Support Us

ކޮލަމް ކޯދު: މިއީ ހަމަ އެބުނާ މޮޅު ޑިމޮކުރަސީ ހެއްޔެވެ؟

ވަރަށް ގިނަ ބަޔަކު ކިޔަމުން އަންނަ މަންތަރާއެކެވެ! ތަސްބީހައެކެވެ! އަޅުގަނޑުމެންގެ ތެރެއަށް ހަގީގީ ޑިމޮކުރަސީއެއް 2008 ގައި ތައާރުފު ކުރެވުނު ކަމެވެ. އަދި، އެ އަހަރު ވެރިކަމަށް އައި މޯލްޑިވެސް ޑިމޮކުރެޓިކް ޕާޓީ (އެމް.ޑީ.ޕީ.) އަކީ މި ޑިމޮކުރަސީގެ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ޕާޓީ ކަމެވެ. ނަމަވެސް، ރާއްޖޭގެ ވެރިކަން އިސްލާހުކުރުމުގެ މަސައްކަތް 2008 ވަނަ އަހަރުގެ ކުރިން ވެސް ކުރަން ފަށައިފިއެވެ. ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައްޔާއި އަދި އަށްޑިހައިގެ އަހަރުތަކުގައްޔާއި އަދި އޭގެ ފަހުން ވެސް މެއެވެ. އެ މަސައްކަތް އެ ދުވަސްވަރެއްގައި ކުރެވެން އޮތް ގޮތަކަށް، އެކަމާ ކުރިމަތިލުމުގެ ހިއްވަރު ހުރި ބަޔަކު އެކަން ކުރަމުން ގެންދިޔައެވެ. އަދި، ބައެއް ފަހަރު، އަދަބު ލިބި، ޖަލުގައި ދުވަސްތައް ހޭދަކޮށް، އެދުވަސްވަރުގައި އެކަން ކުރި ބޭކަލުން މިއަދު ދުނިޔެއަކު ނެތެވެ.

ދެހާހުގެ އަހަރުތަކަށް އެޅުނު އިރު، އޭގެ ކުރީގައި، ސިޔާސީ އިސްލާހުގެ މަސައްކަތް ކުރަން އުޅުން މީހުންނަށް ނެތް ވަރަށް މުހިއްމު ވަސީލަތެއް ލިބުނެވެ. އިންޓަނެޓުގެ ވަސީލަތެވެ. އިސްލާހުގެ މަސައްކަތް ކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކަށް ވެފައި އަބަދުވެސް އޮންނަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އިންޓަނެޓުގެ ޚިދުމަތް އާންމުވުމުގެ ކުރިން، ރާއްޖެ ފަދަ، އިސްތިބްދާދީ ވެރިކަން އޮތް ކޮންމެ ތަނެއްގައި ވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިފައި ބޭއްވުން، މުސްތަބިއްދު ސަރުކާރުތަކަށް ދާދި ފަސޭހައެވެ. އެހެންވެ، 2000ގެ އަހަރުތަކަށް އެޅި އިންޓަނެޓުގެ ޚިދުމަތް އާންމުވުމުން، ރާއްޖެ ކަހަލަ މުސްތިބިއްދު ވެރިކަން އޮތް ތަންތަނުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓަން ބޭނުން ވިޔަސް، އެކަން ކުރެވޭނޭ ގޮތެއް ނުވިއެވެ.

މީގެ ހެއްކެއްގެ ގޮތުގައި ރާއްޖެއާ ބެހޭ ވާހަކައެއް ނަންގަނެލާނަމެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ވެސް، އޭގެ ކުރީ ދިހައިގެ އަހަރުތަކާއި އަދި އޭގެ ވެސް ކުރީގެ އަހަރުތަކޭ އެއްފަދައިން ޚިޔާލެއް ފާޅުކުރުން އޮންނަނީ ނޫސް، މަޖައްލާ، ރޭޑިޔޯ ދެން، ފަހުން، ޓީ.ވީގެ ޒަރިއްޔާއިންނެވެ. މީގެ ތެރެއިން ރޭޑިޔޯއާއި ޓީ.ވީއަކީ އެ ދުވަސްވަރު ސީދާ ސަރުކާރުގެ ޚުދްމުޚްތާރު ބާރު ދަށުގައިވާ ވަސީލަތްތަކަކެވެ. އެ ވަސީލަތްތައް މެދުވެރިކޮށް ވާހަކައެއް ނުވަތަ ޚަބަރެއް ފޮނުވޭނީ އެވާހަކަ ނުވަތަ ޚަބަރު، ސެންސަރުކޮށް، ފާސްވެގެންނެވެ. އެކަން ކުރުމަށްޓަކައި މީހުން ކަނޑައެޅިފައި ތިބެއެވެ. މިގޮތަށް ކަން އޮތް އިރުވެސް، ބައެއް ފަހަރު، ވެރި މީހާ ނުރުހޭ ގޮތަކަށް އެއްޗެއް ބުނެވި، އެއްޗެއް ބުނި މީހަކަށް އަދަބު ލިބިފައި ވެއެވެ. ދެން، ނޫސް މަޖައްލާ ރެޖިސްޓުރީކޮށް، އުސޫލެއްގެ ގޮތުން، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އާންމުންނަށް ލިބިފައި އޮވެއެވެ. ނަމަވެސް، އެ އުސޫލަކީ އެއަށް ތަބާވެވޭ އުސޫލެއް ނޫނެވެ. ކިރިޔާ ވެސް ނުރުހޭ އެއްޗެއް ނޫހެއްގައި ޝާއިއުކުރެވިއްޖެ ނަމަ، ބައެއް ފަހަރު ނޫސް، އަދި އަނެއްބައި ފަހަރު ލިޔުނު މީހާ، އަދި އަނެއްބައި ފަހަރު ނޫހާއި ލިޔުނު މީހާ ވެސް ބަންދުކުރެވޭ ފަހަރު ވެސް އާދެއެވެ. މިކަން ކަމުން އިބުރަތް ލިބިގަނެ ނޫސްތަކާ މަޖައްލާތައް ނެރެ ޝާއިއުކުރާ މީހުން، ރަތް ރޮނގު ހުރަސްނުކޮށް ތިބެން އެނގެއެވެ.

މިފަދައިން ކަންތައް އޮތް ކަމުގައި ވިޔަސް، ބަޔަކު ރަތް ރޮނގު ހުރަސްކޮށް، ސަރުކާރުގެ ސިޔާސަތުތަކަށާއި ސަރުކާރުގެ އިސް ބައެއް މީހުންގެ ފަސާދައިގެ އަމަލުތަކުގެ ވާހަކަތައް އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި ލިޔަންފެށިއެވެ. އެ ދުވަސްވަރުގެ ސަރުކާރުން، އެކަމަށް ކުޑަ ލުޔެއް ދިނުމުން ވެސް މެއެވެ. ނަމަވެސް، ސަރުކާރުގެ އިސް ބައެއް ފަރާތްތައް ކުށްވެރިވާ ހިސާބަށް ކަންތައް ހިނގައިދާނެ ކަމުގެ ބިރު ހީވެ، އޭ ނޫސްތައް ބަންދުކުރިއެވެ. ސަންގާއި ހުކުރު ފަދަ ނޫސްތަކެވެ.

މި ހިސާބުން ކަންތައް ނިމުނީކީ ނޫނެވެ. ދެން މިފަދަ ނޫހެއް ނުވަތަ މަޖައްލާއެއް ނެރުމަށް އެޅެން އޮތް ހުރަހެއް، 90ގެ އަހަރުތަކުގެ ތެރޭގައި އެޅުނެވެ. އެފަދަ ފިޔަވަޅުތަކުގެ ތެރޭގައި ނޫސް މަޖައްލާއެއް ރަޖިސްޓްރީކުރަން ބޭނުން ނަމަ، އެ ނޫސް ނުވަތަ މަޖައްލާ ނެރޭ ތަންވެސް ރަޖިސްޓަރީ ކުރަން ޖެހުނެވެ. އާދެ، ނޫސް ނުވަތަ މަޖައްލާ ޝާއިއުކުރާ ޗާޕުޚާނާއަކީ އެ ނޫސް ނުވަތަ މަޖައްލާ ނެރޭ ތަން ކަމުގައި ރަޖިސްޓުރީ ކުރަން ޖެހުނެވެ. ޗާޕްޚާނާތަކަކީ ކުރިން ވެސް ރަޖިސްޓަރީ ކުރެވިފައި އޮތް ތަންތަން ކަމުގައި ވިޔަސް ވެހެވެ.

މިފަދައިން ޗާޕްޚާނާތަކާ މެދުގައި އަމަލުކުރުމުގެ ބޭނުކަމީ ކޮބާ ހެއްޔެވެ؟ އޭގެ ބޭނުން އެ ދުވަސްވަރުގައި އެ މަސައްކަތުގައި ކޮންމެ ވެސް ވަރަކަށް އުޅުނު މީހެއްގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް ބުނަމެވެ. އަޅުގަނޑުމެން ވެސް މަޖައްލާއެއް ރަޖިިސްޓަރީ ކުރުމަށްޓަކައި މަޖައްލާ ޗާޕުކޮށްދޭނޭ ޗާޕުޚާނާއެއް ހޯދަން ޖެހުނެވެ. އަދި، އެގޮތުން ރާއްޖޭގައި އެދުވަސްވަރުގެ އެންމެ ބޮޑު އެއް ޗާޕުޚާނާއާ ވާހަކަދެއްކީމެވެ. ދެން، އެތަނުން އެކަން ކުރުމަށް އިންކާރުކުރިއެވެ. އެކަން ނުކޮށްދޭން ވެގެންނެއް ނޫނެވެ. ނަމަވެސް، މަޖައްލާގައި ލިޔެ ޗާޕުކުރާ އެއްޗެއްގެ ސަބަބުން ޗާޕުޚާނާ ވެސް ކުށްވެރިވެ، ޗާޕުޚާނާ ބަންދުކުރަން ޖެހިދާނެތީއެވެ. އަދި، އެކަމުގެ ސަބަބުން އެ ދުވަސްވަރު އެ ޗާޕުޚާނައިގައި މަސައްކަތް ކުރަމުން އައި މީހުންގެ ވަޒީފާތައް ގެއްލި، ފަންސާހަކަށް އާއިލާއަށް ލިބެމުން ދިޔަ އާމްދަނީ ހުއްޓިދާނެތީއެވެ. ދެން، ޗާޕުޚާނާއިން އަޅުގަނޑަށް ހުށަހެޅީ ޗާޕުކުރާ އާދައިގެ މެޝިންނެއްދީ އެކަން ކުރާނޭ ގޮތް ދަސްކޮށް، އަމިއްލަ ޗާޕުހާނާއެއް ހުޅުވައިގެން މަޖައްލާ ނެރުމުގެ މަސައްކަތް ކުރުމަށެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ އެ ދުވަސްވަރުގެ ސަރުކާރުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުމަށްޓަކައި އަޅަމުން ދިޔަ ފިޔަވަޅުތައް އިންތިހާއަށް ހަށުކަށިކުރި ކަމެވެ.

މީގެ އިތުރުން ވެސް، ސަރުކާރަށް ފާޑެއް ކިޔާފާނޭ ހުރިހާ މަގެއް ބަންދުކުރުމަށް ގާނޫނުތައް ހަދައި، ދީނީ މާއްދާއެއް ކިޔަވައިދިނުމުން ވެސް އެއީ ވެސް ގާނޫނާ ޚިލާފުކަމެއް ކަމުގައި ކަނޑައެޅިދާނޭ ގޮތަކަށް ގާނޫނުތައް ހަދައި ފާސްކުރެވުނެވެ. މި އިޝާރާތްކުރާ ގާނޫނު ހެދި ފަހުން، ސަރުކާރަށް މިކަން ރޭކާލައި، އޭރުގެ އެޑިއުކޭޝަން މިނިސްޓުރީން، ދީނީ މާއްދާ ކިޔަވައިދިނުން އެ ގާނޫނުން އިސްތިސްނާ ކުރެވެނުނެވެ. މިކަމުން، ދެކަން ހަނދާންކޮށްލަން ޖެހެއެވެ. ފުރަތަމަ ކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓެން އޮތް ގޮތަކުން އިހުގެ ސަރުކާރުތަކުން އެކަން ކުރަން އުޅުމެވެ. ދެވަނަ ކަމަކީ މިކަމަށް މިހާރު ވެސް މާ ބޮޑު ބަދަލެއް ނާންނަ ކަމެވެ. އަދުގެ ސަރުކާރުތަކުން ވެސް ބޭނުންވަނީ ޖާހިލުކަންމަތީ މީހުން ބައިތިއްބައިގެން، އެމީހުން އަމިއްލައަށް ވިސްނުމުގެ އެކަށޭނަކަން އެމީހުންނަށް ލިބުނަނުދީ ކަނު ސިފައެއްގައި ތިބެ، ސަރުކާރުގެ އަނގަ ސަންގުތަކަކަށް ވެގެން، ސަަރުކާރުން ކިޔާލާ އެއްޗެއް ކިޔާލަކިޔާލާ ތިބުމެވެ. މީގެ އެންމެ ވަރުގަދަ ހެއްކަކީ މިހާރު ފާސްކުރަން އެ އުޅޭ "އިންޑިޔާ އައުޓު" ހުއްޓުވުމަށް ހަދައި ފާސްކުރަން އުޅޭ ގާނޫނެވެ. ނުވަދިހައިގެ އަހަރުތަކުގައި ހެދި ފަދަ 'ދީނީ އެއްބައިވަންތަކަން' ރައްކާތެރިކޮށްދޭ ފަދަ މީހުންގެ އަނގަ ބަންދުކުރުމުގެ ބޭނުމުގައި ހަދާ ގާނޫނެކެވެ.

މަތީގައި ބަޔާންކުރެވި ދިޔަ ވާހަކަކޮޅުން، މުހިއްމު އެއް ނުކުތާ ފާހަގަކޮށްލެވޭނެއެވެ. ދެހާހުގެ އަހަރުތަކަށް އެޅުނު އިރު، ރާއްޖޭގައި އޭރު އޮތް ސަރުކާރުން، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަން ބޭނުންވި ކަމުގައި ވިޔަސް، އިންޓަނެޓު އާންމުވުމުގެ ސަބަބުން އެކަން ކުރެވޭ ގޮތް ނުވުމެވެ. އެ ދުވަސްވަރު، އެކަން ކުރަނީ ކޮން ބައެއްކަން އެނގޭ ނޫސްތަކާއި އެކަން ކުރަނީ ކޮން ބައެއްކަން ނޭނގޭ ނޫސްތައް ވެސް އިންޓަނެޓުގައި ޝާއިކުރަން ފެށުނެވެ. ނަތީޖާއަކަށްވީ، ރުހިގެން ނަމަވެސް ނުވަތަ ނުރުހި ނަމަވެސް، އެއީ ކޮބައިކަން އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް، ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ އެންމެންވެސް ޑިމޮކުރަސީއެއްގެ ވާހަކަ ދައްކަން ފެށުމެވެ. ސަރުކާރަށް ވެސް ޑިމޮކުރަސީގެ ވާހަކަ ދައްކަން މަޖުބޫރުވިއެވެ. އަދި، އެކިއެކި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުން ގާނޫނީ ގޮތުން ހުއްދަ ކުރަންވެސް މަޖުބޫރުވިއެވެ. އަދި، މިކަންކަން ކުރެވޭނޭ ފަދަ ގޮތެއްގައި ގާނޫނު އަސާސީ އިސްލާހުކުރަން ވެސް ޖެހުނެވެ.

މިފަދަ މަޖުބޫރީ ހާލަތެއްގައި ގާނޫނު އަސާސީ އިސްލާހުކޮށް، ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމެއް ރާއްޖޭގައި ތައާރަފުކުރެވުނު އިރު، އާ ސިޔާސީ ނިޒާމުގެ އަމާޒަކަށްވެފައި އޮތީ ގައުމު އިސްލާހުކޮށް ހެޔޮ ގޮތުގައި ގަައުމު ބިނާކުރުމެއް ނޫނެވެ. އެކަމާ ބެހޭ މާ ބޮޑު ހަރުދަނާ ވާހަކަތަކެއް ނުދެކެވެއެވެ. ހަރުދަނާ ވާހަކަތަކޭ މި ބުނަނީ، ގައުމެއް ބިނާކުރުމުގެ އަމާޒަކީ ކޮބައިކަމާއި، އެކަމަށް ހުރި ހުރަސްތަކަކީ ކޮބައިކަމާއި އެ ހުރަސްތައް ނައްތާލަން މަސައްކަތްކުރާނީ ކިހިނެއް ކަމާއި ގައުމު ބިނާކުރާނޭ ގޮތުގެ ތަފްސީލެއް ކީއްކުރަން، އެކަންކަމާ ބެހޭ ޖުމްލަ ވާހަކައެއް ވެސް ނުދެއްކެއެވެ. އޭރުގެ ސަރުކާރު، އާދެ، ރައީސް މައުމޫނުގެ ސަރުކާރުގެ އަމާޒަކަށް ވެފައި އޮތީ އާ ގާނޫނު އަސާސީ ފާސްވުން ދިގު ދެންމެން އޮތްހާ ދުވަހަކަށް ދިގު ދެންމުމެވެ. ބޭނުމަކީ ރައީސް މައުމޫނަށް ވެރިކަން ކުރެވެން އޮތްހާ ދުވަހެއް- އެއީ އެއްހާސް އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ވިޔަސް- ކުރެވޭ ގޮތް ހެދުމެވެ. އާ ގާނޫނު އަސާސީ ފާސްވިޔަސް، މިކަމަށް ހުރަސް އެޅިފައި އޮންނަ ގޮތަކަށް ގާނޫނު އަސާސީ ފާސްވެދިޔަ ނުދިނުމެވެ. އިދިކޮޅުގެ އަމާޒަކަށް ވެފައި އޮތީ ތިރީސް އަހަރު ދުވަހުގެ ވެރިކަން ނިމުމަކަށް ގެނައުމެވެ. އާންމުންގެ ކުރިމަތީގައި ވެރިކަން ގޯސްވީ ހަމައެކަނި ވެރިކަމަށް ތިރީސް އަހަރު ވުމަކުންނޫނެވެ. ވެރިކަމުގައި އިސްތިބްދާދީ ސިފަ އިންތިހާއަށް އޮތުމުގެ އިތުރުން، އިހުނާ ޚިލާފަށް، ހިތުހުރި ގޮތަކަށް ގާނޫނުތަކާއި އަދި ޝަރުއީ ނިޒާމާ ކުޅެވި، ބޭނުން ބަޔަކު ބަންދުކޮށް ބޭނުން ބަޔަކު ދޫކޮށް، ކުރިން ޝަރުއީ ނިޒާމަށް އޮތް އިތުބާރު ގެއްލި، ސަރުކާރުގެ އިދާރާތަކުގައި ފަސާދަ އާންމުވެގެން ދިޔުން ވެސް މެއެވެ.

އޭރު އޮތް ސަރުކާރުގެ ކަންކަން މިފަދައިން ގޯސްވެފައި އޮތް އިރު ވެސް، އިދިކޮޅުން އަމާޒު ހިފުނީ މިކަންކަން އިސްލާހުކުރުމަކަށް ނޫނެވެ. ވެރިކަން ބަދަލުކޮށްލުމަށެވެ. އަދި، އިދިކޮޅަށް އެކަން ހާސިލުކުރެވުނެވެ. އިދިކޮޅުގެ އަމާޒަކީ ފާސިދުވެ ހަލާކުވެފައި އޮތް ސިޔާސީ ސަގާފަތް ބަދަލުކުރުމެއް ނޫނެވެ. އެމީހުންގެ އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދާށެވެ! ވޯޓެއްގެ ޒަރިއްޔާއިން ވެރިކަމަށް އާދެވުމުން، އެމީހުންނަށް ހީވީ މުޅި ދައުލަތާއި އަދި ދައުލަތުގެ ޚަޒާނާއަކީ ވެސް އެމީހުންގެ އަމިިއްލަ ތަރިކަ މުދަލެއް ކަމުގެވެ. އާދެ، ހަމަ ކުރީގެ ތިރީސް އަހަރާއި އޭގެ ކުރީގެ ރާއްޖޭގެ ވެރިކަމުގައި ތިބި ބައެއް ދުށް ގޮތަށެވެ. ދެހާސް އަށެއްގައި ތައާރަފު ކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ވީ ހަމަ ކުރީގައި ވެސް އޮތް ކުޑަ ކާފާއި ބޮޑު ކާފުގެ ޑިމިކުރަސީ ފަދަ ސިޔާސީ ނިޒާމަކަށެވެ. ވެރިކަމަށް އަންނަ ބަޔަކު ވެރިކަމަށް އައުމަށް ފަހު، އަމާޒަކަށް ވަނީ ގައުމު އިސްލާހުކޮށް ގައުމު ބިނާކުރުމެއް ނޫނެވެ. އެމީހުންގެ މައިގަނޑު އަމާޒަކަށް ވަނީ ވެރިކަމުގައި ވީހާ ވެސް ދިގު މުއްދަތަކަށް ދެމިތިބުމެވެ. މިކަމުގައި ވަކި ބަޔަކު އިސްތިސްނާއެއް ނުކުރެވެއެވެ. ސިޔާސީ އެންމެންގެ ވެސް މަގުސަދަކީ މިއެވެ.

ސިޔާސީ އެންމެންގެ މަގުސަދަކީ މިއީ ކަމުގައި ވިޔަސް، ފާޅު ގޮތެއްގައި މިވާހަކަ ބުނަން ކެރުނީ މިހާރުގެ ސަރުކާށެވެ. ދެވަނަ ޖުމްހޫރިއްޔަތުގެ ސަރުކާރުގެ ވެރިޔާ ރައީސް ނާސިރު ދެކެވަޑައިގަތީ، އެފަދަ އެދުމެއް އޮތް ކަމުގައި ވިޔަސް، އެއީ މުސްތަހީލު ކަމެއް ކަމަށެވެ. މިހެން ބުނުމުން، ބައެއް މީހުން، ރައީސް ނާސިރުގެ އެފަދަ އެދުމެއް ނެތްކަން ބާރުލާފައި ބުނަން އުޅެފާނެއެވެ. އަދި، އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވާފައި ފުރާވަޑައިގެން ބޭރަށް ވަޑައިގަތި ކަމުގައި ބުނެފާނެއެވެ. އެއީ ތެދެކެވެ. ނަމަވެސް، ވެރިކަން ދޫކޮށްލެއްވީ އެ ގޮތަށް ކަންތައް ކުރައްވަން ބޭނުންފުޅުވެ ވަޑައިގަނެގެނެއް ނޫނެވެ. މަޖުބޫރު ވެގެންނެވެ. ރައީސް ނާސިރުގެ ރިޔާސަތުގެ ފަހު ދިހަ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ސަރުކާރު ވައްޓާލުމަށްޓަކައި މަދުވެގެން ހަތަރު ފަހަރު ބަޔަކު މީހުން މަސައްކަތް ކުރިއެވެ. މިކަމުން ރައީސް ނާސިރަށް ވިސްނިވަޑައިގަތީ، ރައީސް އަމީނަށް ޖެހިވަޑައިގެން ދަތުރު ޖެހުމުގެ ކުރިން، ވެރިކަން ދޫކޮށްލެއްވުމަށެވެ. ސިއްހީ ހާލަތު ވެސް ދެރަވަމުން ދިޔުމާއި އިތުބާރުކުރެވޭ ގާތް މީހުން ވެސް މަދުވަމުން ދިޔުމުންނެވެ. މިއީ ކަން އޮތްގޮތް ކަމުގައި ވިޔަސް، ވެރިކަން ދޫކޮށްލެއްވުމުގެ ފަހުންވެސް، ވެރިކަން ބޭނުންފުޅުކަން އަންގަވައި ބައެއް މީހުންނަށް ސިޓީ ލިޔުއްވިއެވެ. އޭގެ ތެރެއިން ބައެއް ސިޓީތައް އެ ދުވަސްވަރުގެ ހަވީރު ނޫހުގައި ޝާއިކުރެވުނެވެ. މިއިން އެނގެނީ އެކަން ކުރެވެން އޮތް ނަމަ، ރައީސް ނާސިރު ވެސް ވެރިކަން ދޫކޮށްނުލައްވައި ވެރިކަމުގައި ހުންނެވީސް ކަމެވެ. ހަމަ މިފަދައިން ރައީސް މައުމޫނުގެ އެދުމަކަށް ވެސް ވެފައި އޮތީ ވެރިކަމުގެ ހުންނެވެން އޮތް ނަމަ، މުޅި އުމުރަށް ވެސް އެކަމުގައި ދެމިހުންނެވުމެވެ.

މަރުހޫމް ރައީސް ނާސިރު އަދި ރައީސް މައުމޫނު (ވ) 29 މާޗު 1978 ގައި ހުޅުލޭ އެއާޕޯޓުގައި

ކަން މިހެން އޮތް ކަމުގައި ވިޔަސް، މިއިން އެކަކުވެސް، ރައީސް ނާސިރު ވެސް އަދި ރައީސް މައުމޫނުވެސް، މި އެދުމުގެ ވާހަކަ ފާޅުގައި ހާމަކުރައްވާފައެއް ނުވެއެވެ. ތިމަންމެން އުމުރަށް ވެރިކަމުގައި ތިބެން ބޭނުންވާ ވާހަކައެވެ. ނަމަވެސް، ހަގީގީ ޑިމޮކުރަސީގެ ބެރުޖަހަމުން ވެރިކަމަށް އައި މީހުން ވީ، ކުރީގައި އޮތް އިސްތިބްދާދީ ވެރިކަމުގެ މީހުން ވެސް ނުވެއްޓޭ ދަށުދަރަޖައަށް ވެއްޓިފައެވެ. ފާޅުގައި، އެއްވެސް ލަދެއް ނެތި، ވެރިކަމަކީ ހަމައެކަނި ތިމަންމެންގެ ހައްގެއް ކަމުގައި ބުނެ، އެކަން ހަގީގަތަކަށް ހެދެން އޮޮތް ގޮތަކަށް މަސައްކަތްކުރާނެކަން އިއުލާނުކޮށްފައެވެ. އެކަމަށް މަގުފަހިވާނޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް ގާނޫނުތައް ހަދައިގެންނެވެ. މިކަމާ ވިދިގެން ދެ ސުއާލެއް އުފެދެއެވެ. ފުރަތަމަ ސުއާލަކީ މިފަދައިން ގާނޫނު އަސާސީ ބަދަލުކޮށް ތިމާމެން ވެރިކަމުގައި ތިބެން ޖެހޭނޭ ކަމުގައި ދެކެނީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟

މި ސުއާލުގެ ޖަވާބު ހޯދުމުގެ ގޮތުން، ބަލާލަން ޖެހެނީ ވެރިކަމުގެ ނިޒާމެއްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ފަހަރެއްގައި ވެސް ވެރިކަމުގެ ނިޒާމަކީ އޭގެ ޒާތަށްޓަކައި ގާއިމުކުރެވޭ ނިޒާމެއް ނޫނެވެ. އެއީ ސިޔާސީ ބާރަކީ ވަކި މީހެއްގެ ނުވަތަ ވަކި ބަޔެއްގެ އަތްދަށުގައި ލެވި، މުޅި ދައުލަތް އެމީހެއްގެ ނުވަތަ އެބައެއްގެ މިލްކެއްގެ ގޮތުގައި ނުވެ އޮންނާނޭ ގާނޫނީ ނިޒާމެއް ގާއިމުކުރެވި، އެ ނިޒާމުގެ ތެރެއިން ހުރިހާ ރައްޔިނުންނަށް އަދުލުވެރި ގޮތެއްގައި ހެޔޮ ދިިރިއުޅުމެއް ހޯދައިދިނުމުގެ މަގު ފަސޭހަކޮށްދޭނޭ ސިޔާސަތުތަކެއް އެކުލަވާލާނޭ ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ގާއިމުކުރެވޭ ނިޒާމެކެވެ. ނަމަވެސް، މިހާރުގެ ސަރުކާރުގެ ބޭނުމަކީ މިއީ ހެއްޔެވެ؟ ފަހަރެއްގައި ވެސް މިހާރުގެ ސަރުކާރުގެ ބޭނުމަކީ މިއީ ކަމުގައި ނުބެނެވޭނެއެވެ. އެއީ މިފަދަ ކަމެއް ކުރަން އުޅޭތަން ނުފެންނާތީއެވެ. މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް ވައްތަރުވަނީ ބާވެ ހަސްނެތި، ވީދިފައިވާ ހެދުމެއްގައި ބާ ފޮތި އަޅައި ވީދިފައިވާ ތަންތަން ބައްދަން އުޅޭ ސިޔާސަތުތަކާއެވެ. މިހާރުގެ ސަރުކާރުގެ އަމަލުތަކަށް ބަލާލުމުން މިކަން ފެންނާނެއެވެ. މިހާރުގެ ސަރުކާރުން ފެންނަނީ ވޯޓެއް ބޭނުންވުމުން، ކަމެއް ކޮށްދީފައި، ވޯޓު ގަތުން ފަދަ ކަންތައް ކުރާ ތަނެވެ. ދެން، އޮތީ ރައްޓެހިންނަށް ބޮޑެތި ބަދަލުތައް ދިނުމެވެ. މީގެ އިތުރުން، ރައްޔިތުންގެ ފައިސާ ބޭނުންކޮށް ދަތުރުކޮށް މަޖާނެގުމެވެ. މިފަދަ 'ސިޔާސަތުތައް' ގެންގުޅޭ ބަޔަކަށް ގައުމު ބިނާކުރުމުގެ މަސައްކަތް ކުރެވިދާނެ ހެއްޔެވެ؟

މިފަދަ ވާހަކައެއް ބުނުމުން، މީގެ ރައްދުގައި މިކަން އިންކާރުކުރާކަށް، ސަރުކާރުން ވެސް އަދި ސަރުކާރަށް ތާއީދުކުރާ ސަރުކާރުގެ އަނގަ ސަންގުތައް ވެސް ނޫޅެއެވެ. ހަމައެކަނި ބުނާ ވާހަކައަކީ ކުރީ ސަރުކާރުގެ ފަސާދައާއި ވައްކަންތަކުގެ ވާހަކައެވެ. މިހެން ބުނުމުން، މިހާރުގެ ސަރުކާރުގެ ފަސާދައިގެ އަމަލުތަކާއި ވައްކަމުގެ ވާހަކަތައް ރަނގަޅުކުރެވޭ ކަހަލައެވެ. ކުރީގެ ސަރުކާރުތަކުން ވައްކަން ކުރީއެވެ. އެހެންވެ، އަހަރުމެންނަށް ވެސް ވައްކަންކޮށް ފަސާދައިގެ އަމަލުތައް ހިންގުމުން ހައްގު އޮންނަން ޖެހޭނޭ ބުނާ ކަހަލައެވެ.

އުތުރުތިލަފަޅު އިންޑިއާގެ ފަރާތުން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސޮއިކުރައްވަނީ (21 ފެބްރުއަރީ 2021) -ފޮޓޯ: އެމް.އެން.ޑީ.އެފް

މިއިން ކަމަކުން، މިހާރުގެ ސަރުކާރު ދާއިމީ ސިފައެއްގައި ވެރިކަމުގައި އޮންނަން ޖެހޭ ސަބަބެއް ސާފެއް ނުވެއެވެ. އެ ސަބަބު ހާމަވަނީ، މިއިން ދުވަހަކުވެސް، ދިވެހި ސަރުކާރަކުން ކޮށްފައި ނުވާ ކަމެއް މިއަދުގެ ސަރުކާރުން ކޮށްފައި ވުމެވެ. އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރުމުގެ އެއްބަސްވުންތައް އެއްބަސްވެ އެ މަސައްކަތުގެ އަމަލީ ކަންކަން ފެށިފައިވާ ކަމެވެ. މި އެއްބަސްވުމުގެ ހަގީގަތް ސަރުކާރުން ހާމަކުރުން އިންކާރުކުރެއެވެ. ސަބަބަކީ އެކަން ހާމަކޮށްފި ނަމަ، އެކަމުގެ ހުރި ބޮޑު ގެއްލުން އެންމެނަށް އެނގޭނެތީއެވެ. އެ އެއްބަސްވުންތައް އެއްބްސަވެފައިވީ ކަމުގައި ވިޔަސް، އެއީ އެއް ދުވަހުން ދެ ދުވަހުން އެއަށް އަމަލީ ސިފަ ގެނެވޭނޭ ކަންކަމެއް ނޫނެވެ. އެކަންކަން ހަގީގަތަކަށް ހަދާލައި، އިންޑިޔާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމުގެ އިންތިޒާމުތައް ކުރަން އަދި، މަދުވެގެން، ހައެއްކަ އަހަރު ނުވަތަ އެއަށް ވުރެ ވެސް ގިނަ ދުވަސް ނަގާނެއެވެ. އެމް.ޑީ.ޕީ.ގެ ބާރު އެބައެއްގެ އަތުގައި އޮތް ދެތިން މީހުންގެ އަންދާޒާގައި އެކަމަށް ދިހަ އަހަރު ނަގާފާނެއެވެ. އެހެންވެ، އިންޑިޔާގެ ސިފައިން ރާއްޖޭގައި ފައި ހަރުކޮށްލުމުގެ ޕުރޮގުރާމު ހިންގާލުމަށް ދުވަސްތަކެއް ނަގާނެތީވެ، މިކަމަށް ތާއީދުކުރާނޭ އެމް.ޑީ.ޕީ.ގެ ސަރުކާރެއް އޮތުން އިންޑިޔާއިންނާއި އަދި އެމް.ޑީ.ޕީން ވެސް ބޭނުންވަނީއެވެ. އެހެންވެ، ތިރީސް ޕަސެންޓު ނޫނީ އެއަށް ވުރެ މަދު އަދަދަކުން ވެސް ވޯޓު ލިބިގެން ވެރިކަމުގައި އެމް.ޑީ.ޕީގައި އޮތުމަށް ތާއީދުކުރާ ބަޔަކު ވެރިކަމުގައި ތިބެން ބޭނުންވަނީއެވެ. ފަހަރެއްގައި ވެސް ގައުމަށް ޚިދުމަތްކޮށް ގައުމު ބިނާކުރުމަކަށް ނޫނެވެ.

ދެން އޮތް އަނެއް ސުއާލަކީ މިއީ ހަމަ ޑިމޮކުރަސީ ހެއްޔެވެ؟ ހިތު ހުރި ގޮތަކަށް ގާނޫނުތައް ބަދަލުކޮށްގެން ވެރިކަމުގައި، މަދު ބަޔަކު އެދޭ އެދުމެއް ހާސިލުކުރުމަށްޓަކައި ވެރިކަމުގައި ދާއިމީ ސިފައަށް ތިބުމުގެ ގޮތް ހެދުމަކީ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟ ގާނޫނު އަސާސީގައި 50 ޕަސަންޓު އަށް ވުރެ ގިނަ ވޯޓު ހޯދުން ޝަރުތުކޮށްފައި އޮންނަނީ ވަކި ސަބަބަކާ ހުރެކަން މިހާރު ހަނދާނެއް ނެތެވެ. އެއީ ޑިމޮކުރަސީއަކީ 'ގިނަ' ވޯޓު ހޯދި ބަޔަކަށް ވެރިކަމަށް އައުން ލާޒިމުކުރާ ކަމަކަށް ހެދުމަށެވެ. ތިރީސް ޕަސަންޓު ނުވަތަ އެއަށް ވުރެ ދަށް ޕަސެންޓެއްގެ ވޯޓު ހޯދުމަކުން 'ގިނަ' ބަޔަކު ވޯޓުލީ ސަރުކާރެއް ގާއިމެއް ނުކުރެވެއެވެ. ފަންސާސް ޕަސަންޓަށް ވުރެ ދަށުން އެއް ބަޔަކަށް ވޯޓު ލިބުމުން، އެހެން ބަޔަކާ ގުޅި، ކޯލިޝަން އުފެއްދުމުން، ގިނަ ބައެއްގެ ސަރުކާރެއް ގާއިމުކުރެވެއެވެ. އެހެން ކަމަށްވާއިރު، ވޯޓުގެ އަޣުލަބިއްޔަތެއް ނެތި، ސަރުކާރެއް ގާއިމުކުރެވޭ ގޮތް ހެދުމުން، އެ ގޮތުން ހޮވޭ ސަރުކާރެއް އެއީ ޑިމޮކުރަސީގެ އުސޫލު ނިޔާކުރާ ސަރުކާރަކަށް ވާނެ ހެއްޔެވެ؟ ނުވާނެއެވެ! އެހެންކަމަށްވާ ނަމަ، 1968ގައި ވެސް އަދި އޭގެ ފަހުން 1978 ގައި ވެސް އޮތީ ހަމަ ޑިމޮކުރަސީގެ އުސޫލެވެ. އަދި އުތުރު ކޮރެއާއާއި މިސުރު ފަދަ ތަންތަނުގައި ވެސް ހަމަ އޮތީ ހަގީގީ ޑިމޮކުރަސީއެވެ. ޗައިނާގައި ވެސް އަދި ކޮންމެ ތަނެއްގައިވެސް އޮތީ ޑިމޮކުރަސީއެކޭ ކިޔައި ދައުވާ ކުރެވޭނެއެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަކީ މައްސަލައެއް ނޫން ކަމަށް ދައުވާ ކުރާ ސަރުކާރުގެ އަނގަ ސަންގުތައް- ސަރުކާރުން ކިޔާހާ އެއްޗެއް އެއީ ރަނގަޅު އެއްޗެއް ކަމުގައި ބުނެ އަޑުގަދަ ކުރާ ބަޔަކު- އުޅެއެވެ. މިފަދަ އަނގަ ސަންގުތައް އެމެރިކާގެ މިސާލު ނަގައެވެ. އެމެރިކާގައި ވެރިޔަކަށް އެންމެ ގިނަ ވޯޓު ލިބޭ މީހާ ނުހޮވިދާނޭ ވާހަކައެވެ. މިއީ ތެދެކެވެ. ނަމަވެސް، މިއީ ނުބައި ގިޔާސެކެވެ. އެމެރިކާގައި ގިނަ ވޯޓުލުން ބަލަނީ ވޯޓުގެ އަދަދަށް ބަލާފައެއް ނޫނެވެ. ގިނަ ވޯޓު ލިބުމަކީ ގިނަ ދާއިރާތައް ކާމިޔާބު ކުރުމެވެ. އެމެރިކާގެ އިންތިޚާބުތަކުގައި އަޣުލަބިއްޔަތު ކަނޑައަޅާލެވެނީ މިހެންނެވެ. އެހެންވީމާ، ރާއްޖޭގައި އޮތް ނިޒާމަކީ އަޣުލަބިއްޔަތު ފަރުދީ ވޯޓުން ކަނޑައަޅާލެވޭ ނިޒާމަކަށް ވެފައި، އެމެރިކާގައި އެއާ ޚިލާފަށް އަޣުލަބިއްޔަތު ކަނޑާއަޅާލެވެނީ ދާއިރާތަކުގެ މައްޗަށް ކަމަށްވާއިރު، އެމެރިކާގެ ނިޒާމުގެ މައްޗަށް ރާއްޖޭގެ ނިޒާމާ އަޅާ ކިޔުމަކީ ރަނގަޅު ގިޔާސަކަށް ނުވާނެއެވެ.

މި ހުރިހާ ވާހަކަތަކުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ހެޔޮ ސިޔާސީ ނިޒާމެއް އެއަށް ކޮންމެ ނަމެއް ކީ ކަމުގައި ވިޔަސް، ރައްޔިތުންގެ ވިސްނުމާއި ފިކުރު ބަދަލުނުވެ ގާއިމެއް ނުކުރެވޭނޭ ކަމެވެ. ތިރީސް އަހަރުގެ ވެރިކަމަށް އެންމެންހެން ނަފުރަތުކުރިއެވެ. ފަސާދައާއި ގާތް މީހުންނަށް ވަޒީފާތައް ބެހުމާއި ގާނޫނުތައް ވެރިމީހާއަށް ފެންނަ ގޮތަކަށް ބަދަލުކޮށް، ހިތަށް އެރި ބަޔަކު ބަންދުކޮށް، ކުށްކުރި ކަމުގައި ވިޔަސް، ގާތް މީހުން ކުށްތަކުން ބަރީއަކުރާ ފާސިދު، ތަން ފަސާދަކުރާ ނިޒާމެއް ގާއިމުވެފައި އޮތުމުންނެވެ. މިހާރު މިއޮތީ- މިހާރޭ މިބުނަނީ 2008ގެ ފަހުން އައި ހުރިހާ ސަރުކާރުތަކެއް ހިމެނޭ ގޮތެއްގައެވެ- ތިރީސް އަހަރަށް ފަހު ނިމިގެން ދިޔަ ފާސިދު ފަސާދަކުރި ސަރުކާރަކާ ތަފާތު ސަރުކާރެއް ހެއްޔެވެ؟ ތިރީސް އަހަރުގެ ދިގު ވެރިކަމެއް ކުރެވުނީ އެކަން ކުރެވި ދިޔުމަށްޓަކައި ރައްޔިތުންގެ ގިނަ ބަޔަކު ވިސްނުމެއް ނެތި، ކަނު ސިފައެއްގައި ސަރުކާރުގެ އަނގަ ސަންގުތަކަކަށްވެ، އެސަރުކާރަށް ތާއީދުކުރުމުގައި ބަހަނާތައް ދައްކަން ތިބީމައެވެ. މިހާރުވެސް ފަސާދައިގެ އަމަލުތައް ހިންގައި، ތަން ފަސާދަކޮށް، އަދި މިކަމުގެ އިތުރުން، ތިމާމެން ވެރިކަމުގައި ދެމިތިބުމަށްޓަކައި، ބޭރުގެ އަސްކަރީ ބާރެއް ރާއްޖޭގައި ގާއިމުކުރެވެމުން ދަނީ، ހަމަ ކުރިއެކޭ އެއްފަދައިން، ސަރުކާރުން ކުރާ ހުރިހާ ކަމަކަށް، ކަނު ސިފައެއްގައި، ނުވަތަ ޖާހިލީ ތައައްސުބާއި ހަސަދައާއި ނަފުރަތުކުރުން ތިމާ ނުރުހޭ ކޮންމެ މީހަކަށް އަމާޒުކޮށް، ސަރުކާރުގެ އަނގަ ސަންގުތަކަކަށް ވެފައި ތިބި ރައްޔިތުންތަކެއް ތިބެގެންނެވެ. ވިސްނައި ފިކުރުކޮށް ތަން އިސްލާހުކޮށް ކުރިއެރުވޭނީ ތިމާމެންގެ އަމިއްލަ މަސައްކަތުންކަން ދެނެގަންނާކަން ބޭނުންނުވާ، ގުނބޯ ހެދިގެން، އަތްއުރާލައިގެން، ތިބި ކަންނެތް ރައްޔިތެއްގެ ސަބަބުންނެވެ. މިކަން ބަދަލުވާކަށް ނުވޭހެއްޔެވެ؟ ޕާޓީއެއްގެ ވެރިކަމަށް އައުމުން ހަމައެކަނި ހެޔޮ ވިސްނެނީ އޭނާއަށްކަން ގަބޫލުކުރުމަކީ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟ ޚާއްސަ ގޮތެއްގައި ސިޔާސީ މައިދާނުގައި ފޭލިވެ، ތަނުގެ އިގުތިސާދު އެއްފަހަރު ހަލާކުކޮށްލައި، ތަނުގެ މިނިވަންކަން މަދު ފައިސާކޮޅަކަށް ވިއްކާލަން ފައިވިއްދާފައި ހުރި މީހަކަށް ތާއީދުކޮށް މުޅި ގައުމުގެ ކުރިމަގު، މަސީރު (ޑެސްޓިނީ) ކަނޑައަޅާލުން ހަވާލުކުރާނީ ކޮން ފަދަ މޮޔަ ނުވިސްނޭ ރައްޔިތެއް ހެއްޔެވެ؟ މިއީ މީގެ ފަންސާހަކަށް ނޫނީ އަދި އެއަށް ވުރެ ކުރިއަށް ޖެހިލައިފައި ރާއްޖޭގެ ރައްޔިތުންނަށް ބަލައިލައިފި ނަމަ، އެއްވެސް ހޭލުންތެރިކަމެއް ނެތް ޒަމާނެއްގެ ރައްޔިތުން ވެސް ކުރާނެ ކަމެއް ނޫނެވެ. މިއަދު، ތިބުނާ ހޭލުންތެރިކަމެއް އޮތް އިރު މިފަދަ ގޮތަކަށް ޚާއިނުންގެ ބަޔަކާ ގައުމުގެ މަސީރު ހަވާލުކުރަނީ އެއީ ހަމަ ޑިމޮކުރަސީގެ އުސޫލުވީމައި ހެއްޔެވެ؟ ކުޑަވެސް ލަދުވެތި ކަމެއް ނެތި، ހިތު ހުރި ގޮތަކަށް ގާނޫނުތަކާ ކުޅެ، ތަނުގެ ދީނީ އަގުތަކަށް ކޮޅުފައިން އަރައި، ފާޅުގައި ބޭރުގެ އަސްކަރީ ބާރުތައް ތަނުގައި ބާރުވެރިކުރަން އުޅޭއިރު، އެއީ ރަނގަޅު ގޮތްކަމުގެ ބަހަނާތައް ނުދައްކައި، ހޭލުންތެރިވާކަށް އަދިވެސް ނުވޭހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

3 Responses

  1. ޑިމޮކްރަސީ ޔަކީ އިސްލާމްދީނާ ދެކޮޅައް ޔަހޫދީން އުފައްދާފައިވާ ދަންތޫރައެއް އެޔައް ރުހި އަމަލްކުރާމީހާ މަހުސަރު ކުރެވޭނީ ޔަހޫދީންނާއެކު

  2. ވެރިކަމެއް ދެމިއޮންނަނީ ރައްޔިތުންގެ އަޣުލަބިއްޔަތު އެގޮތަށް ބޭނުންވާތީ. 30 އަހަރުވިޔަސް 10 އަހަރުވިޔަސް. ބައެއް މީހުންނަކީ އެއްވެސް ނިޒާމެއް ކަމުދާ ބައެއް ނޫން. އެއީވެސް ބަލިމަޑުކަމެއް. ފަސާދައިގެ އެންމެ ނުރައްކާތެރި ވައްތަރު. މިހެން ބުނީމަ 1000 ސަފުހާވެސް ލިޔެފާނެ.

  3. ޔެސް ސަރ. މިއީޔޭ ހަމަ އެ ދިމިގުރާތީ އަކީ. ތިޔަ ވިދާޅުވާ އެތި އޮތް ގައުމަކީ ކޮބައިތޯ؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *