Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އިންސާނީ އަޚްލާޤަކީ ކޮބައިބާ؟

ﷲ ސުބްޙާނަހޫ ވަތަޢާލާ ބިން ލައްވާފައިވަނީ ހަމައެކަނި އިންސާނުން ދިރިއުޅަމަށްޓަކައެއް ނޫނެވެ! އެހެނެއްކަމަކު، އެކަލާނގެ ލެއްވެވި ދިރޭ ހުރިހައި ތަކެއްޗެއް ވެސް އެ އެއްޗެއްގެ ފުރާނަ ހުރި، ހުރިހައި ހިނދަކު، އިންސާނުން ފަދަ އުންމަތްތަކެއްގެ ގޮތުގައި ބިމުގައި ދިރިއުޅުމަށްޓަކައެވެ!

އިންސާނުން ބިމުގައި ޚަލީފާއިން ކަމުގައި ލެއްވުމުގެ މާނަޔަކީ، ޝާހީ ވެރިކަމެއްގެ ތަޙުތެއްގައި ވެޑުއްވުމުގެ މާނައެއް ނޫނެވެ. އަދި ކިޔެއްތަ! ޢަދުލުވެރި ކުރެއްވުމުގެ މާނައިގައެވެ! ވެރިކަމުގެ ޢަދުލަކީ، މި ބިމާއި މި ބިމުގައި ކައިބޮއި ހަދާ ގޮތުގައި އެކަލާނގެ ލެެއްވެވި، ދިރޭ ހުރިހައި ތަކެއްޗަކަށް، ބިމާއި ކާނާ (ނުވަތަ ރިޒުޤު) ހަމަގޮތުގައި ފޯރުކޮށްދިނުމެވެ.

އިންސާނާއަށް އެ އެއްޗެއްގެ މަސްކެއުން ޙަލާލު އެއްޗެއް، ކެއުމަށްޓަކައި އެކަލާނގެ އިސްމުފުޅުން ކަތިލައިގެން، އިސްރާފަކަށް ނުވާނޭ ގޮތުން ކައިބޮއި ހެދުން މި މާނައިން އިސްތިސްނާއެވެ!

އިސްރާފަކީ، ކާން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތައްޔާރުކުރެވޭ ކާނާއިން އިތުރުވުމުން އުކައިލާންޖެހޭ ބަޔަށް ކިޔާ ނަމެއްނޫނެވެ. އެހެނެއް ކަމަކު އެއީ، އިރުކޮއްތަށް ވުރެ އިތުރަށް ގުދަންކޮށް ރައްކާކުރާ ރައްކާކުރުމަށް ކިޔޭ ނަމެކެވެ. އެހެނީ، ގަސްހަގާގެއްސާއި އެ ގަސްގަހުގެ މޭވާއާއި ގޮވާމުގެ އޮއްޓަރުތަކަކީ، ހަމައެކަނި އިންސާނާގެ ރިޒުޤުގެ ގޮތުގައި މާތްﷲ ލެއްވެވި ތަކެއްޗަށް ނުވާތީއެވެ.

ދެރައީ، އެ ހުރިހައި ޚުލްޤެއް ބަޔާންކުރެއްވި މާތްވެގެންވާ އިސްލާމްދީން ފޮނުއްވިތާ 1443 އަހަރު ފާއިތުވީ އިރުވެސް، އެކަންކަން އެ މާނައިގައި ނުދަތުމުގެ ސަބަބުން، ބިމާއި ރިޒުޤުގެ މައްޗަށް ބާރު ހިންގުމުގައި އިންސާނުންނާއި ދިރޭ ތަކެއްޗަށް ހަމަހަމަކަން ނެތުމުން އިންސާނުންނާއި ހައިވާނުން ބިކަޙާލުގައި ޖެހޭކަމެވެ.