Support Us

އަދަބީ ފިލާވަޅެއް- ކުރުކޮށް

ތިރީގައި މިވަނީ ދިވެހިން ވާހަކަ ދައްކާއިރު އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ބަސްބަހާ ގުޅުވައިގެން ތައްޔާރުކޮށްލައިފައިވާ އަދަބީ ވިލާވަޅެއް، ވަރަށް ކުރުކޮށެވެ.

  1. އެނބުރި އައުމާއި އަނބުރާ އައުން

އެނބުރި އައުމާއި އަނބުރާ އައުން ތަފާތެވެ. އެނބުރި އައުން ބޭނުންކުރަނީ އާންމުކޮށް އިންސާނުންނަށެވެ. އަނބުރާއައުން ބޭނުންކުރަނީ އުޅަނދުފަހަރަށެވެ.

މިސާލު:

އަލީ ޗުއްޓީން އެނބުރި އައީ އިއްޔެއެވެ.

މަނަދޫ ބޯޓު އަނބުރާ އައީ ނ. އަތޮޅާ ހަމައަށް ގޮސްފައެވެ.

  1. އެދެމެވެ./ އެދެއެވެ.

އެދެމެވެ. ބޭނުންކުރާނީ މީހަކު ނުވަތަ ބަޔަކު އަމިއްލަ ހައިސިއްޔަތުން ކަމަކަށް އެދޭނަމައެވެ. އޮފީހަކުން ނުވަތަ ތަނަކުން ކަމަކަށް އެދޭނަމަ ލިޔާނީ އެދެއެވެ.

މިސާލު:

މިކަން އަޅުގަނޑަށް ހަމަޖައްސަވައިދެއްވުން އެދެމެވެ.

މިކަން ހަމަޖައްސަވައިދެއްވުން މި އޮފީހުން އެދެއެވެ.

  1. ނިސްބަތް ކުރެވޭ ދެ ފިލީގެ ފަހަތަށް ކޮންމެހެން "ގެ" ޖަހާކަށް ނުޖެހެއެވެ.

މިސާލު:

މާލޭގެ މީހެއް، މަނަދޫގެ މީހެއް، އެގޭގެ މީހެއް، މިއީ ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ މާލޭ މީހެއް، މަނަދޫ މީހެއް، އެގޭ މީހެއް މިގޮތެވެ.

  1. ވަމުން އަންނަނީ/ ވަމުން ދަނީ

ވަމުން އަންނަނީ ބޭނުންކުރުން ރަނގަޅީ ރަނގަޅާ ގުޅުވައިގެންނެވެ. ވަމުންދަނީ ބޭނުންކުރުން ރަނގަޅީ ނުރަނގަޅު ނުވަތަ ގޯސްވަމުންދާ ކަންކަމުގައެވެ.

މިސާލު:

ކޮވިޑުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ކޮވިޑުގެ ހާލަތު ދަނީ ގޯސްވަމުންނެވެ.

ޢަލީގެ ބަލިހާލަތު ދަނީ ބޮޑުވަމުންނެވެ. އޭނާގެ އުޅުން ދަނީ ގޯސްވަމުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *