Support Us

ކޮލަމް ކޯދު: ވޯލްޓެއަރގެ ހިކުމަތްތެރި ބަސްކޮޅެއް

ވޯލްޓެއަރއަކީ ފަރަންސޭސި ތަންވީރީ ފިކުރުގެ ފަލްސަފާވެރި ލިޔުންތެރިއެކެވެ. އަދި މުއައްރިޚެކެވެ. އަދި، ފަލްސަފާވެރިއެއް ވެސް މެއެވެ. އޭނާއަކީ އިސްލާމްދީނާ ވަރަށް އިދިކޮޅު ލިޔުންތެރިއެކެވެ. މިކަމުގެ މައިގަނޑު އެއް ސަބަބެއް ކަމަށް ލަފާ ކުރެވެނީ އޭނާގެ ޒަމާން- މީލާދީ ސަނަތުން 18ވަނަ ގަރުނު- މިއީ އުސްމާނީ ދައުލަތާއި ހުޅަނގާ ވަރުގަދަ ވާދަވެރިކަމެއް އޮތް ދުވަސްވަރަކަށް ވެފައި އޮތްކަމެވެ. މީގެ އިތުރުން، އިސްލާމީ ސަގާފަތާ ބީރައްޓެހި ކަމެވެ. އެކަމާ ބެހޭ އެކަށީގެންވާ މައުލޫމާތު އޭނާއަށް ލިބިފައި ނެތް ކަމެވެ. އޭނާގެ އިސްލާމީ މައުލޫމާތުގެ ހަމައެކަނި މަސްދަރަކީ ތަރުޖަމާ ކުރެވިފައިވާ ވަރަށް ވެސް މަދު އިސްލާމީ ފޮތެކެވެ.

****

  1. މީހެއްގެ ސިކުނޑީގެ ބުރަދަން ކަނޑައަޅާލަންވާނީ އޭނާ ކުރާ ސުއާލުގެ މައްޗަށް ބިނާކޮށެވެ. އޭނާ ދޭ ޖަވާބުގެ މައްޗަށް ބިނާކޮށެއް ނޫނެވެ.
  2. މީހެއްގެ ސިކުނޑީގައި އެއްވެސް ބުރަދަނެއް ހުރި ކަމަށް ނިންމޭނީ އޭނާގެ އަމިއްލަ ރައުޔެއް އޮތުމުންނެވެ.
  3. ހަޖޫގެ ބަހެއް އޮޅުންފިލުވައިދިނުމުން އެ ބަސް ހަޖޫގެ ބަހަކަށް ނުވާނެއެވެ.
  4. ހަޔާތަކީ އުރިފައިވާ ބޯޓެކެވެ. ނަމަވެސް، ފުރާނަތައް ސަލާމަތްކޮށްދޭ ބޮއްކުރާތަކުގައި ތިބެގެން ލަވަކިޔަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.
  5. އެއްގޮތަކަށް ވެސް ހަމަނުޖެހޭ އެއްޗެހި ކަލޭމެން ލައްވާ ގަބޫލުކުރުވާ މީހުން ކަލޭމެން ލައްވާ ކޮންމެ ފަދަ އަނިޔާވެރި އަމަލެއްވެސް ކުރުވަފާނެއެވެ.
  6. ގިނައިން އެއްޗެހި ކިޔައި ގިނައިން މައުލޫމާތު އަހަރެން ހާސިލުކުރި ވަރަކަށް، އަހަންނަށް އެކައްޗެއް ވެސް ނޭނގޭ ކަމުގެ ޔަގީންކަން އިތުރުވަމުން ދެއެވެ.
  7. މުއްސަނދިންގެ އަރާމާއި އުފާ ބިނާވެފައި އޮންނަނީ އަދަދު ނުކުރެވޭހާ ފަގީރުން އޭނާގެ ޚިދުމަތުގައި ތިބޭނޭ ގޮތް މެދުވެރިވެފައި އޮތުމެވެ.
  8. އެހެން މީހެއްގެ ސިއްރެއް ބޭޒާރުކޮށްލުމަކީ ބޭވަފާތެރި ވުމެކެވެ. ކަލޭގެ އަމިއްލަ ސިއްރު ބޭޒާރުކޮށްލުން ބުނެދެނީ ކަލޭގެ މޮޔަކަމެވެ.
  9. އަހަރެންގެ ރަހުމަތްތެރިންގެ ކިބައިން މާތް ރަސްކަލާނގެ އަހަރެން ހިމާޔަތް ކޮށްދެއްވާ ހުށިކަމެވެ. އަހަރެންގެ ދުޝްމަނުންގެ ކިބައިން އަހަރެން އަމިއްލައަށް އަހަރެން ހިމާޔަތް ކުރެވޭނެއެވެ.
  10. ހައްގަށް ލޯބިކުރާށެވެ! ނަމަވެސް، ކުށްތައް މާފުކުރާށެވެ!
  11. މަޝްހޫރު ލިޔުންތެރިން ލިޔެފައި ހުންނަ ކޮންމެ އެއްޗެއް ގަބޫލުކުރުމުގެ އާދަ މޮޔައިންގެ ކިބައިގައި ހިފާފައި ހުރެއެވެ. ނަމަވެސް، އަހަރެން އެއްޗެހި ކިޔާއުޅެނީ އަހަރެންގެ ނަފްސު ރުއްސާށެވެ. އަދި އަހަރެން ގަޔާވަނީ އަހަރެންގެ ޒައުގާ ގުޅޭ އެއްޗިއްސެވެ.
  12. އޭނާ ނުކޮށް ދޫކޮށްލި ރަނގަޅު ހުރިހާ ކަމުގެ ސަބަބުން އޭނާ ކުށްވެރިވެއެވެ.
  13. ކަލޭ އަމިއްލައަށް ވިސްނައި ފިކުރުކުރުމަށް ކެރޭށެވެ!
  14. ލިބެން ހުރި ފޮތްތައް ކިތަންމެ ގިނަވިޔަސް، ފޮތް ކިޔާ އުޅެނީ ވަރަށް ވެސް މަދު ބައެކެވެ. ފައިދާ ހުރި ގޮތެއްގައި ފޮތް ކިޔާ މީހަކަށް، ތާކުންތާކު ނުޖެހޭ އެތައް އެތައް އެއްޗިއްސެއް، ހަމަ ރުހިގެން، ހަމަ ކޮންމެ ދުވަހަކު ވެސް އާންމު މީހާ ކިޔާކަން އެނގޭނެއެވެ.
  15. ކުށެއް ނެތް މައުސޫމު މީހަކު ކުށްވެރިކުރުމަށް ވުރެ ކުށްވެރިޔަކު ދޫކޮށްލަން ޖެހުން ވެސް ރަނގަޅެވެ.
  16. ކަލޭ އަމިއްލައަށް ވިސްނައި އަދި އެހެން މީހުންނަށް ވެސް އެ ގޮތަށް ވިސްނުމުގެ ހައްގު ދޭށެވެ!
  17. މީހުންގެ އަގުވަޒަން ކުރުމަކީ ވަރަށް ވެސް ރަނގަޅު ކަމެކެވެ. އެކަމުގެ ސަބަބުން އެހެން މީހުންގެ ކިބައިގައިވާ ރީތި ސިފަތައް އަހަރުމެންނަށް ވެސް ލިބޭ ގޮތް ވެއެވެ.
  18. ކޮންމެ މީހަކީ ވެސް އޭނާ ދިރިއުޅޭ ޒަމާން އުފައްދާފައިވާ މީހެކެވެ. އެ މީހަކު އުޅޭ ޒަމާނުގެ ފިކުރުގެ ކުރިއަށް އޭނާގެ ނަފްސު އެރުވެނީ ވަރަށް ވެސް މަދު ބަޔަކަށެވެ.
  19. އަހަރުމެން އިންސާނުންނަކީ އެމީހުން ހިނގަން އާދަވެފައިވާ މަގުގައި ހިނގަން ތިބެގެން އާ މަގެއް ދައްކާ މީހުންނާ ދިމާއަށް އަބަދުވެސް އޮށްގާ އުކާ ވަރަށް ވެސް ބަދުނަސީބުވެރި ބައެކެވެ.
  20. އިންސާނީ ސިކުނޑިއަކީ ވަރަށް ވެސް އަޖައިބުކުރުވަނިވި ގުނަވަނެކެވެ. އިންސާނާ ބޭނުންވާ އެއްޗެއް ގަބޫލުކުރުން މަތީ ދެމިހުރުމުގެ ސަބަބުތައް އެ ސިކުނޑި އޭނާއަށް ދައްކައިދެއެވެ.
  21. ބޭސްވެރިކަމުގެ ފަންނު ބިނާވެފައި އޮންނަނީ، ބަލި މީހާގެ ބައްޔަށް ގުދުރަތުން ޝިފާ ހޯދައިދެމުންދާއިރު، ބަލި މީހާ ހިތްހަމަޖައްސައިދީ ހެއްވާލުމުގެ މައްޗަށެވެ.
  22. އަހަރުމެންގެ ނާކާމިޔާބީ ތަކުގެ މައްޗަށް ވިސްނައި ފިކުރުކުރުމަތީ ދެމިހުރުން އިތުރުވީ ވަރަކަށް، އެކަމުން އަހަރުމެންނަށް ލިބިދޭނޭ ގެއްލުން އިތުރުވެގެން ދެެއެވެ.
  23. ހިސާބު އިލްމުވެރިން ބުނާ 'ލާނިހާޔަތުގެ' މާނަ ދެނެގަނެ ހިތަށް ނަގައިގަނެވޭނޭ ހަމައެކަނި ފަސޭހަ ގޮތަކީ އިންސާނުންގެ ސޭކުކަމާއި މޮޔަކަން، ކޮޅެއް ނިމުމެއް، ނެތި، ދެމިގެންދާ ދަރަޖައާ މެދު ވިސްނާލުމުންނެވެ.
  24. އަހަރުމެންގެ މަސައްކަތް ނުބައި ތިން ކަމަކުން އަހަރުމެން ސަލާމަތް ކޮށްދެއެވެ. ވަރުބަލިވުމާއި ކުށްތަކަށް އަރައިގަތުމުންނާއި މުހުތާދުކަމުންނެވެ.
  25. ފޮތަކީ ވެސް ހަމަ މީހުން ފަދަ އެއްޗެކެވެ. މަދު މީހުން ފަދައިން، މުހިއްމު ދައުރެއް އަދާކުރަނީ ވަރަށް ވެސް މަދު ފޮތެކެވެ.
  26. އެންމެ އުފާވެރި ދިރިއުޅުމަކީ އެކަނިވެރިކަންމަތީ އަވަދިނެތި ދިރިއުޅޭ ދިރިއުޅުމެވެ.
  27. ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ހައިރާންވެފައި ހުންނަ މައިދައިތައަކު ހުރެއެވެ.
  28. ދުނިޔޭގައި ކާމިޔާބީ ހޯދަން ސޭކުކަމާއި މޮޔަކަން ނުފެދެއެވެ. މީގެ އިތުރުން، އަދަބުވެރިވާން ވެސް ޖެހެއެވެ.
  29. މާތް އަންހެނަކު ނޫނެކޭ ބުނެފި ނަމަ، އޭގެ މާނައަކީ ވެދާނެއެވެ. މާތް އަންހެނަކު ވެދާނެއޭ ބުނެފި ނަމަ އޭގެ މާނައަކީ އާނއެކެވެ. މާތް އަންހެނަކު އާނއެކޭ ބުނެފި ނަމަ އެއީ މާތް އަންހެނެއް ނޫނެވެ.
  30. ބަސްތައް މޮޅަށް ބޭނުން ކުރާ އެއްގޮތަކީ އަހަރުމެންގެ ފިކުރާއި ޚިޔާލުތައް ރައްކާކުރާށެވެ.
  31. ގަލަމެއްގައި ހިފުމަކީ ހަނގުރާމައެއްގައި ވުމެވެ.
  32. އެމީހުން އަޅުކަން ކުރާ ޗެންޗޭނުތަކުން މޮޔައިން މިނިވަންކުރުމަކީ ވަރަށް ވެސް އުނދަގޫކަމެކެވެ.
  33. ކޮންމެ ކުޅުންތެރިއަކު ވެސް، ހަޔާތުގެ ތާސްބައިން އޭނާއަށް ލިބޭ ގަނޑުތައް ބަލައިގަންނަން ޖެހެއެވެ. ދެން، އެ ގަނޑުތައް ބޭނުން ކޮށްގެން ހަޔާތުގެ ތާސްބައިގެ ކުޅިގަނޑު ކާމިޔާބުކުރުމަށްޓަކައި އޭނާ އަމިއްލައަށް އޭނާގެ ގަނޑުތައް ކުޅޭނެ ގޮތް އޭނާ ކަނޑައަޅާލަން ޖެހެއެވެ.
  34. ކަލޭގެ އަމިއްލަ ނަފްސު ބަދަލުކޮށްލުމަކީ ކިހާ އުނދަގޫ ކަމެއްކަން ވިސްނާލަބަލާށެވެ! އޭރުން، އެހެން މީހުން ބަދަލުކޮށްލުމަށް ކަލެއަށް އޮންނަ ފުރުސަތުގެ ހަނިކަން ކަލެއަށް ވިސްނޭނެއެވެ.
  35. ކޮންމެ ވެސް އެއްޗެއް ބުނުމުގެ އެދުމުގައި ކިހާ ކޮހެއް މީހުން ގޮވާ ހެއްޔެވެ!
  36. އަަންހެނާގެ ބާރު ގުޅިފައި އޮންނަނީ ފިރިހެނާގެ ބަލިކަށިކަމާއެވެ!
  37. ހަޔާތުގެ މާނައަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ހުވަފެން ދެކެން ޖެހެއެވެ!