Support Us

އުހުދު ފަރުބަދައަށްވުރެ ބަރު ސޮދަގާތް!

އަބޫ އާޤިލް އަންސާރީ (ރަޟިޔަﷲ އަންހް) އަކީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ ގެ މަތިވެރި ޞަޙާބީ އެކެވެ. އެކަލޭގެފާނަކީ ވަރަށް އަތްމަތި ދަތި ފަޤީރު ބޭކަލެކެވެ. ނަމަވެސް ވަރަށް ތަނަވަސް ހިތެއްގެ ވެރިއެކެވެ.

އެއްފަހަރެއްގައި މުސްލިމުންގެ ލަޝްކަރަށް ހަނގުރާމައަކަށް ގޮވައިލެވުނެވެ. އެގޮތުން ތަބޫކު ހަނގުރާމައަށް ތައްޔާރުވުމަށްޓަކައި ލަޝްކަރަށް ބޭނުންވާ ފެނާއި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އެބޭކަލަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް މާތްނަބިއްޔާ މުސްލިމުންގެ އަރިހުން އެދިވަޑައިގަތެވެ. އެހިނދު ސަޙާބީ ބޭކަލުން އެކަމަށް އަވަސްވެވަޑައިގަގެވެ. ނަމަވެސް އަބޫ އާޤިލް އަންސާރީ (ރަޟިޔަﷲ އަންހް)ގެ އަތްޕުޅުގައި ޞަދަޤާތުގެ ގޮތުގައި ދެއްވާނެ އެއްވެސް އެއްޗެއް ނެތެވެ. އެހެންކަމުން އެކަލޭގެފާނު އަވަސްވެވަޑައިގެންނެވީ ކޮންމެވެސް ތާކުން މަޖޫރީއެއް ލިބަޑައިގަންނަވާތޯއެވެ. މަސައްކަތެއް ލިބިވަޑައިގަނޭތޯ ހިންގަވަމުން ވަޑައިގެން ޔަހޫދީ އަކަށް ފެން އުފުއްލަވައިދެއްވުމުގެ މަސައްކަތާ ހަވާލުވެވަޑައިގަތެވެ. ބާލިދީއެއް ބޭނުންކުރައްވައިގެން، މުޅި ރޭ ހަތަރުދަމު ވަޅަކުން ފެންފުރުއްވައިގެން އުޖޫރައިގެ ގޮތުގައި އެކަލޭގެފާނަށް ލިބިވަޑައިގަތީ ދެ ސާ ކަދުރެވެ.

(ރާއްޖޭގެ ފެންތިލަ ކަމުން ބައެއް ބޭފުޅުން ހީކޮށްފާނެއެވެ. ވަޅަކުން ފެން ބާލިދީއެއް ނެގުމަކީ ދެން މާކަ އުނދަގޫ ކަމެއް ހެއްޔެވެ؟ ނަމަވެސް މިކަމުގެ ބުރަކަން އިޙްސާސްވަނީ ހިޖާޒްކަރައިގެ ފެންފުންކަން ދެނެވަޑައިގަންނަވާ ބޭފުޅުންނަށެވެ. އަވަށްޓެރި އިންޑިޔާގެ ބައެއް ހިސާބުގެވެސް ފެނުގެ ފުންމިން އުޅެނީ 70-80 ފޫޓު އަޑީގައެވެ. ބައެއް ހިސާބުތައް އެއަށްވުރެވެސް ފުނެވެ.)

ކޮންމެއަކަސް ލިބިވަޑައިގެންނެވި ކަދުރުކޮޅު ހިއްޕަވައިގެން އަބޫ އާޤިލް އަންސާރީ (ރަޟިޔަﷲ އަންހް) ވަޑައިގެންނެވީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺގެ އަރިހަށެވެ. ދެންނެވިއެވެ. "ޔާ ރަސޫލުﷲ އެވެ. އަޅުގަނޑު ރޭހަތަރުދަމު ޔަހޫދީއަކަށް މަސައްކަތްކޮށްގެން އުޖޫރައިގެ ގޮތުގައި ލިބުނީ ދެ ސާ ކަދުރެވެ. އެއްބައި (އެއް ސާ) އަޅުގަނޑުގެ އާއިލާއަށް ބަހައްޓާފައި އަނެއްބައި މި ގެނައީ ކަލޭގެފާނުގެ އަރިހަށެވެ." އެހިނދު ރަސޫލުﷲ ގެފާނު ހަދީސްކުރެއްވިއެވެ. "ތިބާ ސަދަގާތުގެ ގޮތުގައި ގެނައި ކަދުރުތައް އެހެން ބޭކަލުން ގެނައި ތަކެތީގެ މައްޗަށް ފަތުރާލާށެވެ." އެހެނީ އެކަލޭގެފާނު ސޮދަގާތުގެ ގޮތުގައި ގެންނެވި ކަދުރުކޮޅު ކިތަންމެ މަދުނަމަވެސް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި އޭގެ ބަރުދަން އުހުދު ފަރުބަދައަށްވުރެ ވެސް ބަރެވެ.

ދެންފަހެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ އެ ނެންގެވި ގޮތަށް އަބޫ އާޤިލް އަންސާރީ (ރަޟިޔަﷲ އަންހް) ކަދުރުތައް ފަތުރާލެއްވުމުން، އެ ކަދުރުކޮޅު މަދުކަމުން އެތަނުގައި ތިބި މުނާފިގުންތައް އެކަލޭގަފާނަށް މަލާމާތްކޮށް ހަޖޫޖަހަން ފެށިއެވެ. އެބައިމީހުން މަލާމާތްކޮށް ހީހީފައި ކިޔަން ފެށިއެވެ. "އޭ އަބޫ އާގިލް އެވެ. ކަލޭ ތިޔަ ގެނައި ކަދުރު ސާ (ސަދަގާތަށް) ﷲ އާއި އެކަލާނގެ ރަސޫލާ ބޭނުންވެގެން ނުވެއެވެ."

އެ ހިނދު މުނާފިޤުންގެ މަލާމާތާއި ފުރައްސާރައިގެ ސަބަބުން އަބޫ އާގިލް ހިތާމަކުރައްވަން އިންނަވަނިކޮށް، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ޖިބްރީލްގެފާނު މެދުވެރިކުރައްވައި އައްތަޢުބާ ސޫރަތުގެ 79 ވަނަ އާޔަތް ރަސޫލުﷲގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ.

﴿79﴾ الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ اللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ

އެއުރެންނީ، مؤمنންގެ ތެރެއިން تطوّع ގެ ގޮތުން صدقات ދޭ މީހުންގެ صدقات އާމެދު، ކުޑައިމީސްބަސް ބުނާ މީހުންނެވެ. އަދި އެއުރެންނީ (އެބަހީ: مؤمنންނީ) އެއުރެންނަށް ކިރިޔާ ފުދޭމިންވަރު ނޫނީ ނުލިބޭ މީހުންނެވެ. ފަހެ، އެއުރެންނަށް އެއުރެން (އެބަހީ: منافقން) މަލާމާތް ކުރެތެވެ. اللَّه އެއުރެންނަށް މަލާމާތް ރައްދުކުރެއްވިއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.

ދެންފަހެ މިއާޔަތް ބާވައިލެއްވުމުން އަބޫ އާޤިލް އަންސާރީ (ރަޟިޔަﷲ އަންހް)ގެ ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގަތެވެ. އެހެނީ ކާއިނާތުގެ ވެރި ރައްބު އެކަލޭގެފާނުގެ އަމަލުފުޅު ދިފާޢުކުރައްވައި ބަސްފުޅުވަހީ ކުރެއްވުމުންނެވެ.

އިބުރަތް:- މިވާހަކައިން އަޅުގަނޑުމެންނަށް ލިއްބައިދޭ އިބުރަތަކީ، މާތް ނަބިއްޔާ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺގެ ކޮންމެ ގޮވައިލެއްވުމަކަށްވެސް ޞަޙާބީ ބޭކަލުން އިޖާބަދެއްވަން ބޭނުންފުޅުވާ މިންވަރެވެ. އަދި ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ޞަދަގާތް ކުރުމުގެ މާތްކަމެވެ.

ޞަދަގާތްކުރުމާ ބެހޭގޮތުން މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ. "ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން ޞަދަގާތުގެ ސަބަބުން ކުށްފާފަތައް ފޮހެވިގެންދެއެވެ." (ތިރްމިޛީ)

އަދިވެސް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ. "މާތްﷲގެ މަގުގައި ކަދުރު އޮށެއްގެ މިންވަރު ޞަދަގާތްކޮށްގެން ވިޔަސް ތިޔަބައިމީހުން ނަރަކައިން ސަލާމަތްވާށެވެ." (ބުޚާރީ އާއި މުސްލިމް)

ލޯބިވާ އަޚުންނާއި އުޚުތުންނޭވެ. ސޮދަގާތެއް ކޮށްލުމަށްޓަކައި ތިބާއަކީ މާ މުއްސަނދި މީހަކަށް ވާހަކަށް ނުޖެހެއެވެ. ކަދުފަޅިއެއްގެ މިންވަރު ވިޔަސް ފުދެއެވެ. ބޯމަތިވެފައި މިއޮތީ ރަމަޟާން މަހެވެ. ހެޔޮކަމުގެ މައްސަރެވެ. ރަމަޟާން މަހު ހޭދަކުރެއްވުމުގައި މާތް ނަބިއްޔާއަކީ ކޮން ފަދަ ނަމޫނާ ބޭކަލެއް ހެއްޔެވެ؟ ޙަދީޘްގައިވެ އެވެ. ابن عبَّاس -رضي الله عنه- ވިދާޅުވެފައިވެ އެވެ. كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ أجْوَدَ النَّاسِ، وكانَ أجْوَدُ ما يَكونُ في رَمَضَانَ …فَلَرَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ حِينَ يَلْقَاهُ جِبْرِيلُ أجْوَدُ بالخَيْرِ مِنَ الرِّيحِ المُرْسَلَةِ. ހަމަ ކަށަވަރުން މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ އަކީ އެންމެ ދީލަތި ބޭކަލެވެ. އަދި އެންމެ ގިނައިން ހޭދަކުރައްވަނީ (ޞަދަޤާތް ކުރައްވަނީ) ރަމަޟާން މައްސަރުގަ އެވެ… ފަހެ، ޖިބްރީލް عليه السلام އާ ބައްދަލުވާ ހިނދު، ރަސޫލާގެ ހޭދަކުރެއްވުމުގެ މިޘާލަކީ ފެތުރިގެންވާ ވައިރޯޅިއެއް ފަދަ އެވެ." البخاري 3220

ޔާﷲ އަޅަމެން ކުރާ ޞަދަޤާތް މާތްﷲ ޤަބޫލު ކުރައްވާށިއެވެ. އަޅަމެން ކުރާ ޞަދަޤާތުގައި ބަރަކާތް ލައްވާށިއެވެ. އަޅަމެން ކުރާ ޞަދަޤާތަކީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް ކަމުގައި ލައްވާށިއެވެ. ޔާﷲ! ޞަދަޤާތް ކުރަން ލޯބި ކުރާ ބައެއް ކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *