Support Us

ޞަދަޤާތްކުރި ދެ ރޮށިން އާޚިރުގައި ލިބުނު ނަތީޖާ

އިހު ޒަމާނުގައި އުޅުއްވި ރަސްކަލަކު އޭނާގެ ރަށުގެ އަހުލުވެރިންނަށް ޞަދަޤާތްކުރުން މަނާ ކުރެއްވިއެވެ. އަދި މީހަކު ޞަދަޤާތް ދިންކަން އެނގިއްޖެ ނަމަ އެމީހެއްގެ އަތް ކަނޑާނެކަންވެސް އިޢުލާން ކުރެއްވިއެވެ.

ކޮންމެއަކަސް އެ ދުވަސްވަރު އެރަށުގެ އަޙުލުވެރިންގެ ތެރެއިން ވަރަށް ނިކަމެތި ފަޤީރު މީހަކު ގޮސް އަންހެނެއްގެ ގާތު ޞަދަޤާތުގެ ގޮތުގައި އެއްޗެއް ދިނުމަށް އެދުނެވެ. އަންހެން މީހާ ޖަވާބުގައި ބުންޏެވެ. "ޞަދަޤާތް ދޭ ކޮންމެ މީހެއްގެ އަތް ކަނޑާނެ ކަމަށް ރަސްގެފާނު ޢިއުލާންކޮށްފައި ވަނިކޮށް އަހުރެން ތިބާއަށް އެއްޗެއް ދޭނީ ކިހިނެއް ހެއްޔެވެ؟" ފަޤީރު މީހާ ބުންޏެވެ. "މާތްاللَّه އަށްޓަކައި ކޮންމެވެސް އެއްޗެއް ޞަދަޤާތުގެ ގޮތުގައި ދޭށެވެ."

ދެންފަހެ އެ އަންހެން މީހާ ނިކަމެތި މީހާއަށް ދެ ރޮށި ދީފައި ފޮނުވާލިއެވެ. އިސާހިތަކު އެކަން ރަސްގެފާނަށް އެނގިވަޑައިގެންފިއެވެ. އެހެންކަމުން ރަސްގެފާނުގެ ދަރުބާރުން އިއުލާންކޮށްފައިވާ އަމިރުފުޅާ އެއްގޮތަށް ޞަދަޤާތްކުރި އަންހެން މީހާއަށް އުޤޫބާތެއްގެ ގޮތުން އޭނާގެ ދެއަތް ކަނޑުއްވައިފިއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ރަސްގެފާނު އޭނާގެ މަންމާފުޅު އަރިހުން އިންނާނެ ރީތި ކުއްޖަކު ހޯދައިދެއްވުމަށް އެދިވަޑައިގަތެވެ. އެހިނދު ރަސްގެފާނުންގެ މަންމާފުޅު ވިދާޅުވިއެވެ. "އެފަދަ ދެވަނައެއް ނުވާ ފަދަ ރީތި ކުއްޖަކު އެބަހުއްޓެވެ. އެކަމަކު އޭނާގެ ވަރަށް ބޮޑު އައިބެއް އެބަހުއްޓެވެ. އޭނާގެ ދެއަތުންކުރެ އަތެއް ނެތެވެ."

ކޮންމެއަކަސް ރަސްގެފާނުގެ އެދިވަޑައިގަތުމަށް އެކުއްޖާ ގެނެވުނެވެ. އަދި ރަސްގެފާނު އެކުއްޖާއަށް ބައްލަވައިލެއްވުމަށްފަހު އެކުއްޖާއާ ހިތްޕުޅާވިއެވެ. އަދި އެކުއްޖާއާ ކައިވެނި ކުރައްވަން އެދިވަޑައިގަތުމުން އެ އަންހެން ކުއްޖާ އެކަމަށް އެއްބަސްވިއެވެ. ނަމަވެސް އެކުއްޖާއާ ރަސްގެފާނުންގެ އެހެން އަނބިންތައް އެހާ ގަޔާއެއްނުވެއެވެ. އޭނާއަށް ހަސަދަވެރިވިއެވެ.

އޭގެ ދުވަސްތަކެއް ފަހުން ރަސްގެފާނު ހަނގުރާމައަކަށް ނުކުމެވަޑައިގަތެވެ. އެހިނދު ރަސްގެފާނުގެ އެހެން އަނބިންތައް ރަސްގެފާނަށް ލިޔުއްވި ފަތްކޮޅެއްގައި ވެއެވެ. "އެކަނބުލޭގެ (ދެއަތް ނެތް ކަނބުލޭގެ) އަކީ ފާޖިރެކެވެ. އޭނާއަށް ކުއްޖަކު ލިބިފައިވެއެވެ."

އެކަމާ ރަސްގެފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި މަންމާފުޅަށް ފަތްކޮޅެއް ލިޔުއްވިއެވެ. "ދެއަތް ނެތް ކަނބުލޭގެއާއި އޭނާގެ ކުއްޖާ ގަނޑުވަރުން ނެރުއްވައިލައްވާށެވެ." ދެންފަހެ އެކަނބުލޭގެ ގަނޑުވަރުން ބޭރުކުރެއްވުމުން އޭނާގެ ކުއްޖާ ކޮނޑުގައި ބައިންދައިގެން ސަހަރާތެރޭ ދަތުރުކޮށްފައި ދާންފެށިއެވެ. އެދިޔަ މަގުމަތީގައި އެކަނބުލޭގެ ވަރަށް ބޮޑަށް ފެންބޮވައިގަތެވެ. އެހެންކަމުން ކޯރެއްގެ ކައިރީގައި މަޑުކޮށް ފެންބޯން ގުދުވެލިތަނާ ކޮނޑުމަތީގައި އިން ކުއްޖާ ކޯރަށް ވެއްޓި ޣަރަޤު ވެއްޖެއެވެ. އެކަމުގެ ހިތާމައިގައި އެކަނބުލޭގެ ކޯރުގެ އައްސޭރީގައި ރޯން އިންދާ އެތަނަށް ދެމީހަކު އައެވެ. އެ ދެމީހުން އޭނާ ކުރެން ރޮނީ ކީއްވެހޭ ސުވާލުކުރިއެވެ. އެ ދެމީހުންނަށް ވެގެން އުޅޭ ގޮތް އޮޅުންފިލުވައި ދިނުމުން, އެކުއްޖާ ކޯރުން ނަގަން ބޭނުންތޯ އެހިއެވެ. އަންހެން މީހާ އާނއެކޭ ބުނުމުން އެ ދެމީހުން اللَّه އަށް ދުޢާ ދެންނެވިއެވެ. اللَّه ސުބުޙާނަހޫ ވަތަޢާލާ އެ ދެމީހުންގެ ދުޢާ އިޖާބަ ކުރައްވައި އެކުއްޖާ ސަލާމަތް ކުރެއްވިއެވެ. އަދި އެ މީހުން އެ އަންހެން މީހާއަށް އަލުން ދެއަތް ދެއްވުމަށްވެސް އެދި ދުޢާކުރެއްވިއެވެ. ފަހެ اللَّه ސުބުޙާނަހޫ ވަތަޢާލާ އެ ދުޢާވެސް އިޖާބަކުރައްވައި އެ އަންހެން މީހާގެ ދެއަތް ފުރިހަމަކޮށް ދެއްވިއެވެ. އެއަށްފަހު އެ ދެމީހުންނަކީ ކޮން ބައެއްކަން އަންހެން މީހާއަށް ބުނެ ދިނެވެ. އާދެ! އެ ދެ މީހުންނަކީ އެ އަންހެން މީހާ ޞަދަޤާތް ކުރި ދެރޮށްޓެވެ.

މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ އަންގަވާފައިވެއެވެ. މީސްތަކުންނަށް ހެޔޮ ފޯރުވައިދޭ މީހާއަކީ ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ލިބިގެންވާ މީހެކެވެ. އެގޮތުން ނަޙުލު ސޫރަތުގެ 97 ވަނަ އާޔަތުގައި اللَّه ވަޙީކުރައްވާފައިވެއެވެ.

مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ

މާނައީ މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަ ކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަ ކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

އަދިވެސް އަންގަވާފައިވެއެވެ. ޞަދަޤާތް ދިނުމަކީ ހިތާމަތައް ފިއްލަވައި ސަލާމަތްތެރިކަން ދެއްވާނެ ކަމެކެވެ. އެކަން ބަޔާންކުރައްވައި މާތް اللَّه ބަޤަރާ ސޫރަތުގެ 274 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ މާނައީ އެއުރެންނީ، ރެއާއި ދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރި ރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.

މަސްދަރު: ابن الجوزي (رَحِمَهُ ٱللَّٰه) / كتاب البر والصلة.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *