Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

ބައެއް ފަހަރު، ޑިމޮކުރަސީގައި ދެވޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ތިރީގައިވާ ތަސްވީރު ބުނެދޭ ފަދައިންނެވެ. މިނިވަން ޚިޔާލު އެ އިރެއްގައި އޮންނަ ސަރުކާރުގެ ޚިޔާލާ އެއްގޮތް ވާންޖެހެއެވެ. އެއް ގޮތް ނުވެއްޖެ ނަމަ ގަދަ ބާރުން، އަމިއްލަ ޚިޔާލު ސަރުކާރުގެ ޚިޔާލާ އެއްގޮތް ކުރެވެއެވެ. ތަސްވީރުން ފެންނަ ފަދައިން، ބާރުގެ ބޭނުންކޮށްގެން ދައްޗެއްގައި ކަރު ތިއްބައި، ފިއްތައި ބާރުކުރެވިގެންނެވެ. އާދެ، އެކިއެކި ގާނޫނުތައް ފާސްކޮށްގެންނެވެ! މި ގޮތުން ކަންތައް ކޮށް ވެސް، ފާޅުކުރެވޭ ޚިޔާލު ސަރުކާރުގެ ޚިޔާލާ އެއްގޮތް ނުވެއްޖެ ނަމަ އެފަދަ މީހެއްގެ ދުވަސް ދުއްވާލެވެއެވެ. މިކަމާ ބެހޭ ކުޑަ ވާހަކައެއް ލިޔެލާނަމެވެ.

އެއް ދުވަހަކު ސިންގާއެއް ޝިކާރަކުރުމަށްޓަކައި ނުކުތެވެ. އަދި އޭނާއާ އެކު، ވިޔަޅަކާއި (ހިޔަޅު ވައްތަރު، މިނި/މަސްކާ ޖަނަވާރެއް، ވުލްފް،) ހިޔަޅެއް ވެސް ގެންދިޔައެވެ. އަދި، މިވެރިން ވެގެން، ގެރިއަކާއި ބަކައްޓަކާއި މުސަޅެއް ޝިކާރަކުރިއެވެ. ދެން، ވިޔަޅު ހިތަށް އެރީ، އެންމެންގެ މެދުގައި އެމީހުންގެ ޝިކާރަކުރި އެއްޗެހި ބަހާލާނޭ ގޮތެއް ހުށަހަޅާލުމަށެވެ. އަދި، ސިންގާއާ މުޚާތަބުކޮށް ވިޔަޅު ބުންޏެވެ. "ސިންގާ މަނިކުފާނެވެ. މަނިކުފާނަކީ އަޅުގަނޑުމެންގެ ރަސްގެފާނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން، އެންމެ ބޮޑުވެފައި ވަރުގަދައީ ވެސް ހަމަ މަނިކުފާނެވެ. އެހެންވީމާ، މަނިކުފާނު ގެރި ނަންގަވާށެވެ. ދެން، އަޅުގަނޑު، ބަކަރި ނަގާނަމެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ކުޑައީ ހިޔަޅެވެ. އެހެންވީމާ، ހިޔަޅަށް މުސަޅު ފުދޭނެ ނޫންތޯއެވެ؟"

މިވާހަކަ އަޑުއަހައި ސިންގާ ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. އަދި ހަޅޭލަވައިގެންފައި ވިޔަޅާ ދިމާއަށް ބުންޏެވެ. "ޝިކާރަކުރި އެއްޗެހި ބެހުމުގެ ހައްގު ކަލެއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ މި ޝިކާރައިގައި ކަލޭގެ ހިއްސާއެއް އޮތް ވާހަކަ، ކަލޭ ގާތު ބުނީ ކާކު ހެއްޔެވެ؟ އެކަން ކަލެއަށް އެނގުނީ ކިހިނެއް، ކޮންގޮތަކުން ހެއްޔެވެ؟" މިހެން ބުނެ، އަދިވެސް އިތުރަށް، ސިންގާގެ ރުޅިގަދަވެ، ކަރުގެ އެންމެ ބުޑުން ވަރުގަދައަށް އަޑު ނެރެ، ގޮވައިގެންފައި، ފުންމައިގެން ގޮސް ވިޔަޅު ގައިމައްޗަށް ޖެހިގަތެވެ. އަދި، ވިޔަޅު މަރާލައި، ނޮޅައި ކުދިކޮށްލައި ކާލިއެވެ.

ދެން، ހަމަޖެހިލާފައި ހިޔަޅު ގާތު، ސިންގާ ބުންޏެވެ. "އަހަރުމެންގެ ޝިކާރަ ބަހަމާ އުޅޭށެވެ. މިކަމާ ބެހޭ ގޮތުން، އަހަރެން އެއްޗެއް ބުނުމުގެ ކުރިން، ކަލެއަށް ފެންނަ ރަނގަޅު ގޮތެއް ވެސް އަޅެ ބުނެބަލާށެވެ." ދެން، ވަރަށް ވެސް އަދަބުވެރިވެފައި، ސިންގާ ރަސްގެފާނު އަރިހުގައި، ހިޔަޅު ދެންނެވިއެވެ. "މަނިކުފާނުގެ ހެނދުނުގެ ނާސްތާއަށް ގެރި ފަރިއްކުޅުއްވާށެވެ. ދެން، މަނިކުފާނުގެ މެންދުރުގެ ފަރިއްކޮޅަށް ބަކަރި ރަނގަޅުވާނެ ނޫންތޯއެވެ؟ އަދި، މަނިކުފާނުގެ ރޭގަނޑު ފަރިއްކޮޅަށް މުސަޅު ބާއްވާނީއެވެ."

ހިޔަޅުގެ ބެހުމާ މެދު، ސިންގާ އުފާކޮށް، ހިޔަޅަށް ގިނަގުނަ ތައުރީފުގެ ބަސްތައް އިއްވިއެވެ. "ތިޔައީ ހާދަހާވާ ހަމަހަމަ ބެހުމެކެވެ. ތިޔަށް ވުރެ ވަކިން، އިންސާފުވެރި އެހެން ބެހުމެއް ނޯންނާނެކަން ކަށަވަރެވެ." ސިންގާ ބުންޏެވެ. "ތިޔަ ފަދަ ހަމަހަމަކަމާއި އިންސާވެރިކަން ކަލޭ ކިޔަވައި ދަސްކުރީ އަޅެ ކޮން މަދަރުސާއަކުން، ކޮން ފޮތަކުންކަން އަހަންނަށް ބުނެދީފާނަން ހެއްޔެވެ؟"

ޖަވާބުގައި ހިޔަޅު ބުނި އަޑު އިވުނެވެ. "އެ ކަންކަން އަޅުގަނޑަށް ދަސްކޮށްދިނީ ވިޔަޅެވެ. އޭގެ މަސީރެވެ. އޭތި މަރުވެދިޔަ ގޮތެވެ. އޭގެ ހިތާމަވެރި ނިމުމެވެ." ކޮންމެ އަކަސް، ސިންގާ ވަރަށް ވެސް އުފާކޮށް، ގެރިއާއި ބަކައްޓާއި މުސަޅުވެސް ކައިލިއެވެ. ދެން، ބާކީ ހުރި ކަށިތައް ހިޔަޅަށް ހަދިޔާކުރިއެވެ.

އާދެ، މިނަންގަތް ވާހަކައިން ޖަންގަލީގެ ޑިމޮކުރަސީގެ ހަމައާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފެނިގެން ދެއެވެ. އެކަންކަން ބިނާވެފައި އޮންނަނީ ބާރުގެ މައްޗަށެވެ. ބާރުގަދަ ޖަނަވާރުގެ ބަހަކީ ގާނޫނެވެ. އޭތި ނިންމާ ގޮތަކީ ހަމަ އެންމެ ރަނގަޅު ގޮތެވެ. އަދުލު އިންސާފުގެ ނިންމުމެވެ. ޖަންގަލީގައި އެހެން ޖަނަވާރުން، ދިރި ދެމިތިބުމަށްޓަކައި، ހިޔަޅުގެ ބުއްދި ބޭނުންކުރަން ޖެހެއެވެ. އަދި، ނަހަމައަކީ ހަމަކަމާއި ބޭއިންސާފަކީ އިންސާފުކަމަން ގަބޫލުކުރަންޖެއެވެ. ހުތުރު ގޮތަކީ ރީތި ގޮތްކަމާއި ނާތަހުޒީބަކީ ތަހުޒީބުކަން ވެސް ޖަންގަލީގެ އުސޫލުގައި ހަމަޖެހިފައި އޮވެއެވެ. މި ގޮތާ ނުރުހި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެބަ އޮތޭ ކިޔައި އެއްޗެއް ބުނެފި ނަމަ، ވިޔަޅަށްވީ ގޮތް ވެދާނެއެވެ. ނޫންނަމަ، ތަސްވީރުގައި އެފެންނަ ހިއްވަރު ގަދަ އަންހެނާއާ މެދު ކަންތައް ކުރެވުނު ގޮތަށް ކަންތައް ކުރެވިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި ބަކަށްޓަކީ ބަކަށީ ގެ އެކަހެރި ނަމެވެ. ބަކަރީ ގެ އެކަހެރި ނަމަކީ 'ބަކަރިއެއް' އެވެ. ގެރި، ގެށްޓެއް، ދަރި، ދަށްޓެއް ނުކިޔޭ ކަމަށް ވާނަމަ ބަކަރި، ބަކަށްޓެއް ވެސް ނުކިޔޭނެ އެވެ. އެއީ ސުކުން ކުރެވޭ ހަމަތަކުގެ މަތީންނެވެ. އެހެން ނޫނަސް ބަކަށި އެއީ ދިވެހި ބަހުގައި ނަހަލާލު ދަރީންނެވެ. އޭގެ ގިނަ ނަމެވެ. އެހެން ކަމަށް ވާނަމަ ބަކަށްޓެކޭ ބުބެފިނަމަ އެ ވާނީ އިސްވެ މި ދަންނަޥާލިހެން ބަކަށީގެ އެކަހެރި ޞީޣާ އަށް ނޫންތޯ އެވެ.
    ކިތަންމެ ކަޅު ވިލާގަނޑެއްގައި ހުދު ރޮނގެއް ހުރެދާނެއޭ ބުނާ ބުނުމުގެ އަނެއް ކޮޅުވެސް އޮވެދާނެތާއެވެ. އާދެޭހެވެ. ކިތަންމެ ހުދު ވިލާގަނޑެއް ގައި އަނދިރި ތަންކޮޅެއް ވެސް ހުރެދާނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *