Support Us

އަނބިންނާއި ފޮތްތަކާ ދެމެދުވާ ކުރިމަތިލުން

ސީބަވައިހި

ޢަރަބި ބަހުގެ ބޮޑު ޢިލްމުވެރިޔާ ސީބަވައިހިގެ ފޮތްތައް އޭނާ އަނބިމީހާ އަންދާލިއެވެ. އެކަން ވީގޮތަކީ ސީބަވައިހި އަނބިމީހާ މީހާ އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަމަކު ސީބަވައިހި ގިނަ ވަޤުތު ހޭދަކުރަނީ ފޮތްކިޔުމުގައާއި، ރޭގަނޑު ހޭލާ އިނދެ ފޮތް ލިޔެ މުޠާލަޢާކޮށް، ވިސްނާ ފިކުރު ކުރުމުގައެވެ.

ދެން ސީބަވައިހި އެއް ފަހަރަކު ބާޒާރަށް ނިކުތް ވަޤުތަށް ފާރަލާ ބަލަންހުރެ، އޭނާގެ އަނބިމީހާ، އަލިފާން ރޯކޮށްފައި އޮތް ދަރުގަނޑެއް ނަގާ ފޮތްތަކުގެ މައްޗަށް އެއްލާ ފޮތްތައް އަންދާލިއެވެ. ދެން ސީބަވައިހި އެނބުރި ގެއަށް އައިރު އެތަން ފެނިފައި ހިތާމައިން ހޭނެތުނެވެ. ހޭއެރި ހިނދު އެ އަންހެނާ ވަރިކޮށް ފޮނުވާލިއެވެ. -ކިތާބުލް ފުޞޫޞު

ލައިޘު ބްނުލް މުޡައްފަރު

ލައިޘުއަކީ ޢަރަބި ބަހުގެ ބޮޑު ޢިލްމުވެރިޔާ ޚަލީލު ބްނު އަޙްމަދު އަލްފަރާހީދީގެ ގާތް އެކުވެރިޔެކެވެ. އަދި ޚަލީލު ލައިޘު ވަރަށް ގާތްކުރައްވައެވެ. ދެން ޚަލީލުގެ ޢަރަބި ރަދީފު 'އަލްޢައިނު' ލިޔުނު ހިނދު އެފޮތް ލައިޘުއަށް ޚާއްސަކޮށްދެއްވިއެވެ. އެކަމާ ލައިޘު ވަރަށް އުފާވިއެވެ. އަދި އެއީ އެފޮތުގެ ހަމައެކަނި ކޮޕީ ކަމުގައިވުމުން ވަރަށް މަތީ ޤަދަރެއްދީ އެފޮތް ރައްކާކޮށްގެން ގެންގުޅެ، އަދި އެފޮތް ހިތުދަސްކުރަންވެސް ފެއްޓިއެވެ.

ކަން ދިމާކުރި ގޮތުން ލައިޘުގެ އަނބިމީހާ އެކަމާ ވަރަށް ނަފްރަތުކުރިއެވެ. އަދި ހިތަށްއެރިއެވެ: 'ރެޔާއި ދުވާލު މީނާވަނީ މިފޮތުގެ އަވާގައި ޖެހިފައެވެ. ނިކަން ހުރެ ބޮނޑިއެއްދޭނަމެވެ.' ދެން އެ އަންހެނާ އެފޮތް އަންދާލިއެވެ. ލައިޘުއަށް އެކަން އެނގުނު ހިނދު ހިތާމައިން ކޮޅުންލިއެވެ. އެހެނީ އެއީ އެފޮތުގެ ހަމައެކަނި ކޮޕީކަމުގައި ވެފައި، އެއިރު ޚަލީލުވެސް ނިޔާވެފައިވާތީއެވެ. ދެން އެފޮތް އަލުން ހިިތުން ލިޔެ އަނެއްބައި ފުރިހަމަކުރީ ލައިޘުއެވެ. -އަލްމުޒްހިރު ފީ ޢުލޫމިއް ލުޣާ

އަބުލް މުބައްޝިރު ބްނު ފާތިކު

މިޞްރުގެ އަމީރުކަން ކުރި ޢިލްމުވެރިއެކެވެ. އަބުލް މުބައްޝިރު ފޮތް ލިޔުމަށް ވަރަށް ލޯބިކުރެއެވެ. އަދި އެތައް ބައިވަރު ފޮތްތައް އެއްކޮށްފައިވާ ބޮޑު ޚަޒާނާއެއް އޭނާއަށް ވެއެވެ. އެކަމަކު އަބުލް މުބައްޝިރުގެ ގިނަ ފޮތްތައް ފޯރާފައިވާއިރު ފޮތްތަކަށް ފެނުގެ އަސަރުކޮށް ލިޔެފައި ހުރި ގިނަ އެއްޗެހި އެނގޭ ވަރެއް ނޫނެވެ.

އެކަން ވީގޮތަކީ އަބުލް މުބައްޝިރު ނިޔާވުމުން އޭނާގެ އަނބިމީހާ ފޮތްތަކުގެ ޚަޒާނާއަށް ވަނެވެ. އަދި އެތަނުގައި އިނދެގެން ފެންވަޅަކަށް ފަހަރަކު ފޮތެއް އޭނާގެ ނަމުން ގޮވާލާފައި އެއްލަމުން ދިޔައެވެ. އެއީ އަބުލް މުބައްޝިރު އެ އަންހެނާއަށްވުރެ ބޮޑަށް ފޮތްތަކާ އެކުގައި ވަޤުތު ހޭދަކުރުމުން އެކަމާ ހިތުގައި އޮތް ރުޅިންނެވެ. -ޢުޔޫނުލް އަންބާއު-

އިބްރާހިމް އަލްޢަޔާޝީ

މިއީ މަދީނާގެ ޢިލްމުވެރިއެކެވެ. ކީރިތި ރަސޫލާ ﷺ ގެ ކޮޓަރިކޮޅުތަކާއި ބެހޭގޮތުން ފޮތެއް އެ ޝެއިޚު ލިޔުނެވެ. އަދި އެފޮތް ލިޔުމަށްޓަކައި އެތަންތަނަށް ގޮސް ތަޙްޤީޤުކޮށް މަޢުލޫމާތު އެއްކުރުމުގައި 20 އަހަރު ހޭދަކުރިއެވެ.

ދެން ފޮތް ކިޔާ މުނާޤަޝާކުރުމުގައި އަލްޢަޔާޝީ ގިނަ ވަޤުތު ހޭދަކުރާތީ، އަނބިމީހާ އެކަމާ ހިތްނުތަނަސްވެގެން އެފޮތުގައި ރޯކޮށް އަންދާލިއެވެ. އެކަމުގެ ހިތާމައިގައި ޝެއިޚުގެ އެއްފަޅި ވާވިއެވެ. -ކިތާބު ކުއްލު މަޢާނިލް ޙުއްބު

އިބްނު ޝިހާބު އައްޒުހްރީ

އެކަލޭގެފާނުގެ އަނބިކަމަނާ ވިދާޅުވެއެވެ: "ﷲ ގަންދީ ބުނަމެވެ. ތިން އަނބިން ފިރިމީހާއަށް ލިބިގެންވުމަށްވުރެވެސް މިހިރަ ފޮތްތަކުގެ އުނދަގޫ އަހަރެންނަށް މާބޮޑެވެ." -ވަފިއްޔާތުލް އަޢުޔާނު

ޒުބައިރު ބްނު ބައްކާރު

އެބޭފުޅާވެސް އެންމެ އަންހެނަކާ ކައިވެނިކުރައްވާ، ދެން އިތުރަށް ޖާރިޔާއެއް ނުވަތަ އަތްނބެއް ނުނަންގަވާތީ އެކަމުގެ މޮޅުވާހަކަ އަނބިމީހާ ކައިރީގައި މީހަކު ބުނި ހިނދު އެކަމަނާ ދެންނެވިއެވެ: "ﷲ ގަންދީ ބުނަމެވެ! ތިން އަންހެނުންނާ އޭނާ އިނދެގެން އުޅުމަށްވުރެވެސް މިފޮތްތަކުގެ ކަންތައް އަހަރެންނަށް މާބޮޑެވެ." -ތާރީޚު ބަޣުދާދު

  • މުހައްމަދު އަލް މާލްދީފީގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *