Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ސަލާންޖަހާ މަންމަނު

މި ވާހަކައަކީ ލުބްނާނުގެ އަހުލީ ހަނގުރާމައިގެ (1990-1975) ދުވަސްވަރާ ގުޅިފައި އޮންނަ ވާހަކައެކެވެ. އެ ދުވަސްވަރު، ބޭރޫތުގެ މަގެއްގެ މަތީގައި ސަލާންޖަހާ މީހަކު އުޅުނެވެ. ވަރަށް ވެސް ފަގީރު މީހެކެވެ. އޭނާގެ ހެދުން ދާވެ، މިލަވެފައިވުމުގެ އިތުރުން ވަނީ ވީދިފައެވެ. ބޮލާއި ތުނބުޅި ވަނީ ދިގުވެ، ހޭވިފައެވެ. ފެންނުވަރާ ހުންނާތީ އޭނާގެ ގައިން ދުވަނީ ނުބައި ވަހެވެ. މީގެ އިތުރުން، އޭނާ ފެންނަނީ މުޅިން ބީރު މަންމަނު މީހެއްގެ ގޮތުގައެވެ.

ބޭރޫތުގެ އެކިއެކި މީސްމީހުން އޭނާއަށް ސަދަގާތްކޮށް އެއްޗެހި ދިއްކޮށްލާ ހަދައެވެ. ނަމަވެސް، އޭނާ ފެންނަނީ ވަރަށް ވެސް އިއްފަތްތެރި، މީހުން އަތުން އެއްޗެހި ހޯދަން ނޫޅޭ، އޭނާގެ ނަފްސުގެ އިއްޒަތް ދަމަހައްޓާ މީހެއްގެ ގޮތުގައެވެ. އޭނާއަށް ޕާން ފޮއްޗެއް ދިއްކޮށްލައިފި ނަމަ، އޭގައި ހިފައެވެ. ނަމަވެސް، ޕާނެއް މީހަކު ދީފި ނަމަ އެއަކު ނުހިފައެވެ. ހަމަ އެހެންމެ، ސިނގިރޭޓެއް ދީފި ނަމަ އޭގައި ހިފިޔަސް ސިނގިރޭޓު ފޮއްޓެއްގައެއް ނުހިފައެވެ. ސައިތަށްޓެއް ދިއްކޮށްލައިފި ނަމަ އޭގައި ހިފިޔަސް މީހަކު ފައިސާ ފޮއްޗެއް ދީފި ނަމަ އެއަކު ނުހިފައެވެ. އެއްވެސް މީހަކަށް އޭނާ އުނދަގުލެއް ނުކުރެއެވެ. އޭނާ ނިދާ އުޅެނީ މީހަކަށް އުނދަގޫ ނުވާ ހިސާބެއްގައި ކޮންމެ ވެސް މަގެއްގެ އެއްފަރާތުގައެވެ.

މިގޮތުގައި އޭނާ އުޅެމުން ދަނިކޮށް، އަހުލީ ހަނގުރާމަ ފެށި އެންމެ ފަހުން، އިޒުރޭލުގެ ސިފައިން ލުބުނާނަށް އެރިއެވެ. އަދި، ބޭރޫތަށް ވެސް އަޔެވެ. ބައެއް މީހުންގެ ހިތްތަކަށް އެއްކަލަ ފަގީރު މަންމަނަށް ވާނީ ކިހިނެއް ބާވައޭ އެރިއެވެ. އަދި، އޭނާގެ ދުވަސް ދާނޭ ކަމާ މެދު ވިސްނި ދެރަވިއެވެ. ނަމަވެސް، ހަނގުރާމައިގެ ދުވަސްވަރަކީ ގިޔާމަތުގެ ދުވަސްވަރު ކަހަލަ ދުވަސްވަރެކެވެ. ކީރިތި ގުރުއާނުގެ ޢަބަސަ ސޫރަތުގައި ބަޔާން ކުރެވިފައިވާ ފަދައިން ކޮންމެ މީހަކަށް ވިސްނެނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަމިއްލަ ނަފްސުގެ ސަލާމަތްކަން ހޯދުމުގެ މައްޗަށެވެ.

ކޮންމެ އަކަސް، އެމީހުންގެ ގޭތެރޭގައި ތިއްބައި، ބަޔަކަށް އެއްކަލަ މަންމަނު ފަގީރު މީހާ މަގުގެ އެއްފަރާތުގައި އޮށޯވެލައިގެން އޮތްތަން ފެނުނެވެ. ދެން، މިމީހުން ބަލަން ތިއްބާ އެތަނަށް، އިޒުރޭލުގެ ސިފައިންގެ ބަޔަކު އައިސް އޭނާއަށް އިހުތިރާމު އަދާކޮށް ސަލާންކުރިއެވެ. އަދި، ލުބްނާނަށް އަރައިގަތުމުގައި އޭނާ ވެދިން އެހީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރިއެވެ.

އާދެ، މީހުން އޭނައަކީ އަހުލެއް ވަހުލެއް އާރެއް ޔާރެއް ނެތް ނިކަމެތި ފަގީރު މަންމަނެއް ކަމުގައި ދުށް މީހާ މިވީ އިޒުރޭލުގެ ޖާސޫސަކަށެވެ. މީހުންގެ ހޭލުންތެރިކަން ހުރިވަރުން އެތައް ދުވަހެއް ވީއިރުވެސް އެކަން އެމީހުންނަކަށް ފާހަގައެއް ނުވިއެވެ. 'މަންމަނު ފަގީރު' އޭނާ ބޭނުންވާ މައުލޫމާތުތައް އެއްކޮށް، އިޒުރޭލުގެ ކަމާ ބެހޭ ފަރާތަށް އޭނާ ފޮނުވަމުން ދިޔައެވެ. އަދި، އެ މައުލޫމާތުތައް، 1982ގައި އިޒުރޭލުން ލުބުނާނަށް އަރައިގަތުމަށް އެހީވެދިނެވެ. މިފަދަ އެހެން ވާހަކަތައް ވެސް، އިޒުރޭލުގެ ޖާސޫސީ އިދާރާ ކަމުގައިވާ މޮސޭޑުގައި ކުރިން މަސައްކަތް ކުރި މީހަކު ލިޔުނު 'ގިޑިޔޮން ސްޕައިސް' މި ފޮތުގައި ބަޔާން ކުރެވިފައި ވެއެވެ.

ދެން އަހާލަން ބޭނުންވާ ސުއާލެއް އެބައޮތެވެ. އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކިތައް 'ފަގީރު މަންމަނުން' އުޅޭ ހެއްޔެވެ؟ ހަގީގަތުގައި އެމީހުން ފަގީރެއް ނޫނެވެ. އަދި އެމީހުން ތިބެނީ ވީދި ވީރާނާ ވެފައިވާ ހެދުން ލާފައެއް ނޫނެވެ. ނަމަވެސް، އެމީހުންގެ ޚިދުމަތަކީ ވެސް ހަމަ ބޭރޫތުގެ މަންމަން ފަގީރު މީހާގެ މަސައްކަތް ފަދަ މަސައްކަތެކެވެ. ތަނުގެ މީހުންގެ ނަމުގައި ތިބެ، ބޭރު ބައެއްގެ މަސްލަހަތުތައް ދިފާއުކޮށްދިނުމަށް މަސައްކަތް ކުރުމެވެ. ތަނުގެ އެންމެ އިސް އިދާރާތަކުގެ އެންމެ އިސް ސަފުގައި މިފަދަ ބޭރޫތުގެ މަންމަން ފަގީރު ފަދަ ކިތައް ފަގީރުން އެބަތިބި ހެއްޔެވެ؟

މި ސުއާލުގެ ޖަވާބު ހޯދަން އެހާ އުނދަގުލެއް ނުވާނެއެވެ. އެ އިދާރާތަކުގައި ތިބި މީހުންގެ ވާހަކަތައް އަޑުއަހާލާށެވެ. ދެން، އެއަށް ފަހު، އެމީހުންގެ ވަލާއު އޮތީ ކޮން ބަޔަކަށްތޯ އަމިއްލައަށް ކަނޑައަޅާލެވޭނެއެވެ. އަދި، މިކަމުގައި ވިސްނާލަންވީ އެހެން ކަމެއް އެބަ އޮތެވެ. ބޭރޫތުގެ މަންމަން ފަގީރަށް ޚަރަދުކުރީ އޭނާއަށް އެ ވަޒީފާ ދިން ބައެކެވެ. ތަނުގެ މީހުންނެއް ނޫނެވެ. ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ މިފަދަ މަންމަން ފަގީރުންނަށް ހުރިހާ ޚަރަދެއް ކުރަނީ ހަމަ އާންމުންނެވެ. އާންމުން އެފަދަ މަންމަނުން ބާރުވެރިކުރުމުން، ތަނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި އެމީހުން ޚިދުމަތްކުރަނީ އެހެން ބަޔަކަށެވެ! ރީތި ހެދުންތައް އަޅައިގެން، ނަމަވެސް، ނުބައި ހިތަކާއި އަދި މަރުވެފައި އޮތް ޟަމީރަކައިގެން އަޅުގަނޑުމެންގެ ތެރޭގައި މި އުޅޭ ޚިޔާނަތްތެރި 'މަންމަން ފަގީރުން' ނުބައިކަމުން ސަލާމަތްކަން ހޯދުމުގެ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