ޢިމާރާތް ރޫޅިގެން ދިޔަ ޒަލްޒަލާގެ ހަނދާން ފިލާނޭތޯ
ޙިމާޔަތް ނަފްސު ކުރުމަށް އެދި ވިޤުރުބާން ދެން ވެވޭނޭތޯ
ނުހަނު އުންމީދުގައި ރާނައި ބިނާކޮށް ނިންމި މޮޅު ގޭގައި
އުހައުވެރިކަން ފިލައިގެންދިޔަ ބިރުން ދިނި މިންޖުވާނޭތޯ
މިފަހަކުން ދުނިޔެ ދެކެމުންދާ ނުއަތު ރޯޅީގެ ޠޫފާނާ
މިފަދަގަދަ ކޮޅިގަނޑެއް ނުޖެހެން ކުރަން އުންމީދު ވާނޭތޯ
ބަގީޗާގައި ރުވައި ފެންދީ ދެއިރު ހެދި ގަސްގަހުގެ މޭވާ
ޙަޤީޤަތް ނޭނގި ފިޔަތައް ވިއްސެމުން ދިޔަގޮތް އެނގޭތޯ
ގަހާ ވެޔޮވެލުގެ ދޮން މޭވާ ކަމުންދިޔަ ވާ ފަހާލާފައި
ވަހާ ރަހަޔާ ލިބޭ ގޮތުގައި އަޅާ މޭވާ ލިބޭނޭތޯ
ތެރޭ ގުލްޝަނުގެ އޮތް ކޯރަށް އެރޭ ސިންގާގެ ބިރުވެރިކަން
ނެރޭ އަމުރުން އަމާން ވާނޭ މަނާއެއް ކުރެވިދާނޭތޯ
ޚަރާބުވެ ދިޔަ ޢިމާރާތާ ބަގީޗާއާއި ފެހިގަސްތައް
ސަރާސަރުކަން ފިލައިގެންގޮސް އަލުން އާބާދު ވާނޭތޯ