Support Us

ވިސްނާލުމުގެ ނަޒަރު ހިންގާލުމަށްޓަކައި… އެންމެ އެދެވޭ، އެންމެ ހިތްގައިމު ބައެއް ސިފަތައް

ފިރިހެނެއްގެ ކިބައިގައިވާ އެެންމެ އެދެވޭ ރީތި ސިފައަކީ ފިރިހެންވަންތަކަމެވެ.

އަންހެނެއްގެ ކިބައިގައިވާ އެންމެ އެދެވޭ ރީތި ސިފައަކީ ލަދުވެތިކަމާއި ޣީރަތްތެރިކަމެވެ.

ކުޑަކުއްޖެއްގެ ކިބައިގައިވާ އެންމެ ލޯބި ސިފައަކީ މައުސޫމުކަމެވެ. ކުށެއް ނެތްކަމެވެ.

ކަނޑުގެ އެންމެ ހިތްގައިމު ސިފައަކީ އޭގެ ހައިބަވަންތަކަމާއި ގަދަފަދަކަމެވެ.

ރޭގަނޑުގެ އެންމެ ރީތި ސިފައަކީ ހަމަހިމޭންކަމެވެ.

ބައެއް ހާލަތްތަކުގައި، ދުނިޔޭގައިވާ އެންމެ ރިތި ބަހުރުވައަކީ ހަނުހުރުމެވެ.

އެންމެ ބަލާޣާތްތެރި އިބާރާތަކީ ލޮލުން ފައިބާ ކަރުނައެވެ.

ދޫދުނިމުގައި ހައްދު ފަހަނައަޅާ ހިނގައްޖެ ނަމަ، އެކަން ފުރޮޅިގެންދާނީ ބަލިކަށިކަމަށެވެ.

ހުނުމުގައި ހައްދު ފަހަނައަޅާ ހިނގައްޖެ ނަމަ، އެކަން ފުރޮޅިގެންދާނީ ބޭ އަދަބީ ކަމަށެވެ.

އަރާމުކުރުމުގައި ހައްދު ފަހަނައަޅާ ހިނގައްޖެ ނަމަ އެކަން ބަދަލުވެގެންދާނީ ކަންނެއް ކަމަށެވެ.

ހޭދަކުރުމުގައި ހައްދު ފަހަނައަޅާ ހިނގައްޖެ ނަމަ އެކަން ބަދަލުވެގެންދާނީ އިސްރާފުކުރުމަށެވެ.

ފާރަވެރިވެ، ރައްކާތެރިވުމުގައި ހައްދު ފަހނައަޅައި ހިނގައްޖެ ނަމަ އެކަން ބަދަލުވެގެންދާނީ ވަސްވާހަށެވެ.

އެންމެ މޮޅު ބަދަލު ހިފުމަކީ މާފުކުރުމެވެ.

ހާސިލުކުރަން އެންމެ އުނދަގޫ ކަމަކީ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ.

އެންމެ ފޮނި މީރު ލަފްޒަކީ ސުލްހަވެރި ކަމެވެ.

އެންމެ ފަހުގެ ބަހަކީ މަރެވެ.

ހުސްނުވާނޭ އެންމެ އަގުބޮޑު ކަންޒަކީ ހެޔޮ އަމަލުތަކެވެ.

އެންމެ ވަރުގަދަ އަޒާބަކީ ތިމާގެ ޒަމީރުގެ އަޒާބެވެ.

އެންމެ މާތް ލޯތްބަކީ މަންމަގެ ފަރާތުން ލިބޭ ލޯތްބެވެ.

ދާއިމަށް ދެމިގެންދާ ލޯތްބަކީ މާތްﷲ ދެކެވާ ލޯތްބެވެ.

(ތަރުޖަމާއެއް)