Support Us

ކޮލަމް ކޯދު: މުސްލިމު ގައުމުތަކަށް ހާސިލުނުވެގެން އުޅެނީ ކޮންކަމެއް ހެއްޔެވެ؟

ދާދި ފަހުން، އަރަބި ގައުމެއް އަރަބި މުސްލިމު މީހަކު ބުނެފައި އޮތް ވާހަކައެއްގައި އަޅައިގަތެވެ. އޭނާގެ ގައުމުގެ މީހުންނާ މުޚާތަބުކުރަމުން އޭނާ ބުނެފައި އޮތެވެ. 'ކަލޭމެން ހުޅަނގު ގައުމުތައް ކަމުނުގޮސްގެން ވާހަކަ ދައްކައެވެ. އެކަމަކު ކަލޭމެން ކިޔަވަން ބޭނުންވެއްޖެ ނަމަ، ނުވަތަ ކަލޭމެންގެ ދަރިންނަށް ކިޔަވައިދޭން ބޭނުންވެއްޖެ ނަމަ ކަލޭމެން ކިޔަވަން ދާން ބޭނުންވަނީ، ނުވަތަ ކަލޭމެންގެ ކުދިންނަށް ކިޔަވައިދޭން، ފޮނުވަން ބޭނުންވަނީ ހުޅަނގުގެ ރާއްޖެތަކަށެވެ. ހުޅަނގުގެ ރާއްޖެތަކުގެ ޔުނިވަރސިޓީތަކަށެވެ. ހުޅަނގުގެ ގައުމުތަކުގެ މީހުންގެ ކައިރިއަށެވެ. ކަލޭމެންގެ މީހަކު ބަލިވެއްޖެ ނަމަ ބޭސްކުރަން ދާން ބޭނުންވަނީ ހުޅަނގަށެވެ. ހުޅަނގުގެ ހަސްފިތާލުތަކަށެވެ. ހުޅަނގުގެ ބޭސްވެރިންގެ ކައިރިއަށެވެ. އަދި، ކަލޭމެންގެ ތެރެއިން މަދު ބަޔަކު ފިޔަވައި، އެ ފުރުސަތު ލިބިއްޖެ ނަމަ، އެމީހުން ތިބެނީ ހުޅަނގުގެ ރާއްޖެތަކަށް ހިޖުރަކޮށް އެ ރާއްޖެތަކަށް ދާންވެސް ތައްޔާރަށެވެ. ކަލޭމެންގެ އަމިއްލަ ވަތަނާއި ގައުމު ދޫކޮށްލާފައެވެ. ކަލޭމެންގެ އަމިއްލަ ދީނުގެ ސަގާފަތުގެ އަހުލުވެރިން ވެސް ދޫކޮށްލާފައެވެ. މިކަމުގައި މޮޅު ދެރަ، މުއްސަނދި-ފަގީރު، ދީނީ-ދީނީނޫން މީހެއްގެ ތަފާތެއް ނެތެވެ. އެންމެންހެން ވެސް ކަންތައް ކުރަނީ ހަމަ މިހެންނެވެ. ނުވަތަ ކަންތައް ކުރަން ބޭނުންވަނީ މިހެންނެވެ.

އާދެ އަޅުގަނޑުގެ މިއަދު ލިޔުން ގުޅެނީ މި މައްސަލައާއެވެ. މަތީގައި އަރަބި މީހާ ބުނެފައިވާ ވާހަކައާ ގުޅޭ މައްސަލައާއެވެ. މުސްލިމު ގައުމުތަކުގެ މީހުން، އެހެން ގައުމުތަކަށް، ޚާއްސަ ގޮތެއްގައި ހުޅަނގުގެ ގައުމުތަކަށް، ތައުލީމީ އަދި ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި، އަދި މީގެ އިތުރުން އެ ފުރުސަތު ލިބިއްޖެނަމަ، ދިރިއުޅުމަށްޓަކައި، ދާން ޖެހެނީ ކީއްވެތޯއާއެވެ. މި މައްސަލައަށް ހައްލެއް، ޖަވާބެއް، ހޯދުމުގެ ގޮތުން ކުރަން ޖެހެނީ ވެސް ސުއާލެކެވެ. 'މުސްލިމު ގައުމުތަކަށް ހާސިލު ނުވެގެން އުޅެނީ ކޮން ކަމެއް ހެއްޔެވެ؟' މި ސުއާލެވެ.

މި ސުއާލުގެ ޖަވާބު ވަރަށް ސާފު ސީދާކޮށް، އިނގިރޭސި މުސްތަޝްރިގަކު ކަމުގައިވާ– އިރުމަތީ ސަގާފަތްތައް ދިރާސާކުރާ އިލްމުވެރިޔަކު ކަމުގައިވާ– ވިލިޔަމް މޮންޓްގޯމެރީ ޥޮޓް، 1968ގައި އޭނާ ޝާއިއުކުރެއްވި 'އިސްލާމީ ސިޔާސީ ފިކުރު، ބައެއް އަސާސީ މަފްހޫމުތައް’، މި ފޮތުގައި ދެއްވާފައި ވެއެވެ. ޥޮޓްއަކީ، ގިނަ މުސްތަޝްރިގުންނާ ޚިލާފަށް، އިސްލާމް ދީނަށާއި މުސްލިމުންނަށް ހަމްދަރުދީވެ، ވަރަށް ވެސް، މައުޟޫއީ ސިފައެއްގައި– ވަކި ފަރާތަކަށް ބުރަ ނުވެ، ހައްގު ހޯދުމުގެ މަގުސަދުގައި–، ސަލާމާއ ސަލަވާތްލެއްވި މާތް ރަސޫލާގެ ސިޔަރަތާއި، ކީރިތި ގުރުއާނާއި އަދި އިސްލާމީ ތާރީޚާއި އިސްލާމީ ސަގާފަތް ދިރާސާކޮށް އޭގެ މައްޗަށް ގިނަ ފޮތްތަކެއް ލިޔުއްވި އިލްމުވެރި ލިޔުންތެރިއެކެވެ. ޥޮޓް، އޭނާގެ މި ނަންގަތް، އަސާސީ މަފްހޫމުތައް، މި ފޮތުގައި، ހިޖުރައިން ފުރަތަމަ ގަރުނުން ފެށިގެން ހަވަނަ ގަރުނާ ހަމައަށް، އިސްލާމީ ތާރީޚުގެ މައްޗަށް ބައްލަވައި، އިސްލާމީ ސިޔާސީ އަސާސީ ފިކުރުތަކުގެ ފެށުމާއި އަދި އެކަންކަން އެ މުއްދަތުގެ ތެރޭގައި ތަމްސީލުވެގެން ދިޔަ ގޮތުގެ މައްޗަށް ބައްލަވައި ލިޔުއްވައެވެ. 'އިސްލާމް ދީނަކީ ސިޔާސަތާ ބެހޭ ދީނެކެވެ. ނަމަވެސް، ސިޔާސީ މައިދާނުގައި މުސްލިމުން ވަނީ ފޭލިވެފައެވެ.'

ޥަޓްގެ މި ބަހުގެ މައްޗަށް، ފުންކޮށް ވިސްނާލަމާ ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އިސްލާމް ދީނަކީ ސިޔާސަތާ ބެހޭ ދީނެކެވެ. އިސްލާމް ދީނުގެ އުނގަންނައިދިނުންތަކުގެ ތެރޭގައި ފަރުދީ ޒާތީ އުނގަންނައިދިނުންތައް ހިމެނެއެވެ. ކަލަކު ވޮޑިގެންވުމާއި އާޚިރަތް ދުވަހެއް ވާހަކަން ގަބޫލުކުރުން ފަދަ ޣައިބާ ބެހޭ އުނގަންނައިދިނުންތަކާއި ނަމާދާއި ރޯދަ ފަދަ މި ނަންގަތް އީމާންކަން ނަފްސުގެ ތެރޭގައި އަށަގަންނުވައި ދެމެހެއްޓުމާ ބެހޭ ދީނީ ޝިއާރުތަކަވެ. މީގެ އިތުރުން، އީމާންކަން އަމަލީ ސިފައެއްގައި ތަމްސީލުކޮށް ދައްކުވައިދޭ ހަލާލު ކަންކަމާއި ހަރާންކަންކަން ބަޔާންކޮށްދޭ އުނގަންނައިދިނުންތައް ވެސް ހިމެނެއެވެ. ޖުމްލަ ގޮތެއްގައި މި އުނގަންނައިދިނުންތަކަށް އިޝާރަތްކުރުމަށްޓަކައި މިކަންކަމީ އިސްލާމް ދީނުގެ ޚާލިސް ދީނީ އުނގަންނައި ދިނުންތަކޭ ބުނެވިދާނެއެވެ. މި ދީނީ އުނގަންނައިދިނުންތަކުގެ މަގުސަދަކީ މުސްލިމާގެ ރޫހާނިއްޔަތުގެ ބައި ތަރައްގީކޮށް ކުރިއެރުވުމެވެ. މިކަން ހާސިލުވެވެނީ، މިނަންގަތް ދީނީ ތައުލީމާތުތަކަށް ހިތުގެ އަޑިން ގަބޫލުކޮށް، އަމަލީ ގޮތުން އެކަން ދައްކާލައި އިންސާނާގެ ތަބީއަތުގައި ލެއްވިފައިވާ ހަސަދަވެރިކަމާއި، މީހުންނަށް ހެޔޮ ނޭދުމާއި ދަހިވެތިކަމާއި ބަދަލުހިފުމާއި އަދި މިނޫން ވެސް މިފަދަ ނުރަނގަޅު ސިފަތައް ނެތިކޮށް، މުއުމިނާ ހެޔޮލަފާ މީހަކަށް ހެދުމެވެ. އަދި މިގޮތުން ކަންތައްކޮށް މާތްﷲއާ ކުށްތަންވުމުގައި ދެމިހުރުމެވެ.

އިސްލާމް ދީނުގައި ހިމެނެނީ ހަމައެކަނި މި ނަންގަތް ފަރުދީ ދީނީ ތައުލީމުތަކެއް ނޫނެވެ. މީގެ އިތުރުން ދޭދޭ ގުޅުންތަކާއި ޖަމާއަތުގެ ގުޅުންތައް ތަންޒީމުކުރާނޭ މުޖުތަމައީ އުނގަންނައިދިނުންތަކެއް ވެސް ހިމެނެއެވެ. މިކަންކަމުގެ އަމާޒަކަށް ވެފައި އޮތީ މުޖުތަމައަކީ އެ މުޖުތަމައުގައި ހިމެނޭ ހުރިހާ މެމްބަރުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން އޮތް މުޖުތަމައުއަކަށް ހަދާލުމެވެ. އިސްލާމް ދީނުގެ ފަރުދީ އުނގަންނައި ދިނުންތަކަކީ ފަރުދީ ސިފައެއްގައި ކޮންމެ މުސްލިމެއްގެ މައްޗަށް ކުރުން ލާޒިމު ކަންކަމެވެ. ނަމަވެސް، އިސްލާމީ މުޖުތަމައުގެ މެމްބަރުންގެ ގޮތުގައި ޣައިރު މުސްލިމުން ވެސް ހިމެނި، އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އަދުލުވެރިކަން އެ މުޖުތަމައުގެ އެންމެންގެ މައްޗަށް ހިންގާލެވެއެވެ. މަދީނާގައި، ކީރިތި ރަސޫލާ (ސ) އެންމެ ފުރަތަމަ އުފެއްދެވި އިސްލާމީ މުޖުތަމައުގައި ޔަހޫދީންނާއި ނަސްރާނީންނާއި އަދި އަރަބި މުޝްރިކުން ހިމެނި، އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދޭނޭކަން މަދީނާގައި ލިޔެވުނު، މަދީނާގެ ގާނޫނު އަސާސީއޭ ނަންދެވުނު އެއްބަސްވުމުން ފެންނަން އެބަ އޮތެވެ.

އިސްލާމް ދީނާއި ސިޔާސަތާ ގުޅޭ ގޮތުގެ ވާހަކަ އަދި އިތުރަށް މިތާ ބަޔާންކުރަން ޖެހެއެވެ. ކުރިން ވެސް ބުނި ފަދައިން އިސްލާމް ދީނުގެ ޝަރީއަތުގައި، އެބަހީ، ކީރިތި ގުރުއާނުގައި ބަޔާންކުރެވުނު މުޖުތަމައީ ނިޒާމާ ބެހޭ އާޔަތްތަކުގައި، ދޭދޭ ގުޅުންތައް ހަމަޖައްސާނެ ގޮތާއި އަދި މުޖުތަމައީ ބައެއް މުހިއްމު މައްސަލަތައް އިންތިޒާމުކުރާނޭ ގޮތުގެ ޝަރުއީ ގާނޫނުތައް ބަޔާންކުރެވިފައި ވެއެވެ. މިފަދަ ގާނޫނުތައް ހުރީ އެކިއެކި ސިފައިގައެވެ. ބައެއް ފަހަރު، މަބްދައީ ސިފައްގައެވެ. މިސާލަކަށް ޖަމާއީ ކަންކަން ނިންމަން ވާނީ މަޝްވަރާގެ މަތިންނެވެ. އެއީ ވެރިކަމުގެ ނިޒާމުކަމުގައި ވިޔަސް ނުވަތަ ޖަމާއަތުގެ މަސްލަހަތާ ބެހޭ ކަމެއް ވިޔަސް ވެހެވެ. ނަމަވެސް، އެކަމަށް ކަނޑައެޅިފައިވާ ވަކި ސޫރައެއް ނެތެވެ. ނަބަވީ ސުންނަތައް ބަލާލިޔަސް އަދި އެންމެ އިހުގެ އަސްހާބުބޭކަލުންގެ ދުވަސް ވަރު ކަންތައް ކުރައްވާފައިވާ ގޮތުގެ މައްޗަށް ބަލާލިޔަސް މިކަމުގެ ސޫރީ ވަކި ތަފްސީލެއް ނުލިބެއެވެ. މިސާލަކަށް ކީރިތި ރަސޫލާ (ސ) އަވަހާރަވުމަށް ފަހު، ވެރިޔަކު އިޚްތިޔާރުކުރާނީ ކިހިނެއްކަން ކަނޑައެޅުއްވުމުގެ ބަދަލުގައި އެކަން ދޫކޮށްލެއްވީ މުސްލިމުންގެ ޚިޔާރުގެ މައްޗަށެވެ. އެހެންވެ، އެކަން ނިމިގެން ދިޔައީ، މަޝްވަރާގެ މައްޗަށް ބިނާވެ، ގިނަ ބަޔަކު އޭނާގެ ވެރިކަން ގަބޫލުކުރާނޭ ވެރިޔަކު ހޮވިގެންނެވެ. ކީރިތި ރަސޫލާއަށް (ސ) ފަހު، އަބޫބަކުރުގެފާނާއި އުމަރުގެފާނު ވެސް އެބޭބޭކަލުންގެ ފަހުން ވެރިން ޚިޔާރުކުރާނޭ ގޮތުގެ އިރުޝާދު ދެއްވީ ތަފާތުކޮށެވެ. ނަމަވެސް، ގިނަ ބަޔަކު އެބޭކަލެއްގެ ވެރިކަން ގަބޫލުކުރާނޭ ވެރިޔަކު ހޮވާނޭ ގޮތަށް އިރުޝާދު ދެއްވިއެވެ. މިކަމުން އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟ ވެރިޔަކު ހޮވުމުގައި އެކަން ކުރަން ވަކި މިވެނި ގޮތެއް އިސްލާމް ދީނުގައި ކަނޑައެޅިފައި ނެތް ކަމެވެ. ނަމަވެސް، އެކަންކުރަން ޖެހޭނީ މަޝްވަރާގެ މަތިންނެވެ. ވެރިޔަކަށް ހޮވަން ޖެހޭނީ މީސްތަކުންގެ މަގުބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ، އެކަމަށް އެންމެ އެކަށޭނެ މީހާއެވެ. ނަމަވެސް، އިސްލާމީ ތާރީޚުގައި ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ކީރިތި ރަސޫލާ (ސ) އަވަހާރަވުމަށް ފަހު، ދެން އައި ތިރީހަކަށް އަހަރު ދުވަހަށް ފަހު، ވެރިކަމަށް ވެރިޔަކު އިސްކުރުމުގައި އިސްލާމީ އުސޫލު ގެއްލި، އެކަމަކީ ވިރާސީ ކަމަކަށް ވެގެން ދިޔުމެވެ. މިއަދު ވެސް އިސްލާމީ ހުރިހާ ގައުމެއްގައި ހެން މިކަން އޮތީ ސީދާ އިސްލާމީ އުސޫލާ ޚިލާފަށޭ ބުނުމަކީ މުޅިން ދޮގަކަށް ނުވާނެއެވެ. ސިޔާސީ މައިދާނުގައި އިސްލާމް ދީން ފޭލްވި ވާހަކަ ވަޓް ފަދަ މުސްތަޝްރިގުން ބުނަނީ މިހެން ވެއެވެ.

މީގެ އިތުރުން، އިސްލާމީ ސިޔާސީ ނިޒާމުގެ މައިގަނޑު މަގުސަދަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމު ކުރުމެވެ. މުޖުތަމައަކީ އެންމެންގެ މެދުގައި ހަމަހަމަކަން އޮވެ، ފަރުދުންގެ މައްސަލަތަކާއި ދޭދޭ އަފުރާދުންގެ މެދުގައި ޖެހޭ މައްސަލަތައް ނިންމަން ޖެހޭނީ އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި ހެއްކާއި ގަރީނާގެ އަލީގައި އިންސާފުގެ ކޮޅަށް ބުރެވެ ތިބެއެވެ. ކޮންމެ ހުކުރު ދުވަހަކު މުސްލިމުންނަށް މިކަން ހަނދާން ކޮށްދެވެއެވެ. ފަހު ޚުތުބާގައި އަބަދުމެ ކިޔައި ދެވޭ إن الله يأمر بالعدل (މާތްﷲ ކަލޭމެންނަށް އަމަރުކުރައްވަނީ އަދުލުވެރި ވުމަށެވެ!) މި އާޔަތުންނެވެ. އާދެ، އިސްލާމީ ޝަރީއަތުގެ ހުރިހާ މުޖުތަމައީ އުނގަންނައިދިނުންތައް ގުޅެނީ މި އަދުލުވެރިކަމާ ކަމެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟

އާދެ، އަދުލުވެރިކަމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ މުޖުތަމައުގައި އަދުލުވެރިކަން ގާއިމުކުރުން ފެށޭނީ މުޖުތަމައުގެ ހުރިހާ މެމްބަރުންނަކީ ހަމަހަމަ ބައެއް ކަމުގައި ދެކިގެންނެވެ. އެއްވެސް ހާލަތެއްގައި، އެއްވެސް ގޮތެއްގައި ތަފާތު ކުރުމެއް ނެތިއެވެ. މުޖުތަމައުގެ މެމްބަރުންގެ މެދުގައި މިފަދައިން ހަމަހަމަކަން އޮންނަން ޖެހޭނޭކަން، މުޖުތަމައުގެ މެމްބަރުންގެ ހިތުގެ އަޑިން ގަބޫލުކުރެވިއްޖެ ނަމަ، މުޖުތަމައުގައި ފަގީރު މުހުތާދު ހާލުގައި އެކަކު ވެސް އުޅޭތަން ދެކެން މުޖުތަމައުގެ އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. އަދި، މުޖުތަމައުގެ ޖަމާއީ ކަންކަން ހިންގާލުމަށްޓަކައި ސަރުކާރެއް ގާއިމުކުރެވޭ އިރު، އެ ސަރުކާރެއްގެ އެންމެ އިސް ވާޖިބަކަށްވެފައި އޮންނާނީ މި އަމާޒާ ދިމާއަށް ދަތުރުކޮށް މި މަގުސަދު ހާސިލުކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރުމެވެ. ސަރުކާރުތައް ބަދަލުކުރުމާއި ނުކުރުން ބިނާވާން ޖެހޭނީ ސަރުކާރުތަކުން މި މަސައްކަތް ހާސިލުކުރުމާއި ނުކުރުމުގެ މައްޗަށް ބެލިގެންނެވެ.

މި ނަންގަތް ސަރުކާރުގެ އެންމެ އިސް މަސައްކަތް ކުރުމުގެ ގޮތުން– ފަގީރުކަމާއި މުހުތާދުކަން ނައްތާލުމުގެ ގޮތުން– ކުރަން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟ މުޖުތަމައުގެ ހުރިހާ މެމްބަރުން، އާދެ، މުވާތިނުން ނުވަތަ، އެންމެ އާންމުކޮށް ބޭނުންކުރާ އިބާރާތުން ނަމަ ރައްޔިތުން، އެމީހުންގެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތް ކުރުމެވެ. ކެއުމާއި ބުއިން، އުނުއޮރިޔާ ނިވާކުރާނޭ ގޮތް، އުޅޭނޭ ތަނެއް، މިކަންކަން ހަމަޖެހޭނޭ ގޮތް ހޯދައި ދިނުމެވެ. މީގެ އިތުރުން، ސިއްހީ ޚިދުމަތާއި ތައުލީމު ހާސިލު ކުރުމުގެ ޚިދުމަތެވެ. ތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް އިތުރުކޮށް، ވަޒީފާތައް އުފައްދައި އެވަޒީފާތައް މެދުވެރިކޮށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނޭ ގޮތް މެދުވެރިކޮށްގެންނެވެ. އެކަށީގެންވާ އާމްދަނީއަކީ މަތީގައި ދެންމެ މިނަންގަތް އަސާސީ ޚިދުމަތްތައް ލިބިގަނެވޭނޭ ފޯރުންތެރިކަން ލިބިފައި ވުމެވެ. އިސްލާމީ ތާރީޚަށް ބަލާލާއިރު، ނިޒާމީ ސިފައެއްގައި މި މަސައްކަތް ކުރެވިފައިވަނި ނިސްބަތުން ވަރަށް މަދު ދުވަސް ކޮޅެއްގައެވެ. އަސްހާބު ބޭކަލުންގެ ޚިލާފަތުގެ ކުރީކޮޅުގެ ދުވަސް ވަރުއެވެ. ވަޓު ފަދަ މުސްތަޝްރިގުން، ސިޔާސީ މައިދާނުގައި މުސްލިމުން ފޭލިވި ވާހަކަ ބުނަނީ މި މަސައްކަތް ހުއްޓި އެކަން ހާސިލު ނުކުރެވިފައިވާތީއެވެ.

މި ފަދަ ނާކާމިޔާބީގެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭގެ ބޭނުމަކީ މިކަން ކުރާނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އަލުން ކުރުމެވެ. މިކަން ކުރަން ޖެހޭނީ މުސްލިމުން އަމިއްލައަށެވެ. އިސްލާމީ ސިޔާސީ މަބްދައުތަކަކީ ކޮބައިކަމާއި އަދި މިއަދުގެ ދުނިޔޭގައި މި މަބްދައުތަކަށް އާ ސޫރައެއް ގެންނާނީ ކިހިނެއް ކަން ހޯދިގެންނެވެ. އިސްލާމީ ފިގުހުގައި މިކަމުގެ ހައްލު އޮތޭ ބުނުމަކީ އިސްލާމީ ފިގުހު އުފެދިފައި އޮތް ގޮތުގެ މައްޗަށް ރަނގަޅަށް ނުވިސްނާކަން އަންގައިދޭ ވާހަކައެކެވެ. އިސްލާމީ ފިގުހުގައި މުޖުތަމައީ ބައިގެ ސޫރަތައް ކަނޑައެޅިފައި އޮތީ ވަކި ދުވަސް ވަރެއްގައި ކަންތައް ކުރަމުން އައި ގޮތުގެ ތަސައްވުރު ހިތަށް ގެނެސް އޭގެ މައްޗަށް ބިނާކޮށްގެންނެވެ. މިސާލަކަށް ފައިސާގެ މައްސަލައިގެ މައްޗަށް ބަލާލާށެވެ. އިހުގެ ފައިސާގެ އަގު ކަނޑައަޅާލެވެނީ ރަން ރިހީގެ އަގުގެ މައްޗަށް ބިނާވެގެންނެވެ. ނަމަވެސް މިއަދުގެ ފައިސާގެ އަގު ކަނޑައަޅާލެވެނީ ބާޒާރުގެ ބާރުތަކުގެ މައްޗަށް ބިނާވެގެންނެވެ. އިހުގައި ޒަކާތުގެ ސޫރަ ބިނާވެފައި އޮތީ އޭރުގެ ދިރިއުޅުމުގައި ޚަރަދު ބަރަދު ހުރި ގޮތުގެ މައްޗަށް ބިނާވެގެންނެވެ. ނަމަވެސް، މިއަދުގެ ޚަރަދު ބަރަދު ހަމަޖެހިފައި އޮތީ ހަމަ އެ ގޮތުގެ މައްޗަށް ހެއްޔެވެ؟

މިއީ އިތުރު ތަފްސީލުތަކަށް ބޭނުންވާ ވާހަކަތަކެކެވެ. ނަމަވެސް، މިހިސާބުން މިވާހަކަތައް ކުރުކޮށްލާނަމެވެ. ސުރުޚީގައި އަޅާލެވިފައިވާ ސުއާލުގެ، އާދެ،– މިޒަމާނުގައި މ މުސްލިމު ގައުމުތަކަށް ހާސިލު ނުވެގެން އުޅެނީ ކޮންކަމެއް ހެއްޔެވެ؟- މި ސުއާލުގެ ކުރު ޖަވާބެއް ލިބިދާނެ ކަމަށް ހީކުރަމުންނެވެ. މުސްލިމުންނަށް ހާސިލު ނުކުރެވިގެން އުޅޭ ކަމަކީ އެމީހުންގެ މުޖުތަމައުތަކަކީ މަތީގައި ބަޔާން ކުރެވި ދިޔަ ހަމަހަމަކަމާއި އަދުލުވެރި ކަމުގެ މުޖުތަމައެއް ކަމުގައި ހަދާލުމެވެ. އެހެންވެ، މުޖުތަމައު އިސްލާމީ މުޖުތަމައަކަށް ހަދާލުމަށްޓަކައި، އަދި، އިސްލާމް ދީން ހިމާޔަތްކޮށް ދީން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަމަކީ މި މަސައްކަތެވެ. މި މަސައްކަތް ނުކޮށް، އިސްލާމް ދީނަކީ އަދުލު އިންސާފުގެ ދީނޭ، އެންމެ ރަނގަޅު ދީނޭ، ހަމައެކަނި ދުލުން ކިޔުމަކުން ހަމައެއް ނުޖެހޭނެއެވެ. ހުރިހާ ކަމެއްގެ އެންމެ ފުލުގައި މުސްލިމުންގެ މުޖުތަމައުތައް އޮތްހާ ހިނދަކު ދުލުން މިހެން ކިޔުމަކުން މުސްލިމުންގެ ހަގީގަތް ބަދަލެއް ނުވާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީއަތުގެ އިލުމުގެ އިތުރުން، ސިޔާސީ އަދި އިގުތިސާދީ އިލްމު ވެސް އުނގެނި، ސިޔާސީ މައިދާނަށް މުސްލިމުން ނިކުމެ، އެމީހުންގެ މުޖުތަމާތައް އިސްލާހު ކުރުމުގެ މަސައްކަތް ފަށައި، މަތީގައި ނަންގަތް ފަދައިން، ފަގީރުކަމާއި މުހުތާދުކަން ނައްތާލެވިފައިވާ އަދުލު އިންސާފުގެ މުޖުތަމައެއް ބިނާކުރެވިއްޖެ ނަމަ، މުސްލިމުންގެ މުޖުތަމައުތައް ވެސް ހިމެނޭނީ ކުރިއަރާފއިވާ މުޖުތަމައުތަކަކަށެވެ. މިއާ ޚިލާފަށް މި މަސައްކަތް ކުރުން ހުއްޓާލައި އެކަން ކުރުމަށް ފަސްޖެހިއްޖެ ނަމަ، މުސްލިމު މުޖުތަމައުތައް ދާނީ ކަސްބީ އިންތިހާޒީ ސިޔާސީ ވެރިންނާއި ދީން ވިއްކައިގެން ވިޔަފާރިކުރާ ދީނީ މީހުންގެ އަތް މައްޗަށެވެ. އެހެންވެ، އެހެން ކަންކަން ކުރުމަށް ވެސް ކުރިމަތިލާ ފަދައިން، މިކަން ކުރުމަށް ވެސް ކެރިގެން މުސްލިމުންގެ ބަޔަކު ކުރިމަތިލާން ޖެހެއެވެ. މިކަމާ ކުރިމަތިލައިގެން، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މަސައްކަތްކޮށްފި ނަމަ، އިރާދަކުރެއްވިއްޔާ، މިއީ ކުރެވޭނޭ ކަމެކެވެ. އަދި، މިކަން ކުރެވުމުން، ދީނީ މައިދާނުގައި މުސްލިމުން ކާމިޔާބު ހޯދި ފަދައިން، ސިޔާސީ މައިދާނުގައި ވެސް ކާމިޔާބު އޮންނާީ ހޯދިފައެވެ. (މިކަމާ ބެހޭ އިތުރު ތަފްސީލީ ވާހަކަތައް، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ގެނެސްދެވޭނެއެވެ.)