...

Support Us

ކޮލަމް ކޯދު: މަޝްހޫރު ޣައްދާރުންގެ ތެރޭގައި ހިމެނޭ މީރު ޖައުފަރު

މީރު ޖައުފަރަކީ ދުނިޔޭގެ އެންމެ މަޝްހޫރު 10 ޣައްދާރުންގެ ތެރޭގައި ހިމެނޭ ޣައްދާރެކެވެ. ޣައްދާރުންނޭ ބުނެ މިތާނގައި އިޝާރަތް ކުރަނީ ތިމާމެންގެ އަމިއްލަ ގައުމުގެ މިނިވަންކަން ވިއްކާލައި އަމިއްލަ ގައުމަށް ޚިޔާނަތްތެރިވި މީހުންނަށެވެ. މީރު ޖައުފަރު ޣަދަރުވެރިވީ އޭނާގެ އަމިއްލަ ގައުމު ކަމުގައިވި އިންޑިޔާއަށެވެ. އޭނާގެ ޣަދަރުގެ ސަބަބުން، މުޅި އިންޑިޔާ އިނގިރޭސީންގެ އަތްދަށަށް ދިޔައެވެ. މިކަން ހިނގީ 1757 ގައެވެ. ދެން ވިދިގެން އައި ދުއިސައްތައެއްހާ އަހަރު ދުވަހު، އިންޑިޔާ ލޫޓުވުމުގެ ފުރުސަތު އިނގިރޭސިންނަށް ލިބުނެވެ. (މިލޫޓުވުމުގެ ތަފްސީލު ޝާޝީ ތާރޫރުގެ 'ދަ އިންގުލޯރިޔަސް އެމްޕަޔަރ’، މި ފޮތުން ލިބޭނެއެވެ.) މީރު ޖައުފަރުގެ ނަންގަނެވޭ ހިނދު، އޭނާއަކީ އޭނާގެ އަމިއްލަ ވެރިކަމެއް ކޮށްލުމުގެ އެދުމުގައި އިނގިރޭސިންނަށް އިންޑިޔާ ވިއްކާލި މީހާ ކަމުގައި ބުނެ އޭނާއަށް ލައުނަތް ދެވެއެވެ. މީރު ޖައުފަރުގެ ޣަދަރުގެ އަމަލު ހިނގައިދިޔައީ ކިހިނެއް ހެއްޔެވެ؟ (ހަތް ދިހައިގެ އަހަރުތަކުގައި މަޖީދިއްޔާގައި މރ. މަންޑަލްސްވަރަމްގެ ތާރީޚުގެ ދަރުސުތައް އަޑު އެހި ދަރިވަރުންނަށް މިވާހަކައާއި މިވާހަކައިގައި ހިމެނޭ ބައެއް ނަންތައް އަޑުއިވިފައި ވާނެއެވެ.)

ކޮންމެ އަކަސް، 18 ވަނަ ގަރުނަށް އެޅުނު އިރު، އިންޑިޔާ އޮތީ ދާޚިލީ ގޮތުން ބައިބައިވެފައި ކަމުން، އިންޑިޔާގައި އިނގިރޭސީންގެ ބާރު ދިޔައީ ގަދަވަމުންނެވެ. އެހާ ތަނަށް އެޅުނު އިރު އިނގިރޭސީންގެ ބާރު ތަމްސީލުކުރީ 'އީސްޓް އިންޑިޔާ ކޮންމެޕެނީ' އެވެ. އެ ދުވަސްވަރު އިންޑިޔާގެ އިރުމަތީ ސަރަހައްދު ކަމުގައިވާ ބެންގޯލް ހިމެނުނީ އިންޑިޔާގެ އެންމެ ބާރުގަދަ އެއް ދައުލަތް ކަމަށެވެ. އެ ދުވަސްވަރުގެ ބެންގޯލުގެ ސަރަހައްދުގެ ތެރޭގައި އަދުގެ ހުޅަނގު ބެންގޯލް، ބަންގްލާދޭޝް، ބިހާރު އަދި އޮރިއްސާ ހިމެނެއެވެ. އެ ދުވަސްވަރުގެ ބެންގޯލުގެ ވެރިޔަކަށް ހުންނެވީ މިރްޒާ މުހައްމަދު ސިރާޖުއް ދައުލާ އެވެ. އިންޑިޔާގައި އިނގިރޭސީންގެ ހަން ފަތުރަމުންދާތަން ފެނި، މިކަމާ ސިރާޖުއް ދައުލާ ނުރުހިވަޑައިގަތެވެ. އަދި، އެންމެފަހުން، 1757ގައި ނަން މަޝްހޫރު ޕްލާސޭ މައުރަކާގައި އިނގިރޭސިންނާއި ހަނގުރާމައިގައި ކުރިމަތިލާން ޖެހުނެވެ.

ސިރާޖުއް ދައުލާގެ ލަޝްކަރުގައި 50،000 ހަނގުރާމަވެރިން ހިމެނުނެވެ. އިނގިރޭސިންގެ ލަޝްކަރުގައި ހިމެނުނީ އެންމެ 3،000 މީހުންނެވެ. މި ލަޝްކަރު އޮތީ ލެފްޓިނެންޓު ރޮބާޓް ކުލައިވެ އަމުރުވެރިކަމުގެ ދަށުގައެވެ. ސިރާޖުއް ދައުލާގެ ލަޝްކަރު ބޮޑުވެފައި އަދި ބާރު ވެސް ގަދަވުމުން، އެންމެނަށް ވެސް ހީވެފައި އޮތީ ކާމިޔާބު ލިބޭނީ ސިރާޖުއް ދައުލާގެ ލަޝްކަރަށް ކަމަށެވެ. ނަމަވެސް، ރޮބާޓު ކުލައިވް އޮތީ ކުރިން ސިރާޖުއް ދައުލާގެ ލަޝްކަރުގެ ވެރިޔާ މީރު ޖައުފަރު ގަނެލާފައެވެ. އެހެންވެ، މީރު ޖައުފަރު އޭނާގެ ލަޝްކަރު ހަނގުރާމައިގެ މައިދާނުން ފަހަތަށް ޖެހެން އަމުރުކުރިއެވެ. މިއީ ކުރިން، ސިއްރު ގޮތެއްގައި މީރު ޖައުފަރާއި އިނގިރޭސީންނާ ދެމެދު އެއްބަސްވެފައިވާ ގޮތެވެ. ދެން، އިނގިރޭސީންގެ ލަޝްކަރު އައިސް އެމީހުންނާ ހަމަލާދީ އެމީހުން ބަލިކުރިއެވެ. އަދި، މީރު ޖައުފަރުގެ އަމުރުގެ ދަށުން ސިރާޖުއް ދައުލާ ގަތުލުކުރެވުނެވެ. އަދި އެއަށް ފަހު، އިނގިރޭސީންގެ ގޮނޑިކޮއްކޮ ވެރިއެއްގެ ގޮތުގައި މީރު ޖައުފަރު ދެފަހަރެއްގެ މަތިން ބެންގޯލުގައި ވެރިކަން ކުރިއެވެ.

ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ އިނގިރޭސީންނަށް ބަދަލު ދިނުމުގެ މައްސަލަތަކެވެ. އީސްޓް އިންޑިޔާ ކޮމްޕެނީއަށާއި އަދި އެ ކުންފުނީގެ އިނގިރޭސި ބައެއް އަފުރާދުންނަށް ވެސް މެއެވެ. މިހާރު މި ޒާތުގެ ބަދަލު ދިނުމުގެ ކުޅިވަރު އިންޑިޔާގެ ކުންފުނިތަކަށް ރާއްޖެއިން ދޭ ފަދަ ބަދަލު ދިނުންތަކެކެވެ. މީރު ޖައުފަރަށް ވެސް ވެރިކަމުގެ ގޮނޑީގައި އިނދެވެން އޮތީ އެ ބަދަލު ދީގެންނެވެ. މިހާރު ރާއްޖޭގައި އޮތް ސަރުކާރުން ދެކޭ ގޮތުގައި އެމީހުންނަށް ވެސް ރާއްޖޭގެ ވެރިކަމުގައި ތިބެވެން އޮތީ ދިވެހިންގެ ތާއީދު އޮވެގެން ނޫނެވެ. އިންޑިޔާގެ އަސްކަރިއްޔާގެ ތާއީދު ލިބިގެންނެވެ! އެހެންވެ، އިންޑިޔާގެ ކުންފުނިތަކަށް ބޮޑެތި ބަދަލުތައްދީ އިންޑިޔާ އެދޭ ގޮތަކަށް ކަންތައް ކުރަން ޖެހޭ ކަމަށް އަދުގެ ދިވެހި ސަރުކާރުން ދެކެނީއެވެ.

މީރު ޖައުފަރުގެ ޣަދަރުވެރި ކަމުގެ އަމަލު ވެގެން ދިޔައީ ބެންގޯލާއި އަދި މުޅި އިންޑިޔާ އިނގިރޭސިންގެ އަތްދަށަށް ދާން ދިމާވި ހާދިސާއަށެވެ. އެހެންވެ، މީރު ޖައުފަރު ހިމެނިފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ޣައްދާރުންގެ ތެރޭގައެވެ. އަދި އޭނާއީ އޭނާގެ އަމިއްލަ މަސްލަހަތަށްޓަކައި އިނގިރޭސިންގެ އަޅުވެތިކަމުގެ ތެރެއަށް އިންޑިޔާ އެއްލާލައި އޭނާގެ އަމިއްލަ ގައުމު ލޫޓުވުމަށްޓަކައި ބޭރު ބަޔަކާ ހަވާލުކުރި 'ކުލައިވްގެ ހިމާރު’ގެ ނަމުން ވެސް ނަންދެވިފައިވާ ޣައްދާރެކެވެ.

ޣައްދާރު މީރު ޖައުފަރު ނޫން ނަމަ ކުލައިވްގެ ހިމާރު ފަދަ ޣައްދާރުން އަބަދުވެސް ފެނެއެވެ. މިހާރު ރާއްޖެއިން ވެސް ޣައްދާރު މީރު ޖައުފަރު ކުޅުނު ފަދަ މަންޒަރު ވަރަށް ސާފުކޮށް ފެންނަމުން އެބަދެެއެވެ. ރާއްޖޭގައި ތިބި ޣައްދާރު މީރު ޖައުފަރު ނުވަތަ 'އިންޑިޔާގެ ހިމާރުން’ގެ އެހީގައި އިންޑިޔާގައި އިނގިރޭސީން ހަންފެތުރި ގޮތަށް ރާއްޖޭގައި އިންޑިޔާއިން ހަންފަތުރަމުންދާ މަންޒަރެވެ. މިކަން ކުރުމަށް ޣައްދާރު މީރު ޖައުފަރު އިނގިރޭސިންނަށް އެހީވެ، މަގުފަހިކޮށްދިން ގޮތަށް، ރާއްޖޭގެ ސަރުކާރަކާއި އަސްކަރިއްޔާއާއި ރައްޔިތުންގެ މަޖުލީހުގެ ބޮޑު ބައެއް އިންޑިޔާގެ ބާރު ރާއްޖޭގައި ފެތުރުމަށް މަަގުފަހިކުރަމުން ދަނީއެވެ. މިހާރު އިންޑިޔާގެ އަސްކަރިއްޔާއިން ރާއްޖެއަށް އެތެރެކުރަން ބޭނުން އެއްޗެއް އެތެރެކުރެވޭ ގޮތަށް ކަންތައް އޮތްކަން ދޭހަވާ ޚަބަރުތައް ނޫސްތަކުން ފެނެއެވެ. އިންޑިޔާގެ އަސްކަރިއްޔާގެ މީހުން ރާއްޖޭގެ އެކިއެކި ތަންތަނުގައި އެކިއެކި ނަންނަމުގައި ހަރަކާތްތެރިވަމުންދާ ތަން ވެސް ފެންނަން ފަށައިފިއެވެ.

