Support Us

ކޮލަމް މާޒީ: ބަލާންޖެހޭނީ ބުނާ މީހަކަށް ނޫނެވެ… ބުނާ އެއްޗަކަށެވެ.

ބައެއް ބޭފުޅުންނަށް މުހިންމުވަނީ އެ ވާހަކައެއް ބުނާ މީހެކެވެ. އެ ވާހަކައެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެން އަޑުއަހަނީ "ބުނާ މީހަކަށް ނުބަލާށޭ ބުނާއެއްޗަކަށް ބަލާށޭ" އޮންނަ ހަރުބަހެކެވެ. އެ ބަހެއް ބުނާ މީހަކު އެއީ ކުށެއް ކޮށްފައި ހުރި މީހެއް ވިއްޔާ އެ ކުށެއް ތަހުގީގުކޮށް ފިޔަވަޅުއެޅުމަކީ މުޅީން އެހެން މައްސަލައެކެވެ. ލަޢުނަތް ލެއްވި އިބްލީސް ވެސް އެއް ފަހަރަކު މީހަކަށް ހެޔޮ ނަސޭޙަތެއް ދިނެވެ. އެއީ ޝައިޠާނުންގެ ކިބައިން ސަލާމަތްވާން އާޔަތުލްކުރުސި ކިޔާ ވާހަކައެވެ. އެ ވާހަކަ ބުނީ އިބްލީސެވެ. އެ ކަލޭގެއަކީ ލަޢުލަތްލެއްވިގެންވާ ނުބައި ނުލަފާ މަޚުލޫގެއް ކަމަށް ވިޔަސް އެ ފަހަރު އެކަލޭގެ ބުނީ ތެދެކެވެ. އެކަލޭގެއަކީ ރަޙުމަތުން ބޭރުކުރެވިފައިވާ އެންމެ ނުބައި ޝާއިޠާނާ ކަމުގައި ވިޔަސް އޭނާ ވެސް ތެދެއް ބުނި ނަމަ ވާނީ ތެދަކަށެވެ.

ދިވެހިރާއްޖޭގައި ދިވެހި ސަރުކާރާއެކު ސިއްރު އެއްބަސްވުންތައް ހަދައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނޑަހަޖަހައިގެން ތިބި އިންޑިއާގެ ސިފައިން ޤައުމުން ފޮނުވައިލާން ޤައުމު ދެކެ ލޯބިވާ މީހުން ގޮވާން ފެށުމުން، ވަކި ބަޔެއްގެ ދަށުވެ ނަގޫ ފިތިފައި ތިބި ބަޔަކު، ތަފާތު އެކި ވާހަކަތައް ދައްކައި، ރާއްޖޭގައި ބޭރުގެ އަސްކަރީ ބާރުތައް ތިބުން ދިފާޢުކޮށް އެބާ ވާހަކަދައްކައެވެ. ކުރީން ދެއްކީ އިންޑިއާ ސިފައިން ރާއްޖޭގައި ނޫޅޭ ވާހަކައެވެ. ފަހުން ކިޔާން ފެށީ އެކަމާ ދެކޮޅު ހަދައި "އިންޑިއާ" އައުޓް ގޮވަނީ ހައެއްކަ "ބޮޓުން"ނޭ އެވެ. އެކަމަކު މިހާރު، ސިފައިން ތިބިކަމަށް ވެސް ވެއްޖެއެވެ. އަދަދު ބުނެލާން ނުކެރުނު ނަމަވެހެވެ. މިހާރު ކިޔަނީ އެއީ ހައްދު ފަހަނަޅައިފައިވާ މީހުން ކިޔާ އެއްޗެކޭއެވެ. އަދި އެހެން ކިޔަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކަމަށް ލޭބަލުކުރާން ވެސް އެބަ މަސައްކަތްކުރެއެވެ.

އަޅުގަނޑަކީ އަދި މި ވީހާ ތަނަށް މަސްތުވާ ހިކި އެއްޗެއް ފޮޓޯއަކުން ނޫނީ ދުށް މީހެއް ވެސް ނޫނީމެވެ. އަމަލުވާ ދިޔާ އެއްޗެއް ވެސް ފެނިފައިވަނީ ޑިޔުޓީފްރީ ފިހާރަޔަކުން އެކަންޏެވެ. އެކަމަކު ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ނައްތައިލާން ހިންގޭ ކޮންމެ ހަރަކާތަކާ އަޅުގަނޑު ވެސް ދެކޮޅެވެ. މި ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީއެއް ގާއިމުވެ ތިބުމާ ދެކޮޅެވެ. އަދި ކައު ސާހިބާއަށް މަލާމާތްކޮށް ކީރިތި ޤުރުއާނަށް ތައުހީނުކުރާ ހަރުކަށި ފިކުރާ ވެސް އަޅުގަނޑު ދެކޮޅެވެ. އަދި ދީނުގެ ނަމުގައި އެއްވެސް ހަރުކަށި ޢަމަލެއް ހިންގުމާ ވެސް އަޅުގަނޑު ދެކޮޅެވެ. ނިރުބަވެރިކަމާ ވެސް ހަމަ މުޠުލަޤަށް ދެކޮޅެވެ. ދައުލަތުގެ އެތައް މުދަލެއްގައި ހުޅުޖަހައި އަންދައިލި އަންދައިލުމާ ވެސް އަޅުގަނޑު ދެކޮޅެވެ. ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ރައްޓެހީންނަށް ބެހުމާ ވެސް ދެކޮޅެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގައިފައިވާ އަދި ހިނގާ ފަސާދައިގެ ނާޖާއިޒު އެކި އަމަލުތައް ނުބަލައި ދޫކޮށްލުމާ ވެސް ދެކޮޅެވެ.

މި ކަންކަމާ ދެކޮޅުކަން އަޅުގަނޑު މި ބަޔާންކުރީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީއިން އަޅުގަނޑަށް ވެސް ލިބިފައިވާތީއެވެ. އެހެންނަމަވެސް މުހިންމީ ބަސް ބުނީ ކާކުތޯ ބެލުމެއް ނޫނެވެ. ބަސްބުނި މީހާއަކީ މަސްތުވާއެއްޗެހި ވިއްކާ މީހަކަށްވާނަމަ، އެއީ މުޅީން އެހެން މައްސަލައެކެވެ. އަދި ޢަމުދުން އެކަން ފުލުހުންގެ ވެރިޔާއަށް އެނގިވަޑައިގަންނަވާ ނަމަ، އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވާންވީތާއެވެ. "އިންޑިއާއައުޓޭ" ގޮވަނީ ކުޑަކުދީންނާ ބެހޭ މީހެއްތޯ، ދަނޑުވެރިއެއްތޯ، މުއައްސަސާއެއްގެ ސިއްރު މަޢުލޫމާތު ބޭރު ބަޔަކަށް ވިއްކައިގެން އެ ތަނުން ބޭރުކޮށްފައި ހުރި މީހެއްތޯ، ނުވަތަ ގަވާއިދާ ޚިލާފަށް ރާވިއްކައިގެން އަރުވައިލި މީހެއްތޯ، ނޫނީ އެކި ރަލުގެ ޕާޓީތަކުގައި ނަށާ މީހެއްތޯ، އެއީ ވަޑިއެއްތޯ، ދައުލަތުގެ އެތައް މުދަލެއްގައި ހުޅުޖަހައިފައި ހުރި މީހެއްތޯ، އެއީ މަސްވެރިއެއްތޯ، އަންހެނެއްތޯ ފިރިހެނެއްތޯ ބެލުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ބަލާން ޖެހޭނީ އެހެން އެ ގޮވާ މީހުން އެހެން އެ ގޮވަނީ ކީއްވެގެންތޯ ނޫންތޯއެވެ؟

ބޭރުގެ އަސްކަރީ ބާރުތައް މި ގައުމުގައި ބަނޑަހަޖަހައިގެން ނުބާއިތިއްބާށޭ ގޮވަނީ ދިވެހި ގައުމުގައި ބޭރު އަސްކަރިއްޔާއެއް އޮންނާން ތާއީދު ނުކުރާ މީހުންނެވެ. ދިވެހި ކާބަފައިން މި ޤައުމުގެ މިނިވަންކަމަށް ޓަކައި ވެވަޑައިގަތް ޤުރުބާނީގެ އަގުވަޒަންކުރާ މީހުންނެވެ. އަމިއްލަވަންތަކަމާއި ސިޔާދަތު ޙިމާތްކުރުމަކީ މި ޖީލުގެ ކޮނޑުގައި އެޅިފައިވާ ވަރުގަދަ އަމާނާތެއްކަން ދަންނަ މީހުންނެވެ. އިންޑިއާ ސިފައިން މި ރާއްޖޭގައި ގާއިމުވެ ތިބޭން ތާއީދުކުރާ މީހުންގެ ބަޔަކު ޓެކްސީ ބުރެއް ވެސް (ވިއްސަކަށް މީހުން ލައިގެން) ބާއްވައިފި ނޫންތޯއެވެ! އެހެންވީމާ އެ ކަމާ ދެކޮޅު މީހުން ސައިކަލު ބުރެއް ބާއްވާން އުޅޭން ފެށީމާ އެއީ ބޮޓުންނޭ، ރަލުގެ ވިޔަފާރިކޮށްގެން އަރުވައިލައިފައި ތިބި ބަޔެކޭ، ކާރު ދުއްވާ މީހުންނޭ، މަހަށްދާ މީހުންނޭ ކިޔުމުގެ ބޭނުމަކީ ކޮބައިތޯއެވެ! އެ ކަމަށް ތާއީދު ކޮށް ޓެކްސީ ބުރު ބޭއްވި މީހުން އެއީ ވަގުންތޯ، ތެދުވެރީންތޯ، މުނާފިގުންތޯ ނުބެއްލެވީ ކީއްވެތޯއެވެ!

ހިތްވަރެއް ހުރި ނަމަ، ބޭރުގެ އަސްކަރީ ސިފައިން މި ރާއްޖޭގައި ތިބުމާ ދެކޮޅު ކޮންޒަވޭޓީވް ފިކުރުގެ މީހުންނާއި ބޭރު ސިފައިން މި ރާއްޖޭގައި ބައިތިއްބާން ވަކާލާތުކުރާ ލިބަރަލް ފިކުރުގެ މީހުންގެ މެދުގައި އެކަމުގެ ފައިދާއާއި ގެއްލުމުގެ މައްޗަށް ހުޅުވައިލެވިފައިވާ ގައުމީ ބަހުސެއް ބާއްވަވާން ވީ ނޫންތޯއެވެ؟ ނުވަތަ އެއް މަންސައެއްގައި ދެ ފަރާތަށް އެ ކަމާ ބެހޭ ގޮތުން ހުޅުވައިލެވިފައިވާ އާންމު ތަގުރީރެއްދީ، ޢަންމުންގެ ސުވާލު-ޖަވާބުގެ ފުރުޞަތެއް ފަހިކޮށްދެއްވާން ވީ ނޫންތޯއެވެ! ނޫންނަމަ، ފެންނަ ނުފެންނަ ވޯޓެއް ނަންގަވާންވީ ނޫންތޯއެވެ! މިނިވަންކަމުގެ ހައްގުގައި ކާބަފައިން ވީ ގުރުބާނީގައި ކޮޅުފައިން ޖަހައި، ރާއްޖެ އިނދަ ޖައްސައިލައި، ނިކަމެތި ބަޔެއްގެ ގޮތުގައި މަކަރުވެރި ބަޔެއްގެ އުނގަށް ވެއްޓިގެންފައި، ދާއިމަށް ތިބޭނީތޯ، ނުވަތަ ކާބަފައިން ވީ ޤުރުބާނީގެ އަގު ވަޒަންކޮށް މިނިވަންކަމާއި އަމިއްލަ ވަންތަކަން ދިފާޢުކޮށް ތަރައްގީގެ މަގުގައި ކުއިއަށްދާނީތޯ ބަލާން ވޯޓެއް ނަގާންވީތޯއެވެ! އޭރުން މި މައްސަލަ ހައްލުވާނެތާއެވެ. ޑިމޮކްރެސީއަކީ ރައްޔިތުންގެ ގިނަ ބަޔަކު މަދުވެގެން %51 މީހުންގެ (%30 އެއް ނޫން) އެދޭ ގޮތަށް ވެރިކަން ކުރުމުގެ ނިޒާމޭ ވިދާޅުވަނީ ވެސް ތިޔަ ބޭފުޅުންނޫންތޯއެވެ!

އިންޑިއާ ސިފައިން، ނުވަތަ އެއްވެސް އެހެން ގައުމެއްގެ ސިފައިން، މި ގައުމުގައި ތިބޭން ދެކޮޅުހަދާ މީހުން އެހެން ބަޔަކާ ނުވަތަ ގައުމަކާ ޖައްސައިލައިގެން އުޅޭކަމަށް ހަދާން ވެސް ލައްކަ މަސައްކަތް އެބަކުރެއެވެ. އަދި އެއީ ސިޔާސީ ކަމެކޭ ކިޔައި އެބަ ލޭބަލު ވެސް ކުރެއެވެ. ނަމަވެސް އެއީ ބޭރު ގައުމެއްގެ މީހެއް ކަމަށް ވިޔަސް ގައުމަށް ޚިޔާނާތްތެރިވާ ދިވެއްސެއްކަމަށް ވިޔަސް އެއްވެސް މީހަކާ ދެކޮޅަކަށް ގައުމީ ފިކުރުގެ މީހުން އަޑެއް ނޫފުއްލައެވެ. އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް އަޑުއުފުލާންޖެހޭ ސަބަބެއް އަދި އެ ކަމުގެ މަސްލަހަތެއް ވެސް ނެތެވެ. އެއީ ހަމަ އުޚުއްވަތްތެރި ބަޔެކެވެ. އުފުއްލާ އަޑަކީ އިންޑިއާ ސިފައިން ބޭރުކުރާން ގޮވާ ގޮވުމުގެ އަޑެވެ. އެއީ ގައުމީ ގޮތުން ޤައުމު ދެކެ ލޯބިވާތީ އެދޭ އެދުމެކެވެ. އެތައް ހާސް އަހަރެއް ވަންދެން މި ގައުމު އަމިއްލަވަންތަކަމާއެކު މިނިވަން ގައުމެއްގެ ގޮތުގައި ދަމަހައްޓާން ކާބަފައިން ކުރެއްވި މަތިވެރި ޖިހާދަށް އިޙުތިރާމް ކުރާ މީހުން އެދޭ އެދުމެކެވެ. ދިވެހީން މާ ނިކަމެތި ހާލުގައި ތިބި އިރު ވެސް އަމިއްލަ ސިފައިންގެ އެހީގައި، ބޭރު ސިފައިން މި ފަސްގަނޑުގައި ނުބައިތިއްބައި، އަމިއްލަ ފަސްގަނޑު ދިފާއުކުރި ޝަރަފުވެރި ޚިދުމަތް ދަމަހައްޓާން ގޮވާ ގޮވުމެކެވެ. ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތަކީ އަޅުގަނޑުމެންގެ ކާބަފައިން މިއަދުގެ ޖީލާ ހަވާލުކުރައްވައިފައިވާ އަމާނާތެއްކަމަށް ވާތީ އެ އަމާނާތަށް ތެދުވެރިވުމުގެ ގޮތުން ކުރާ އިލްތިމާސެކެވެ. އެ މީހުންގެ އެދުން ވަރަށް ސާފެވެ. ކުރީން އެކަން ވަޒީރަކަށް އޮޅިވަޑައިގެންފައި ވިޔަސް މިހާރު އެ މަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާނޭ ގޮތުން އެންމެންނަށް ވެސް އެކަން ސާފުވާނެކަމަށް އުންމީދުކުރެވެއެވެ.

