Support Us

ކޮލަމް: ދިނަށަ

ޙަޤީޤީ ބޮޑުފާރަކީ ބަހެވެ!

މާދަރީބަހޭ ބުނުމުން ކުރެވޭ އިޙުސާސާއި އޭގެ ބުރަދަން ވިސްނޭނަމަ ހާދަހައި ރަނގަޅޭ ހިތަށް އަރައެވެ. ބަހަކީ، ޙަޤީޤީ ބޯޑުފާރޭ ބުނުމުން ފިކްރީގޮތުން ހިނިއައުމަކީ ވެދާނެ ކަމެކެވެ. އެހެނަސް މަޖާޒީ ޢިބާރާތުން ބަޔާންކުރުމަކީ، އިންސާނިއްޔަ ބުއްދިޔާއި ފަހުމަށް އޭގެ ރާހަތު އެންމެ ބޮޑަށް ފޯރާ ގޮތްކަމަށްވާތީ އެފަދައިން ސިފަކޮށް އެ ޖުމްލައިގެ ތަޢާރުފެއް، ބައިނަލް އަޤްވާމީ މާދަރީބަހުގެ ދުވަހާ ދިމާކޮށް ހާމަކޮށްލާން ހިތަށް އެރީއެވެ.

ދުނިޔެ ހިނގަމުންދާ ދިއުމުގައި ކުރިއަރާ ޙަޟާރަތްތަކާއި އެފަދަ ތަންތާނގައި އުފެދޭ މުފައްކިރުންގެ ފިކުރުގެ މައްޗަށް އެބައެއްގެ ޤައުމީ ނަވުގެ ހުންގާނު ސީދާކޮށް ދަތުރުކުރާ ކުރުމަކީ އެބައެއްގެ ބާރާއި ނުފޫޒު ހުރިހައި ސިފައެއްގައި ވެސް، އެހެންމީހުންގެ މައްޗަށް ފޯރާ ސަބަބެވެ.

ބަހަކީ، ބޮޑުފާރޭ (ބޯޑަރޭ) ބުނެ ސިފަކުރާން ޖެހުނީ، ގައުމެއް ދިފާޢު ކުރާން އިހުޒަމާނުގައި ވެސް އެބައެއްގެ ރަށްރަށުގެ ވަށައިގެން ބޮޑުފާރު ލާފައި ހުންނާތީއާއި ރާއްޖޭގައި ވެސް ފުރަމާލޭގައި އިހަށް ހުންނަނީ ބޮޑުފާރުލާފައިކަމަށް ވާތީއެެވެ. އެ ފާރުގެ އެެތެރޭގައި ދިފާޢީ ސިފައިން ބޮޑުބަޑި ހިފައިގެން ތިބޭއިރު، ވެރިންނާއި ރައްޔިތުން ތިބޭނީ ރަށުތެރޭގައެވެ. ބޭރުން ފޮނުވާ އުންޑަތަކުން ރަށުގެ ރައްޔިތުން ޙިމާޔަތްވާ ގޮތުގައެވެ.

އެކަމަކު، އެ ބޮޑުފާރު ފޫދިއުމުން، ދުޝްމިނުން ފޮނުވައިލާ ހުރިހައި އުންޑައެއް އަރާނީ ސީދާ ރަށުރެތެއަށެވެ. ފަރުދުންގެ ބޮލަށެވެ. އެއީ، ކަން ހިނގާނެ ގޮތްކަން ހަމަ އެންމެންމެ ދަންނާނެއެވެ.

އެކަން އޮންނާނީ އެހެންކަން އިންސާނިއްޔަ ފިކުރަށް ވިސްނުމުން، އެކަހަލަ މާއްދީ ބޮޑުފާރެއް ހުރުމުގެ ބޭނުމެއް ނެތްކަމާއި، އެފަދަ ބޮޑުފާރެއް ހުރިނަމަވެސް ދުޝްމިނުން ފޮނުވައިލާ ވަޒަންތައް ވަޠަނީްނގެ ބޮލަށް އަރާ ބާވަތުގެ ވަޒަން ހުރިކަން އެނގުނު ހިނދު، ކުރިއެރި ޤައުމުތަކުގެ މާއްދީ ބޮޑުފާރުތައް ތަޅާލާފައި ބޮޑުފާރު ލާފައިހުންނަ ރަށްރަށުގެ އެތެރޭގައި ތިބޭ މީހުންގެ ބޮލަށް ވަންނަ ބާވަތުގެ ވަޒަން ފޮނުވައިލެވޭނޭ ބަޑިތައް އުފެއްދިއެވެ. އެފަދަ ބަޑިތަކުން ވަޒަން ފޮނުވާން ފެށިއެވެ.

އެފަދަ ޙަމަލާއިން ދިފާޢުވާން ލާނޭ ބާވަތުގެ ފާރަކީ، ކޮބައިކަން ދެނެ ނުގަނެވުނު ގައުމުތަކުގެ ވަޠަނީންގެ ބޮލަށް ދުޝްމިނުން ފޮނުވާ ވަޒަންތައް ދަނީ ކެނޑިނޭޅި އަރަމުންނެވެ.

އެވެރިން ބޮޑުފާރު ތަޅައިލީތީވެ އެހެންމީހުން ވެސް ބޮޑުފާރުތައް ތަޅާލިއެވެ. އެކަމަކު އެވެރިން އެފާރު ތަޅާލި ބޭނުމާއި މަޤްޞަދު އެހެން މީހުނަށް ނުވިސްނޭތީ، އެހެން މީހުން ބެލީ ބޮޑުފާރު ނެތުމުން މިނިވަންކަމާއެކު ރަށުތެރެއަށް އަރާ ފިނި ވައިރޯޅިރޯޅީން ހިތަށް ލިބޭ ފިނިކަމުން ހިތްފަހިކުރާން އެކަންޏެވެ. ވަރަށް ވެސް ދެރައެވެ.

ފަހެ އެވެރީން އެ ފޮނުވަނީ ކޮން ބާވަތެއްގެ ވަޒަނެއްބާވައެވެ؟ ޝައްކެއް ވެސް ނެތެވެ. އެއީ، ބަހެވެ. އެހެންކަމުން، އެވެރީންގެ ބަހުން އެހެން މީހުން އުނގެނޭން ލާޒިމުވާ ގޮތަށް ދުނިޔޭގެ ތަޢުލީމީ ނިޒާމު ބައްޓަންކޮށް ތަޢުލީމު ޙިޞާރު ކުރިއެނެވެ. އެހެން އެންމެން އެވެރިންގެ ބަސް އުނގެނި ދަސްކުރާން ޖެހުނެވެ.

ނަތީޖާއަކަށްވީ، އެހެންމީހުން މާއްދީ ބޮޑުފާރުގެ ނިވަލުގައި ސިފައިންގެ ފުރަގަހުގައި ތިއްބައި އެވެރީންގެ ވެރީން، ޕޯޑިއަމްތަކުގައި ހުންނަވާފައި ފޮނުއްވައިލައްވާ، ބަހުގެ ކޮންމެ ވަޒަނެއް ބޮޑުފާރާއި ސިފައިންގެ ނިވަލުގައި ތިބި އެހެން މީހުންގެ ބޮލަށް ވަދެގެންދާނެ ފުރުޞަތު އެވެރީން ފަހިކޮށް ދުނިޔޭގެ އެހެން މީހުންގެ ސިކުނޑިތައް އެވެރީން ފަތަޙަކުރީއެވެ.

އެހިނދުން ފެށިގެން، އެވެރީންނާއި އެވެރީންގެ ދަރީން، އެހެން މީހުންގެ ބަހުންނެއް ނުކިޔަވައެވެ. އެހެންމީހުންގެ ބަސް އެވެރީން ނޫނގެނެއެވެ.
ސަބަބަކީ، އެހެންމީހުންގެ ވެރީން ޕޯޑިއަމްތަކުގައި ހުންނަވައިގެން ކިތަންމެ ވަޒަނެއް ފޮނުއްވައި ލެއްވިޔަސް، އެއިން ވަޒަނަކުން އެވެރީންގެ އެކެއްގެ ބޮލެއްވެސް ތޮރުފައިލުމުގެ ފުރުޞަތު އެހެން މީހުންގެ ވެރީންނަށް ނުދިނުމެވެ.

އެހެންވިއްޔާ ބަހަކީ، ޙަޤީޤީ ބޮޑުފާރެއްތާއެވެ؟