Support Us

ކޮލަމް: އަލި

ދިވެހިބަހުން ބުނާށެވެ. ލިޔާށެވެ. ވާހަކަ ދައްކާށެވެ.

ސައުތު އެފްރިކާގެ ޒައީމު ނެލްސަން މަންޑޭލާ ވިދާޅުވި ބުއްދިވެރި ބަސްފުޅެއްގައި ވެއެވެ. "މީހަކު ތިބާއާ އެ މީހަކު ދަސްކުރި ބަހަކުން ވާހަކަ ދައްކައިފި ނަމަ އެ ބުނާ އެއްޗެއް ވަންނާނީ ތިބާގެ ބޮލަށެވެ. އެކަމަކު މީހަކު ތިބާއާއި ތިބާގެ މާދަރީ ބަހުން ވާހަކަ ދައްކައިފި ނަމަ އެ ވަންނާނީ ތިބާގެ ހިތަށެވެ." މަންޑޭލާގެ ބަސްފުޅާ މެދު ވިސްނައިލުމުން އެ ވިދާޅުވި ވާހަކަފުޅުގެ ތެދުކަން އަޅުގަނޑުމެން އެންމެނަށް ވެސް އެނގެއެވެ. އަސަރާއި ޖަޒުބާތުގެ މާނަ ބުނެދެނީ އަމިއްލަ ބަހެވެ. މާދަރީބަސްހެވެ.

މިއަދަކީ މިއަހަރުގެ އާދެ 2022ވަނަ އަހަރުގެ މާދަރީބަހުގެ ދުވަހެވެ. މި އުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. ދިވެހިބަސް ފަދަ ލޮބުވެތި ރީތި މާދަރީބަހެއް އަޅުގަނޑުމެންނަށް ދެއްވި މަތިވެރި ވެގެންވީ އިލާހަށް ތާއަބަދުމެ ހަމްދާއި ޝުކުރު ކުރަމުންނެވެ.

އާދޭހެވެ! ޔުނެސްކޯއިން މިއަހަރަށް ކަނޑައެޅުއްވި މައިޝިޔާރަކީ "ގިނަބައްސަ ތައުލީމުގައި ފަންނިއްޔާތު ބޭނުން ކުރުން: ތަހައްދީތަކާއި ފުރުސަތުތައް" މިއެވެ. މި ޝިއާރުން ބާރު އަޅަނީ އުނގެނުމާއި އުނގައިދިނުމުގައި ގިނަ ބަސްބަސް ކިޔަވައިދޭ ތައުލީމީ ނިޒާމުތަކުގައި ފަންނިއްޔާތު އާދެ ޓެކްނޮލޮޖީ ބޭނުން ކުރުމުގައި ހުރި ތަހައްދީތައް ނުވަތަ ޗެލެންޖުތަކާއި ފުރުސަތުތަކަށެވެ.

އެކާވީސް ވަނަ ޤަރުނުގެ ވިސްނުމާއި ފިކުރާއި ޚިޔާލު ބައްޓަންވާ ތައުލީމުގެ މައި އަސާސަކީ ފަންނިއްޔާތާއި މައުލޫމާތެވެ. މިހެންވުމުން އަދުގެ ތައުލީމީ ނިޒާމުތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ފުރިހަމަ އިންސާނަކު އުފެއްދުމަށެވެ. ޒަމާނީ ފަންނިއްޔާތުގެ ސަބަބުން އިޖުތިމާޢީ ގުޅުންތަކަމާއި އުޅުންތައް މި ދަނީ ބަދަލުވަމުންނެވެ. ދިރިއުޅުމުގެ ފަސޭހަތައް ފަންނިއްޔާތުގެ ވަސީލަތައް އަންނަނީ ހަލުވިކަމާ އެކު ފަހިކޮށް ދެމުންނެވެ. އެހެނަސް އިންސާނީ އިހުސާސްތަކާއި މުއާމަލާތުކުރުމާއި އިޖުތިމާއީ މާނަވީ އާދަކާދަތައް ދަނީ ހަނިވެ ބަދަލުވަމުންނެވެ. ފުރިހަމަ އިންސާނަކު އުފައްދާން ޖެހެނީ މި ފަދަ އެތައް ސަބަބުތަކާ ހުރެއެވެ.

އަދުގެ ތުއްތުކުދީންނާއި ކުޑަކުދީންނާއި ޒުވާނުން ވަގުތު ހޭދަކުރަނީ ހިމޭން ދުނިޔެއެއްގައެވެ. ނެޓުގެ އެކި މަޖަލުގައެވެ. އެކި އުފަލުގައެވެ. މިއަދު އެކަކު އަނެކަކާ ބައްދަލުވެ ވާހަކަދައްކައި ހީނސަމާސަ ކުޅައުމުގެ ހިނދުކޮޅުތައް މަދުވެއްޖެއެވެ. އިންސާނީ ގުޅުންތަކުގެ މައި ބަހާއަކީ މުއާމަލާތެވެ. މުއާމަލާތުގެ ބިނާރަކީ ބަހެވެ. އިންސީނީ ގުޅުންތައް މަދުވެ މުއާމަލާތު ކުރުމެއް ނެތް ނަމަ ބަހުގެ އޮންނާނީ ކޮން ބޭނުމެއް ހެއްޔެވެ؟ މިއީ އަދުގެ ކޮންމެ މުވާޠިނަކުމެ ފުންކޮށް ވިސްނާން ޖެހޭ ކަމެވެ.

މާދަރީބަހުގެ ދުވަހުގެ ހިނިތުންވުމާ އެކު އުފާވެރިކަމުގެ އަތްތިލަބަޑިޖަހަމުން ގައުމިއްޔަތުގެ ކުލަތަކާއި ހެދުންތަކުން ޒީނަތްތެރިވާ ހިނދު މާދަރީބަހާ މެދު ފުންކޮށް ޚިޔާލުކޮށް އަމަލީ މަސައްކަތް މާދަރީބަހަށް ކުރާން ޖެހޭ ކަން ވެސް ހަނދާން ކުރަން ވާނެއެވެ. ދިވެހީންގެ މާދަރީބަހަކީ ދިވެހިބަހަށް ވާން ޖެހޭނެއެވެ. ދިވެހި މުޖުތަމައަކީ ދެބައްސަ ނުވަތަ ގިނަ ބައްސަ މުޖުތަމައެކެވެ. މިފަދަ މުޖުތަމައުތަކުން ބޮޑެތިވާ ކުދިންގެ ކިބައިގައި އެއް ބަހަށް ވުރެ ގިނަ ބަސް އެ ކުދިންގެ މަދަރީބަސްބަހުގެ ގޮތުގައި ވެއެވެ. ދިވެހި ކުދިންގެ ކިބައިގައި ބަސްތައް އަށަގަންނަ އުމުރުގައި އެ ކުދިންގެ ކިބައިގައި ފުރަތަމަ އަށަގަންނަ އެންމެ ލޮބުވެތި ބަހަކަށް ދިވެހިބަސް ހެދުން މުހިންމެވެ. ކޮންމެ ކުއްޖެއްގެ މާދަރީބަހަށް ދިވެހި މާހައުލުގެ އަމިއްލަ ބަސް ވުން އެއީ ދިވެހި ވެށްޓަށާއި ދިވެހިވަންތަކަމަށާއި ތަރުބިއްޔަތާއި އަޚުލާޤަށް އޭގެ ހެޔޮކަމުގެ އަސަރު ކުރާނޭ ކަމެކެވެ.

ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަސް ވީހައިވެސް ކުލަގަދަކޮށް ފާހަގަ ކުރަން ވީއެވެ. ބައްދަލުވުންތަކާއި މަހާސިންތާތަކާއި އެއްވުންތަކާއި ސެމިނާރުތަކާއި ވެބިނާރުތައް ވެސް ބާއްވަން ވީއެވެ. ދިވެހިބަހަށް އަދު ދިމާވެފައިވާ އަދި ދިމާވަމުން ދާ ކަންކަމުގެ މައްޗަށް ވާހަކަ ދައްކަން ވީއެވެ. ހައްލުތަކާ މެދު ޙޭލުތެރިވެ އަމަލީ މަސައްކަތް ކުރަންވީއެވެ.

ދިވެހިބަހަށް އަދު ކުރާން ޖެހޭ އެންމެ ބޮޑު މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެނީ ދިވެހިބަހުން ރީތިކޮށް ލަފުޒުތައް ކިޔުމެވެ. ސާފު ދިވެހިބަހުން ގިނަގިނައިން ވާހަކަ ދެއްކުމެވެ. ދިވެހިބަހުން ތާނައަކުރުން ގިނަގިނައިން ލިޔުމެވެ. ދިވެހިބަހުން ކިޔޭނޭ ތަކެއް ގިނަކުރުމެވެ. ދިވެހިބަހަށް ތަރުޖަމާ ކޮށް އިލްމުތަކާއި ފަންނުތަކުގެ ފޮތްތަކާއި ފުރޭފުތައް އާންމުކުރުމެވެ. ގައުމީ ސިޔާސަތުތަކުގައި ދިވެހިބަހުގެ ދައުރު ފުޅާކުރުމެވެ. އަދު ދިވެހިބަހަށް ކުރާން އޮތް ކަމަކީ ތައުލީމުގެ އެކި މަރުހަލާތަކުގައި ދިވެހިބަހަށް އިސްކަންދިމުނެވެ. ދިވެހިބަހަށް މުޅި އުންމަތް އިހުތިރާމްކުރުމެވެ.

ނެލްސަން މަންޑޭލާ ވިދާޅުވި ފަދައިން ހިތަށް ވަންނަނީ މާދަރީބަހުން ބުނީމައެވެ. އަޅުގަނޑުމެންގެ މާދަރީ ބަހަކީ ދިވެހިބަހެވެ. ވީމާ ދިވެހިބަހުން ބުނާށެވެ. ދިވެހިބަހުން ލިޔާށެވެ. ދިވެހިބަހުން ވާހަކަދައްކާށެވެ. ހިތަށް ވެސް ބޮލަށް ވެސް އެންމެ ފުރިހަމައަށް ވަދެ ޖަޒުބާތުތައް ދިރޭނީ އޭރުންނެވެ. ދިވެހި ޤައުމިއްޔަތު ބަދަހިވެ ދިރި އާލާވާނީ ވެސް އޭރުންނެވެ. އާދޭހެވެ! ދިވެހިބަހަކީ އަސަރު ގަދަ ރީތި އެފަދަ ދެވަނައެއް ނެތް ފުރިހަމަ ބަހެކޭ ބުނެ ހީގީ އަޑެއް އުފެލޭ ކަމުގެ އުފާ ލިބޭނީ އޭރުންނެވެ.