ގައުމީ ފިކުރުގެ މީހުން އެދެނީ ހަމަ އެންމެ ދެތިން ކަމަކަށެވެ. އެއީ މި ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރަކުން ގާއިމުވެ ތިބުން ހުއްޓުވުމެވެ. އެއީ އިންޑިއާކަމަށް ވިޔަސް ޗައިނާކަމަށް ވިޔަސް ނުވަތަ ޕާކިސްތާނުކަމަށް ވިޔަސް އަދި އެހެން ގައުމެއްކަމަށް ވިޔަސް ތަފާތެއް ނެތެވެ. ދެން އެދެނީ އެ މީހުން ބައިތިއްބާން ހަދައިފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރާށެވެ. އެ މީހުންނަށް ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާއިން ކުރާ ޚަރަދު ސާފުކޮށްދޭށެވެ. އެންމެ ކުޑަ މިނުން ރައްޔިތުންގެ މަންދޫބުންނަށް ފެނިވަޑައިގަންނަވާ ގޮތް ހައްދަވާށެވެ. ނުރައްކާތެރި އަޑި ނޭނގޭ ކަންތައްތަކެއް ނެތްތަނަމަ، ދެފުށް ފެންނަ (މާނައަކީ: އެތެރެ ނުފެންނަ ތޯއްޗެކެވެ.) ސަރުކާރެއް ހިންގަވާނެކަމަށް ވިދާޅުވި ބޭފުޅުން އެ އެއްބަސްވުންތައް ހިފަހައްޓަވަނީ ކީއްވެތޯއެވެ! ނުވަތަ އެ އެއްބަސްވުންތައް ހިފަހައްޓަވަނީ އެ ގޮތަށް މީހަކަށް ނުދައްކަވައި ހިފަހައްޓަވާނެ ކަމަށް އެ އެއްބަސްވުމުގައި ލިޔެފައި އޮތީތީ ކަމަށް ވާނަމަ، …. ތިޔަ އެއްބަސްވުންތަކަކީ ބާޠިލު އެއްބަސްވުންތަކެކެވެ. އެހެނީ މި ދައުލަތުގެ ތަންތަނާ ބެހޭ ގޮތުން މި ދައުލަތުގެ ހިއްސާދާރުންނަށް ސިއްރުން އެއްބަސްވުތަކެއް ހަދާކަށް ގާނޫނު ތަނެއް ނުދެއެވެ. ދައުލަތުގެ ހިއްސާދާރުންކަމަށްވާ ދިވެހި ހުރިހާ ރައްޔިތުންނަށް ދައްކަވާން އުނދަގޫފުޅުނަމަ، އެ ރައްޔިތުން ތަމްސީލުކުރައްވާ މަންދޫބުންނަށް ދައްކަވާންވީ ނޫންތޯއެވެ! އެ ފަދަ މަންދޫބުންތަކެއް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނެއެވެ. އެންމެ ކުޑަމިނުން އެ ބޭފުޅުންނަށް ދައްކަވާންވީ ނޫންތޯއެވެ! އެ ބޭފުޅުންގެ ރުހިވަޑައިގަތުން ނެތި ހެދިފައިވާ އެއްބަސްވުންތަކެއް ކަމަށް ވާނަމަ، އެއީ ބާޠިލު އެއްޗެކެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް (India Out) އަޑު އުފުލާތީ އެކި ވާހަކަދައްކާ މީހުން، އެހެން ނުގޮވާން އިލްތިމާސް ކުރަނީ އިންޑިއާއިން ފިޔައާއި އަލުވި ރާއްޖެއިން ގަނެގެން ގެންނާތީޔޯލައެވެ. ހައިރާނުންހައިރާނެވެ. މި މީސްމީހުންގެ ސިކުނޑިއަށް ޖެހިފައިމިވަނީ ކޮން ބައްޔެއްބާވައެވެ! ހަމަދަރުދީވަމެވެ. އެއްވެސް ގައުމަކުން މި ރާއްޖެއަށް ފިޔަޔާއި އަލުވި ހިލޭ ދެނީކީ ނޫނެވެ. ގަންނަނީއެވެ. އަދި ހިލޭ ދިންކަމަށް ވިޔަސް އޭގެ މުގާބިލުގައި މިނިވަންކަން ގުރުބާނެއް ނުކުރެވޭނެއެވެ. މި ފަދަ ތާކުންތާކު ނުޖެހޭ ވާހަކަތައް ހުއްޖަތެއް ކަމުގައި ދައްކާ މީހުންގެ ނަޒަރުގައި ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލުގެ އަގު ފިޔާ ކިލޯއަކާއި އަލުވި ކިލޯއަކަށް ވުރެ ވެސް ދަށީ ކަމަށް ވެދާނެއެވެ. ނަމަވެސް ޤައުމީ ފިކުރުގެ މީހުންގެ ނަޒަރުގައި އެއްވެސް އެއްޗެއްގެ މުގާބިލުގައި ގައުމުގެ ސިޔާދަތާއި އިސްތިޤުލާލާއި އަމިއްލަވަންތަކަމާއި މިނިވަންކަން ދޫކޮށެއް ނުލެވޭނެއެވެ. އެއީ ކޮންމެހެން އިންޑިއާ ވެގެންނެއް ނޫނެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމު ކަމުގައިވާ ޔޫއޭއީއާއި ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމު ކަމުގައިވާ ޗައިނާއާއި ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމު ކަމުގައިވާ ސިންގަޕޫރު ސިފައިން ވެސް އަދި އެހެން ގައުމެއްގެ ސިފައިން ވެސް މި ގައުމުގައި ގާއިމުވެ ތިބޭކަށް ގައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ނޭދޭނެއެވެ. ނަމަވެސް، އިންޑިއާގެ ސިފައިން މި ގައުމުގައި ބަނޑަހަޖަހައިގެން ތިބޭ ތިބުމުގެ ދިފާޢުގައި ވާހަކަދައްކަނީ މާއްދިއްޔަތަށް އެބައިމީހުންގެ ނަފުސާއި ޒަމީރު ވިއްކައިލައި އެ ގައުމުގެ ސަރުކާރުގެ ދަށުގެ ފިތިފައި ތިބި، އެބައިމީހުންގެ ނަފުސުގެ އަގެއް ނެތް ނިކަމެތި މީހުންނެވެ. މި ފަދަ މީހުންނަށް އެ ނޫން ގޮތެއް ނުވެސް އޮންނާނެއެވެ. އަމިއްލަ އެދުމުގެ ސަބަބުން އެ ވަނީ އިންޑިއާއަށް ވިކި، އެ މީހުންގެ ދަށުގައިވެ ފިތި ތާށިވެފައެވެ. ނަމަވެސް ހަގީގީ މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަން ކަމަށް ގަބޫލުކުރާ މީހުންނަކީ އެއްވެސް އަގަކަށް އެބައިމީހުންގެ ޒަމީރާއި ޢިއްޒަތުއްނަފުސް ނީލާންކިޔާނެ ބަޔެއް ނޫނެވެ. ހަގީގީ މިނިވަނުންނަކީ އަދި ހަގީގީ މުއްސަނދީންނަކީ ވެސް މިއީ ނޫންތޯއެވެ! ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވަނީ "لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ، وَلكِنَّ الْغِنَى غِنَى النَّفْسِ" (މުއްސަނދިކަމަކީ ލިބިފައިވާ [ފުރުޞަތުތަކާއި] މުދަލުގެ ގިނަކަމެއް ނޫނެވެ. އެހެނެއްކަމަކު މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަމެވެ.) މިހެންނެވެ. (ރިވާކުރެއްވީ އަބޫހުރައިރާ.)

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑު އުފުލުން ހުއްޓުވާން އިންޑިއާއިން އަންގައިފައިވާތީ ކޮންމެ ފަދަ އަގެއް ދައްކައިގެންވެސް އެކަން ވޭތޯ އެބަ މަސައްކަތްކުރެއެވެ. ދާދިފަހުން އިވުނީ އެހެން ގޮވުން ނުހުއްޓައިފި ނަމަ، ވަކި ބޭފުޅަކަށް ހައްޤުވާ ޢިނާޔަތް ކަނޑައިލާ ވާހަކައެވެ. މިއީ ވަކި ބޭފުޅަކު ވިދާޅުވެގެން ގޮވާ އެއްޗެއް ނޫނެވެ. ގައުމު ދެކެ ލޯބިވާ މީހުންގެ ނަފުސުގެ އަގު އެހާ ދަށެއް ނުވާނެއެވެ. އަމިއްލަ ސިކުނޑި އޮތްތާ ބާއްވައިފައި، އެހެން މީހުންގެ ސިކުނޑިއަކުން ނުވިސްނާނެއެވެ. އިންޑިއާ ސިފައިން މި ފަސްގަނޑުން ބޭރުކުރާށޭ، އަދި އެއްވެސް ގައުމެއްގެ ސިފައިން މިތާނގައި ބައިތިއްބާކަށް ނުރުހެމޭ ގޮވަނީ މީހަކު ބުނެގެންނެއް ނޫނެވެ. ކުރީން ވެސް ދެންނެވި ފަދައިން އެހެން ގޮވަނީ އެހެން ގޮވާ މީހުންގެ ނަޒަރުގައި އެއީ އެބައިމީހުންގެ ޤައުމީ ވާޖިބެއް ކަމުގައި ވާތީއެވެ. ވަޠަނީ އަމާނާތެއް ކަމަށް ދެކޭތީއެވެ. ވީމާ، ވަކި ބޭފުޅަކަށް ލިބިވަޑައިގަންނަވާ ޢިނާޔަތް ކަނޑައިލިޔަސް މި ގޮވެއްޔެއް ގޮވާ މީހުންގެ އަނގައެއް ބަންދެއްނުވާނެއެވެ. އަދި ޤާނޫނެއް ވެސް ފާސްކުރެވިދާނެއެވެ. ނަމަވެސް އެ ގޮވުން ހުއްޓުވޭނީ ޤައުމީ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތާއި އަމިއްލަވަންތަކަމަށް ލޯބިކުރުމުގެ ފިކުރު ނައްތައިލެވިގެންނެވެ. އެ ފިކުރު ނައްތައިލުމަށް ޓަކައި ކިތަންމެ މަސައްކަތެއް ކުރެވުނަސް އެއީ ކައިރި މުސްތަޤުބަލެއްގައި ކުރެވޭނެ ކަމެއް ކަމަކަށް ގަބޫލެއް ވެސް ނުކުރެވެއެވެ. އެ މަސައްކަތް ކިތަންމެ ބާރަށް ކުރެވުނަސް އެ ކަމަށް ޒަމާންތަކެއް ހޭދަވާނެއެވެ. ގައުމުތަކުގައި މުސްލިމުންގެ ނަސްލު ނައްތައިލާން މަސައްކަތްކުރާ ގޮތަށް ވަޠަނީ ފިކުރުގެ އެންމެން މި ފަސްގަނޑުން ނައްތައިލުމަކީ ވެސް މާ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންވީމާ އިންޑިއާއިން ކިތަންމެ ވަރަކަށް ބާރުއެޅިޔަސް އަދި މި ގޮވެލިފަތި ގޮވުން ހުއްޓުވޭކަށްނެތެވެ.

ހަގީގަތާއި ހައްގަކީ ފަސްއަޅައި އޮބިއަޅައިގެން އަބަދަކު ފޮރުވޭނެ އެއްޗެއް ނޫނެވެ. މީސްމީހުންނަށް ބިރުދެއްކިދާނެއެވެ. ޖިސްމަށް އަނިޔާ ވެސް ދެވިދާނެއެވެ. އަޣުލަބިއްޔަތު އޮންނަ ބަޔަކަށް ހަމައާއި އިންސާފާ ޚިލާފަށް ގާނޫނެކޭ ކިޔައިގެން އެއްޗެއް ވެސް ފާސްކުރެވިދާނެއެވެ. މާއްދީ ބާރުގައި އެ 'ގާނޫނެއް' ތަންފީޒު ވެސް ކުރެވިދާނެއެވެ. ނަމަވެސް ތާއަބަދަށް ދާއިމަކަށް ނޫނެވެ. އަދި ފަންނިއްޔާތުގެ މި ޒަމާނުގައި ދުލާއި ހިތުގައި ކަސްތަޅެއް ވެސް ނޭޅުވޭނެއެވެ. ހައްގު ފާޅުވާނެއެވެ. ބާޠިލު ނެތިދާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ "وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَٰطِلُ ۚ إِنَّ ٱلْبَٰطِلَ كَانَ زَهُوقًا"  ("ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދު ގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައި ހިނގައްޖެއެވެ. ހަމަ ކަށަވަރުން ބާޠިލަކީ ނެތިވެ، ފިލައިދަނިވި އެއްޗެއްކަމުގައި ވިއެވެ.") (سورة الإسراء:81)

އާދޭހެވެ! މަޤާމުގެ ދިފާޢުގައި ނުވަތަ ވަޒީފާ ގެއްލިދާނެތީ ޤައުމުގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލު ނަގައިލާން މަސައްކަތްކުރާ މީހުން، ނުވަތަ އެ މީހުންނަށް ވާގިވެރިވާ މީހުން، އެ އަނިޔާ ދެނީ ހަމައެކަނި މިއަދުގެ ޖީލަކަށް ނޫނެވެ. އެ އަނިޔާ ދެވެނީ ޚުދު އެބައިމީހުންގެ އަމިއްލަ ދަރީންނާއި ދަރީންގެ ދަރީންނަށް ވެސް މެއެވެ. އަންނާން އޮތް ޖީލުތަކަށެވެ. ފަހަރެއްގައި އެ ގޮތަށް މަސައްކަތްކުރާ މީހުންނަކީ މި ރާއްޖޭގައި ދިރިއުޅުމުގެ ނިޔަތް ނެތިގެން ބޭރުން ގެދޮރު ގަނެގެން އެ ގައުމުތަކަށް ހިޖުރަކުރާން ގަސްތުކޮށްގެން އުޅޭ މީހުންކަމަށް ވެދާނެއެވެ. އެހެންކަމަށް ވިޔަސް އެ ފަދަ މީހުންގެ ގާތްތިމާގެ މުޅި އައުލާދުގެ އެންމެން ގޮވައިގެންނެއް ނުދެވޭނެއެވެ.

ޤައުމަށް މި ބޮޑު ޚިޔާނާތްވުމުގައި އިސްވެ އުޅުނު މީހުންނާއި އެހީތެރިވެދިން މީހުންނަކަށް (މިއަދުގެ ޚާއިނުންނަށް) އަންނާން އޮތް ޖީލުން މާފެއް ނުކުރާނެއެވެ. އެ މީހުންގެ ނަންތައް ޚާއިނުންނާއި ޣައްދާރުންގެ ގޮތުގައި ތާރީޚުގައި ލިޔާނެއެވެ. ފަންނިއްޔާތުގެ މި ޒަމާނުގައި މި ހަގީގަތްތައް އޮޅުވައިލައްވައި ފޮހެލައްވާން ހީފުޅުކުރެއްވިޔަސް އެ ކަމެއް ވެސް ނުވާނެއެވެ. މި ހުރިހާ އެންމެން ގައުމަށްވާ ޚިޔާނާތް އަންނާން އޮތް ޖީލުތަކުން ބަލާނެއެވެ. ކިޔާނެއެވެ. ދިރާސާކުރާނެއެވެ. އަދި އެ ފަދަ މީހުންގެ ނަންތައް ޚާއިނުންނާއި ޣައްދާރުންގެ ލިސްޓުގައި އެންމެ މަތީގައި ލިޔާނެއެވެ. ނުވަވަނަ ހަސަން ރަސްގެފާނާއި ތާޖުއްދީނުގެ ދެ ދަރީންގެ ނަންތަކަށްވުރެ މަތީގައެވެ.

"އިންޑިއާއައުޓް"ގައި އައުޓްވާން ވީ ކޮން އެއްޗެއްކަން އެނގިވަޑައިނުގަންނަވާ ބޭފުޅުންގެ މަޢުލޫމާތަށް ޓަކައި ދަންނަވައިލަމެވެ. އިންޑިއާ ސިފައިން (އަދި އެހެން ގައުމެއްގެ ސިފައިން ވިޔަސް) މި ރާއްޖޭގައި ތިބުމާ ދެކޮޅަށް އުފުލާ އަޑަކީ ވަކި ގައުމަކާ ނުވަތަ ގައުމުތަކަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ނުވަތަ ގައުމުތަކެއްގެ ރައްޔިތުންނާ ދެކޮޅަށް އުފުލާ އަޑެއް ނޫނެވެ. އެއީ ދިވެހި ގައުމުގެ ހައްގުގައި ދިވެހި ގައުމުގެ ދިފާއުގައި ގޮވާ ގޮވުމެކެވެ. އުފުލާ އަޑެކެވެ. "ސިއްރު އެއްބަސްވުންތައް" ހާމަކުރައްވައި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކުރީމާ އެ ގޮވުން ހުއްޓޭނެއެވެ. މިކަން ނުކުރެއްވިޔަސް ދިވެހީންގެ ހިތްހެޔޮކަމާއި މެހުމާނުދާރީކަން ހަމަ ހުރިހާ ގައުމެއްގެ ރައްޔިތުންނާ އެކީ ވެސް އޮންނާނެއެވެ. މި ވާހަކަ މި ދެންނެވީ މި ކަން އެނގިވަޑައިނުގަންނަވާނެތީކީ ނޫނެވެ. އެނގިވަޑައި ނުގަންނަވާކަމަށް ހައްދަވާތީއެވެ. އައުޓްކުރާންވީ އެއްޗެއް އެނގިވަޑައިގަތް ފަދައިން މި ކިޔަނީ ކީކޭކަން ވެސް މިހާރު ސާފުވެވަޑައިގެންފާނެކަމަށް އުންމީދުކުރަމެވެ. އެހެންނަމަވެސް "صُمٌّ بُكْمٌ عُمْيٌ فَهُمْ لاَ يَرْجِعُونَ"( سورة البقرة:18) މި އާޔަތުގައި މި އަންގަވާ ފަދަ ބަޔަކަށް ނުވާނަމައެވެ.

އެ ބަޔެއްގެ ސަބަބުން ހައްގު ގޮތް އެ ބަޔަކަށް ނުފެންނަ ބަޔަކަށް ހައްގު ތެދު ގޮތް ދައްކާން އަޅުގަނޑުމެންނަށް ކުރެވޭނީ ކީއްތޯއެވެ! އިންޑިއާގެ މައިބިމާއި ކަޝްމީރުގައި މުސްލިމުންނަށް ކުރިމަތިކޮށްފައިވާ އަނިޔާގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަވެ، ޚުދު ބައެއް ހިންދޫން ވެސް އެ ކަމާ ދެކޮޅަށް އަޑުއުފުލައިފައިވިޔަސް އެ ތާ ކައިރީގައި ހުރެމެ، އެތަން ނުފެނި އަދި އެއީ ދޮގެއްކަމަށް ވަކާލާތުކުރާ މީހުން ވެސް އެބަ ތިބިތާއެވެ! އެ ވާހަކަ ބަޔަކު ގަބޫލު ނުކުރިޔަސް އެހެން ވެސް އޭނާއަށް އެބަ ކިޔެއިތާއެވެ. ކޮންމެ ފަދަ ގޯހެއް ގޮވިޔަސް ނޫސްނޫހުގެ ސުރުޚީތަކުން އެއަށް ޖާގަ ވެސް އެބަ ލިބޭތާއެވެ! އެ ކަމާ އަޅުގަނޑުމެން ކިޔާނީ ކީކޭތޯއެވެ! މާތް ﷲގެ ވަޙީ ބަސްފުޅެއް މި ތާނގައި ހަމައެކަނި ޒިކުރުކޮށްލުމުން ފުއްދައިލާނަމެވެ. "لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُوْلَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُوْلَٰٓئِكَ هُمُ ٱلْغَٰفِلُونَ" ("އެ ހިތްތަކުން (ޙައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއް ވެސް އެއުރެންނަށް ވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެ ތަކެއްޗަށްވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ."). (سورة الأعراف: 179)

އެހެންވީމާ…. "އިންޑިއާއައުޓް" މޭމަތީގައްޔާއި ބުރަކަށިގައި ޖަހައިގެން އުޅެނީ މަސްތުވާ އެއްޗެހި ވިއްކާ މީހުންކަމަށް ފުލުހުންނަށް އެނގިވަޑައިގަންނަވާނަމަ، ނުވަތަ (އިސްލާމްދީނަށް ތައުހީނުކުރާ ނުބައިނުލަފާ) ހަރުކަށި ފިކުރުގެ މީހުންކަމުގައި ވާނަމަ، އަމުދުން އެ ކަން ފުލުހުންގެ ވެރިޔާއަށް އެނގިވަޑައިގަންނަވާ ނަމަ، އެ މައްސަލަތައް ބައްލަވައި، ލަސްނުކުރައްވައި، ފިޔަވަޅު އަޅުއްވާށެވެ! ގާނޫނުއަސާސީއިން ލިބިދީފައިވާ ހައްގެއް ބޭނުންކޮށް އެ މީހުން ދިވެހި ގައުމުގެ މިނިވަންކަމަށް ޓަކައި ގޮވާ ގޮވުންތަކާ އެ ކަމާ ނުބައްސަވާށެވެ! އެހެން ގޮވާ ބަޔަކު އެ ގޮވަނީ އެ މީހުންގެ ނަޒަރާއި ޚިޔާލާއި ފިކުރުގައި އެ މީހުންނަށް ފެންނަ ގޮތެވެ. އަދި ކުރީން ވެސް ދެންނެވި ފަދައިން، ގައުމީ ފިކުރާ ދެކޮޅަށް ބޭރު ސިފައިން މި ރާއްޖޭގައި ބައިތިއްބާން ގޮވައިލައި، ހައެއްކަ މީހުން މުޒާހަރާ ވެސް ކުރީތާއެވެ. އަދި އެތައް ބަޔަކު ރަސްމީ މީޑީއާއާއި މީސްމީޑިއާގައި އެކި ފަހަރު އެކި ވާހަކަދައްކައި އިންޑިއާ ސިފައިންގެ ވުޖޫދު މި ރާއްޖޭގައި ބާއްވާން ވަކާލާތުކޮށް، ކޮސް ވެސް ގޮވަނީތާއެވެ. އެއީ މުޅީން އެހެން ކަމެކެވެ. ކޮންމެ ފަދަ ފަސްމަންޒަރަކުން އަޔަސް އެ މީހުން އެ ހާމަކުރަނީ އެ މީހުންގެ ޚިޔާލެވެ. އެއީ އެ މީހުންނަށް އޮންނާންވާނެ ހައްގެކެވެ. އެއީ ކޮން ފަންތިއެއްގެ ކޮން ގިންތިއެއްގެ މީހެއްތޯ ބަލާކަށް ނުޖެހެއެވެ. ކުށެއް ކޮށްފައި ތިބި ބަޔަކު ތިބި ނަމަ، އެ ބަޔަކާމެދު ފިޔަވަޅުއަޅުއްވާށެވެ! އެއީ މި ކަމާ ގުޅުންހުރި ކަމެއް ނޫނެވެ. އެ މީހުންނަށް އެހެން (India in) ކިޔުމުގެ ހައްގު އޮންނަ ފަދައިން މި މީހުންނަށް މިހެން ((India out) ކިޔުމުގެ ހައްގު ވެސް އޮންނާން ޖެހޭނެއެވެ. ބަޔަކު އެއްޗެކޭ ކިޔައިގެން އެ ކަމާ ކަންބޮޑުވެގެން އެހެން ބަޔަކު އުޅޭ ނަމަ ބަލާންޖެހޭނީ ބުނާ މީހަކަށް ނޫނެވެ… ބުނާ އެއްޗަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5

2 Responses

  1. އަޒީއެވެ! މި ލިޔުން އޭގެޒާތުގައި ގޯހެެއް ނޫނެވެ. އެކަމަކު ވަރަށް ގިނަ ކަންކަމަށް މިސާލު ޖަހާފައިވާއިރު، ދައުލަތުގެ ވެރިޔަކަށްހުރެ ދައުލަށް ލިބެންހުރި އެތައް ބިލިއަން ރުފިޔާއަކުން ވައްކަން ކުރި ވާހަކައެއް ނެތެވެ. އެއީ އަޒީގެ ވެސް ވެރިމީހާ ވީމާތޯއްޗެކެވެ.

  2. ސަރުދާރޫ! އަޒީ ދައްކަވައިފައި ހުރީ ހައްތާވެސް ލޮލުން ދެކެ އަތުން ހިފެން ހުރި ހަގީގަތްތަކުގެ ވާހަކައެވެ. މަތިމައްޗަށް ކުރާ ތުހުމަތުތަކެއްގެ ވާހަކައެއްނޫނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *