ވަޙީން މަތިވެރި ރިސާލަތު އަލި އުޖާލާ ކޮށްލި ރަމަޟާނުން
ޞަޙީޙު ބަޔާން ތަކުން ޙައްޤާއި ބާޠިލް ވަކިވެ ޤުރްއާނުން
ވަޙީން މަތިވެރި…
ޖަހާލަތު އޭގެ ކުރިބޯއްޓާ ހަމައިގައި ހޫރި ވިހުރެނިކޮށް
ގަހާގެއްސާ އިރާހަނދު ހިލަ މުޤައްދަސްކޮށް ޤަދަރު ދެނިކޮށް
ވަހާ ކުލަ މުޅި ޙިޖާޒުގެ ބިންމަތީން ފޮހެ ލެެއްވި ޤުރުއާނުން
ވަޙީން މަތިވެރި…
ޚަލީލު اللهِ މައްކާގައި ކުރެއްވި ބިނާގެ طَاهِرُ ކަން
ޛަލީލުވެ ބުދު މުޤައްދަސްކޮށް އުޅުނު ގޮތްތައް މަނާވީކަން
އަލީގައި ޝަރުޢުވެވި ދީނުން މަނާވީ އައި ހިނދުން ޤުރުއާން
ވަޙީން މަތިވެރި…
ނިޔާޔަށް ޖާގަނެތި އަނިޔާ މި ބިމުގައި ވެރިވެފައި ވަނިކޮށް
ޟިޔާޔާ އިރުގެ ދޯދިތަކުން އަނދިރިކަން ނިވި ލިޔޭ އަލިކޮށް
ހިޔާ ޢަދުލުން ބިމަށް އެޅިގެން ހިދާޔަތު ފެތުރި ޤުރުއާނުން
ވަޙީން މަތިވެރި…
ދަރީން ލޮބުވެތި ރޮމުން ދަނިކޮށް އަތުން ވަޅުކޮނެ މަރާ ވަޅުލުން
ޚަރީފުވި ހިތްތަކުން ނެތިކޮށް ބަހާރު ރަބީޢު ވެރިވެ އަލުން
ބަރީޢަ އެ ފާފައިން އެވެރިން ކުރީ ކީރިތިވި ޤުރުއާނުން
ވަޙީން މަތިވެރި…