Support Us

ކޮލަމް މާޒީ: ހުސްނޫނު ލިޔަނީ ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތަން ފާހަގަކުރާށެވެ.

ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ޙަޤީޤީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރޭންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކުގެ ވަޒީފާއަކީ އެ އަޑުތައް "އިއްވަން"ވީ ގޮތް އަންގައިދިނުމެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑު ނެރޭންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި، ހަމަޔަށް ނެތް ނަމަ، އެ އަޑު ފުރިހަމަޔަށް "ނެރެވޭނޭ" ގޮތެއް ނޯންނާނެއެވެ.

ދިވެހިބަހުގެ ބަސްކޮށާރުގައި ހިމެނޭ ހުރިހާ ލަފުޒެއް އެއްވެސް މީހަކަށް، (ހަމަކަށަވަރުން ވެސް ގިނަ މީހުންނަކަށް) ނޭނގޭނެއެވެ. އަދި އަލަށް ދިވެހިބަސް އުނގެނި ދަސްކުރާ ބިދޭސީން ވެސް މި ޒަމާނުގައި އަންނަނީ އިތުރުވަމުންނެވެ. މާނަ ނޭނގޭ ލަފުޒެއް ބަސްފޮތުން ނުވަތަ އެހެން ލިޔުމަކުން ނަމަވެސް ބަލައިގެން ދަސްކުރާ މީހަކަށް އެ ލަފުޒެއް ފުރިހަމަޔަށް އެނގޭނީ ފިއްޔާއި އަކުރުތައް ލިޔުމުގައި، ހަމަޔަށް ހުރެގެންކަން ކަށަވަރެވެ. "އިއްވާން" ބޭނުންވާ އަޑެއް ރަމްޒު ކޮށްދޭ އަކުރާއި އެ އަޑެއް ނެރޭންވީ ގޮތް އަންގައިދޭ ނިޝާން، ލިޔުމުގައި އުނިވެފައިވާ ނަމަ ހެޔޮކޮށް އެ ލަފުޒެއް އަދާކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ނޯށަން އަރުވައިގެން ކިޔާންޖެހޭ ތަންތާނގައި ހުސްނޫނު ނުލިޔާނަމަ އެއީ ނޯށަށް އަރުވައިގެން ކިޔާންޖެހޭ ތަނެއް ކަމެއް އެ ލަފުޒެއް އަޞްލު (ނުވަތަ މާނަ) ނުދަންނަ މީހަކަށް ނޭނގޭނެއެވެ. ރޭޑިއޯ އިން ކިޔާ ލަވައެއްގައިވެސް… "މިތުރުނޭ އުގެނެމާހޭ،…." ކިޔައިފައިވަނީ "އުނގެނުން" މި ލަފުޒު ލިޔުމުގައި ހުސްނޫނު އިހުމާލުކޮށްލައިފައި ވާތީ ކަމަށް ދެންނެވިދާނެއެވެ. އަދި ލަވަކިޔުންތެރިންނަށް އެ ލަފުޒުގެ އަޞްލު އެނގިވަޑައިނުގަންނާތީ ލިޔުމުގައި އޮތް ގޮތަށް ވިދާޅުވީ ކަމަށް ވެސް ވެދާނެއެވެ.

އެހެން މިސާލެއް ދަންނަވާނަމަ ހޯނޑެއްދޫ އާއި ހެލެނގެލި ފަދަ (ރަށްރަށުގެ) ނަންނަން ކިޔާއިރު ނޯށަށް އަރުވައި ކިޔާންޖެހުނަސް، އެ ދެނަން ލިޔާއިރު (ލިޔުމުގައި) ހުސްނޫނު ނޯންނަ ނަމަ އެ ދެ ރަށުގެ ނަން ކިޔާންޖެހޭ ގޮތް ނޭނގޭ މީހަކަށް އެ ދެނަން ރަނގަޅަށް ކިޔާކަށް ނޭނގޭނއެވެ.

ކުރީގެ އަދީބުންގެ ލިޔުއްވުންތަކަށް ބަލާއިރު ހުސްނޫނު ލިޔާންޖެހެނީ މައިގަނޑު ދެ ސަބަބަށްޓަކައެވެ. އެއީ ހުސްނޫނު ނުލިޔެފި ނަމަ، އަކުރާއި ފިލި އެއްގޮތަށް ޖަހަންޖެހޭ ލަފުޒުގެ ތެރެއިން ނޯށަށް އަރުވައި ކިޔާންޖެހޭ ލަފުޒާއި ނޯށަށް ނާރުވައި ކިޔަންޖެހޭ ލަފުޒެއް ނަމަ މި ފަދަ ދޭދޭ ލަފުޒުގެ މާނަ ދޭހަވުމަށް ދަތިވުމެވެ.

އިސްވެ ދެންނެވުނު އުޞޫލުން ހުސްނޫނު ލިޔުނަސް އަކުރާއި ފިލި އެއް ގޮތަކަށް ހުންނަ ލަފުޒުތަކުގެ މާނަ ދޭހަވުމަކަށް ފަސޭހައެއް ނުވެއެވެ. އެހެނީ އެއް ގޮތަކަށް އަކުރާއި ފިލިޖެހިފައި ކިޔާގޮތް ވެސް އެއް ގޮތްވެފައި ތަފާތު ޙާލަތްތަކުގައި ތަފާތު މާނަ ދޭހަވާ ލަފުޒުތަކަކީ ކޮންމެ ބަހެއްގައި ވެސް ހުންނަ ލަފުޒުތަކެކެވެ. މިފަދަ ލަފުޒު މާނަ އެނގެނީ އެ ޖުމްލައަށާއި ޖުމުލަ ލިޔުނު ޙާލަތަށް (ކޮންޓެކްސްޓް) ވިސްނައިގެންނެވެ. އަންނަނިވި މިސާލުތަކަށް ވިސްނައިލަމާތޯއެވެ؟

  • މުސަޅަކީ ބިމުގައި ހަރު ކޮނެގެން ދިރިއުޅޭ ޖަނަވާރެކެވެ.
  • ރާވެރިބޭ ފަސް ރުކަކު މިއަދު ހަރު ބަނދެފިއެވެ.
  • އެއީ ބޯހަރު ކުއްޖެއް ނޫނެއެވެ.
  • ބިލަތް ކަނޑާން ފަސޭހަ ވާނީ އެގޭ ހަރު ގެނެސްގެންނެވެ.
  • ހަރު ހަނޑުލުގެ ބޮނޑިބަތެއް ވެސް މަށަން ނުބައެއް ނޫނެއެވެ.
  • މިއަދު މެނދުރު ހުރި ބަތް ހަރުކަމުން ގަރުދިޔައާއެކު ކާކަށް ކަމަކުނުދެއެވެ.
  • ރަށުގެ ހަރު މީހުންނަށް އިޙުތިރާމްކުރާންޖެހޭނެއެވެ.
  • މިގޭ ގަހަކު އަދި ހަރު މިރުހެއް ނެތެވެ.
  • ދަގަނޑަށްވުރެ އެކަތަ ހަރުވާނެއެވެ.
  • ހަރުމުދާ ޖެހޭނީ ހަމަ އެއްވަރަށް ބަހާށެވެ.

އިސްވެ ދިޔަ މިސާލުތަކުގައިވާ "ހަރު" މި ލަފުޒު އެކަނި އޮންނަ އިރު އެ ލަފުޒުގެ ވަކި މާނައެއް ދޭހަކުރާން އުނދަގޫވިޔަސް މި ލަފުޒުގެ މާނަ ދޭހަކުރާން ފަސޭހަކުރާންވެގެން ހުސްނޫނު ލިޔާ ވާހަކަ އެކަކު ވެސް ނުދައްކައެވެ. އެއީ އެލަފުޒު ކިޔާއިރު އިވޭ އެއްވެސް އަޑެއް ނުލިޔެ ދޫކޮށްލެވިފައި ނެތީތީއެވެ. އެއް ލަފުޒެއްގައި ގިނަ މާނަ ދޭހަވާ ލަފުޒުތަކުގެ ޙަޤީޤީ މާނަ އެނގޭނީ އެ ޖުމްލައެއްގައި ލަފުޒު ބޭނުންކޮށްފައި އޮތް ޙާލަތަށް (ކޮންޓެކްސްޓް އަށް) ވިސްނައިގެންނެވެ. އެހެންވީމާ ހުސްނޫނު ލިޔާން ޖެހެނީ ކޮންމެހެން މާނަ ތަފާތުކުރާން ނޫންކަން އެބަ އެނގެއެވެ. ކަނޑި، އަޅުގަނޑު، ރަނގަޅު ފަދަ ލަފުޒުލަފުޒުގައި ހުސްނޫނު ލިޔާން ޖެހެނީ އެ ލަފުޒު ކިޔާއިރު ނޯށަށް އަރުވައި ކިޔާންޖެހޭތީއެވެ. މާނަ ދޭހަކުރާން ފަސޭހަކުރުމަށްޓަކައެއް ނޫނެވެ. އެހެންވީމާ ހުސްނޫނު ލިޔާންޖެހެނީ ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތާނގައިކަން އެބަ އެނގެއެވެ.

ހުސްނޫނުގެ ވާހަކަ ދިވެހިބަހުގެ ތެރެއަށް ވައްދައިގެން ފުރަތަމަ ފޮތެއް ލިޔުއްވި ބޭފުޅަކީ އައްޝައިޚު އިބްރާހިމް ރުޝްދީ އަލްއަޒުހަރީއެވެ. އޭނާގެ "ސުއްލަމުލްއަރީބު ފީ ލުޣަތިލް މަޙަލްދީބިއްޔާ" ނަމަކަށް ކިޔާ ފޮތުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ނޯށަށް އަރުވައި ކިޔަންޖެހޭކަން އަންގައިދޭ ނިޝާނެއް ނެތް ނަމަ ނޯށަށް އަރުވައި ކިޔާން އެނގޭނީ ކުޑަކޮށް ވިސްނައިލައިފި ނަމަ ކަމަށް ވާތީ، މާބޮޑު ވިސްނުމަކާ ނުލައި ކިޔަންވާ އަޑުން ކިޔުމަށްޓަކައި ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ އަކުރެއްގެ ފަހުގައި ހުސްނޫނު ލިޔުން ވާޖިބުވާނެއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވައިފައިވާ "ބަހުގެ ހަމަ"އިގައި ވާ ގޮތުން ހުސްނޫނުގެ އަޑު ފާޅުވާ ކޮންމެ ތަނެއް ލިޔާން ވާނީ ހުސް ނޫނާ އެކުގައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާ "ފަތްތޫރަ" (މަޖައްލާ) ގައި ޙަސަން އަޙުމަދު މަނިކު (ރަޙިމަހުﷲ) ލިޔުއްވައިފައިވާ ގޮތުން ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތާނގައި ހުސްނޫނު ނުލައި ލިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ދިވެހިބަހުން (ހެޔޮކޮށް) ލިޔެފައި ހުންނަ ލިޔުންތަކާއި މަޝްހޫރު އަދީބުންނާއި ބަހުގެ ޢިލްމުވެރީންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރާއިރު ހުސްނޫނު ލިޔާން ޖެހެނީ ކޮންމެހެން މާނަ ތަފާތުކުރާން ނޫންކަން އެނގެއެވެ. ތަފާތު އެތައް މާނައެއް ދޭހަވާ ލަފުޒުތަކުގެ މާނަ ދެނެގަނެވޭނީ އެ ލަފުޒެއް ޖުމުލައިގައި ބޭނުންކޮށްފައިވާ ގޮތަށް ބަލައިގެންނެވެ. ހުސްނޫނެއް ލިޔެގެނެއް ނޫނެވެ. ހުސްނޫނު ލިޔާންޖެހެނީ، ހުސްނޫނުގެ ކުރީގައި އޮންނަ އަކުރު ކިޔާންވާނީ ނޯށަށް އަރުވައިގެންކަން އަންގައިދިނިމަށްޓަކައެވެ. އެހެންވީމާ މާނަ ނޯޅުނަސް، އޮޅުނަސް ނުވަތަ ދޭހަކުރަން ފަސޭހަވިޔަސް، އުނދަގޫ ވިޔަސް، "ރަނގަޅު" ލިޔާންވާ ތަނެއްގައި "ރަގަޅު" ލިޔެގެން ކަމަކު ނުދާނެއެވެ. އަދި "އަޅުގަނޑު"ގެ ބަދަލުގައި "އަޅުގަޑު" ލިޔެގެންވެސް ނުވާނެއެވެ. އެހެނީ /ރަނ/ އާއި /ރަ/ އަކީ ތަފާތުކޮށް ކިޔަންޖެހޭ ދެއަޑެވެ. އަދި /ގަނ/ އާއި /ގަ/ ވެސް ކިޔެނީ އަދި ކިޔާންޖެހެނީ ވެސް އެއް ގޮތަކަށް ނޫނެވެ.

ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ ތަނެއްގައި ހުސްނޫނު ލިޔުމުގެ ބޭނުމަކީ ނޯށަށް އަރުވައި ކިޔާންޖެހޭ ތަންތަން ލިޔުމުން ފާހަގަކުރެވުމެވެ. ނޯށަން އަރުވައި ކިޔާންޖެހޭ ތަންތަން ނޯށަން ނާރުވައި ކިޔާނަމަ އޭގެ އަޞްލު މަޚުރަޖު ގެއްލެއެވެ. ބަހުގެ ރީތި ކަމާއި އޮމާންކަން ނެތިދެއެވެ. އަދި އެއީ ބަހަށް ލިބޭ ވަރަށް ފަޤީރުކަމެކެވެ. ބަހަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ދިވެހިބަހަކީ އިވޭ ކޮންމެ އަޑެއް ލިޔުމުގެ ޤާބިލްކަން ލިބިފައިވާ ބަހެއް ކަމަށް އަޅުގަނޑުމެން ދަޢުވާ ކުރާއިރު ބަހަށް ލިބިފައިވާ މި ކުޅަދާނަކަން އަމިއްލަޔަށް ދޫކޮށްލުމަކީ ބަހަށް ވެވޭ ޚިޔާނާތެއް ކަމުގައި ނޫނީ  ނުވާނެއެވެ.

އެހެންވީމާ ދިވެހި ބަހުން ލިޔާއިރު އެ ލަފުޒަކުން "އިއްވާ" ހުރިހައި އަޑުތަކެއް ވެސް ލިޔާންވާނެއެވެ. ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ އަކުރެއްގެ ފަހަތުގައި ހުސްނޫނު ލިޔާންވާނެއެވެ. ދިވެހިބަސް ލިޔެއުޅުމުގެ އުސޫލަކީ މިއީއެވެ. ދިވެހި ބަހުގެ ޤަވާއިދާއި ހަމައަކީ ވެސް މިއީއެވެ.

ޙަވާލާ:

ބަހުގެ ހަމައިގެ އަތްމަތީ ފޮތް

ފަތްތޫރަ

ސުއްލަމުލްއަރީބު ފީ ލުޣަތިލް މަޙަލްދީބިއްޔާ