Support Us

އޭ ލޯބިވާއެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ތިބާއެވެ.

އާނއެކެވެ. ތިބާގެ ވަކިވެދިއުމާއެކު މިކުޑަކުޑަ އާއިލާ އަށް ކުރިމަތިވެފައިވަނީ ހިތާމަވެރި، ދަތި އުނދަގޫ ދުވަސްތަކަކާއެވެ. ތިބާ ވަކިވެދިއުމުން ހުސްވެފައިވާ ޖާގައަކީ ތިބާ ފިޔަވާ އެހެން އިންސާނަކަށް ފޫބެއްދޭނެ ޖާގައެއްނޫނެވެ. ތިބާގެ ވަކިވެދިއުމުން ކުރިމަތިވެފައިވަނީ ކިތަންމެ ދަތި އުނދަގޫ ދުވަސްތަކެއް ކަމުގައިވި ނަމަވެސް އެކަތިގަނޑެއްގެ ގޮތުގައި ތިބެ މިގޮންޖެހުންތަކާ އަހަރެމެން މިދަނީ ކުރިމަތިލަމުންނެވެ. އަދި އަހަރެމެންގެ ދެބެންގެ މެދުގައި އުފެދިފައިވާ ގުޅުމާއި އެއްބަނޑު އެއްބަފާކަމުގެ ލޯތްބަކީ ޝައްކެއްވެސް ނެތް ގޮތުގައި ތިބާގެ ތަރުބިއްޔަތެވެ. އޭގެ ނަތީޖާއެވެ. ލޯބިވާއެވެ. އަހަރެމެންގެ މި ކުޑަކުޑަ އާއިލާއަށް ދާދި ފަހުންވަނީ އާމެންބަރަކު ގުޅިފައެވެ. އަހަރެމެން ދެ މީހުން އެކުގައި ދެކެމުން އައި ހުވަފެން އިންޝާﷲ ހަޤީޤަތަކަށްވީއެވެ. އަހަރެމެން ދެމީހުންގެ ދުޢާ އިޖާބަ ކުރެއްވީއެވެ. ހިތާމައަކީ މި އުފަލުގައި ބައިވެރިވުމަށް ތިބާ ނެތްކަމެވެ.

ލޯބިވާއެވެ. މި ދަތި އުނދަގޫތަކުގެ ތެރެއިން ބަލައިލި ކޮންމެ ދިމާލަކުން އަހަންނަށް ފެންނަނީ ތިބާއެވެ. އާނއެކެވެ. އަހަރެމެންގެ ދެ ދަރިންނަށް ބަލައިލާ ކޮންމެ ފަހަރަކު އަހަންނަށް ތިބާ ފެނެއެވެ. އެ ދެބެންގެ ދެމެދު އުފެދިފައިވާ އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި ލޯތްބާއި އެއްކުއްޖަކު އަނެއް ކުއްޖަކަށް އަޅާލާ އަޅާލުމުގެ ތެރެއިންވެސް އަހަންނަށް ފެންނަނީ ތިބާއެވެ. ތިބާގެ ތަރުބިއްޔަތެވެ.

ތިބާ ވަކިވެދިޔަކަމުގެ ހިތާމަ އަދިވެސް މިކުޑަކުޑަ އާއިލާގެ ތެރޭގައި ވިންދު ޖަހާލަ ޖަހާލަ އެބަހުއްޓެވެ. ތިބާ ނެތްކަމުގެ ފަޅުކަން އިންތިހާއެވެ. އަހަރެމެންގެ ދިރިއުޅުމުގައި ކުރިމަތިވާ އަދި ދިމާވާ ކޮންމެ ކަމަކުން ތިބާގެ އެތައްއެތައް ހަނދާންތަކެއް ގެނުވައެވެ. ތިބާ ނެތްކަމުގެ މޮޅިވެރިކަން އައިސް އަހަރެމެން ތިން ބަފައިން ވަށާލައެވެ. އެތައް ރުއިމަކުން އަހަރެމެންގެ ހިތްތައް ރޮއްވާލައެވެ. އަހަރެމެންގެ މި ކުރު ހަޔާތުގައި ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް އަނތްބެއް، މަންމައެއް، މުނިމާމައެއްގެ ގޮތުގައި ތިބާ ހިމެނުއްވި މަތިވެރި إلهގެ حَضْرَة އަށް حمدކުރަމެވެ.

ފިރިއެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ތިބާ އަހަރެންގެ ހަޔާތަށް އައުން އެއީ ﷲ އަހަރެންނަށް ލެއްވި ހެޔޮ رحمةއެއް ކަމުގައެވެ. ތިބާ އަހަންނަށާއި އަހަރެމެންގެ ދަރިންނަށް ކޮށްދިން ކަންތައްތައް އޭގެ އަގު އަދާ ނުކުރެވޭހާވެއެވެ. ތިބާ އަހަރެން ދަރަނިވެރި ކޮށްލައިފީމުއެވެ. އާނއެކެވެ. ތިބާއަށެވެ. ތިބާތީ ވަރަށް ހިތްހެޔޮ ހެޔޮލަފާ އަނތްބެކެވެ. ދުނިޔެއާއި އާޚިރަތުގެ މަގު އަހަންނަށް ދައްކައިދިނުމުގައި ހަޔާތް ވޭތުކުޅަ އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އަހަރެންގެ ހަޔާތުގައި ލިބުނު ކޮންމެ ކާމިޔާބީއެއްގެ 50 އިންސައްތަ ޚިއްސާދާރެވެ. ތިބާ ތީ ހެޔޮލަފާ، ލޯބިވާ އަނތްބެއްގެ ލާމަސީލު މިސާލެކެވެ.

ލޯބިވާއެވެ. އަހަރެމެންގެ ދެ ދަރިންގެ ފަރާތުން ތިބާއާމެދު އެކުދިން ދެކޭގޮތް އަހުރެން ބުނެލަދޭނަމެވެ. އެ ދެބޭންގެ ފަރާތުން އަހަންނަށް އެނގިފައިވާގޮތަށެވެ.

ތިބާއީ މަންމައެއްގެ ގޮތުގައި އިންސާނަކަށް ﷲ ދެއްވާނެ އެންމެ ފުރިހަމަ މަންމައެވެ. އެކުދިންގެ އަމަލުތަކާމެދު ތިބާ ފާޅުކުރާ ކުދިކުދި ހިތްހަމަނުޖެހުންތަކާއި ސަމާސާތަކާއި ލޯތްބާއި އިހުސާންތެރިކަމާއި ކަންތައްތައް ކުރުވުމަށް ތިބާ ބާރު އެޅިވަރު އެކުދިން ބަލައިގަންނަނީ ލޯތްބާ އެކުގައެވެ. އެކުދިން ޤަބޫލުކުރާ ގޮތުގައި މިއަދު ތިބާނެތި އެކުދިންނަށް އުޅެން ދަސްވެފައި މިވަނީ އެ ދުވަހު ތިބާ ފާޅުކުރި ހިތްހަމަނުޖެހުންތަކާއި ލޯބިން ބުނެފައިވާ ބަސްތަކާއި ކަންތައް ކުރުވަން އެޅި ބާރުއެޅުންތަކާއި ތިބާ އެކުދިން ތަރުބިއްޔަތު ކުރިގޮތާއި އަދި ކޮންމެ ކަމަކާއި އަދި ދަނޑިވަޅަކާ ތިބާ ކުރިމަތިލުމުގައި ގެންގުޅުނު ހިތްތިރިކަމާއި އޯގާތެރިކަމާއި އިހުސާންތެރިކަމާއި ފޫހިކަމެއްނެތް ހިނިތުންވުމެވެ.

ބަދަލުގައި އެއްވެސް އެއްޗެއް ހޯދުމުގެ ނިޔަތެއް ނެތި ތިބާގެ އެއްބަނޑުއެއްބަފާ ކުދިންނާއި ގާތް ތިމާގެ މީހުންނަށް އެއްވެސް އިމެއްނެތި ހިނިތުންވުމާއެކު ތިބާ ހުޅުވާލާ ދިއްކޮށްލާފައިވާ ތިބާގެ އޯގާތެރި ދެއަތެވެ. އެއިން ކުއްޖަކަށް ކިރިޔާވެސް ހިތާމައެއް، ތުރާލެއް، ދެރައެއް، ދަތިކަމެއް މެދުވެރިވެއްޖެނަމަ ތިބާގެ އެ ދެ އަތް އަބަދުވެސް އެ ކުދިންނަށް މަރުހަބާ ކިޔެވެ. ލޯތްބާއި އުފަލާއެކުއެވެ. ތިބާގެ ހިކުމަތްތެރިކަމާއެކު ތިބާގެ އާއިލާ އެއްބަނޑު އެއްބަފާ، އެއް އާއިލާއެއްގެ ގޮތުގައި، ރޫޅި ވިއްސިވިހާލިވެ ދިޔަނުދީ ތިބާ ހިފެހެއްޓި ހިފެހެއްޓުމެވެ.

ލޯތްބާއި އިހުތިރާމާއެކު އަހަރެންގެ އާއިލާއަށް ތިބާކުރި އިހުތިރާމެވެ. ހިތްހެޔޮކަމާ އެކު އަހަރެންގެ އާއިލާގެ މެންބަރުން ތިބާ ކިބައިން އެދުނު ކަންތައްތައް އެއްވެސް ޝަކުވާއަކާ ނުލާ ލޯތްބާ އެކު ކޮށްދިން ކޮށްދިނުމެވެ. ދޭތެރެދޭތެރެއިން ތިބާ ރާވާލާ ދައުވަތުދިން މެންދުރުގެ ނާސްތާތަކާއި ހަވީރުގެ ސަޔާއި ރޭގަނޑުގެ ކެއުންތަކުން އެކަތިގަނޑެއްގެ ގޮތުގައި އަހަރެންގެ އާއިލާ ހިފަހައްޓާލި ހިފަހައްޓާލުމެވެ.

އަހަރެންގެ މަންމަގެ ރައްޓެހިންނާއެކު ތިބާ ބޭއްވި ގާތްގުޅުމެވެ. ދުވާލަކު އެއް ފަހަރުހެން އެމީހުންގެ ހާލު ތިބާ ބެލި ބެލުމެވެ. އެ ގުޅުން ތިބާ އެކަނިމާއެކަނި ދެމެހެއްޓި ގޮތެވެ.

އަހަރެމެންގެ ދެބެން ޤަބޫލު ކުރާގޮތުގައި މި ކަންތަކަކީ އެ ދެބެންގެ ދިރިއުޅުން ބައްޓަން ކޮށްލަދިން ކަންތައްތަކެވެ. ތިބާގެ އަމަލުން އެ ދެ ބެންނަށް ނަގައިދީފައިވާ އަގުހުރި ފިލާވަޅު ތަކެކެވެ. ދައްކައިދީފައިވާ ރިވެތި މިސާލުތަކެކެވެ. އެކުދިންގެ ދިރިއުޅުން ބައްޓަން ކުރުމަށް ކުރަހާލި މަގުޗާޓެކެވެ. ރަނގަޅު މަގު ހޯދުމަށް ތިބާ ދޫކޮށްފައި ދިޔަ ސަމުގާއެކެވެ. އެކުދިން މިއަދު ތިބާ ނެތި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ތިބާ ދިން ދިރިއުޅުމުގެ މެނުއަލްއެވެ.

ލޯބިވާއެވެ. އަހަރެމެންގެ ދަރިފުޅު އެއްވެސް ތަޖުރިބާއެއް ނެތް ހާލު ތިބާ ނެތި ތުއްތުތުއްތު ކުއްޖަކު އެކަނިމާއެކަނި ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތައް ފެންނަ ކޮންމެ ފަހަރަކު ހިތް ކުދިކުދިވާވަރު ވެއެވެ. ތިބާ ނެތިދިއުން މި އާއިލާއަށް ގެނުވާފައިވާ ހުސްކަން އިންތިހާއަށް ފެނެއެވެ. ތިބާ ހުރިނަމަ މިވެނި ކަމެއް އެވެނި ކަމެއް މިހެން ނުވީހޭ ހިތަށްއަރާ އެތައްއެތައް ފަހަރެކެވެ.

ލޯބިވާއެވެ. ތިބާއާއެކު އަހަރެން ހޭދަކުރި އެންމެ ފަހު ދުވަސްކޮޅު އަހަރެންގެ ހިތުގައި އެ ތަސްވީރުތައް އަދިވެސް ކުރަހާލަކުރަހާލަ އެބަހުއްޓެވެ. އެގޮތުން އެންމެ ފަހުން ނިމިދިޔަ އީދު ދުވަހަށް ބަލާލާނަމެވެ. ތިބާ އޮތީ އަރާމުކޮށްލުމަށް ކޮޓަރީގައެވެ. އަހަރެން އައިސް ކޮޓަރި ދޮރު ހުޅުވާލި އިރު ތިބާ އޮތީ އެއް އަތް ނިތްކުރިމަތީ ބާއްވާލައިގެންނެވެ. އަހަރެން ކޮޓަރިއަށް ވަންކަމުގެ އިހުސާސް ތިބާއަށް ވީހެނެއްހިއެއް ނުވެއެވެ. ކައިރީގައި އިށީނުމަށް ފަހު އަހަރެން ހީނލާފައި ސަމާސާ މިޒާޖަކަށް އަހާލީމެވެ.

"ލޯބިވާއެވެ. ހާދަ ބޮޑު ފިކުރެއްގައި އޮތްހެންހީވެއެވެ. ތިޔަ ވިސްނަނީ ކޮންކަމަކާ ހެއްޔެވެ؟" އެހެން ބުނުމުން މަޑުމަޑުން އަހަރެންނާ ދިމާލަށް އެނބުރި އަހަރެންގެ އަތުގައި ހިފުމަށްފަހު ތިބާ ބުންޏެވެ.

"އުސޭ، އަޅުގަނޑު މި ދުނިޔޭގައި ނެތް ދުވަހަކުން އަޅުގަނޑު ދެކެ ހިތްހެޔޮކަމާއެކު އަސްލު ލޯބިވާ މީހުން އެނގޭނެއެވެ."

ސަމާސާ ގޮތަކަށް ހީނލާފައި އަހާލީމެވެ. "އެއީ ކިހިނެއް؟"

އޭގެ ޖަވާބުގައި ތިބާ ބުނީމުއެވެ.

"އެފަދަ ދުވަހަކުން އުސޭ އަށާއި އަޅުގަނޑުގެ ލޯބިވާ ދެ ދަރިންނަށް އެ ބަޔަކު އައިސް އެހީވެދޭނެއެވެ. އަމަލުން ނުވަތަ ބަހުންނެވެ. އެދުވަހަކީ އުސޭއަށާއި އެ ދެބެންނަށް އެންމެ އެހީތެރިކަން ބޭނުންވާނެ ދުވަހެވެ. އަދި އަޅުގަނޑުގެ ފަރާތުން ލިބިފައިވާ ލޯތްބާއި އެހީތެރިކަމުގެ އަގު ވަޒަންކޮށް އަޅުގަނޑަށް ޝުކުރު އަދާ ކުރަން ލިބޭނޭ ފުރުސަތެވެ."

ތިބާގެ އެ ބަސްކޮޅު އަހަރެންގެ ހިތް ކުދިކުދި ކޮށްލިއެވެ. އަދި މަޑުމަޑުން ގަޔާ ގާތްކޮށްލުމަށްފަހު ބުނީމެވެ. "ލޯބިވާއެވެ. ތިކަހަލަ ވާހަކަ ނުދައްކާށެވެ. އަހަރެންގެ އާއިލާ އަދި ތިބާގެ އާއިލާގެ އެންމެންނާއި ތިބާގެ ހުރިހާ ރައްޓެހި ރަހުމަތްތެރިން ތިބާ ދެކެ އިންތިހާ އަށް ލޯބިވެއެވެ. މިއީ ހަޤީޤަތެވެ. ތިޔަ ކަހަލަ ވާހަކަ ނުދައްކާށެވެ. ތިބާ އަށް ދެރަ ގޮތެއް ނުވާނެއެވެ. އިންޝާﷲ ބޭސްކޮށް އަވަދިވެ ވަރަށް އަވަހަށް މާލެދެވޭނެވެ."

މިހެން ބުނުމުން ހީނލާފައި ތިބާ ބުންޏެވެ. "އިންޝާﷲ"

ލޯބިވާއެވެ. މިއަދު އަހުރެން ހިތަށް އަރައެވެ. ތިބާގެ ބަސްތައް ހާދަ ތެދެވެ. އަދި މި ހިތްދަތި ދަނޑިވަޅުގައި އަހުރެންގެ މި ކުޑަކުޑަ އާއިލާ ކައްޑަތު ކުރަމުންދާ ދަތި އުނދަގޫ ދުވަސްކޮޅު އިއްވާލާ ބަހަކުން ކަމުގައި ވިޔަސް އަދި އަހުރެމެންގެ ދަރިންނަށް ޒިޔާރަތްކޮށް އެހީތެރިކަމުގެ އަތް ދިއްކޮށްލަމުންދާ އަހުރެންގެ އަދި ތިބާގެ އެއްބަނޑު އެއްބަފާ ކުދިންނަށާއި ފަހަރި ޅިޔަނުންނާއި ތިމާގެ މީހުންނާއި ތިބާ އަދި އަހުރެންގެ ރައްޓެހިންނަށް އަހަރެންނާއި މިކުޑަކުޑަ އާއިލާގެ އިޚުލާސްތެރި ޝުކުރު އަދާކުރަމެވެ. އަހަރުމެން ނުބުނަނީސް ފޯރުކޮށްދޭ އެހީތެރިކަމާއި ބަހައްޓާ ގާތްކަމަށް އަހަރުމެން ދަރަނިވެރިވެއްޖައީމުއެވެ. ﷲ ތިޔަ ހުރިހާ ކުދިންނަށް ހެޔޮ ރަހުމަތްލައްވާ، ތިޔަ އިހުސާންތެރިކަމާއި އޯގާތެރިކަމުގެ ބަދަލު އެތައް ގުނަ އިތުރު ހެޔޮކަމުން ދެއްވާނދޭވެ.

ލޯބިވާއެވެ. ﷲގެ ތަނަވަސް ރަހުމަތުން ތިބާއަށް ހެޔޮ ރަހުމަތްލައްވާ، ކަށްވަޅު ތަނަވަސްކުރައްވާ، ﷲގެ ނޫރުފުޅުން ކަށްވަޅު އަލި ކުރައްވާ، ސުވަރުގޭގެ ފެތުރެއްވެވުމަކުން ތިބާގެ ކަށްވަޅު ފަތުރައްވަވާ، ނަކީރު މުންކަރުގެ ސުވާލުތައް ކުރިމަތިވާ ހިނދު ތިބާ އަށް ސާބިތުކަން ދެއްވާ، މަޚުޝަރު ކުރައްވާ ހިނދު އަރުޝީގެ ހިޔާވަހިކަން ދެއްވާ، ތިބާގެ ފަތް ތިބާގެ ކަނާއަތަށް ދެއްވާ، ލުއި ބެއްލެވުމަކުން ތިބާގެ ހިސާބު ބައްލަވާ، ނަރަކައިން މިންޖުކުރައްވާ، ޖަންނަތުލް ފިރުދައުސްގައި ގަނޑުވަރެއް ބިނާ ކުރައްވާ އެގަނޑުވަރުގައި ތިބާ ލައްވާ، ކައުޝަރޭ ކިޔުން ފެންކޯރުން ބުއިމުގެ ނަސީބު ތިބާއަށް ދެއްވާ، އަޅަމެންނާ އެކު ޖަންނަތުލް ފިރުދައުސްގައި ތިބާ ލައްވާނދޭވެ. އާމީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
498
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *