Support Us

ކޮލަމް މާޒީ: ހުސް ގުސްތަރުންނެވެ. އިވެނީ ގުސްތަރު ބަސްތަކެވެ.

ކުރީން އަޅުގަނޑަށް ވިސްނިފައި އޮންނަނީ ރާއްޖޭގައި ގުސްތަރުންގެ ގޮތުގައި ފެންނަނީ ހަމަ އެކަނި ސިޔާސީން ކަމަށެވެ. އެކަމަކު ފަހުންފަހުން އައިސް ދީނީ ޢިލްމުވެރީންގެ ލޭބަލުގައި މުޖުތަމަޢުން ދެކޭ ބައެއް ބޭފުޅުން ވެސް ގުސްތަރު ވާހަކަ ދައްކަވާކަން ފާހަގަކުރެވުނެވެ. ދެން ފާހަގަކުރެވުނީ ދައުލަތުގެ އެކިއެކި މަސްއޫލުވެރީން ވެސް ހަމަ އެ މައިދާނުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ތަނެވެ. އެ ދުވަހަކު ހިތްޕުޅަށް އެރި އެއްޗެއް ވިދާޅުވަނީއެވެ. ހައްގެއް އިންސާފެއް ބެލުމެއް ނެތިއެވެ. މުޅި ދައުލަތް މި އޮތީ ސިޔާސީ ވެފައޭ، އަދި ލިޔެވިފައި ތިންބާރަކާއި މިނިވަން މުއައްސާތަކެއް ހުއްޓަކަސް ޢަމަލީ ގޮތުން ރާއްޖޭގެ ވެރިކަމުގައި އޮތީ އެއް ބާރު ކަމަށް މީސްމީހުން ކިޔަނީ އެހެންވީމާ ތޯއްޗެކެވެ. އަޅުގަނޑަކަށް ނޭނގެއެވެ.

ތިން "ބާރު" ވަކިވެފައިވާ ދީމުޤްރާޠީ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި އޮތްކަމަށް ލިޔެވި ޗާޕުޖަހައިފައި އޮތަސް، ރާއްޖޭގެ ވެރިކަމުގައި ޢަމަލީ ގޮތުން އޮތީ ކިތައް ބާރުކަމެއް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް ރާއްޖެއަކީ ސިޔާދަތީ ބާރު ނެތް ތަނެކޭ ހީވާ ފަދަ ކިތަންމެ ޙަރަކާތެއް އެބަ ފެނެއެވެ. އެ ފަދަ ކިތަންމެ ބަހެއް އެބަ އަޑުއިވެއެވެ. ސަރުކާރުގެ ވުޒާރާއަކުން އަދާކުރާންޖެހޭ ބައެއް ޒިންމާ ރާއްޖޭގައި ހުންނަ ބޭރުގެ ސަފާރާއަކުން އަދާކުރަނީއްޔޭ ހީވާ ކަހަލަ ކިތަންމެ ކަމެއް ފާހަގަކުރެވެއެވެ. އަދި އެއީ ރާއްޖޭގައި އިދާރީ ގޮތުން ގާއިމުކުރެވިފައިވާ އެންމެ މަތީ ބާރުހެން ހީވާ ކިތަންމެ ކަމެއް ދިމާވެއްޖެއެވެ. ރާއްޖޭގައި ހިންގާ އެކި މަޝްރޫޢުތައް ސަފާރާއަކުން އެބަ އިޢުލާނުކުރެއެވެ. ބައިނަލްއަޤުވާމީ އުޞޫލުތަކާ ޚިލާފަށް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި އިންޚާބުތަކަށް ނުފޫޒު ފޯރުވައި ހެދިޔަސް އެ ފަދަ ސަފާރާއެއްގެ ސަފީރު، ދާޚިލީ މުޒާރާއަށް ހާޒިރުކޮށްލާން ހިތަށް އެރުމުގެ ބާރު ވެސް މި ދިވެހި ދައުލަތަށް ނެތްކަމަށް ހީވާ ކިތަންމެ ކަމެއް އެބަ ފެނެއެވެ. އަދި މި ދެންނެވި ބާރުގަދަ ސަފާރާ ނިސްބަތްވާ ގައުމުގެ ރައްޔިތަކު މި ދިވެހިރާއްޖޭގައި ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް އެ މީހުންނަށް ފިޔަވަޅު އެޅުމުގެ ބާރެއް ދިވެހި ދައުލަތަށް ލިބިފައި އޮތް ތަނެއް ހަމަގައިމު ވެސް ނުއެއް ފެނެއެވެ. އެ އިޚުތިޔާރު ނެތީކަމަށް ލަފާކުރެވެއެވެ. އޭގެ ބަދަލުގައި ފެންނަނީ އެ ފަދަ މީހުން އަމާންކަމާއި ރައްކާތެރިކަމާއެކު އެ މީހުންގެ ގައުމަށް ލޯތްބާއި އޯގާތެރިކަމާއެކު ފޮނުވައިދޭން ލާޒިމުވެފައި އޮންނަ ތަނެވެ. އެހެންވީމާ މިއީ ސިއްކިމަށް ނުވިޔަސް އަޅުގަނޑުމެން އަޅުވެތި ނުވޭތޯއެވެ! ބޫޓާނަށް ނުވިޔަސް ސިޔާދަތީ ބާރުގައި އަމިއްލަ އިޚުތިޔާރު އެބަ އޮތްތޯއެވެ! މަލިކަށް ނުވިޔަސް އަޅުގަނޑުމެންގެ މުސްތަގުބަލަށް ކުރިމަތިވެފައިވާ ނުރައްކާ ކުޑަތޯއެވެ! އެކަމަކު މި ކަންކަން ރޭކައިލާނީ ވެސް ޤައުމާމެދު ވިސްނައި ފިކުރުކޮށް ތަދައްބުރުކުރާ މީހަކަށެވެ.

މިނިވަން މުއައްސަސާގެ މާނައަކީ ބޭނުންހައި އެއްޗެއް ކިޔައި ބޭނުން ކަމެއް ކުރުމުގެ އިޚުތިޔާރު އޮތުމެއްނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ވެސް ޖަލްސާގެ މާލަމުގައި އިޚުތިޔާރުތަކަކާއި އިމްތިޔާޒުތަކެއް ލިބިވަޑައިގެންފައި ވިޔަސް އެއީ މުޠުލަޤު އިޚުތިޔާރެއް ނޫނެވެ. އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ވާހަކަފުޅެއް ޤާނޫނީ އިމުގެ ތެރެއިން އެ ބޭފުޅުންނަކަށް ނުދެއްކެވޭނެއެވެ. ޝަރުޢީ ކޯޓުތަކަށް އެ ބޭފުޅުންނަށް އިންޒާރެއް ނުދެއްވޭނެއެވެ. މި ދެންނެވީ ޤާނީ ހަމައިން ބަލާ ނަމައެވެ. ނަމަވެސް…. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެކި ފަހަރު އެކި ވާހަކަފުޅުދައްކަވާ އިރު… ދަންނަވާނެ އެއްޗެއް ވެސް އަޅުގަނޑަކަށް ނޭނގެއެވެ… މި ހުރިހާ ކަމެއް ސިފަކޮށްދޭން އަޅުގަނޑަށް އެނގޭ އެންމެ އެކަށޭނަ އިބާރާތަކީ "އެމީހަކާ އެމީހެކެވެ." ހަމައާއި ނަހަމަ، އިންސާފާއި ބޭއިންސާފު، ހައްގާއި ބާޠިލު، ނަޒާހަތާއި ޚިޔާނާތް، ޤަދަރާއި ޣަދަރު، ޑިމޮކްރެސީއާއި ހިޕޮކްރެސީ، ތެދާއި ދޮގު، ސިޔާދަތާއި އިސްތިޢުމާރު، ދަރަންޏާއި އަރަނި، އެހީއާއި ލޯނު، ހަދިޔާއާއި މަކަރު، މި ފަދަ ލަފުޒުތަކުގެ މާނައާއި ހަގީގަތް އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ނުވަތަ އޮޅުވައިލައިފައެވެ.

ދުނިޔޭގައި ކިތައް ދުވަހު ތިއްބެވޭނެ ކަމުގެ ކަށަވަރުކަން ލިބިވަޑައިގަންނަވަނީބާވައެވެ! ހަގީގަތް އޮތްތާ އޮއްވައި ހިތްޕުޅަށް އެރި ކޮންމެ އެއްޗެއް އެއީ ތެދު ކަމުގައި ހައްދަވާން ހިތްޕުޅަށް އެރިހާ ދޮގުތަކެއް ހައްދަވަނީ ހަމަ އެހެންވެތާއެވެ. ދިވެހިރާއްޖޭގައި ޤައުމިއްޔަތަށް ލޯބިކުރާ ދިވެހިރައްޔިތުން އިންޑިއާ ސިފައިން މި ތަނުން ބޭރުކުރާން ބާރުއަޅައި "އިންޑިއާ އައުޓް"އޭ ގޮވާންފެށީމާ، ބޭރުކުރާން އެ ގޮވަނީ ކޮން އެއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާނެ ކަމަށް ސަރުކާރުގެ ވަޒީރަކު ވެސް ވިދާޅުވިއެވެ. އަޅުގަނޑު ހައިރާނެއް ނުވެއެވެ. ވަގުތުގެ މުހިންމުކަން އެނގިވަޑައިގަތީ ވަޒީރުކަން ލިބިވަޑައިގަތް ފަހުންނޭ އަޅުގަނޑުގެ ގާތުގައި އެ ވަޒީރު ރަމަޟާންމަހެއްގައި އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހުންނަވައި ވިދާޅުވި ހަނދާން އަޅުގަނޑު އެބަ ހުއްޓެވެ. މުސްލިމަކަށް ވެވަޑައިގެން ހުންނަވައި އެހެން ވިދާޅުވީމާ އަޅުގަނޑު ހައިރާންވިއެވެ. ނަމަވެސް އެއްޗެކޭ ނުދަންނަވަމެވެ. ކޮންމެއަކަސް ނޭނގޭ މީހުންނަށް އެނގޭނީ ދަންނަ މީހުން ބުނެދިނީމާ ކަމަށް ވާތީ، މިއީ ކީއްވެގެން ގޮވާ އެއްޗެއްކަން ދާދި ފަހުން ޢުމަރު ނަޞީރު ވަނީ އޮޅުން ފިލުވައިދެއްވައިފައެވެ. އަދި ވަރަށް ތަފްޞީލުކޮށް އޭގެ މާނައާއި އޭގެ ސަބަބާއި އޭގެ މަޤުޞަދާ ބެހޭ ގޮތުން ރައީސް ޔާމީން ވަނީ ރ. އަތޮޅު މީދޫގައި މި ދިޔަ ހުކުރުދުވަހު ހަވީރު ވާހަކަފުޅުދައްކަވައިފައެވެ. ވީމާ އެ ކަމާ އިތުރަށް އެއްޗެއް ދަންނަވާކަށް ނެތީމެވެ. މިހާރު އެނގިވަޑައިގަންނަވާނެ ތޯއްޗެކެވެ.

ދާދި ފަހުން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ "އިންޑިއާ އައުޓް ޙަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވާކަން އަންގައިފި ނަމަ ފިޔަވަޅު އަޅާނަން" ކަމަށް ވިދާޅުވެ، ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ވެރިޔަކު ދެއްވި ބަޔާނެއްގެ ވާހަކަ މީޑިއާއަށް ތިލަވި ތަނެވެ. ނަމަވެސް މި ޚަބަރާ ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދުނީ އެއީ ކޮން ގާނޫނެއްގެ ދަށުން އަޅުއްވާ ފިޔަވަޅެއްތޯ އުފެދުނު ސުވާލެވެ. އެހެނީ އެއީ ޢާންމު ރައްޔިތުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮތް މުއައްސަސާއަކަށް ނުވެފައި އާންމު ރައްޔިތަކު، އޭނާގެ ހިތުގައި އުފެދޭ ޝުޢޫރެއް ފާޅުކުރުމުން އެ ޝުޢޫރެއް ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ޙަރަކާތަކަށް ވަނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ. ހަގީގަތުގައި ގައުމުދެކެ ލޯބިވާ މީހުން "އިންޑިއާ އައުޓް" (އިންޑިއާ ސިފައިން ބޭރުކުރާށޭ) ގޮވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށް ޓަކައެވެ. ތާރީޚު ދައްކާ ގޮތުން އިންޑިއާއަކީ ސިފައިން ބޭނުންކޮށްގެން އަވައްޓެރި ގައުމުތަކަށް ހަންފެތުރުމުގެ ސަގާފަތެއް އޮތް ބަޔަކަށް ވާތީއެވެ. އެއީ މިނިވަން ދައުލަތެއް ކަމުގައި ކުރީން އޮތް ސިއްކިމްއަށް ހަދައިލި ގޮތް އެ މީހުންނަށް އެނގޭތީއެވެ. އަދި ބޫޓާން ފަދަ އަވައްޓެރި ގައުމުތައް، ނަމުގައި މިނިވަން ގައުމުތަކުގެ ގޮތުގައި ބާއްވައިގެން ނުސީދާކޮށް އަޅުވެތިކޮށްފައިވާ ގޮތް އެ މީހުން ދަންނާތީއެވެ. އަދި މަލިކުގެ އުޚުއްވަތްތެރި ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ނުރައްކާތައް ދިވެހީންނަށް އެނގޭތީއެވެ. އަދި އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންނަށް އިންޑިއާގެ ހަރުކަށި ސަރުކާރުން ދޭ އަނިޔާތަކާއި ކަޝްމީރުގެ މުސްލިމު ރައްޔިތުންމާމެދު ހިނގާ ލާ އިންސާނީ ޢަމަލުތައް ދަންނަ މީހުން މި ރާއްޖޭގައި އުޅޭތީއެވެ. އެއީ ދާޚިލީ ކަންކަމޭ ބުނެ އެ ކަންކަމަށް މިއަދު ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއިން ހިތްވަރު ދެއްވި ނަމަވެހެވެ.

އަދި ސަލާމަތީ ބާރެއްގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރާން ގޮވޭ ޙަރަކާތުގައި ދީނީ ޢިލްމުވެރީން އެކި މިންވަރަށް ބައިވެރިވެވަޑައިގަންނަވާނީ ހިތާމަފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު ޤައުމު ދެކެ ލޯބިވާ މީހުން ކަންބޮޑުވަނީ ދީނީ ޢީލްމުވެރީންގެ ތެރެއިން ބައެއް ބޭފުޅުން، މި ޙަރަކާތާ އިދިކޮޅު ހައްދަވާތީއެވެ. ބައިވެރިވެވަޑައި ނުގަންނަވާތީއެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ މި މައްސަލައިގައި ޤައުމީ ސަލާމަތީ ބާރަކުން މި ކަންކަމަށް ރުހޭކަމަށް ވިދާޅުވާތީއެވެ. މިއީ ދިވެހި ޤައުމިއްޔަތާއި އަދި އެ ބޭފުޅުން ކުރައްވައިފައިވާ ހުވަޔާ އެއް ގޮތަށް ނެރުއްވާ ރައުޔު ކަމަކަށް ދިވެހި ޤައުމަށް ހެޔޮ އެދޭ މީހުން ގަބޫލެއް ނުކުރެއެވެ. ކުރުކޮށް ދަންނަވާނަމަ، އިންޑިއާގެ އަސްކަރީން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ގާނޫނީ އަދީ ދީނީ އެއްވެސް ހުއްޖަތެއް ނޯންނާނެއެވެ. އެކަމަށް ތާއީދުކޮށް ކާރު ބުރު ބާއްވާން ވެސް މިނިވަންކަމާއި އިޚުތިޔާރު އޮންނަ ފަދައިންނެވެ. އެއީ އެ މީހުންގެ ޚިޔާލެވެ. ޤައުމިއްޔަތާއި އަމިއްލަވަންތަކަމާ ދެކޮޅު ޚިޔާލެވެ. މިއީ މި މީހުންގެ ޚިޔާލެވެ. ކާބަފައިންގެ ލެއިން ޤުރުބާންވެވަޑައިގެން ދެމެހެއްޓި މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރާންޖެހޭނެ ކަމަށް ގަބޫލުކުރާ މީހުންގެ ޚިޔާލެވެ. އަދި ދިވެހި ޤައުމާއި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލާއި މިނިވަންކަމާއި އަމިއްލަވަންތަކަމަށް އިޙުތިރާމްކުރާ ކޮންމެ މީހަކު މި ޙަރަކާތުގައި ބައިވެރިވުމަކީ ޤައުމީ ކަމެއްކަމަށް މި ޙަރަކާތް ހިންގާ ރައްޔިތުން ދެކެއެވެ. އަދި ހުރިހާ ސިޔާސީ ޕާޓީއަކުންނާއި މަދަނީ ޖަމުޢިއްޔާތަކުންނާއި ދައުލަތުގެ ހުރިހާ ބާރަކުން މި ޙަރަކާތުގައި ބައިވެރިވާން ޖެހޭނެ ކަމަށް ޤައުމީ ފިކުރުގެ މީހުން ގަބޫލުކުރެއެވެ.

އިންޑިއާގެ ކުންފުންޏަކާ ނުވަތަ އިންޑިއާ ސަރުކާއެކު ދިވެހި ސަރުކާރުން ހަދާ ކޮންމެ އެއްބަސްވުމެއް ގާނޫނީ ގޮތުން ސިއްރުކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތަސް އެ ފަދަ އެއްބަސްވުންތައް ސިއްރުކުރާ ކުރުމާމެދު ގައުމު ދެކެ ލޯބިވާ ހަމަ ކޮންމެ މީހަކު ދެކޮޅުވާނެއެވެ. އަދި އެ ވާހަކަ ކަމާ ބެހޭ ފަރާތްތަކަށް އިއްވުމަކީ ދިވެހީންނަށް އޮންނާނެ އަދި އޮންނާންވާނެ ހައްގެއް ކަމަށް ގަބޫލުކުރާނެއެވެ. ދެން މި ހައްގުގެ ބޭނުންކުރީމާ އެ ފަދަ މީހުންނަށް ފިޔަވަޅުއަޅުއްވާ ވާހަކަ ވިދާޅުވުމަކީ ޑިމޮކްރެސީއާ ހާދަހާ ބީރައްޓެހި ޣައިރު ދުސްތޫރީ ވިދާޅުވުމެކެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގައި އެ މަޖިލީހުގެ ބޭފުޅަކު ވިދާޅުވި ވާހަކަފުޅެކެވެ. ވަކި ބޭފުޅަކު ޖަލަށް ލާން ޙުކުމް ނުކުރައްވާ ކޮންމެ ފަނޑިޔާރަކު ބޭރުކުރައްވާ ވާހަކަފުޅެވެ. ހަމައެއް އިންސާފެއް ބެލުމެއް ނެތިއެވެ. އެހެންވީމާ މި ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ކޯޓުތަކުގެ މިނިވަންކަމަށް އަރައިގެންފައެވެ. ކޯޓުތަކުގެ ޙުރުމަތް ކަނޑުއްވައިލައްވައިފައެވެ. ނަމަވެސް އެ ކަމާ އިދިކޮޅަށް ފިޔަވަޅެއް އެޅުއްވުމުގެ ބާރެއް މި ދައުލަތުގައި މިއަދު ހުރިކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ދައުލަތުގެ ވަޒީރުކަމާއި މަތީ މަގާމުތައް ފުރުއްވި ބޭފުޅަކު، އަދި އެ ބޭފުޅަކާއި އެ ބޭފުޅެއްގެ އަނބިކަނބަލުންނަށް މައިންބަފައިންގެ ތަރިކައިން ލިބިވަޑައިގެންފައިވާ ގޯތިތައް ކުއްޔަށް ދެއްވައިގެން އެތައް އަހަރެއް ވަންދެން އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅަކު، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ގެޔެއް އަޅުއްވާން ފައްޓަވައިފައިވާތީ، އެ ކަން ކުރައްވާން ފައިސާ ހޯއްދެވި ގޮތަކާ މެދު ސަރުކާރުގެ އިސް ބޭފުޅުން ސުވާލު އުފައްދަވައިފައިވާއިރު، ހުސްއަތްޕުޅަކާއެކު އިއްޔެ ވަޒީރަކަށް ވެވަޑައިގަތް އެތައް ބޭފުޅުންނެއް މާލެއާއި ހުޅުމާލެއާއި ރާއްޖެއިން ބޭރުން އެއް ފަހަރާ އަގުދެއްވައިފައި އަގުބޮޑެތި ގޯއްޗާއި ގޭގެއާއި ބޮޑެތި މަސްދޯނިތައް ބައްލަވައިގަންނަވާއިރު، މި ފަދަ ބޭފުޅުން، އެ ފައިސާ ހޯއްދެވި ގޮތަކާ މެދު ސުވާލު ނުކުރައްވާތީ، މި ދެންނެވި ފަދަ ބޭބޭފުޅުންގެ ހިތްޕުޅުގައި ޢަދުލު އިންސާފަށް ދެއްވާ އިސްކަން ވަޒަން ނުކުރެއްވޭތޯއެވެ! އަދި އެ ބޭފުޅުންގެ ވިސްނުންފުޅާއި ފިކުރު ހިންގެވުމުގެ ބާރާމެދު ސުވާލު ނޫފެދޭތޯއެވެ!

އަދި އެހެން ވާހަކައެކެވެ. ވަކި ރައްޔިތެއްގެ ޝަރީޢަތް ދެ ޚަޞްމުންނާއި ޤާޟީއާ މަޝްވަރާކުރެވިގެން ވަކި ތާވަލެއް ހަމަޖައްސަވައިފައި ވަނިކޮށް، ކުއްލިއަކަށް ޤާޟީ އަމިއްލަފުޅަށް ތާވަލުގައިވާ މުއްދަތުތައް ކުރުކުރައްވައި ޙުކުމްކުރައްވާނެ ދުވަހެއް މާ އަވަސްކުރެއްވުމަކީ އިންސާފުކަމަށް ސިޔާސީން ވަކާލާތު ކުރައްވާ އިރު، ހަމަ އެ ބާވަތުގެ މައްސަލައެއްގައި ބައިކުއްޖެއްގެ ޝަރީޢަތް ތާވަލުކުރެއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކުރެއްވި ކުރެއްވުމާމެދު ޚިޔާލުފުޅު ނުކުރެއްވި ކަމީ ހަމައާއި އިންސާފު އެ ބޭފުޅުން މާނަކުރައްވާ ގޮތް ސާފުވާން އޮތް ހަގީގަތަކަށް ނުވޭތޯއެވެ!

ދެފުށް ފެންނަ (އަޅުގަނޑު ދަންނަ ގޮތުން ނަމަ، ހާމަކަން ބޮޑު ގޮތެއްގައި) ވެރިކަން ކުރައްވާން ވަޑައިގަތް ބޭފުޅުންތަކެއް، ވަކި ގައުމަކާއެކު ހައްދަވާ އެއްވެސް އެގްރިމެންޓެއް ރައްޔިތުންނަށް (ނުވަތަ ރައްޔިތުން ތަމްސީލުކުރައްވާ މަންދޫބުންނަށް ވެސް) ސިއްރުކުރެއްވުމުގެ ބޭނުމަކީ ކޮބައިބާވައެވެ! އެހެންވީމާ ހަގީގަތުގައި "ދެފުށް ފެންނަ" މި ލަފުޒު ކުރީން ވެސް އެ ބޭފުޅުން މާނަކުރައްވައިފައި އެވަނީ "އެތެރެ ނުފެންނަ" މާނައިގައިކަން އެބަ އެނގެއެވެ. އެހެނީ ހަމައެކަނި ދެފުށް ފެނުނަސް އެތެރެއެއް ނުފެންނާނެތާއެވެ. އެހެންވީމާ އެއްވެސް އެގްރީމެންޓެއްގެ އެތެރެ ނުދައްކަވަނީތާއެވެ! ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރާ ވާހަކަ އަޅުގަނޑުމެން ދައްކަނީ އެއްވެސް ކަމެއް ނުފޮރުވުމުގެ މާނައިގައެވެ. އެ ބޭފުޅުން ވިދާޅުވަނީ ދެފުށް ފެންނަ ވާހަކައެވެ. އެތެރެ ނުފެންނަ ވާހަކަ ތޯއްޗެކެވެ!

މި ދެންނެވި އެއްބަސްވުންތައް ހާމަކުރައްވާން އިންފޮމޭޝަން ކޮމިޝަނަރު އަމުރުކުރެއްވީމާ ވެސް އެންމެ ކުޑަމިނުން، އެތެރެ ނުދެއްކެވި ތާންގައި "ދެފުށް" ވެސް ދައްކަވާން އިންކާރުކުރެއްވީއެވެ. މައްސަލަ އޮތީ ކޯޓުގައެވެ. ޖޭއެސްސީގެ "ސުލޫކީ މައްސަލަ"އިގެ ބިރު ކުރިމަތިވެފައިވާ ފަނޑިޔާރުންގެ ކުރިފުޅުމަތީގައެވެ. ވަކި ގޮތަކަށް ޙުކުމް ނުކުރައްވައިފިއްޔާ ބޭރުކުރައްވާނެ ކަމުގެ އިންޒާރު މަޖިލީހުގެ ނުފޫޒު ގަދަ މެންބަރެއްގެ ދޫފުޅުން ރައްދުވެފައިވާ ޤާޟީންގެ މޭޒުކޮޅުމަތީގައެވެ. އިންސާފަކީ ކޮބައިހެއްޔެވެ؟ ބޭއިންސާފަކީ ކޮބައިހެއްޔެވެ؟ ތިޔަ ބޭފުޅުން ވިދާޅުވާށެވެ!

މިއީ މިއަދު މި ޤައުމުން ފެންނަ ހިތި ހަގީގަތްތަކެވެ. އިންސާފާއި ބޭއިންސާފަކީ ކޮބައިކަން ސާފެއް ނުވެއެވެ. ކޮންމެ މީހަކަށް ވެސް އިންސާފަކީ އެ މީހަކަށް ފެންނަ ގޮތެވެ. އެ މީހެއްގެ މަޞްލަޙަތު އޮތް ގޮތެކެވެ. އެކަމަކު ހަގީގަތް ހާމަވެ، ކޮންމެ މީހަކު ވެސް ޖަވާބުދާރީވާން ޖެހޭނެ ދުވަސް އޮތީ ދާދި ގާތުގައިކަން ހަނދާން ނެތިފައިވުމަކީ ހިތާމަހުރި ކަމެކެވެ. ދުނިޔޭގެ ޙަޔާތަށް ފަހު އެހެން ޙަޔާތެއް އޮތްކަމާއި އާޚިރަތް ދުވަހު ކޮންމެ މީހަކަށް ވެސް އެ މީހަކު ކުރި ޢަމަލެއްގެ ޖަޒާ ލިބޭނެކަން އަޅުގަނޑުމެން މުސްލިމުން ގަބޫލުކުރިޔަސް އެ ކަން ގަބޫލު ނުކުރާ މީހުންނަށް ވެސް ގަބޫލުކުރާންޖެހޭނެ ހަގީގަތަކީ މަރު ނުވެ ތާއަބަދަށް މި ދުނިޔޭގައި ދެމި ނުތިބެވޭނޭކަމެވެ. މަރަކީ ހަމަ އެންމެ ގާތުގައި އޮތް ހަގީގަތްކަމެވެ. މި ހަގީގަތް މި ހެން އޮތް ނަމަވެސް ހައްގާއި އިންސާފާ ދެކޮޅަށް ގަދަބަސް ބުނުމަކީ އުފަލަކަށް ވެއްޖެއެވެ. އެއީ އެ ބަޔެއްގެ އަގު އަރާނެ ކަމެއް ކަމަށް ގަބޫލު ވެސް ކުރާން ފަށައިފިއެވެ. މިއަދު މީސްމީޑީއާއާއި މީޑިއާއިން ފެންނަ ހުރިހާ މައުލޫމާތަކުން ބުނެދެނީ މި ހަގީގަތެވެ. އާދޭހެވެ! ރާއްޖޭގެ ސިޔާސީ، އިޖުތިމާޢީ މައިދާނުން ހަމަގައިމުވެސް އަޅުގަނޑަށް ގިނައިން ފެންނަނީ ގުސްތަރުންނެވެ. އެ ބޭފުޅުން ދައްކަވަނީ މުޅީން ވެސް ގުސްތަރު ވާހަކައެވެ. ހަގީގަތެއް އަސާސެއް ނެތް ހޮޅި ވާހަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. ވަރަށް ފުރިހަމަ ލިޔުމެއް. މިފަދަ ބަޔާންތައް ގިނަގިނައިން ޝާއިޢު ކޮށް ދެއްވުން އެދެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *