Support Us

ޗާލީ ޗެޕްލިންގެ ކުޑައިރުގެ ހަނދާނެއްގެ ވާހަކަ

ސިނަމާގެ ތާރީޚުގައި އެންމެ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ހެއްވާބައި ކުޅޭ ކުޅަދާނަ މުމައްސިލު ޗާލީ ޗެޕްލިން ބުނެފައި އޮވެއެވެ. އަހަރެން ކުޑައިރު، އަހަރެންގެ ބައްޕައާ އެކު ޗަރުކޭސީ ޝޯއެއް ބަލާލަން ދިޔައީމެވެ. ޓިކެޓު ގަތުމަށްޓަކައި ވަރަށް ދިގު ކިޔުއެއްގެ ފަހަތުގައި ޖެއްސީމެވެ. އަހަރުމެންގެ ކުރިމަތީގައި ހަ ކުދިންނާއި ބައްޕައަކާއި މަންމައެއްގެ މައްޗަށް އެކުލެވޭ އާއިލާއެއް ތިއްބެވެ. އެމީހުންގެ ކިބައިން އެމީހުންނަކީ ފަގީރު ބައެއްކަން ފެނެއެވެ. އެމީހުން ލައިގެން ތިބި ހެނދުން އޮތީ ދުވަސްވެ، ބާވެފައެވެ. ނަމަވެސް، އެމީހުންގެ އެ ހެދުން ސާފު ތާހިރެވެ. އެ ކުދިން ތިބީ ޗަރުކޭހުގެ ކުޅިވަރުގެ ވާހަކަ ދައްކެމުގައި ވަރަށް ވެސް އުފަލުންނެވެ.

ދެން، ޓިކެޓު ގަންނަން އެމީހުންނާ ޖެހުމުން، އެކުދިންގެ ބައްޕަ ޓިކެޓު ވިއްކަން އިން މީހާ ކުރެން ޓިކެޓުގެ އަގު އެއްސެވެ. އެ މީހާ ޓިކެޓުގެ އަގު ބުނުމުން، އެ ބައްޕަގެ ދޫ އޮޅޭ ގޮތްވެ، މަންމަގެ ކަންފަތް ބުޑުގައި ސިއްރުން އެއްޗެއް ބުންޏެވެ. އެއިރު އޭނާގެ މޫނުމަތިން ލަދުވެތިކަމާއި ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ.

އެހިނދު، އަހަރެންގެ ބައްޕަގެ ޖީބުން 20 ޑޮލަރު ނަންގަވާފައި ބިންމައްޗަށް ވައްޓަވާލެއްވިތަން އަހަންނަށް ފެނުނެވެ. އަދި ގުދުވެލައްވާފައި އެ 20 ޑޮލަރު ނަންގަވާފައި އެކުދިންގެ ބައްޕަގެ އަތަށް އެ ލައްވާފައި ބުނުއްވިއެވެ. އިނބަގެ 20 ޑޮލަރު އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އެ ހިނދު އެ ކުދިންގެ ބައްޕަ، ފެންކަޅިވެ، އަހަރެންގެ ބައްޕަގެ މޫނަށް ބަލާލާފައި ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.

ދެން އެ އެންމެން ޗަރުކޭހަށް ވަނުމުން، އަހަރުމެން އެ ކިޔުއިން ނިކުމެގެން އަނބުރާ ގެއަށް ދިޔައީއެވެ. އަހަރެންގެ ބައްޕަ އަތުގައި އެ މީހާއަށް ދިން 20 ޑޮލަރު ނޫނީ ނެތީމައެވެ. ކޮންމެ އަކަސް އެ ދުވަހުއްސުރެ އަހަރެންގެ ބައްޕާއާ މެދު އަހަރެން ފަޚުރުވެރިވީމެވެ. އަދި، އެދުވަހު ބައްޕަ އަހަންނަށް ދެއްކެވި މަންޒަރު، އެ ދުވަހު އަހަންނަށް ނުފެނުނު ޗަރުކޭހުގެ ހުށަހަޅާލުންތަކަށް ވުރެ މާ ބޮޑަށް ވެސް ރީތިވިއެވެ!

އާދެ،
"އީޘާރު، މުވާސާތު، ސަބުރު ހަމްދަރުދީކަން
ވީތާކުގައޭ ނަސްރުވަނީ ހަމަވެ، ގަދަވެގެން" ހ. ސަލާހުއްދީން

(ދިވެހި ކޮށްލުމެއް)