Support Us

ވަގުފިނދަށް ބަދުރުވައިލައިގަތް ވާހަކަ

(ފުރަތަމަ ބައި)

އެއްސަހަރެއްގައި އުޅުނު މުސްކުޅި ދައިތައެކެވެ. އެ ދައިތަ މަސައްކަތްކުރަނީ ރަސްގެފާނުގެ ގަނޑުވަރުގައެވެ. އެ ދުވަސްވަރު ސަހަރުގައި އޮތީ މިނިކާވަގެއްގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައެވެ. ކުޑަ ކުދިން ތިބޭ ގޭގެ ބަލައިގެން އެކި ގޮތްގޮތުން ދިމާކޮށް އެ ކުދިންނަށް ދަނީ ހަމަލާ ދެމުންނެވެ. އަތުޖެހިއްޖެ ނަމަ ގެންދަނީ ކަމުންނެވެ. މިނިކާވަގުންގެ އުނދަގޫ ބޮޑުކަމުން މުސްކުޅި ދައިތަ އޭނާ ކުޑަ ދަރިފުޅު ގެންގުޅެނީ ވަރަށް ބޮޑަށް ފޮރުވައިގެންނެވެ.

ކޮންމެ ދުވަހަކު ގަނޑުވަރަށް މަސައްކަތު ދަނީ އެ ދަރިފުޅު ގެއަށްލައި އެތެރެއިން ތަންޑު އެޅުވީމައެވެ.

މުސްކުޅި ދައިތައިގެ ކަންތައްތައް ހުންނަ ގޮތުން މިނިކާވަގަށް ޝައްކުވެއްޖެއެވެ. އެހެންވެ އެ ދައިތައަށް އެސޮރު ފާރަލާންފެށިއެވެ. ކޮންމެ ދުވަހަކު ވެސް ގޭގެ އެތެރެއިން ދޮރު ހުޅުވަނީ އެ ދައިތަ ގަނޑުވަރުން އައިސް ސިއްރުން ދޮރުދޮށުގައި އެއްޗެއް ބުނުމުންނެވެ. އެ ބުނާ އެއްޗެއް އެންމެ ފަހުން ވަގު ދަސްކުރިއެވެ.

ޖެހިގެން އައި ދުވަހު ގަނޑުވަރުގެ މަސައްކަތަށް އެ ދައިތަ ގޮސްފައި އަންނަހާއިރުގެ ކުޑަ އިރުކޮޅެއް ކުރިން މިނިކާވަގު ގޮސް ދޮރުދޮށަށް ހުއްޓި މުސްކުޅި ދައިތަގެ އަޑުން ގޮވާލިއެވެ. "ގުނބޯގުނބޯ ގުނބުޓައްޔޯ" އެވެ. އެހެން ގޮވާލުމާއެކު އެތެރެއިން ހުޅުވިއެވެ. ދޮރުހުޅުވިއިރު ހުރީ ލޯބިލޯބި ކުޑަ ކުއްޖެކެވެ. ބަލާކަށް ނޯވެ އެއް ފަހަރުން ގޮސް އެ ކުއްޖާ ކައިލިއެވެ. އަދި އެ ދައިތަ އަންނަން ވާއިރަށް އެތެރެއިން ތަންޑުއަޅައިގެން އޮވެއްޖެއެވެ. "މިއަދު ދާނީ އެ ދައިތަ ވެސް ކައިލައިގެންނޭ" ހިތާހިތުން ކިޔާލަކިޔާލައި އޮތެވެ.

އެ ދައިތަ އައިސް "ގުނބޯގުނބޯ ގުނބުޓައްޔޯ" ގޮވާލުމުން މިނިކާވަގު ދޮރު ހުޅުވައިފިއެވެ. ވަގުތުން ކަން ހިނގާފައިވާ ގޮތް އެ ދައިތައަށް އެނގުނެވެ. އެކަމަކު ހަމަ ކަމެއް ވީކަމަށް ނުހެދިއެވެ.

މުސްކުޅި ދައިތަ ގެއަށް ވަންނަމުން ބުންޏެވެ. "ކަލޯ ވަގާއެވެ. އެ ކުޑަ ދަރިފުޅު ނެތް ދުނިޔެއަކު މި ދައިތައެއް އުޅޭކަށް ނެތީމެވެ. ދާން ވާނީ ދައިތަ ވެސް ކާލައިގެންނެވެ. އެ ކަމަކު މީގެން ސުރުވާ ފޮދެއް ހަދައިގެން ބޯލަންދެން ވާނީ މަޑުކޮށްލަދޭށެވެ. މިއީ އަހަރެމެން ކަހަލަ ނިކަމެތި ފަގީރުންނަށް ފަސޭހަފަސޭހައެއްކޮށް ލިބޭނޭ އެއްޗެއްސެއް ނޫނެވެ. މިއީ ރަދުންގެ ސުފުރާމަތިން މިއަދު ލިބުނު އެއްޗެކެވެ.

ދައިތަގެ ކަންތައްތައް ހުރިގޮތުން ހައިރާންވެފައި ވަގު ބުނެފިއެވެ. "ދައިތާއެވެ. ތީ އަނެއްކާ ކޮން އެއްޗެއް ހެއްޔެވެ؟"

ދައިތަ ބުންޏެވެ. "މިއީ ކަމީރުކޮށްފައި އޮތް ބޮޑު ބަކަރި ބޮލެކެވެ. ކޮންމެ ދުވަހަކު ރަސްގެފާނު ހިއްޕަވަނީ މީގެ ސުރުވާއެވެ. މިވަރުގެ ސުރުވާއެއް ދުނިޔެތާކު ނުހުންނާނެއެވެ.

ވަގު ހިތަށް އެރިއެވެ. މި ދައިތަ މިއެއް ބޯން މިވަރަކަށް މިއުޅެނީ ގައިމު މީރުވީމާތާއެވެ. މީގެ ސުރުވާ ފޮދެއް މިފަހަރު ވާނީ ބޯށެވެ. އެހެން ހިތަށްއަރައި ބުނެފިއެވެ. "ދައިތާއެވެ. ގޮތެއްގެ މަތިން ދައިތަ ބުނިގޮތާ އަހަރެން އެއްބަސްވެދާނަމެވެ. އެއީ ތިޔައިން ސުރުވާ ފޮދެއް އަހަރެންނަށް ވެސް ދިނުމެވެ."

ދައިތަ ބުންޏެވެ. "ކަލޯ ވަގާއެވެ. މިއަކު މީހަކަށް ދޭވަރެއް ނުވާނެއެވެ. އެހެން ނޫނަސް މިއަދު މީ އަހަރެންގެ ފަހު ދުވަހެވެ. މީގެ ސުރުވާފޮދެއް ބޯކަށް މި ދައިތައެއް ދުނިޔެއަކު ނުހުންނާނެއެވެ. ކަލޯ ދުނިޔޭގައި ހުރިއްޔާ މި ސުރުވާގެ މީރުކަން އަދި ބެލިދާނެއެވެ."

ވަގު ބުންޏެވެ. "ދައިތާއެވެ. ތިޔަހެން ނުހަދާށެވެ. މިއަދު ތިޔަ ސުރުވާއިން ވާނީ ރަހަ ދައްކާށެވެ."

ދައިތަ ބުންޏެވެ. "ކޮންމެ އަކަސް ކަލޯ ކުރެއް ވެސް ނުކުރިއެވެ. އެހެން ވިއްޔާ ކުޑަ އެތިފޮދެއް ނަމަވެސް ދެވޭތޯ ބަލާފާނަމެވެ. އެކަމަކު ދައިތަބުނާ ގޮތެއް ވެސް ވާނީ ހަދާށެވެ." މިނިކާވަގު އަވަސް އަވަހަށް އާނއެކޭ ބުންޏެވެ.

މުސްކުޅި ދައިތަ ބުންޏެވެ. "ކަލޯމެންގެ އަނގަތަށް ތިޔަ ހުންނަނީ މިކަހަލަ ސުރުވާ ބޮވޭގޮތަކަށް ނޫނެވެ. އެހެންވީމާ ދައިތަ ބުނާ ގޮތަކަށް އޮތިއްޔާ ނޫނީ މި ސުރުވާއެއް ނުބޮވޭނެއެވެ." އެހެން ކިޔާފައި ބަދިގެއަށް ވަދެ ދެ އުނދުނަށް ހުޅުލައި އެއް އުނދުނަށް ސުރުވާ ކައްކަން އުދައިފިއެވެ. އަނެއް އުނދުނަށް އުދީ ބޮޑު ދަގަނޑު އުންޑަބުރިއެކެވެ. ސުރުވާ ކެކެން ފެށުމުން ގޭތެރެއަށް ވަސް ދުވާންފެށިއެވެ. ވަގު ކުޅުދިޔާވާން ފެށިއެވެ. އެންމެފަހުން ނޯވިގެން ގޮވާލިއެވެ. "ދައިތާ ހާދަހާ މީރު ވަހެކެވެ. އަދި ކިހާއިރެއްވާނެ ހެއްޔެވެ؟"

ދައިތަ ބުންޏެވެ. "ކަލޯއެވެ. ދެން ވީހާއިރެއް ނުވާނެއެވެ. މިހާރު ސުރުވާބޯން ތައްޔާރުވާންވީއެވެ."

އެހެންކިޔާ ގެއާއި ބަދިގެއާ ދޭތެރޭގައި ބާއްވާ ހަތަރެސްފައިގައި މުންޑާން ޖަހައި ދެ ދަތްޕިލާ ދޭތެރޭގައި ދަނޑިބުރިއެއް ތާށިކުރިއެވެ. އެއަށްފަހު ބަދިގެއަށް ވަދެ ހޫނުވެ ރަތްވެފައި އޮތް ދަގަނޑު އުންޑަބުރި އޮތް ތެލި ހިފައިގެން ފާޑަކަށް ނަށަމުން ޗޫސް ލައްވަމުން އައިސް މިނިކާވަގުގެ ކަރުބުޑަށް އޮއްސާލިއެވެ. އެ ވަގުތު ނަގައިގެން ދިޔަ ދިލައިންނާއި ވީ ތަދުންނާއި އަރައިގެން ހޫނުން ކެތްނުވެގެން މިނިކާވަގު ތެޅިފޮޅިގަތެވެ. އެ ވަގުތު ހަތަރުމުންޑާ ކޮށާލާފައި އެސޮރު ދުވެ ރައްކާވިއެވެ. އޭގެފަހުން އެތައް އަހަރެއްވީއިރު ވެސް އެ ސަހަރަށް މިނިކާވަގުގެ އެއްވެސް އުނދަގުލެއް ނުވެ ދިޔައެވެ.

(ދެވަނަ ބައި)

އަހަރުތަކެއް ފަހުން އަނެއްކާ ވެސް ދޭތެރެދޭތެރެއިން މިނިކާ ވަގުގެ އުނދަގޫ އެ ސަހަރަށް ފޯރަންފެށިއެވެ. އެކަމަކު އެ މުސްކުޅި ދައިތަމެން ގެއާ ކައިރިނުވެވޭތޯ އެސޮރު ބަލައެވެ.

އެއް ރެއަކު ނިކަން ބޮޑަށް ބަނޑުހައިވެގެން ކާލާނޭ ހަމަ އެއްވެސް އެއްޗެއް ނުލިބިގެން މިނިކާވަގު ސަހަރު ތެރޭގައި ހިނގަމުން ގޮސް އެއްކަލަ ދައިތަގެ ގޭދޮށަށް ދިޔައެވެ. އޭރު ވިއްސާރަވެ ވިދާ ގުގުރަން ފަށައިފިއެވެ. ދޮރުގައި ތަޅައިގެންފައި މިނިކާވަގު އެބަބުނެއެވެ. ދައިތާވޭ މިރޭ މިގެއަށް އަހަރެން ވައްދަބަލާށެވެ. ހީކަރުވައިގަނެގެން މިއޮތް ހަލާކުވަނީއެވެ. ފަގީރު ދައިތަ ހިތަށް އެރިއެވެ. މިރޭ ދޫ ލަނޑެއް ނުދޭނަމެވެ. އެ ދައިތަ ދޮރު ހުޅުވާލުމާއެކު އަވަސް އަވަހަށް ބުނެފިއެވެ. ކަލޯ ވަގާއެވެ. އަވަހަށް ވަންނާށެވެ. އަވަސްކުރާށެވެ. އަވަސްކުރާށެވެ. އޭރު އެ ދައިތަ ހުރީ ލިބާހުންނާއި ކަނޑިކިން ދެ ދަރެއް ބަނދެފައެވެ. ވަގު ބުންޏެވެ. ދައިތާދައިތާއެވެ. އަނެއްކާ ވީ ކީއްހެއްޔެވެ؟ ދައިތަ ބުންޏެވެ. ކަލޯ ނުދެނެހުރީމު ހެއްޔެވެ؟ މިރެއަކީ ވަގު ފިނދަށް ބަދުރުވާ ލައިގަންނަ ރެއެވެ. އެހެން އެ ދައިތަ ބުނުމުން އެސޮރު ވަރަށް ބިރުގަތެވެ. ނާ ދައިތާ ތެދެއްހެއްޔެވެ؟ އެއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟ އަހަރެން ފިނދަށް ވެސް މިރޭ ބަދުރުވާ ލައިގަންނާނޭހެއްޔެވެ؟ ވަގު ސުވާލުކުރިއެވެ.

އާއެކޭ ކަލޯއެވެ. ވަރަށް ރަނގަޅަށް ތަނަކަށްވަދެ ފިލައިގެން ނޫނީ މި ރެއަކު ސަލާމަތެއް ނުވާނެއެވެ. ދައިތައަކަށް ވެސް އެވާ ހުރިހާ ގޮތެއް ކިޔައިދޭކަށް ނޭނގެއެވެ. އެކަމުގެ ބިރުވެރިކަމާއި ވޭނާއި އަސަރާ އެނގޭނީ ލައިގަތީމައެވެ. ދައިތަ އެހެން ބުނުމުން ވަގު ރޮއި ހޭރިގަތްފައި ބުންޏެވެ. ދައިތާދައިތާއެވެ. އަވަހަށް އަހަރެން ތަނަކަށް ލައި ފޮރުވައިދޭށެވެ. ދައިތަ ބުންޏެވެ. މި ޖިފުޓިގަނޑުގައި އަހަރެން، ކަލޯ ފޮރުވާނީ ކޮންތާކަށް ލައިފައި ހެއްޔެވެ؟ ދައިތަ އެހެން ބުނުމުން ވަގު ބުންޏެވެ. ދައިތާ ތިޔަހެންނުހަދާށެވެ. ކޮންމެވެސް ތާކަށް ވައްދާ އަހަރެން ފޮރުވާށެވެ. ދައިތަ ބުންޏެވެ. ކަލޯ ވަގާއެވެ. މިގޭގައި އޮތް ތަނަކީ މިއޮތީއެވެ. އެހެން ކިޔާފައި ދަރާއި ހުޔާ އަޅާފައި އޮތް ދަރުފިޔަފާޅިއަކަށް ވެއްދިއެވެ. ކަލޯވަގާއެވެ. ނިކަން ކެތްކުރަން ޖެހޭނެއެވެ. ބަދުރުވާ ލައިގަންނައިރު ހޫނުވާހެން ވެސް ހީވާނެއެވެ. ނަމަނަމަ ލޯ ނުހުޅުވައްޗެވެ. ފާޑުފާޑު އަޑުއަޑު ވެސް އިވޭނެއެވެ. ޖެހޭނީ އަޅާނުލާ އޮންނާށެވެ. އެހެން ބުނުމުން ވަގު ބުންޏެވެ. ދައިތާއެވެ. ބަދުރުވާ ލައިގަންނައިރު ބުނެލަ ދެއްޗަށެވެ. މިހެން ބުނެފައި ދަރުފިޔަފާޅީގައި ވަގު ބާއްވާފައި ބޯމަތިން ދަގަނޑު ތާހެއް އަޅާފައި ގައިމަތިން ދަރާ ހުޔާއަޅާ ފުރާލިއެވެ. އެއަށްފަހު ވަގުގެ ނަގުލުގައި ވާޖަހައި ބޮޑު ރުކަކަށް އައްސައި ދަރުފިޔަފާޅީގައި ރޯކޮށްލިއެވެ. ހިކި ހުއިތަކާއެކު ދަރުތައް އަނދައިގަތީ ތިޔަހެނެއް ނޫނެވެ. ހޫނުވިޔަސް ކެތްކޮށްލައިގެން އޮވެވޭތޯ ވަގު ބެއްޔެވެ. އަލިފާންގަނޑު އެންމެ ގަދަޔަށް އަނދައިގަތުމުން ތެއްޔެއްގައި ދޭފަތުން ތަޅައިގެންފައި ދައިތަ ހަޅޭއްލަވައިގަތެވެ. ކަލޯކަލޯއެވެ. ލައިގަންފިއެވެ. ލައިގެންފިއެވެ. ބިރުން ތުރުތުރު އަޅައަޅާއޮތް މިނިކާވަގުގެ ބޯމަތިން އަޅާފައިއޮތް ތާސް ވިރިގެން ފައިބަން ފަށައިއެވެ. ނޯވިގެން ފުންމައިގެން ތެދުވެ ނަގޫ ރުކަށް ދީފައި ވަގު ދުއްވައިގަތެވެ. އޭރު ހަށިގަނޑުގެ ކެހެރިތައް އަނދައި ބޮޑުބައެއް އޮތީ ފިހިފައެވެ. ތެޅެމުން ފޮޅެމުން ޖަންގަލީގެ ތެރެއަށް ވަގު ވަދެގެން ހިނގައްޖެއެވެ. އޭގެ ފަހަކުން އެ ވަގެއް އެ ސަހަރަކަށް ނާރައެވެ.

ނޯޓު: މި ވާހަކައަކީ މުޅި ރާއްޖޭގައި ވެސް ވަރަށް މަޝްހޫރު ވާހަކައެވެ. މި ވާހަކަ ތަފާތު ގޮތްގޮތަށް ކިޔަމުން އައުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މި ވާހަކަ މި ލިޔުނީ އަޅުގަނޑުގެ މާމަ (ފާތުމަތު މޫސާ) އަޅުގަނޑު ކުޑައިރު ކިޔައިދޭގޮތް އަސްލަކަށް ބަލައިގެން އަމިއްލަ އިބާރާތުންނެވެ. މި ވާހަކަ ކުރު ދެ ވާހަކައިގެ ގޮތުގައި ވެސް ކިޔާއުޅެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *