Support Us

ކޮލަމް ކޯދު: އިންސާނީ ހައްގުތައް- ސީ.ޕީ ހަމީދުގެ ނަޒަރުގައި އެއީ ވަކި ބަޔަކަށް ލިބެންވާ ހައްގެއް؟

ރާއްޖޭގެ ފުލުހުންގެ މުއައްސަސާގެ ވެރިޔާ މުހައްމަދު ހަމީދު ބޭރު ބަޔަކާ މުޚާތަބުކޮށް ދެއްކި ވާހަކައެއްގައި، އިންސާނީ ހައްގުތަކަކީ ވަކި ބަޔަކަށް ލިބެން ޖެހޭ އެއްޗެއްކަން ދޭހަވާ މޭރުމުން ވާހަކަދައްކާފައި ވެއެވެ. އެ މަގާމުގައި އޭނާ ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ފަދައިން އޭނާ ވާހަކަ ދައްކަން ޖެހުނީ ކީއްވެ ހެއްޔެވެ؟ މި ދެ ސުއާލުގެ ޖަވާބު ލިޔެވޭތޯ ބަލާލާނަމެވެ.

މުހައްމަދު ހަމީދު އެވާހަކަ ދެއްކީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް ކަމުގެ ވާހަކަ ދައްކަމުން އެކަމުގެ ހެކި ބަޔާން ކޮށްދިނުމުގެ ގޮތުންނެވެ. އޭނާ ބުނާ ގޮތުގައި ރާއްޖޭގެ ޒުވާނުން- 35 އަހަރަށް ވުރެ ދަށުގެ މީހުން- މުސްލިމުންގެ ބައެއް މައްސަލަތަކަށް ތާއީދުކޮށް އެކަމާ ބެހޭ ޚަބަރުތައް ބަލަމުން ދެއެވެ. ކަޝްމީރުގެ މައްސަލައާއި އަދި ފަލަސްތީނުގެ މައްސަލަ ފަދަ އިސްލާމީ މުހިއްމު ގަޒިއްޔާތަކާ ބެހޭ ވާހަކަތަކާއި ޚަބަރުތަކެވެ.

ސުއާލަކީ، މުސްލިމުންނަށް ނޫނީ އަދި އެހެން ބަޔަކަށް ވެސް ލިބެމުންދާ އަނިޔާތަކުގެ ވާހަކަތައް އަޑުއަހައި އެކަމާ ބެހޭ ޚަބަރުތައް ބެލުމަކީ ދީނީ ހަރުކަށިކަމުގެ ތެރޭގައި ހިމަނާލަން ޖެހޭ ކަންކަން ހެއްޔެވެ؟ އެކަމަކީ ތަންތަން ގޮއްވައި މީހުން މަރައި ނޫނީ މީހުންނަށް އަނިޔާކޮށް އަދި މިކަމަކީ ދީނީ ގޮތުން ކުރާ ކަމެއް ކަމަށް އެފަދަ ކަންކަން ކުރާ މީހުން ބުނާ ކަމަށް ވަންޏާ އެކަން ދީނީ ހަރުކަށި ފިކުރުގެ ތެރޭގައި ހިމަނާލެވުމުގެ ޖާގަ އޮންނާނެއެވެ. ނަމަވެސް، ބަޔަކަށް އަނިޔާކޮށް މަރައި އެމީހުންގެ އިއްފަތް ފޭރެމުންދާއިރު، މިކަންކަމުގެ ވާހަކަތައް އަހައި އެކަންކަމާ ބެހޭ ޚަބަރުތައް ބަލައި، އެކަމާ ދެކޮޅަށް އަޑު އުފުލައި، އެފަދަ އަނިޔާތައް ލިބޭ މީހުންނަށް ހަމްދަރުދީ ފާޅުކުރުމަކީ ދީނީ ހަރުކަށި ފިކުރުގެ ތެރޭގައި ހިމެނޭނޭ ކަމެއް ހެއްޔެވެ؟ ފަލަސްތީނާއި ކަޝްމީރުތެ މައްސަލައަކީ މިހާރު މިކިޔާ ދީނީ ހަރުކަށި ފިކުރު އުފެދުމުގެ ކުރިން ވެސް އޮތް ދެ މައްސަލައެވެ. އެމައްސަލައާ މެދު ވަމުންދާ ގޮތް ބަލައި، ފަލަސްތީނާއި ކަޝްމީރުގައި އަނިޔާ ލިބޭ މީހުންނަށް ތާއީދުކުރާމީހުންނަކީ 'އެކްސްޓްރީމިސްޓް ނެރެޓިވް ([އިސްލާމީ] ދީނީ ހަރުކަށި މީހުންގެ ވާހަކަ] އަށް ތަބާވާ މީހުން ކަމުގައި ކަނޑައަޅައި ނިންމާލެވިދެ ހެއްޔެވެ؟ ޚުދް ހުޅަނގު ގައްޔާއި އަދި އެމެރިކާގައި ވެސް، ފަލަސްތީނާއި ކަޝްމީރުގެ މީހުންނަށް ތާއީދުކުރާ މުސްލިމު ނޫން މީހުން ވެސް ހިމެނެއެވެ. އަދި، މިކަމާ ބެހޭ ގޮތުން ލިޔެ އެކަން ކުށްވެރި ކުރާ މީހުން ވެސް އުޅެއެވެ. އެޑްވަރޑް ސައީދާއި ރޮބަޓް ފިސްކު އަދި އިލާން ޕަޕޭ ފަދަ ޚުދް އިޒުރޭލުގެ މުއައްރިޚުން ވެސް މެެއެވެ. މުހައްމަދު ހަމީދުގެ ހަމަ ބޭނުން ކުރާ ނަމަ، މިއެންމެން ވެސް ވާނީ އިސްލީމީ ހަރުކަށި ފިކުރުގެ މީހުންނަށެވެ.

މުހައްމަދު ހަމީދަށް ވަކި މަގާމެއް ލިބި، އެ މަގާމަކާ ބެހޭ ގޮނޑިގައި އިށީނދެވި، އަދި އޭނާ ބޭނުންވާ ކުލައެއް އޭނާ ބޭނުންވާ ވަރަކަށް އޭނާގެ މޭމަތީގައި ކުލަތައް ފުރާލުމަކުން، ކަންކަމުގެ މައުލޫމާތު ލިބުނީ ކަމުގައި ނުބެލެވޭނެއެވެ. ފަލަސްތީނުގެ މައްސަލަ ނޫނީ ކަޝްމީރުގެ މައްސަލަ ނޫނީ އެހެން ވެސް އެފަދަ މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނަމަ، އޭނައަށް ވެސް ޖެހޭނީ އެންމެ ފުރަތަމައިން އެކަމާ ބެހޭ މައުލޫމާތު ހޯދާށެވެ. ކަމުގައި ޝާމިލުވާ ދެ ފަރާތުގެ މައުލޫމާތު ހޯދާށެވެ! އެއަށް ފަހު، ދެ ފަރާތުގެ ވާހަކަ ގެނެސް، އޭނާ ތާއީދުކުރާ ކޮޅަކަށް ވާހަކަ ދެއްކިދާނެއެވެ. ފަލަސްތީނުގެ މައްސަލައާ ގުޅޭ ދެފަރާތަކީ އަރަބިންނާއި ޔަހޫދީންނެވެ. ކަޝްމީރުގެ މައްސަލައާ ގުޅޭ ދެފަރާތަކީ އިންޑިޔާއާއި ކަޝްމީރުގެ މުސްލިމުންނެވެ. ފަލަސްތީނުގެ މައްސަލައިގައި މުހައްމަދު ހަމީދު ރައުޔު ގުޅެނީ ޔަހޫދީންގެ ވާހަކަތަކާ ކަމަށް ވެފައި، އަދި، ކަޝްމީރުގެ މައްސަލައިގައި އޭނާގެ ރައުޔު ގުޅެނީ އިންޑިޔާގެ ވާހަކައާ ކަމަށް ވެއްޖެ ނަމަ، ޔަހޫދީންނަށާއި އަދި އިންޑިޔާގެ ހިންދީންނަށް ތާއީދު ކުރުމުގެ ހައްގާއި މިނިވަންކަން އޭނާއަށް ލިބޭ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް، އޭނާގެ ރައުޔާ އިދިކޮޅު ރައުޔު ދެކޭ މީހުންނަކީ އިސްލާމީ ހަރުކަށި ފިކުރުގެ މީހުން ކަމުގައި ބުނުމުގެ ހައްގު އޭނާއަށް، އޭނާ ކޮންމެ މަގާމެއްގައި ހުއްޓަސް ލިބިފައި އޮތޭ ބުނުމަކީ ހަމަޖެހޭ ވާހަކައަކަށް ނުވާނެއެވެ. އޭނާގެ ރައުޔާ ޚިލާފަށް، ފަލަސްތީނުގެ މައްސަލައިގައި އަރަބިންނާއި މުސްލިމުންގެ ކޮޅަށް ތާއީދުކުރާ މީހުންނާއި ކަޝްމީރުގެ މައްސަލައިގައި ކަޝްމީރުގެ މުސްލިމުންގެ ކޮޅަށް ތާއީދުކުރާ މީހުންނަކީ ދީނީ ހަރުކަށި ފިކުރުގެ މީހުންކަމަށް މުހައްމަދު ހަމީދު ނިންމައިފި ނަމަ، ޔަހޫދީންނަށާއި އިންޑިޔާއަށް އެ ދެމައްސަލައިގައި އޭނާ ތާއީދުކުރާކުރުން، އޭނާއަކީ ޔަހޫދީ ދީނީ ހަރުކަށި މީހެއްގެ އިތުރުން، ހިންދީ ދީނީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ކަނޑައަޅާލުމަކީ އޭނާ ގެންގުޅޭ މަންތިގީ ހަމަ ނިޔާކުރާނޭ ކަމެކެވެ.

