Support Us

ކުރު ވާހަކަ- ނުކުޅެދޭ މީހާއާއި އޭނާ ކުރަހާ ސުވަރުގެ

އެއްދުވަހަކު މަގުމަތީ އިން ނިކަމެތި، ފަގީރު، ނުކުޅެދޭ މީހެއްގެ ކައިރިން އަންހެނަކު ހިނގާލާފައި ދިޔައެވެ. އެހެން ދިޔަ ދިޔުމުގައި އެ ނުކުޅެދޭ މީހާއާ ދިމާއަށް އޭނާ އެއްލި ކަޅިއަކުން ފެނުނީ ބިންމަތީގައި އެމީހާ ކުރެހުމެއް ކުރަހަން އިންތަނެވެ.

އެހިނދު އަންހެން މީހާގެ ހިތުގައި އެ ނުކުޅެދޭ މީހާއާ ދޭތެރޭ ހަމްދަރުދީ އުފެދި އޭނާ ކައިރިއަށް ޖެހިލިއެވެ. އަދި ސުއާލުކޮށްލިއެވެ. "ބޭބޭއެވެ! ބޭބެ ތި ކުރަހަނީ ކޮން އެއްޗެއް ހެއްޔެވެ؟"

ޖަވާބުގައި ނުކުޅެދޭ މީހާ ބުންޏެވެ. "އަހަރެން މިކުރަހަނީ ސުވަރުގެއެވެ. އަދި، ސުވަރުގެ އެކި ބައިބަޔަށް މި ދަނީ ބަހަމުންނެވެ."

އަންހެން މީހާ ބުންޏެވެ. "ސުވަރުގެއިން ބައެއް ގަންނަން އަހަރެން ވެސް ބޭނުމެވެ. ސުވަރުގެއިން ބައެއް ބޭބެ ވިއްކާނީ ކިހާވަރަަކަށް ހެއްޔެވެ؟"

ފަންސާސް ރުފިޔާއަށޭ ބުނުމުން، އަންހެން މީހާ އެ ބޭބެއަށް ފަންސާސް ރުފިޔާއާއި އަދި ކައިރީގައި ހުރި ހޮޓަލަކުން ކާއެއްޗެހި ވެސް ގަނެފައި ދިނެވެ.

އެރޭ އަންހެން މީހާއަށް ނިދީގައި ފެންނަނީ އޭނާ ސުވަރުގެ ގޮސްގެން އުޅޭ ތަނެވެ. ދެން، ހެނދުނު ހޭލާފައި އޭނާއަށް ފެނުނު އަޖައިބުކުރުވަނިވި ހުވަފެނުގެ ވާހަކައާއި މަގުމަތިން ދިމާވި ނުކުޅެދޭ ބޭބެގެ ވާހަކަ ވެސް އޭނާގެ ފިރިމީހާއަށް ކިޔައިދިނެވެ.

ދެން، ފިރިމީހާ ގަސްދުކުރީ އޭނާ ވެސް ސުވަރުގެ ދިޔުމުގެ އެދުމުގައި ބޭބެ އަތުން ސުވަރުގޭގެ ބައެއް ގަތުމަށެވެ. އެހެންވެ، ބޭބެއާ ބައްދަލުކޮށް ބޭބެ ކުރަހަމުން ދިޔަ ސުވަރުގޭން ބައެއް ގަތުމުގެ އެދުން އޭނާ ފާޅުކުރިއެވެ.

އެ ވަގުތު އެ ބޭބެ ބުންޏެވެ. ތިޔަހެން ސުވަރުގެ ގަނެގެން ސުވަރުގެއަކަށް ނުދެވޭނެއެވެ. އެހެންވެ، ކަލެއަކަށް އަހަރެން ސުވަރުގެއެއް ނުވިއްކާނަމަވެ.

ހައިރާންވެފައި ފިރިކަލޭގެ ބުންޏެވެ. "ނަމަވެސް، އަހަރެންގެ އަންހެނުންނަށް ސުވަރުގެއިން ބައެއް ބޭބެ ވިއްކީމު ނޫން ހެއްޔެވެ؟ އެހެންކަމަށްވާ އިރު ސުވަރުގެއިން ބައެއް އަހަންނަށް ނުވިއްކަންވީ ކީއްވެ ހެއްޔެވެ؟"

ދެން، ފިރިކަލޭގެއަށް ބޭބެ މައްސަލަ ސާފުކޮށްދިނެވެ. "ކަލޭގެ އަންހެނުން އަހަރެން އަތުން ސުވަރުގެއިން ބައެއް ނުގަނެއެވެ. އޭނާ ކުރި ކަމަކީ، އޭނާގެ ހިތުގައި އަހަންނާ މެދު، އުފެދުނު ހަމަދަރުދީގެ ސަބަބުން، އަހަންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަން ބޭނުން ވެގެން، އަހަންނަށް އިހުތިރާމުކުރުމާއެކު، އެކަން އޭނާ ކުރީއެވެ. ސުވަރުގެ ވަނުން އޮންނަނީ މިފަދައިން ހެޔޮ އަމަލުތައް ކުރުމުގެ މައްޗަށެވެ. އިޚުލާސްތެރިކަމާއެކު، އިންސާނީ ކަރާމާތު ނުގެއްލޭ ފަދަ ގޮތެއްގައި، އަނެކުންނަށް އަޅާލައި ކަމޭހިތިގެންނެވެ. ނަމަވެސް، ކަލޭ ސުވަރުގެ ވަންނަން ގަސްދުކުރީ ވިޔަފާރީގެ މުއާމަލާތެއް ކުރާ ފަދައިންނެވެ. ފައިސާދީ މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަދައިންނެވެ. ސުވަރުގެ ވަންނަން ބޭނުން ނަމަ، ކަލޭ ވެސް ކަލޭ އަންހެނުން ފަދައިން، އިޚުލާސްތެރިކަމާއެކު ހެޔޮ އަމަލުތައް ކުރާށެވެ. އިޚުލާސްތެރިކަމާއެކު، އެހެން މީހުންނަށް އޯގާތެރިވެ، އަޅާލައި އިހުސާންތެރިވުން ފަދަ ހެޔޮ އަމަލުތަކެވެ!

(ތަރުޖަމާއެއް)