުވާ ވާހަކަތައް ދައްކާ މީހުން، އިއްޔެ މި ރާއްޖޭގައި ޗައިނާ ސިފައިންގެ އަސްކަރީ މަރުކަޒު ބިނާކުރަނީއްޔޭ، ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީން ތިބުމަކީ ނުރައްކާތެރިކަމެކޭ އެ ކަމަށް ޓަކައި 16 ފަޅުރަށެއް ދީފިޔޭ ކިޔައި ހީގެ މައްޗަށް ނުވަތަ ހަމަ ގަސްތުގައި އުފައްދައިގެން އެތައް ދޮގު ވާހަކަތަކެއް ދެއްކި މީހުން މިއަދު އިންޑިއާގެ އަޅުންނަށް ވެގެން އުޅޭ ސަބަބު ނުދެންނެވިޔަސް ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ހުރިހާ ނަޒަރަކުން ބެއްޔަސް އިންޑިއާއަށްވުރެ އެތައް ތަނެއް ކުރީގައި އުޅޭ ޗައިނާއަށް އެއްޗެހި ގޮވަމުން އިންޑިއާގެ ގޮނޑިކޮއްކޮއިންތަކަކަށްވެ، މުސްލިމުގެ ލެއިން ތަތްތެޅިފައިވާ ހިންދޫ ބީޖޭޕީ ސަރުކާރުގެ އުނގަށް ވެއްޓިގަނެގެން އުޅޭން ޖެހޭ ސަބަބެއް ވެސް އޮންނެތާއެވެ.

އެހެންވީމާ، "މިނިވަންކަމުގެ ދިފާޢުގައި ދިވެހީން…" މި ޝިޢާރުގެ ދަށުން އިންޑިއާ ސިފައިން މި ރާއްޖެއިން ބާލާން (India Out) ގޮވާ ގޮވުމަކީ އޭގެ ޒާތުގައި ޖިހާދެއްކަމަށް މާނަކުރުމަކީ ހަމަ ޖާއިޒުކަމެކެވެ. އެހެންނަމަވެސް އެއްވެސް ޙާލެއްގައި ޖިހާދަކީ ނިރުބަވެރިކަމެއް ނޫނެވެ. އަދި ނިރުބަވެރިކަމަކީ ޖިހާދާ ތިމާގެ ކަމެއް ހުރި ޢަމަލެއް ވެސް ނޫނެވެ. އެހެނީ ޖިހާދަކީ ހެޔޮ ޢަމަލެކެވެ. ނިރުބަވެރިކަމަކީ ނުބައި ޢަމަލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5

5 Responses

  1. ތިޔަ ފަދަ ލިޔުންތައް ލިޔުންތެރީންނަށް ލިޔެވިދާނެއެވެ. މާޒީގައި އެ ލިޔުންތަކުން ފައިދާ ވެސް ކުރާނެއެވެ. ނަމަވެސް ދިވެހީންގެ ގިނަ މީހުންނަކީ އިސްލާމްދީނަށް ލޯބިކުރާމީހުންނެވެ. ނަމަވެސް އިސްލާމް ދީނުގެ ދިފާޢުގައި އަމަލީ މަސައްކަތެއް ކުރާންކެރޭ ވަރުގެ މުރާލި ބަޔެއް ނޫނެވެ. މިނިވަންކަމަށް ވެސް ލޯބިކުރާ ބަޔެކެވެ. ނަމަވެސް މިނިވަންކަން ގެއްލިދަންދެން، އަހަރެން ކުރާނީ ކީއްހޭ ކިޔާލަކިޔާލައި ތިބޭ މީހުންނެވެ. ތިޔަ ފަދަ ލިޔުންތަކުން މި ސަރުކާރަށް އަސަރެއް ނުކުރާނެއެވެ. އެ މީހުން މިނިވަންކަން ވިއްކަނީ މި ކުރަނީ ގޯސްކަމެއްކަން ނޭނގޭތީއެއް ނޫނެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް ގޮނޑިކޮޢްކޮ ވެރިއަކަށް ނަމަވެސް ވެރިކަމުގައި ތިބޭން ބޭނުންވާތީއެވެ. އެ މީހުން ދިވެހީންގެ ޝުޢޫރަށް އިޙުތިރާމް ނުކޮށް އިންޑިއާ ބޭނުންހާ ކަމެއް ކޮށްދީ އެ މީހުންލައްވައި ރާއްޖެއަށް ހަތިޔާރު އެ އެތެރެކުރަނީ ވެރިކަމުގެ ދިފާޢުގައެވެ. މިކަން އިޞްލާޙުވާނީ ދިވެހީންނަކީ ލިޔުންތައް ކިޔައި އަމިއްލަ ސިކުނޑީން ކަންކަމާމެދު ވިސްނައި އަމިއްލަ ސިކުނޑީން ވިސްނާ ބަޔަކަށް ވީ ދުވަހަކުންނެވެ. އަޒީޖަމާލާއި ޑރ. ޣަފޫރާއި ބުޝްރީގެ ގަލަމީ ޖިހާދަށް ތަޢުރީފުކުރަމެވެ. މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ!

  2. އިންޑިއާ އައުޓް ގޮވަނީ ސިޔާސީ ބޭނުމެއްގައި ޔާމީން ބުނެގެންކަން ވަރަށް ސާފުކޮށް އެނގޭ. ' 'ކުނިފިޔާ' މިހެން ލިޔުނީވެސް ޒާތީ ތަޢައްޞަބަބުގެ ސަބަބުންކަން ވެސް ޝައްކެއްނެތް މިންވަރަށް އެނގޭ. މި ލިޔުން ކިޔާލުމުން 1/2 މުސާރަ ނެގިމީހެއްގެ އެކައުންޓުގައި މިލިޔަނުން ޑޮލަރު ހުރުން އެއީ ސުވާލު އުފެދޭ ކަމަކަށް ނުވާކަމާއި އެކަމާ ހިނި ނާންނަކަންވެސް އެނގޭ.

    1. ނޭޕާލް މަންޖެ:
      ލިޔުންތެރީންނަކީ ނޫސްތަކުގެ ކޮމެންޓަށް ޖަވާބުދޭ ބަޔަކަށް ނުވާތީ ތިޔަ ސުވާލަށް ކޮމެންޓްގައި އިތުރަށް ނުލިޔެ ހީވަނީ އަނެއްކާވެސް އަޒީ ލިޔުއްވާނީ އިތުރު ކޮލަމެއްހެންނެވެ. އެހެންނަމަވެސް ހަގީގަތް އޮޅުވައިލާން މަސައްކަތްކޮށްފައިވާތީ ނުވަތަ ހަގީގަތް ނޭނގޭތީ މި ކޮލަމް ކިޔާ މީހެއްގެ ހައްިސއްޔަތުން އެއްޗެކޭ ބުނެލާނަމެވެ. މިއީ ކޮންމެހެން ލިޔުންތެރިޔާ ޖަވާބު ދޭނެ ގޮތްކަމަށް ނުވެދާނެއެވެ. ލިޔުންތެރިޔާއަށް އަމާޒުކޮށް ކޮށްފައިވާ ސުވާލުން އެނގެނީ، އަވަސް އަރުވައިލައިގެން ކޮމެންޓްކުރީ މި ލިޔުން ނުވެސް ކިޔައިކަމެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ވެސް ގައުމުގެ ދިފާޢުގައި ނުކުތީ ޔާމީން ބުނެގެންތާއެވެ. ތިޔަ އިޝާރާތްކުރަނީ ޔާމީން ބައި މުސާރަ ނެގި އިރު ވެސް އެކައުންޓްގައި މިނިޔަން ރުފިޔާ ހުރީމާ ހައިރާންވާ ވާހަކަތޯއެވެ؟ ނަމަވެސް ޔާމީންނަކީ އެންމެ ޒުވާން އިރުއްސުރެ ދައުލަތުގެ ވަޒީރުކަމާއި ކުންފުނިތަކުގެ ޗެއަރމަންކަން ކުރައްވަމުން ވަޑައިގަތް އަދި ދިރިއުޅުއްވާ ގެ ފިޔަވައި ބޮޑު މާސިންގާ ގޯއްޗެއް އަބަދުވެސް ކުއްޔަށް ދީފައި އޮންނަ މާލޭ މީހެއްކަމާއި އަންހެނުން ޝަބްނަމީގޭ ފާތުމައިދީއަށް ވެސް ޝަބްނަމީގެއްިން ލިބިފައި އޮންނަބައިގައި ގެސްޓްހައުސްއެއް ހަދައި އަބަދު ވެސް ކުއްޔަށް ދީފައި ހުންނަކަމާއި އެހެންވީިއރު މުސާރައިގެ 1/3 ނެގިޔަސް ބިލިޔަންބިލިޔަނުން ފައިސާ ހުންނާންޖެހޭނޭކަން ނޭނގުމަކީ މާ ހިނި އަންނަ ކަމެކެވެ. އަދި އިއްޔެ ހުސްއަތާ ވަޒީރުކަމަށް އައިސް 3 އަހަރު ވީއިރު އެ ލިބުނު މުސާރައިން ކަންނެލި އޮޑިއަކާއި ހުޅުމާލެއްިން ދެ ގޯއްޗާއި މާލެއިން ގޯއްޗެއް މީހަކު ގަތީމާ އެ ކަމާ ސުވާލު ނޫފެދުނު މީހެއްގެ ތައައްޞުބެއް ނެތްކަމާއި ތިޔައީ އެމްޑިޕީއަށް ކަނު ލޮލަކުން ތާއީދު ކުރާ އަމިއްލަ ސިކުނޑީން ނުވިސްނާ މީހެއްކަން ނޭޕާލު މަންޖެއަށް އެނގުނީމާ ވެސް ހޭން މާ ރަނގަޅެވެ.

  3. ބަލަ އަޒީއެވެ؟ ތިހުރިހައި ވާހަކައެއް ދައްކާއިރު އިސްލާމްދީނުގައި އޮންނަނީ ހަމަ އެކަނި ތި މާނަަކުރާ ކަންކަމެއް ނޫނެވެ. ވައްކަން ކުރުމަކީ ވެސް ބޮޑު ހުކުމް ކުރަން ޖެހޭ ކަމެކެވެ. އެވާހަކަ ނުދައްކަނީ ތިމާއަށް ވެސް ބައި އެޅިފައި ވާތީހެއްޔެވެ؟ އިންޑިޔާ މީހުން މިތާގައި ބޭތިއްބުމަށް ތިމާގެ ސަރުކާރުގައި ސޮއެކުރިކަން ނުދެނެ ހުރީމުހެއްޔެވެ؟

    1. އެ ވާހަކަ ލިޔުންތެރިޔާ ދައްކާނީ ހީވަނީ އަންނަ ހަފުތާގައި ލިޔާ ކޮލަމްގައިހެންނެވެ. ނަމަވެސް އަހަރެން ދައްކައިފާނަމެވެ. މި ސަރުކާރުން ކުރާ ހުރިހާ ވާހަކައެއް މީހަކު ލިޔާ ލިޔުމެއްގައެއް ނުލިޔެވޭނެތާއެވެ. އެހެންވެ އެ ވާހަކަ ނުލިޔުނީ ކަމަށް ފެނެއެވެ. ލިޔުންތެރީންނަކީ މީހުން ކުރާ ކޮމްނެޓަށް ރައްދުދޭ ބަޔަކުކަމަށް ނުވާތީ އަންނަ ހަފުތާގެ ކޮލަމްގައި ރައްދު ލިޔުމެއް ލިޔާނެ ކަމަށް ހީހުރަމެވެ. ނަމަވެސް ދޮންދޫނި ތިޔަ ކުރީ ހަމަ ރަނގަޅު ސުވާލެކެވެ. އެހެންނަމަވެސް 38 މިލިޔަން ރުފިޔާ ރެހެންދި ފްލެޓުން ހިފައިގެން ނުކުތް މީހަކު، އަދި ރަލުން ވަގު ވިޔަފާރުކޮށްގެން އަރުވައިލި މީހަކު، އަދި މުޅި ދައުލަތުގެ ޚަޒާނާ ތިމާއަށް ވެސް ބައި އެޅޭ ގޮތަށް ބައިކުދީންނަށް ބަދަލު ދިންވާހަކަ ވެސް ލިޔާންޖެހެއެވެ. އަދި އެ ވައްކަންތައް ކޮށްދިނުމުގައި އެހީތެރިވި، ޔާމީން ސަރުކާރުގައި ފަނިއަޅުވާން އަންނި ފޮނުވިކަމަށް ބުނާ އެޖެންޓާއި އަނެއް މީހާ، ބަންޑާރަ ބޮޑު ހެކީންގެ ގޮތުގައި އަރާމުގައި ގޭގައި ބާއިތިއްބާ ވާހަކަ ވެސް ދައްކާންޖެހޭނެއެވެ. އަދި ރާއްޖޭން ބޭރުގައި އެހެންވަޒީފާއެއްގައި ގާނޫނުއަސާސީއާ ޚިލާފަށް ހުރެގެން ވަޒީރުކަމުގެ މުސާރަ ނަގާ ވާހަކަ ވެސް ދައްކާންޖެހެއެވެ. އަދި ރައީސުލްޖުމްުހޫރިއްޔާގެ މުސާރައަށްވުރެ ބޮޑު މުސާރައެއް ލިބޭގޮތަށް އަމިއްލައަށް ވަޒީފާދީފައި ބޭޜުގައި ބެހެއްޓުމަކީ މަގާމުގެ ނާޒާއިޒު ފައިދާ ނެގުމޭ ވެސް ބަޔަކު ކިޔާންޖެހެއެވެ. މި ގޮތަށް މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކައަކީ ލިޔެލިޔެ ހުސްވާނެ އެއްޗެއް ނޫނެވެ. ފާޅުކުރި ޚިޔާލަށް ތާއީދުކުރަމެވެ. ކޮންމެވސް ބަޔަކު ވައްކަންތަކުގެ ވާހަކަ ވެސް ރަނގަޅަށް ދައްކާން އެބަޖެހެއެވެ. ތިންބިހުން އެއްބިސް ކައިގެން އުޅޭ މީހާގެ ދަރިފުޅުގެ ނަމަުގައި ލަންޑަނުން ދެ ގަނޑޫވަރު ގަތް ގޮތާ މެދު ވެސް ސުވާލުކުރާން އެބަޖެހެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *