Support Us

ކޮލަމް މާޒީ: ޙަވާލާދޭއިރު އިޝާރާތުގެނަން ބޭނުންކުރުމާއި ނުކުރުން- ރަނގަޅު ގޮތަކީ ކޮބާ؟

ދާދި ފަހުން ފާހަގަވި ކަމެކެވެ. ދައުލަތުގެ ބައެއް އިދާރާއިން ދައުލަތުގެ އެހެން އިދާރާއަކަށް ސިޓީ ފޮނުވާއިރު، ސިޓީ ލިބޭންވާ އިދާރާގެ ސިޓީއަކާ ޙަވާލާދިނަސް އިޝާރާތުގެ ނަން ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބައެއް އިދާރާތަކުން ދެކޭކަމަށް ދޭހަވާ ފަދަ ލިޔުންތައް އެބަ ފެންނަކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެ ގޮތަށް އެ ތަންތާނގެ ވެރީން މުއައްޒަފުންނަށް އަންގަވަމުންގެދަވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ތަންކޮޅެއް ޞަރީޙަކޮށް ދަންނަވައިލެވޭތޯ ބަލާނަމެވެ. މިސާލަކަށް: މިނިސްޓްރީ އޮފް ކޮމާސް އެންޑް އިކޮނޮމީއިން ފޮނުވި ސިޓީއަކާ ޙަވާލާދީ ދައުލަތުގެ އިދާރާއަކުން ހަމަ، މިނިސްޓްރީ އޮފް ކޮމާސް އެންޑް އިކޮނޮމީއަށް ސިޓީއެއް ފޮނުވާއިރު، "ތިޔަ މިނިސްޓްރީގެ ނަންބަރު: 1243/22/290/450 (22.02.2022)ގެ ސިޓީގެ ޖަވާބުގައި ދަންނަވަމެވެ." މި ގޮތަށް ލިޔުމުގެ ބަދަލުގައި ލިޔާން ޖެހޭނީ "މިނިސްޓްރީ އޮފް ކޮމާސް އެންޑް އިކޮނޮމީގެ ނަންބަރު: 1243/22/290/450 (22.02.2022)ގެ ސިޓީގެ ޖަވާބުގައި ދަންނަވަމެވެ." މިހެން ކަމަށް ބުނެ ބައެއް އިދާރާއިން އެ ގޮތަށް ޢަމަލުކުރާ ވާހަކައެވެ. މާނައަކީ އިޝާރާތުގެނަން ބޭނުންކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އެ ގޮތަށް އިޝާރާތުގެނަން ބޭނުންނުކުރާން ބައެއް ވެރީން އަންގަވާ ވާހަކައެވެ. މި ދަންނަވާން އުޅޭ އެއްޗެއް ސާފުވެވަޑައިގަންނަވާނޭ ކަމަށް އުންމީދުކުރަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން "ތިޔަ" މިއީ "ވާހަކަދެކެވޭ ދެވަނަ ފަރާތުގެ ކައިރީގައި ހުރި އެއްޗަކަށް ނުވަތަ ގާތުގައި ހިނގާ ކަމަކަށް އިޝާރާތްކުރުމުގެ ގޮތުން ބޭނުންކުރާ އިޝާރާތުގެ ނަމެއް"ކަމަށް ބަސްފޮތުގައި އެބަ އޮތެވެ. އެހެންވީމާ ދެވަނަ ފަރާތާ މުޚާޠަބުކޮށް ވާހަކަދައްކާއިރު "ތިޔަ" ބޭނުންކޮށް އުޅުމަކީ އާންމުކޮށް ކަންކުރާ ގޮތެވެ. މި ގޮތަށް "ތިޔަ" މި އިޝާރާތުގެނަން ބޭނުން ނުކުރެވޭނެ ކަމަށް ދަޢުވާ ކުރައްވާ ބޭފުޅުން ހެތްކެއް ކަމަށް ދައްކަވަނީ ދިރުން ނެތް އިމާރާތަކާ މުޚާޠަބު ނުކުރެވޭނެތީ އެހެން ނުބުނެވޭނެކަމަށް ވިދާޅުވާ ވިދާޅުވާ ވިދާޅުވުމެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެ "ތިޔަ"އިން އިޝާރާތްކޮށް އެ މުޚާޠަބުކުރަނީ އެ އޮފީހުގެ ވެރިޔާއަށެވެ. މިސާލަކަށް އަޅުގަނޑުގެ ގޭގެ ވާހަކަ އަޅުގަނޑު ގާތުގައި މީހަކު ބުނާއިރު ބުނެ އުޅެނީ "ތިޔަގޭގައި އަނބު އެބަހުރިހެއްޔެވެ؟" މިހެންބުނުމުން އެ އިޝާރާތްކުރަނީ އަޅުގަނޑު ދިރިއުޅޭ ގޭގެ ވާހަކަކަން އެއްވެސް އޮޅުމެއް ނެތި ސާފުވާނެއެވެ. ބަނބުކެޔޮމާގެއަށް ނިސްބަސްކޮށް އެގޭ މީހަކާ ދިމާއަށް ތިޔަގެއޭ ބުނީމާ މާ ސާފެވެ. ތިޔަ ގެއިން ރިހާކުރު ވިއްކައިހޭ އެހުމުގެ ބަދަލުގައި ބަނބުކެޔޮމާގެއިން ރިހާކުރުވިއްކައިހޭ އެހީމާ އޮޅުން އަރައެވެ. ހީވަނީ އެހެން ދުރު ގެއެއްގެ ވާހަކަ ދައްކާހެންނެވެ. އަޅުގަނޑާ ދިމާއަށް ތިޔަ ރަށު ބަނދަރު ފުންކުރަނީދޯއޭ ބުނީމާ، އެ އިޝާރާތްކުރަނީ އަޅުގަނޑު ރަށްވެހިވެފައިވާ މާވަށު ބަނދަރު ފުންކުރާ ވާހަކައަށްކަން އެއްވެސް އޮޅުމެއް ނެތި ސާފުވާނެއެވެ. ތިޔަ އަތޮޅޭ ބުނީމާ، އެއީ އަޅުގަނޑު ނިސްބަތްވާ ލ. އަތޮޅަށް އިޝާރާތްކޮށް ބުނި އެއްޗެއްކަމާމެދަކު ޝައްކެއް ވެސް ނޫފެދޭނެއެވެ. ހަމަ މި ފަދައިން ތިޔައޮފީގައި ކިތައް މުވައްޒަފުން އުޅޭހޭ ސުވާލުކުރީމާ، އެއީ އަޅުގަނޑު މަސައްކަތްކުރާ އޮފީހުގެ ވާހަކަކަން އެއްވެސް އޮޅުމެއް ނެތި ސާފުވާނެއެވެ. މިއާ ޚިލާފަށް އިޝާރާތުގެނަން ނުވަތަ ބަދަލުނަން ބޭނުން ނުކޮށް ކޮންމެ ފަހަރަކު އެ ތަނެއްގެ ފުރިހަމަ ނަން ބޭނުންކުރާ ނަމަ، އޮޅުންއަރާލެއް ބޮޑުވާނެއެވެ. ހީވާނީ އެހެން އޮފީހެއްގެ ވާހަކަ ބުނާހެންނެވެ. އަދި މި ގޮތަށް ކަންތައް ކުރާނަމަ، ބަދަލުނަންތަކާއި އިޝާރާތުގެނަންތައް ބަސްބަހުގައި ހުންނާނެކަމެއް ވެސް ނެތްތާއެވެ.

އެހެން ގޮތަކަށް ދަންނަވާނަމަ، މިސާލަކަށް: އަޅުގަނޑަކީ ނަޖުމުއްދީނު އިސްކޫލުގެ މުވައްޒަކަށްވެ ހުއްޓައި މީހަކު އަޅުގަނޑާ މުޚާޠާބުކޮށް ވާހަކަދައްކަމުން، ނަޖުމުއްދީނު އިސްކޫލަށް މުދައްރިސުންތަކެއް ބޭނުންވެގެން އިޢުލާނުކޮށްފިތާއޭ ބުނީމާ، ދޭހަވަނީ އެހެން ބުނި މީހަކަށް އަޅުގަނޑު އުޅެނީ އެ އިސްކޫލުގައިކަން ނޭނގޭ ކަމަށެވެ. ނުވަތަ އެ އިސްކޫލާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތްކަމަށް އޭނާއަށް ހީވީ ކަމަށެވެ.

ހަމަ މި އުޞޫލުން، މިސާލަކަށް: މިނިސްޓަރ އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރއަށް ލިޔާ ސިޓީއެއްގައި އެ މިނިސްޓްރީގެ ކަމަކާ ބެހޭ ގޮތުން ލިޔާއިރު، ތިޔަ މިނިސްޓްރީއޭ ނުލިޔެ މިނިސްޓަރ އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރގެ ވާހަކަ ލިޔުނީމާ ފުރަތަމަ ނަޒަރުން ހީވާނީ އެ ދައްކަނީ އެހެން މިނިސްޓްރީއެއްގެ ވާހަކަ ކަމަށެވެ. ތިޔަ މިނިސްޓަރީގެ މިވެނި ސިޓީއެކޭ، ތިޔަ މިނިސްޓްރީން އެންގެވި އެންގެވުމެކޭ ލިޔުނީމާ އޮޅުން ކުޑަވާނެއެވެ.

ބަދަލުނަމާއި އިޝާރާތުގެ ނަން ބޭނުން ނުކޮށް ލިޔުނީމާ، އޮޅުން ކުޑަވާނެކަމަށް ހީވިޔަސް، އެ ކަން ވާނީ އޭގެ އަނެއް ކޮޅަށެވެ. އޮޅުންއަރާނީއެވެ. ވީމާ ވަކި އިދާރާއަކުން އައި ސިޓީއަކާ ޙަވާލާދީ އެ އިދާރާކަށް ލިޔާ ސިޓީގައި ޙާވާލާދޭން ނުވަތަ އިޝާރާތްކުރާން އެ އިދާރާއެއްގެ ފުރިހަމަ ނަން ބޭނުންކުރުމުގެ ބަދަލުގައި ތިޔަ އޮފީހޭ، ތިޔަ މިނިސްޓްރީއޭ، ތިޔަ ކޮމިޝަނޭ، ތިޔަ ކައުންސިލޭ، ތިޔަ އިދާރާއޭ ބުނެ ޙަވާލާދިނުމަކީ ގޯހެއްކަމަށް ބަޔަކު ދެކޭނަމަ، އެއީ ގޯހެކެވެ. އޮޅުންކުޑަވެފައި ލިޔާށާއި ކިޔައިލާން، އަދި މަސައްކަތަށް ބަލާއިރު ވެސް އިޝާރާތުގެނަން ނުވަތަ ބަދަލުނަން ބޭނުންކުރީމާ އެ ސިޓީއެއް މާ އަސަރުވެރިވާނެއެވެ. އަދި މަސައްކަތް ވެސް ލުއިވާނެއެވެ. ޗާޕު ޚަރަދު ވެސް ކުޑަވާނެއެވެ. އެހެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެންޑް ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓޭ ލިޔުމަށްވުރެ "ތިޔަ މިނިސްޓްރީ"އޭ ލިޔުނީމާ ލިޔާންޖެހޭ އަކުރު މަދުވެ މަސައްކަތް ލުއިވެ ދެލީގެ ޚަރަދު ވެސް ކުޑަވާނެތާއެވެ.

ވީމާ، ވަކި މިނިސްޓްރީއަކުން ފޮނުވާ ސިޓީއަކާ ޙަވާލާދީ ހަމަ އެ މިނިސްޓްރީއަށް ލިޔާނަމަ، އެ މިނިސްޓްރީގެ ފުރިހަމަ ނަން ބޭނުންކޮށްގެން ޙަވާލާދިނުމުގެ ބަދަލުގައި "ތިޔަ މިނިސްޓްރީގެ ނަންބަރު…" މިހެން ލިޔެ ޙަވާލާ ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ތިޔަ އިދާރާ، ތިޔަ މުއައްސަސާ، ތިޔަ އޮފީސް، ތިޔަ ކައުންސިލް، ތިޔަ ޔުނިވަރސިޓީ، ތިޔަ މަދަރުސާ ފަދަ ގޮތްގޮތަށް އެ ތަނަކާ ގުޅޭ ގޮތަކަށް އިޝާރާތްކޮށް ޙަވާލާދީ ލިޔެވިދާނެއެވެ.

އަޅުގަނޑަކީ، އޮފީސްތަކުގެ މުވައްޒިފުންނަށް ދިވެހިބަސް ކިޔަވައިދިނުމުގައި ދިގު މާޒީއެއް އޮތް މީހަކީމެވެ. އަދި މިހާރު ވެސް ކޮލެޖަކުން ހިންގަވާ ކޯހެއްގައި ސިޓީއާ ބެހޭ ގޮތުން ދާދި ފަހުން ވެސް ކިޔަވައިދީފީމެވެ. އަޅުގަނޑަށް އެނގި ހުރި މަޢުލޫމާތަށް ބިނާކޮށް އަޅުގަނޑު ބުނެދެނީ މި ދެންނެވި ގޮތްގޮތަށެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި މި ދެންނެވީ އޮޅުމެއް އަރާންޖެހޭވަރުގެ މައްސަލައެއް ވެސް ނޫނެވެ. ނަމަވެސް ހަގީގަތަކީ މި އޮޅުން އަރުވައިގެން ރާއްޖޭގެ ބައެއް އިދާރާތަކުގެ ވެރީން އެ ތަންތާނގެ މުވައްޒަފުންނަށް މި ދެންނެވި މައްސަލައިގައި ނުރަނގަޅު މަޢުލޫމާތުދީ އެ ގޮތަށް ސިޓީ ލިޔާން އަންގަވަމުންދާކަމެވެ. ސިޓީ ލިޔާ މުވައްޒަފަށް ރަނގަޅު ގޮތް އެނގުނަސް ސޮއިކުރައްވާ ވެރިޔާ ވަކި ގޮތަކަށް ލިޔާށޭ އެންގެވީމާ ހިތާ ދެކޮޅަށް ނަމަވެސް ލިޔާނީ ވެރިޔާ ވިދާޅުވި ގޮތަކަށްތާއެވެ. މިއީ ހިތާމަހުރި ކަމެކެވެ.

ވީމާ މި އޮޅުން ރާއްޖޭގެ ގިނަ އިދާރާތަކަކަށް ފެތުރިދާނެކަމަށް ޓަކައި މި ވާހަކަ ހިއްސާކޮށްލާހިތްވީއެވެ. އަޅުގަނޑުގެ ބަސް ވެސް ގަބޫލުކުރާނެ ބަޔަކު އުޅޭނެކަމުގެ އުންމީދުގައެވެ.

އާދޭހެވެ! ތިޔަ ވިދާޅުވީ ރަނގަޅަށެވެ. ބަހުގެ ކަމެއްގައި އެންމެ ފަހު ބަސް ބުނާ މީހަކީ އަޅުގަނޑެއް ނޫނެވެ. އަޅުގަނޑު ފަދަ އާދައިގެ މައް މީހަކަށް އެ އިޚުތިޔާރެއް ނުވެސް އޮންނާނެމެއެވެ. އެހެންނަމަވެސް އަޅުގަނޑު މި ދަންނަވައިލީ މިހާތަނަށް އަމަލުކުރަމުން އަންނަ އުސޫލެވެ. ވީމާ، އަޅުގަނޑުގެ ބަސް ގަބޫލުކުރައްވާން އުދަނގޫފުޅު ނަމަ،… ބަހުގެ ކަމެއްގައި ޚިޔާލު ތަފާތުވެއްޖެ ނަމަ،.. އަޅުގަނޑުގެ ނަޒަރުގައި ބަހާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އެންމެ މަތީ ވިދާރާކަމުގައިވާ ދިވެހިބަހުގެ އެކެޑަމީގެ ލަފާ ހޯއްދެވުން ރަނގަޅުވާނެއެވެ. އެ ވިދާރާއިން އަޅުގަނޑުގެ ރައުޔާ ޚިލާފަށް ރައުޔެއް ދެއްވައިފި ނަމަ، އެއީ އެކަށައެޅިފައިވާ ގަވާއިދުކަމުގައިވާ ނަމަ، އެއްވެސް އިޢުތިރާޒެއް ނެތި، އެ ރައުޔެއް އަޅުގަނޑު ވެސް ގަބޫލުކޮށް އެ އުޞޫލަށް ޢަމަލުކުރަމުންގެންދާނަމެވެ.