އެއްވެސް ހެއްކެއް ނުދައްކައި، ހިތުހުރި ގޮތަކަށް ކަންކަން 'ދަމާލައި' ހެކީގެ ގޮތުގައި މައްސަލަތަކާ ބެހޭ މައުލޫމާތު ނުހޯދައި މުހައްމަދު ހަމީދުމެން ފަދަ މީހުން ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ ދެ ސަބަބެއް ފާހަގަކޮށްލެވިދާނެއެވެ. ފުރަތަމަ ސަބަބަކީ އޭނާ އަޅުކަން ކުރަނީ އޭނާގެ އަމިއްލަ ނަފްސަށް ކަމަށް ވާތީއެވެ. މާނައަކީ އޭނާއަކީ އޭނާ އެ މަގާމަށް ގެނައި މީހުން ފަދައިން، އޭނާގެ އަމިއްލަ ނަފްސާއި އަމިއްލަ މަސްލަހަތު ދިފާއުކުރާ މީހެކެވެ. އޭނާގެ މަގާމާއި އެކަމާ ގުޅިފައި އޮންނަ މާއްދި ފައިދާތައް ރައްކާކޮށް އުމުރަށް ދެމެހެއްޓުމުގެ މޮޔަ އުއްމީދުގައި އެފަދައިން، ވާހަކަދެއްކުން އޭނާއަށް މަޖުބޫރުކުރުވަނީއެވެ. މިފަދަ އެއްވެސް އުސޫލެއް، އިންސާނީ ހަމައެއް ނެތް މީހުން، އެމީހުންނަށް ކިޔެނީ ކީކޭކަން ވެސް ވިސްނާލުމުގެ ބޭނުމެއް ނޯވެއެވެ. އިންސާނީ ހައްގުތަކަކީ ހަމައެކަނި ވަކި ބަޔަކަށް ލިބިދޭން ޖެހޭ އެއްޗެއް ހެއްޔެވެ؟ ކަޝްމީރާއި ފަލަސްތީނުގެ މީހުންނަށް ލިބޭ އަނިޔާއަކީ އަނިޔާއަށް ނުވަނީ ހެއްޔެވެ؟ އެކަން ފާހަގަކުރާ މީހުންނަކީ އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ މީހުން ހެއްޔެވެ؟

ދެވަނަ ސަބަބު ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައިވެއެވެ. لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُواْ ٱلْيَهُودَ وَٱلَّذِينَ أَشْرَكُواْ ۖ މިއާޔަތުގައެވެ. މާނައަކީ "އެއްވެސް ޝައްކެއް ނެތެވެ! ހަމަކަށަވަރުން، މުއުމިނުންނާ އެންމެ އަދާވާތްތެރިކަން ބޮޑު ބަޔަކު ކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ޔަހޫދީންނާއި އަދި ޝިރުކުކުރާ މީހުންނެވެ." މުހައްމަދު ހަމީދުގެ ވާހަކަތަކުން ދޭހަވަނީ އޭނާއަކީ މި ދެބައި މީހުންނަށް ތާއީދުކުރާ މީހެއް ކަމުގައިވެ. އެހެންވެ، އޭނާއަށް އެނގިގެން ނަމަވެސް، ނުވަތަ ނޭނގި ނަމަވެސް، އޭނާގެ ދުލުން ބޭރުވަނީ މިކަމުގެ ހެއްކެވެ. އޭނާއަކީ މުސްލިމުންނާ އަދާވަތްތެރިކަން ބޮޑު މީހެއް ކަމެވެ. މުސްލިމުންގެ ހައްގުގައި ދުލުކުރިން އެއްޗެއް ބުނެ ނޫނީ އެފަދަ ބަހެއް ބުނި މީހެއްގެ ވާހަކަ ކިޔާ މީހަކީ ވެސް، ތިރީގައިވާ ވީޑިޔޯގައި ފެންނަން އޮތް ފަދައިން އޭނާގެ ނަޒަރުގައި އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ މީހެކެވެ!

އަދި އެއް ސުވާލު އެބަ އޮތެވެ. މިފަދަ ގޮތެއްގައި ރާއްޖޭގައި އާންމުންގެ ތެރޭގައި އޭނާއަށް ވާހަކަދައްކަން ކެރިދާނެ ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ނުކެރޭނެއެވެ. އޭނާގެ މޭމަތީ ކިތަންމެ ކުލަތައް ގިނަ ކަމުގައި ވިޔަސް، އެފަދަ ޖުރުއަތެއް ކެރުމެއް، އޭނާގެ ކިބައިގައި ނުހުންނާނެއެވެ. އެއަށް ވުރެ މާ ފިނޑިވާނެއެވެ. އެފަދައިން އޭނާ ވާހަކަދައްކާނީ އޭނާ ހީކުރާ ގޮތުގައި އޭނާގެ ވާހަކަތަކަށް ތާއީދުކުރާ މީހުންގެ ކުރިމަތީގައެވެ. ކީރިތި ގުރުއާނުގައި މުނާފިގުންނާ ބެހޭ ގޮތުން އޮންނަ ފަދައިންނެވެ. وإذا لقوا الذين آمنوا قالوا آمنا، وإذا خلوا إلى شياطينهم قالوا إنا معكم إنما نحن مستهزئون (އީމާންީވީ މީހުންގެ ގާތަށް މުނާފިގުންގެ ބައިގަނޑު ހިނގައްޖެ ނަމަ، އަހަރުމެންނީ އީމާން ވެގެންވާ ބަޔެކޭ އެ ބައިގަނޑު ބުނާނެއެވެ. ނަމަވެސް، އެބައިގަނޑަށް (ތާއީދުކުރާ، އެބައިގަނޑަށް ހިއްވަރާއި ބާރުދޭ) ޝައިތާނުންގެ ކައިރިއަށް އެ މުނާފިގުންގެ ބައިގަނޑު ހިންގައްޖެ ނަމަ، އެމީހުންވަނީ އެމީހުންގެ ޝައިތާނުންނާ އެކުގައި ކަމުގައި އެބައިގަނޑު ބުނާނެއެވެ. އަދި (މުއިމުނިންގެ ގާތު އެމީހުހުންދައްކާ ވާހަކަތަކަކީ،) މަލާމާތާއި ފުރައްސާރަކުރުމުގެ ގޮތުން މެނުވީ ދައްކާ ވާހަކައެއް ނޫނޭ ވެސް އެ ބައިގަނޑު ބުނާނެއެވެ.

އާދެ، މިއީ މިނަވަންކަމާއި އިންސާނީ ހައްގުތައް ދިފާއުކުރާށޭ ކިޔައިގެން އުޅޭ މީހުންގެ ހާލެވެ. އެބުނާ މިނިވަންކަމާއި އިންސާނީ ހައްގުތައް ލިބިގެންވަނީ މިފަދަ މުނާފިގުން ހޮވާލާ އެމީހުންގެ މަސްލަހަތު ދިފާއުކުރާނޭ ބަޔަކަށެވެ. މުހައްމަދު ހަމީދު ހިމެނޭ މި ބައިގަނޑުގެ ނަޒަރުގައި މުސްލިމުންނަކީ މިފަދަ ހައްގުތައް ލިބިދޭން ޖެހޭނޭ ބައެއް ނޫނެވެ! އިސްލާމް ދީނާއި މުސްލިމުންނާ މިހާ އިދިކޮޅު، އަދި އެމީހުންގެ ހިތްތަކުގައި ނަފުރަތުގެ އަލިފާން އަނދަ އަނދާ އޮތް މުހައްމަދު ހަމީދުމެން ފަދަ މީހުންނަށް މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ގައުމެއްގެ ގައުމީ މަސްލަހަތުތައް ދިފާއުކުރުމުގެ ގޮތުން އެއްވެސް ހެޔޮ އެއްޗެއް ބުނެވިދާނެ ހެއްޔެވެ؟ އިސްލާމް ދީނަށް ނަފުރަތުކުރާ، އަދި، މުސްލިމުންނަށް އެމީހުންގެ އަމިއްލަ ދީނުގެ ދިފާއުގައި އެއްޗެއް ބުނުމުގެ ހައްގެއް ވެސް އޮވެގެން ނުވާނެކަން [އޭނާގެ އިބާރާތުން ނަމަ، 'ސޭވް އިސްލާމް' މިހެން ބުނުމަކީ ވެސް ހަރުކަށި މީހުންގެ ކަމެއް!] ދެކޭ މީހުން، 'އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކުން ގެއްލުމެއް ނެތޭ ބުނާ ވާހަކަ ގަބޫލުކުރާނީ ވެސް، މަތީގައި ބަޔާން ކުރެވި ދިޔަ އާޔަތް އެމީހުންގެ މައްޗަށް ފެތޭ މީހުންނެވެ!

ސީ.ޕީ. މުހައްމަދު ހަމީދަށް އޭނާ ބޭނުން ދީނެއް ޚިޔާރުކޮށް، އޭނާ ބޭނުން ނަމަ، ހީންދީ ނުވަތަ ޔަހޫދީ ދީން ވެސް ގަބޫލުކޮށް ހިންދީންނަށާއި އަދި ޔަހޫދީންނަށް ތާއީދުކުރުމުގެ ހައްގު އޭނާއަށް އެބަ އޮތެވެ. ނަމަވެސް، އޭނާގެ ހިތުގައި ނަފުރަތާއި ހެޔޮ ނޭދުން އޮންނަ އިސްލާމް ދީނަށާއި މުސްލިމުންގެ ގާތު އެމީހުންނަށް ދީނީ ގޮތުން ރަނގަޅީ މިވެނި ގޮތެކޭ އެވެނި ގޮތެކޭ ބުނެ އޭނާގެ ރައުޔު މުސްލިމުންގެ މައްޗަށް ފާކުރުމުގައި އެއްވެސް ހައްގެއް އޮތް ކަމަކަށް ނުދެކެމެވެ. އޭނާގެ މަގާމު ކިތަން ބޮޑު ކަމަށް ވިޔަސް ވެހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
81

2 Responses

  1. އެމްޑީއެން ހަމީދަށް މި ލިޔުން ފުލުސް ކުއްޖަކު ދައްކާލައްޗޭ. އިޔާޒް އަބްދުއްލަތީފާއި ކޮޅުފުށީ އިމްރާން ވަރަށް ހިތްހަމަ ނުޖެހޭނެ ލިޔުމެއް މީ. ނަމަވެސް ދީނާއި ގައުމު ދެކެ ލޯބިވާ މީހުން ވަރަށް ކިޔާ ހިތުން ކިޔާނެ. ޝުކުރިއްޔާ،، ޑރ. ޣަފޫރު!

  2. ހަގީގަތް ހާމަކުރައްވާއި ދީނާއި ގައުމިއްޔަތުގެ ހައްގުގައި ތިޔަ ކުރައްވާ މުރާލި ބުރަ މަސައްކަތްޕުޅުގައި ބަރަކާތްލައްވާށިއެވެ! އާމީން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *