...

Support Us

ކޮލަމް ކޯދު: އެރިސްޓޯޓަލްގެ ހިކުމަތްތެރި ބަސްކޮޅެއް

އެރިސްޓޯޓަލް އަކީ އެވޭލާ ޒަމާނުގެ ޔޫނާނީ ފަލްސަފާވެރިންގެ ތެރެއިން އެންމެ މުހިއްމު ފަލްސަފާވެރިޔާއޭ ބުނެވިދާނެއެވެ. އޭނާ ދުނިޔޭގައި އުޅުނީ މީލާދުގެ ކުރީގެ ހަތަރު ވަނަ ގަރުނުގައެވެ. އޭނާގެ އުސްތާޒަކީ ޕްލޭޓޯއެވެ. ޕްލޭޓޯގެ އުސްތާޒަކީ ސޮކްރާޓީސްއެވެ. މި ތިން ފިލޯސަފަރުންނަކީ އެވޭލާ ޒަމާނުގެ ޔޫނާނީ ފިލޯސަފަރުންގެ އެންމެ އިސް ތިން މީހުންނެވެ. މި ފަލްސަފާވެރިންގެ ލިޔުންތައް ހުޅަނގަށް ދިޔައީ އަރަބި އިސްލާމީ ފަލްސަފާވެރިންގެ ލިޔުންތަކުގެ ތެރެއިންނެވެ. އެ ލިޔުންތައް އަރަބި ބަހުން ލެޓިން ބަހަށާއި އަދި ޔޫރަޕުގެ އެހެން ބަސްތަކަށް ތަރުޖަމާ ކުރެވިގެންނެވެ. ހުޅަނގުގެ މިޒަމާނުގެ އިލްމުވެރިކަމާއި ޙަޟާރަތުގެ ބިންގާ އެޅިފައި ވަނީ މި މީހުންގެ ލިޔުންތަކުގެ މައްޗަށެވެ.

މީގެ ތެރެއިން ސޮކްރޭޓިސް އަކީ ވާހަކަ ދެއްކުންތެރިއެކެވެ. ރަނގަޅު ސުއާލުކޮށް، ރަނގަޅު ސުއާލުކުރުމަށް ހިއްވަރުދިން ފަލްސަފާވެރިއެކެވެ. އެކަމުގެ ސަބަބުން، އޭނާގެ ބޮލުގައި އެތެންސުގެ ޒުވާނުންގެ ސިކުނޑިތައް ހަލާކުކޮށް، މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވެސް، ތިމާ ނުރުހޭ ވާހަކައެއް އިވުމުން އެއީ ފިތުނައިގެ ވާހަކައެކޭ ބުނާ ފަދައިން، ފިތުނަ އުފުއްދުމުގެ ކުށުގައި އޭނާ މަރަން ނިޔާ ކަނޑައެޅި، ވިހަ ބޯންދީގެން އޭނާ މަރާލިއެވެ.

ސޮކްރޭޓިސްގެ ދަރިވަރު ޕްލާޓޯއަކީ މޮޅު ލިޔުންތެރިއެކެވެ. ސޮކްރޭޓީސްގެ ވާހަކަތައް، ހިވާރެއްގެ ސިފައިގައި އޭނާ ބަޔާންކޮށްފައިވެއެވެ. މި ދެ ފަލްސަފާވެރިންގެ ތެރެއިން ވެސް އެންމެ ވިސްނުން ތޫނު މީހަކީ ޕްލާޓޯގެ ދަރިވަރު އެރިސްޓޯޓަލްއޭ ބުނެވިދާނެއެވެ. އޭނާގެ ވިސްނުމުގެ ދާއިރާ ހިންގާލީ ހަމައެކަނި ފަލްސަފާވެރި މައްސަލަތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. ހުރިހާ ދާއިރާއެއްގެ މައްޗަށް ވެސް މެއެވެ. ސިޔާސަތުގެ އިލްމާއި ތާރީޚާއި އެސްޓްރޮނޮމީއާއި ޒޫލޮޖީއާއި ފަދަ އިލްމުތަކުގެ މައްޗަށް ވެސް އޭނާގެ ވިސްނުން ހިންގާލައި އިލްމީ އެ ދާއިރާތަކާ ބެހޭ ގޮތުން ވެސް އޭނާ ލިޔުނެވެ.

ތިރީގައި ހޮވާލެވި ލިޔެލާފައިވަނީ އޭނާގެ ހިކުމަތްތެރި ބަސްކޮޅުތަކުން ބަސްކޮޅެކެވެ.

  1. އެކަމެއް ކުރުމުގެ ގާބިލުކަން ލިބުމުގެ ކުރިން އަހަރުމެން ދަސްކުރަން ޖެހޭ ކަންކަން، އަހަރުމެން ދަސްކޮށް އެކަންކަން ކުރުމުގެ ގާބިލުކަން ލިބިގަންނަނީ އެކަންކަން ކޮށްގެންނެވެ.

މިކަން ސާފުކޮށްލަދިނުމުގެ ގޮތުން، މިސާލެއް އަޅުގަނޑު ލިޔެލާނަމެވެ. ތުއްތު ކުއްޖަކު، އޭނާގެ މާދަރީ ބަސް ދަސްކުރާ ގޮތުގެ މިސާލެވެ. އޭނާގެ މާދަރީ ބަހުން، އޭނާ ވާހަކަ ދެއްކުމުގެ ގާބިލުކަން ލިބިގަތުމަށްޓަކައި މާދަރީ ބަސް ދަސްކޮށްދޭން ކިލާހަކަށް އޭނާ ނުގެންދެވެއެވެ. އެކަމުގެ ގާބިލުކަން އޭނާ ލިބިގަންނަނީ އެކަން ކޮށްގެންނެވެ. އޭނާއަށް އިވޭ އެއްޗެއް، އެ އިވޭ ގޮތަކަށް ކިޔައި، ތަކުރާރުކޮށް، މާދަރީ ބަހުން، މަޑުމަޑުން ނަމަވެސް، ވާހަކަ ދައްކައިގެންނެވެ.

  1. ކަލެއަށް އެނގެމުން ދިޔަވަރަކަށް ކަލެއަށް ނޭނގޭ މިންވަރު ކަލެއަށް އެނގެމުންދާނެއެވެ.
  2. ރަނގަޅު މީހަކަށްވުމާއި ރަނގަޅު މުވާތިނަކަށް، ރަނގަޅު ރައްޔިތަކަށް ވުމަކީ ހުރިހާ ހާލަތެއްގައި އެއް ކަމެއް ނޫނެވެ.
  3. ބުއްދީގެ ހަކަތައާއި ބާރަކީ ހަޔާތަށް ދިރުން ގެނެސްދޭ ޖައުހަރެވެ. (އެސެންސްއެވެ، ޚުލާސާއެވެ.)
  4. މީހުންގެ ވާހަކަތައް އަޑުއަހައި، މީހުންނަށް ތަބާވާން ނޭނގޭ މީހަކަށް، ރަނގަޅު އިސްވާރަކަށް، ލީޑަރަކަށް، ނުވެވޭނެއެވެ.
  5. އެއްވެސް ރަހުމަތްތެރިއަކު ނެތް މީހަކު ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނުވާނެއެވެ. އޭނާއަށް އެހެން ހުރިހާ އެއްޗެއް، މުދަލާއި ފައިސާ، ލިބިފައި ވިޔަސް ވެހެވެ.
  6. އިންސާނާގެ ތަބީއަތް ނިޔާ ކުރަނީ ކަންކަން އެނގި ދަސްކުރުމަށެވެ. [ނަމަވެސް، އިންސާނާގެ ތަބީއަތުގެ މި ގޮވުމުގެ އަޑު، އޭނާގެ ކަންނެތްކަން ހަނުކޮށް، ހިމޭންކޮށްލައެވެ!]
  7. އިންސާނީ ކަރާމަތް ކޮންމެ މީހަކަށް ވެސް ދޭން ޖެހެނީ އޭނާއަށް ޝަރަފުވެރިކަމާއި އިއްޒަތެއް ލިބިފައި އޮތުމަކުންނޫނެވެ. ނަމަވެސް، ކޮންމެ މީހަކީ ވެސް [އޭނާގެ ހަގީގީ ތަބީއަތް ނިޔާކުރާ ގޮތުން] ޝަރަފާއި އިއްޒަތް ހައްގުވާ މީހެއްކަން ހިތުގެ އަޑިން ގަބޫލުކުރެވެން ޖެހޭތީއެވެ. [އޭނާގެ ހަގީގީ ތަބީއަތް، އޭނާގެ ނުބައި އަމަލުތަކުން ކިލަނބުކޮށް ފިލުވާލައިފި ނަމަ، އޭނާއަށް ލިބިދޭން ޖެހޭ ކަރާމާތް އޭނާ އަމިއްލައަށް ނަގާލައެވެ.]
  8. ބުއްދިވެރިން އެއްޗެއް ބުނަނީ، ބުނަން ޖެހޭ އެއްޗެއް އެމީހުންގެ ހިތުގައި އޮތުމުންނެވެ. ނަމަވެސް، މޮޔައިން އެއްޗެހި ބުނެ ވާހަކަ ދައްކަނީ، [ބުނާނެ ރަނގަޅު އެއްޗެއް ނެތް ހާލުގައި ވެސް]، ކޮންމެ ވެސް އެއްޗެއް ބުނުމަށެވެ.

މިކަމުގެ ހަގީގަތް ބައެއް ސިޔާސީ ވެރިން ބުނާ ބަސްތަކުންނާއި ދައްކާ ވާހަކައިން ފެންނާނެއެވެ!

  1. ކޮންމެ މީހަކު ވެސް ތަބާންވާން މަސައްކަތްކުރަން ޖެހޭނީ ރަނގަޅު ގޮތަކީ ކޮބައިކަން ބަލައިގެންނެވެ. ގާއިމުވެފައި އޮތް ގޮތުގެ މައްޗަށް ބަލައިގެން، އެއީ ރަނގަޅު ގޮތް ނޫން ކަމުގައި ވެއްޖެ ނަމަ، އެ ގޮތުގެ ފަހަތުން ދުވާކަށް ނުވާނެއެވެ.
  2. މިނިވަންކަން ލިބި، އެކަން ދެމެހެއްޓެނީ އަދަބުވެރިވެވިގެންނެވެ.

[އާދެ، މި ހަގީގަތް އަޅުނގަނޑުމެންގެ ހިކުމަތުގެ ޅެންވެރިޔާ މަރްހޫމު ޝ. ސަލާހުއްދީނު ވިދާޅުވަނީ މިފަދައިންނެވެ.

"އަދަބުވެރިކަން ނެތުނު މީހާ ދެ ދުނިޔޭން ގެއްލި ނިމިދާނޭ

މަދަރު ވެރިކަން ނެތީވިއްޔާ ގަދަރު ނެތިގެން ހިނގައިދާނޭ"

މި ބައިތުގައި މަދަރުވެރިކަމޭ ބުނެފައި އެވަނީ 'ދަރުމަވެރިކަމަށެވެ. ދަރުމަވެރިކަމަކީ، ދީލަތިކަމާއި، ހެޔޮ ކަމާއި، އޯގާތެރިކަމާއި މިފަދަ ހުރިހާ ހެޔޮ ރަނގަޅު ކަންކަމެވެ. އަރަބިން ކިޔާ 'ޚައިރު' ނުވަތަ އިނގިރޭސިން ކިޔާ 'ވާޗިޔު' އެވެ.

  1. އަލިކަމެއް ލިބުމަށް އެންމެ ބޮޑަށް އެދި، އަލިކަމެއް ހޯދުމަށް އެންމެ ވަރުގަދައަށް އަމާޒު ހިފަންވާނޭ ވަގުތަކީ އެންމެ ކަޅު އަނދިރިކަމާ އަހަރުމެން ކުރިމަތިލާން ޖެހޭ ވަގުތުގައެވެ.

އާދެ، އަޅުގަނޑުމެންނަށް މިހާރު މިއޮތީ، މީގެ ކުރީގެ ދިވެހި ތާރީޚެއްގައި ކުރިމަތިލާން ނުޖެހޭ ފަދަ އަނދިރި ވަގުތަކާ ކުރިމަތިލާން ޖެހިފައޭ ބުނެވިދާނެއެވެ. މީގެ ކުރީގައި ވެސް، އެކި ކަންކަމުގައި ރާއްޖޭގެ ޚާއްސުންނާއި އާންމުން ކަންކަމުގައި ޚިޔާލު ތަފާތުވެއެވެ. ސިޔާސީ ލީޑަރުންގެ ތެރޭގައި އާންމުންގެ ތާއީދު އޮންނަނީ އެކަކަށް ނޫނެވެ. އެކިއެކި މީހުންނަށެވެ. ނަމަވެސް، މިކަމަކީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދާލާ ކަމަކަށް ނުވެއެވެ. ހުރިހާ އެންމެންހެން ވެސް، އެއްގަލަކަށް އަރުވައި އެއްބަޔެއްކަން އަންގައިދޭ ކަންތައްތަކެއް ހުރީމައެވެ. ބަހާއި ދީނާއި އާދަކާދަތަކެވެ. މިކަންކަމަކީ އިހުގައި އެންމެންހެން އެއްބައިކުރާ ކަންކަމެވެ.

ނަމަވެސް، މިހާރުގެ ޚިޔާލު ތަފާތުވުމަކީ ހަމައެކަނި ޚިޔާލު ތަފާތުވުމެއް ނޫނެވެ. މުޅި އުއްމަތް ބައިބައިކޮށްލާ ކަމެކެވެ. ކޮންމެ ބަޔަކީ ވެސް ވަކި ގައުމިއްޔަތެއްގެ ބައެކެވެ. ވަކި ކުލައެއްގެ މައްޗަށް ނުވަތަ ވަކި ސަރަހައްދެއްގެ ނުވަތަ ވަކި ރަށެއްގެ ގައުމިއްޔަތަށް ބިނާވާ ގައުމިއްޔަތެއްގެ އަހުލުވެރި ބައެކެވެ. ތިމާމެންގެ މި ޖާހިލީ ގައުމިއްޔަތުގައި ހިމަނާ ނުލެވޭ އެހެން މީހުންނަކީ ތިމާމެންގެ ނަޒަރުގައި ތަނުގެ ބައެއް ނޫނެވެ. ބީރައްޓެހި ބައެކެވެ. އެހެން ގައުމެއްގެ އަޖުނަބީ ބައެކެވެ. އެހެންވެ، އެމީހުންނަށް ލިބިދޭން ޖެހޭ އެއްވެސް ހައްގެއް ނޯވެއެވެ.

މިފަދައިން މުޅި ތަން ބައިބައިވެ، ތަނުގައި ވަރުގަދަ ގަބަލީ ތައައްސުބެއް އަށަގެންފައި އޮތުމުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. ތަނުގެ މީހުން އެއްބައިކޮށް އެއް ގަލަކަށް އަރުވާނޭ އެއްވެސް ބަހާއެއް (ފެކްޓަރއެއް) ނެތުމުން، ބޭރުގެ ބާރުތައް ތަނަށް ވެރިވުމުގެ ނުވަތަ ނުފޫޒު ހިންގުމުގެ ދޮރު ހުޅުވާލެވެއެވެ. އެކަން ކުރާ ބޭރު ބަޔަކު އެކަންކުރަނީ ފަހަރެއްގައި ވެސް ތަނުގެ މީހުންގެ ނުރުހުމުގައެއް ނޫނެވެ. ވެރިކަމުގައި ތިބި ބަޔަކާއި އެމީހުންނަށް ތާއީދުކުރާ ބަޔެއްގެ ރުހުމުގައެވެ. ރާއްޖޭގައި، އެކިއެކި ދިމާލުގައި، އުތުރާއި ދެކުނާއި މެދުގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް މިހާރު އެދަނީ ގާއިމުކުރަމުންނެވެ. އެކަމާ ގުޅޭ ސިއްރު އެއްބަސްވުންތައް އެއްބަސްވެވިގެންނެވެ.

މިފަދަ މަރުކަޒުތައް ގާއިމުކުރާ ވާހަކަ ދައްކައި، އެކަމާ އިދިކޮޅު ހެދުމުން، ސަރުކާރުގެ އިދާރާތަކުންނާއި ސަރުކާރަށް ކަނު ސިފައެއްގައި ތަބާވާ މީހުންގެ ރައްދު ވާހަކައަކީ ކޮބާ ހެއްޔެވެ؟ އެކަން ގުޅެނީ ރާއްޖެ ތަރައްގީކުރުމާއެވެ! އެކަން ގުޅެނީ ރާއްޖޭގެ ސަލާމަތާއެވެ. ކުރިއަށް ދެވޭނީ އެފަދަ ގޮތެއްގައި އިންޑިޔާއާ ގުޅިގެންނެވެ. މިއީ ހުސް ދައުވާތަކެކެވެ. މިކަމުގެ އެއްވެސް ހެއްކެއް ނުދެއްކެއެވެ. މިކަމާ ބެހޭ އެއްބަސްވުންތައް ހާމަކުރުމަށް ދެކޮޅު ހަދައެވެ. މިކަމުގައި ރާއްޖެއަށް އެއްވެސް ގެއްލުމެއް ނެތް ކަމުގައި ވަނީ ނަމަ، އަދި މިކަމުގައި ރާއްޖެއަށް އޮތީ ހައްތަހާ ވެސް ފައިދާ ކަމުގައި ވަނީ ނަމަ، އެކަމާ ބެހޭ އެއްބަސްވުންތައް އާންމުކޮށްލުމުން، އެކަމުގެ ހަގީގަތް އެނގޭނެއެވެ.

ނަމަވެސް، ފާޅުވަމުންދާ އެ ސިއްރު އެއްބަސްވުމުގެ ލިޔުންތައް ބުނެދެނީ އެކަމުގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް އޮތްކަމެވެ. އިންޑިޔާގެ އަސްކަރީ އެ މަރުކަޒުތަކުގެ ހުރިހާ ޚަރަދެއްހެން ކުރަން ޖެހެނީ ދިވެހިން ކަމެވެ. އެ ތަންތަނުގެ ހިންގުމުގެ ޚަރަދު ބައެއް ވެސް ދިވެހިން އުފަލަން ޖެހެއެވެ. ނަމަވެސް، އެ ތަންތަނަކީ އިންޑިޔާގެ ބާރުގެ ދަށުގައިވާ ތަންތަނެވެ. މިއީ ހަމަ ގައިމު ވެސް މިކަމުގައި ރާއްޖެއަށް ފައިދާ އޮތް ކަމެއް ނޫނެވެ. ސަބަބަކީ ދިވެހި އާންމުންގެ ޓެކްސް ފައިސާއިން ބައެއް އިންޑިޔާގެ މަސްލަހަތަށްޓަކައި ޚަރަދަކުރަން ޖެހުމެވެ. ދެވަނަ ސަބަބަކީ، އެފަދަ މަރުކަޒުތައް ގާއިމުވެ، އިންޑިޔާގެ ސިފައިން އެތަންތާނގައި ތިބޭ ގޮތް ހަމަޖެހުމުން، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިޔާއަށް ވަނުމުގެ މަގުފަހިވުމެވެ. މިސާލަކަށް ވެރިކަމަށާއި އަދި ރައްޔިތުންގެ މަޖުލީހަށް ހޮވަން ޖެހޭނީ އެމީހުން ރުހޭ މީހެކެވެ.

އިންޑިޔާއާ ރާއްޖެއާއި އެއްބަސްވެ، ސިއްރު ކުރެވިފައިވާ އެއްބަސްވުން އެންމެ ގާތް ކުރަނީ، ޔަހޫދީންނަށް ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމުގެ ވައުދު ޔަހޫދީންނަށް، އިނގިރޭސިން 1917 ގައި ދިން 'ބެލްފޯ ޑިކްލަރޭޝަން" އާއި އަދި، އޭގެ ކުރިން، 1916 ގައި ސިއްރު ގޮތެއްގައި އިނިގިރޭސިންނާއި ފަރަންސޭސީންގެ މެދުގައި، މެދު އިރުމަތި ބަހާލަން، ސިއްރު ގޮތެއްގައި، އެއްބަސްވި "ސައިކްސް ޕިކޯ" އެއްބަސްވުމާއެވެ. މި އެއްބަސްވުން ފަޅާއަރުވާލީ 1917ގައި ރަޝިޔާއިންނެވެ.

ދެން، ސަރުކާރަށް ތާއީދުކޮށް ކަނު ސިފައެއްގައި، އެބަހީ ކަމުގެ ހަގީގަތް ފެންނަން އޮތް އިރުވެސް– ލީކުވެފައިވާ އެއްބަސްވުންތައް، އެއީ ފިތުނަ ފަސާދައޭ ނުކިޔައި ބަލާލުމުން ކަމުގެ ހަގީގަތް ކޮންމެ ވެސް ވަރަކަށް ފެންނާނެއެވެ.– ހަގީގަތަށް ކުޑަކޮށް ވެސް ބެލުމެއް ނެތި ދައްކާ ވާހަކަތަކަކީ ކޮބައި ހެއްޔެވެ؟

އާދެ، އެމީހުންގެ ވާހަކަތައް ހުންނަނީ މިހެންނެވެ. "ޔާމީނަކީ ވަގެކެވެ!" ޔާމީނަކީ ވަގެކޭ ބުނުމުން މިހާރުގެ ސަރުކާރުގެ ޚިޔާނަތާއި އިސްރާފައި ގާތް މީހުންނަށް، ބަދަލު ދިނުމުގެ ނަމުގައި މިލިޔަނުން ދެވޭ ފައިސާއަކީ ރަނގަޅު ކަމަކަށް ވަނީ ހެއްޔެވެ؟ ނޫނީ ޔާމީނަކީ ވަގެކޭ ބުނުމުން، އިންޑިޔާގެ ސިފައިން ރާއްޖޭގައި، ރާއްޖޭގެ ރައްޔިތުންގެ ފައިސާގައި އަސްކަރީ މަރުކަޒުތައް އަޅައިގެން ތިބުން ތަބުރީރުކޮށް (ޖަސްޓިފައިކޮށް) ރަނގަޅުކުރެވެނީ ހެއްޔެވެ؟ ނޫނީ "މިވެނި ނޫހަކީ ދޮގު ޚަބަރު ފަތުރާ ނޫހެކެވެ!" "އިންޑިޔާގެ ސިފައިން ކޮބައި ހެއްޔެވެ؟" "އިންޑިޔާގެ ސިފައިން ތިބި ކަމަށް ބެލެވޭނީ ހަތިޔާރު ހިފައިގެން ރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި އުޅެން ފެށީމައެވެ!" އާދެ، ރާއްޖޭގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވެސް އިންޑިޔާގެ ސިފައިން ތިބި ވާހަކަ ބުނެފައި އޮތުން އެއީ ބަލައިލަން ޖެހޭ ކަމެއް ނޫން ކަހަލައެވެ!

މި ވާހަކަތަކަށް ބަލާލުމުން، ޖާހިލީ ތައައްސުބީ ގޮތެއްގައި މުޅި ތަން ބައިބައިވެ، ބޭނުން ބަޔަކަށް ތަނަށް ވެރިވެ، ނުވަތަ ތަނުން ބައެއް އަތުލައި އެ ބަޔަކަށް ވެރިވުމުގެ މަގުފަހިވެގެން ދެއެވެ. ކޮންމެ ސަރަހައްދަކީ ނުވަތަ ކޮންމެ އަތޮޅަކީ ނުވަތަ ކޮންމެ ރަށަކީ ވެސް، ބައެއް ސިޔާސީ ވެރިންނާއި ބައެއް އާންމު މީހުންގެ ވާހަކަތައް ހުންނަ ގޮތުން، ވަކި ގައުމެއްހެން ހީވާ ކަހަލައެވެ! ބެލްފޯ ޑެކްލަރޭޝަން ނެރެވުނު އިރު، އަދި، ސައިކްސް ޕީކޯ އެއްބަސްވުން އެއްބަސްވި އިރު، މެދު އިރުމައްޗަށް އިނިގިރޭސިންނާއި ފަރަންސޭސިން ވެރިވެ، އަރަބިން އަތުން ފަލަސްތީނު ގެއްލިގެން ހިނގައިދާނޭ ކަމެއް އަރަބިންގެ ތެރެއިން ގަބޫލުކުރި މީހަކު އުޅުނު ހެނެއް ހިޔެއް ނުވެއެވެ! އެކަންކަން އެނގުމުން ވެސް، އަރަބިން ބުނަމުން ގެންދިޔައީ ޔަހޫދީންގެ އެންމެން މެދު ކަނޑަށް އަޅާލާނެ ވާހަކައެވެ! ނަމަވެސް، މިހާރު ކަން އޮތް ގޮތް ފެންނާނެއެވެ! އަރަބި ސިޔާސީ ވެރިންގެ ގިނަ ބަޔަކު އެމީހުންގެ އަމިއްލަ މަސްލަހަތު ދިފާއުކުރަން އުޅުމާއި އަރަބި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އޭރު ނެތުމުގެ ސަބަބުން، ފަލަސްތީނު ގެއްލިގެން ދިޔައީއެވެ!

އަޅުގަނޑުމެންގެ މި ހާލަތް ހިތް މައްޗަށް ގެނެސް، މަތީގައި ނަކަލު ކޮށްލެވުނު، އެރިސްޓޯގެ ބަސްކޮޅު މަތިން ހަދާންކޮށްލާށެވެ! އާދެ، "އަލިކަމެއް ލިބުމަށް އެންމެ ބޮޑަށް އެދި، އަލިކަމެއް ހޯދުމަށް އެންމެ ވަރުގަދައަށް އަމާޒު ހިފަންވާނޭ ވަގުތަކީ އެންމެ ކަޅު އަނދިރިކަމާ އަހަރުމެން ކުރިމަތިލާން ޖެހޭ ވަގުތުގައެވެ." ޝައްކެއް ނެތް ގޮތުގައި މިހާރު މިއޮތީ އަޅުގަނޑުމެންނާ އެފަދަ އަނދިރި ކަމަކާ ކުރިމަތިވެފައެވެ. މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ އަނދިރި ކަމެކެވެ. ސިޔާސީ ވެރިންނާއި އަދި އެމީހުންނަށް ތާއީދުކުރާ މީހުން، އެމީހުންގެ އަމިއްލަ މަސްލަހަތު ރައްކާކުރުމަށްޓަކައި ވިއްކާލަން ޖެހިލުން ވާނޭ އެއްވެސް އެއްޗެއް ނެތުމުންނެވެ. މިފަދަ އަނދިރި ވަގުތެއްގައި، ހަމަ ބުއްދި ބޭނުންކޮށްގެން، އަލިކަމެއް ފެނޭތޯ އެންމެން ވެސް މަސައްކަތް ކުރަން ޖެހެއެވެ! އެރިސްޓޯޓަލް ބުނެފައިވާ ފަދައިން، މިއީ އެފަދަ އަލިކަމެއް ހޯދަން އެދި، އެކަމަށް އަމާޒު ހިފައިގެން ގަދައަށް މަސައްކަތް ކުރަން ޖެހޭ ވަގުތެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.