Support Us

ޕްރޮފެސަރ އުގައިލްގެ ކޮލަމް:

ޕްރޮފެސަރ އުގައިލްގެ ކޮލަމް: ޢިލްމާއި ޙިލްމުގެ ހުނަރަކީ މީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑު މިނިވަންކަން

އަޅުގަނޑު ކުޑައިރު، އަޅުގަނޑުގެ ބައްޕަ ވަރަށް އަގުހުރި ހަދިޔާއެއް އަޅުގަނޑަށް ދެއްވިއެވެ. އެއީ، އަޅުގަނޑު ފޮތްތަކަށް އަހުލުވެރި ކުރުވައި ފޮތް ކިޔުމުގެ ރަނގަޅު އާދަ އަޅުގަނޑުގެ ގައިގައި އަށަގެންނެވުމެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ތަފާތު ވައްތަރުގެ ފޮތް ކިޔުން އެއީ އަޅުގަނޑު ވަރަށް ގަޔާވާ ކަމަކަށް ވެގެން ދިއުމެވެ. މިސާލަކަށް، ސައިންސާއި ހިސާބާއި ފަލްސަފާ ފޮތްތައް، ކީރިތި ޤުރުޢާން، ރަސޫލާގެ ސުންނަތާއި ސިޔަރަތު، ތަޢުލީމުއްދިޔާނާ، ދުރޫސުލް އަޚްލާގު އަދި ކުޑަތަރުތީބު، ބޮޑު ތަރުތީބު ފަދަ ފޮތްތަކެވެ. އެހެންކަމުން، ފޮތް ކިޔުމަކީ މިހާރުވެސް އަޅުގަނޑަށް އެންމެ ގަޔާވެގެން ކުރެވޭ އެއް ކަމެވެ.

އެކަމަކު ޙަގީގަތެއް ދަންނަވަންތޯ އެވެ؟ ޢިލްމު އުނގެނުމަކީ ހަމައެކަނި ފޮތެއްގެ ދެލިގަނޑު ސިކުނޑިއަށް ނަގައިގަތުމެއް ނޫނެވެ. އެއީ ސެޓްފިކެޓް ބޮނޑިއެއް ޙާސިލު ކުރުމެއްވެސް ނޫނެވެ. އަދި މީހަކު ބުނާ އެއްޗެއް ނުވަތަ މީހަކު ތަނެއްގައި ލިޔެފައި އޮތް އެއްޗެއްގައި ހިމެނިދާނެ ތެދާއި އަދި ދޮގާ މެދު ވިސްނާނުލާ ގަބޫލު ކުރުމެއް ވެސް ނޫނެވެ. ޙަގީގީ އުނގެނުމަކީ މީހާ މުޅިން އެހެން މަރުޙަލާއަކަށް ވާސިލުކޮށްދޭ ޚާއްސަ ބާރެކެވެ. އެއީ، ތިމާ އުނގެނޭ އެއްޗެއްގެ މައްޗަށް ބުރަވެ އަމިއްލަ ސިކުނޑިން ވިސްނަން ދަސްކުރުމެވެ. ތިމާގެ އަމިއްލަ ސިކުނޑި ހުޅުވަން ދަސްކުރުމެވެ. އަދި އުނގެނޭ ތަކެއްޗާ މެދު ފިކުރު ހިންގައި އޭގައި އަމަލީ ކުލަ ޖައްސަން ދަސްކުރުމެވެ.

ތަފާތު ފޮތްތައް ކިޔައިގެން ނުވަތަ އެނޫންވެސް ގޮތްގޮތުން ހޯދާ މަޢުލޫމާތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ދަސްވެއްޖެނަމަ މީހާއަށް އޭނާގެ އަމިއްލަ ދިރިއުޅުމުގައި ޙަގީގީ މިނިވަންކަން އިޙްސާސް ކުރެވޭނެއެވެ. ޖެހިލުން ކުޑަވެ ތިމާ އެހެން މީހުންނަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވާނެއެވެ. އެހެން މީހުންގެ ފަރާތުން ތިމާގެ މައްޗަށް ނޭދެވޭ ބާރު ފޯރުވުމަށް އޮންނަ މަގު ހަނިކުރެވޭނެއެވެ.

އެހެންކަމުން، އުނގެނޭ އެއްޗެއްގެ ބޭނުން ތިމާގެ ސިކުނޑިން ހިފަން ދަނެގަނެވޭ ހިސާބަކީ، ޢިލްމާއި ޙިލްމުން، ތިމާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭ ހިސާބެވެ. އަދި ޙަގީގީ މިނިވަންކަން ތިމާއަށް ލިބިގަނެވޭ ހިސާބަކީ ވެސް އެއީ އެވެ. ނޫންތޯއެވެ؟