މިކަން މިހެން ވާން ދިމާވީ ކީއްވެތޯ ސުއާލުކޮށްލައިފި ނަމަ، ޖަވާބުގައި ބުނަން ޖެހެނީ އަހަރުމެންގެ ތެރެއަށް ތައާރުފުވި ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ސަބަބުން ކަމެވެ. މިކަން ތައާރުފު ކުރީ ފަހަރެއްގައި ވެސް ހެޔޮ ގޮތުގައި ގައުމު ބިނާކުރުމުގެ މަގުސަދެއް އޮވެ، އެކަން ކުރާކަށެއް ނޫނެވެ. ނަމަވެސް، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ވެރިކަމުގައި ވަކި ބައެއް ދެމިތިބެވޭ ގޮތް ހެދުމަށެވެ. ޒިހުނީ ގޮތުން އާންމު ރައްޔިތުން މިކަމަށް ތައްޔާރުވެފައި ނެތުމުން، މީހުން ޕާޓީ ޚިޔާރު ކުރަނީ ފަހަރެއްގައި ވެސް ޕާޓީން ހުށަހަޅާލާ ސިޔާސަތުތަކެއްގެ މައްޗަށް ބަލާފައި އެ ސިޔާސަތުގެ ހަރުދަނާކަން ނުވަތަ ނޫންކަން ބަލާފައެއް ނޫނެވެ. އެކަން ނިމިގެން ދަނީ އާއިލީ ނޫނީ އެނޫންވެސް ޒާތީ ގުޅުންތަކެއްގެ މައްޗަށް ބެލިގެންނެވެ. ނޫން ނަމަ، އިދިކޮޅު މީހާގެ މައްޗަށް އޮންނަ ހަސަދައަކާއި ނަފުރަތުގެ މައްޗަށް ބިނާވެގެންނެވެ. އެހެންވެ، ތިމަންނާގެ ޕާޓީގެ މީހާ ކޮންމެ ފަދަ ކަނޑުކޮސް ވާހަކައެއް ދެއްކިޔަސް، އަދި ކަންކަމުގަައި އަމަލީ ގޮތުން ފޭލިވެފައި ވިޔަސް، އެމީހާ ވަނީ ތިމާ މީހާގެ ބަތޮލަށެވެ. އެއަށް ފަހު، އެބަތޮލަކަށް ނަބީބޭކަލަކަށް ވެސް ނުދޭ ދަރަޖަ ދެވޭ ކަހަލައެވެ.

އާދެ، ކަނު ސިފައެއްގައި ތިމާގެ ބަތަލުންނަށް ތާއީދުކުރަން ތިބި ރައްޔިތަކަށް އެމީހުންގެ ކުރިމަތީގައި ޣައްދާރު މީރު ޖައުފަރު ނުވަތަ 'އިންޑިޔާގެ ހިމާރުންގެ' ފަދަ ކިތަންމެ ބަޔަކު ފެނުނަސް އެއީ މާ ބޮޑު ކަމަކަށް ނުވެއެވެ. ތިމާ މީހާގެ ޕާޓީ ނުވަތަ ތިމާ މީހާގެ ބަތޮލާ އިދިކޮޅަށް މީހަކު އެއްޗެއް ބުނެފި ނަމަ، ޖަވާބަކަށް އޮންނާނީ ކުރީ ސަރުކާރެވެ. ކުރީ ސަރުކާރުގެ ލީޑަރެވެ. ކުރީ ސަރުކާރުގެ ގޯސްކަމާއި ކުރީ ސަރުކާރުގެ ލީޑަރުގެ ގޯސްކަން ދެއްކުމެވެ. މިފަދަ ޣައިރު މަންތިގީ ޖަވާބެއްދީ، ތިމާމެން ކުރާ ހުރިހާ ގޯސްކަމެއް ރަނގަޅު ކޮށްލެވެއެވެ. ޝައްކެއްނެތް ގޮތުގައި މިފަދަ ޣައިރު މަންތިގީ ޒުވާބުތައްދީ ދެމި ތިބެވިދާނެއެވެ. އާޚިރު ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ޣައްދާރު މީރު ޖައުފަރު ނުވަތަ ކުލައިވްގެ ހިމާރުގެ ޣަދަރުވެރި އަމަލުގެ ސަބަބުން އިންޑިޔާގެ މިނިވަންކަން ގެއްލިދިޔަ ފަދައިން މިހާރު ރާއްޖޭގައި އުފެދިގެން އުޅޭ ޣަދަރުވެރި މީރު ޖައުފަރުތައް ނުވަތަ އިންޑިޔާގެ ހިމާރުންގެ ބައިގަނޑުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ވެސް ގެއްލިގެން ދިޔުމެވެ! އާދެ، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ގެނެސްދިން "ފޮނި މޭވާ"އެވެ! ހަސަދައާއި ނަފުރަތާއި ޒާތީ ޖާހިލީ ތައައްސުބުގެ ސަބަބުން ހެޔޮ ނުބައި ވަކި ނުކުރެވޭ ވަރަށް ރައްޔިތުން އަނދިރިވެ ކަނުވީއެވެ!

ނަމަވެސް، މިކަން ބަދަލުކުރެވެން ވާނެއެވެ. އެންމެ ފުރަތަމަ، ނަފުރަތާއި ހަސަދައިން، އަދި ޒާތީ ޖާހިލީ ތައައްސުބުން އެންމެން ވެސް ދުރުވާންވީއެވެ. އެއަށްފަހު، ކޮންމެ މީހަކު ވެސް، ކެރިގެން އެމީހެއްގެ އަމިއްލަ ސިކުނޑީގެ ބޭނުން ކުރަންވީއެވެ. އަދި، އަހަރުމެންގެ ތެރޭގައި، ފާޅުވެގެން މިއުޅޭ ޣައްދާރު މީރު ޖައުފަރުންތައް ނުވަތަ އިންޑިޔާގެ ހިމާރުންތަކުގެ ވާހަކަތައް އަޑުއަހައި އެވާހަކަތަކުގެ ހަގީގަތް ދެނެގަންނަންވީއެވެ. ވެރިކަން ކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް، އިހުގައި ވެސް ރާއްޖޭގައި ވެރިން ވެރިކަން ކުރި ފަދައިން، ބޭރު ބައެއްގެ އަޅުވެތި ކަމުގެ ދަށަށް ނުގޮސް ވެރިކަން ކުރެވޭނެއެވެ. އެހެންވެ، ރާއްޖޭގައި މިއުޅޭ ޣައްދާރު މީރު ޖައުފަރުންނަށް، ނޫނީ އިންޑިޔާގެ ހިމާރުންނަށް ތާއީދުކުރުން މުޅިން ހުއްޓާލަންޖެހެއެވެ.

(މަތީގައިވާ ތަސްވީރުން އެފެންނަނީ ޣައްދާރު މީރު ޖައުފަރު، ސިރާޖުއް ދައުލާ ގަތުލުކުރުމަށް ފަހު، ރޮބަރޓް ކުލައިވްއަށް މަރުހަބާ ކިޔާ މަންޒަރެވެ!)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.