Support Us

"ފަހަރަކު މީހެކެވެ. ފަހަރަކު މީހެކެވެ."

އެއް ދުވަހަކު ވަރަށް ފަޤީރު މީހަކު ގެފުޅުގެ ވަށައިގެން ތޮވާފްކުރަމުން ދިޔައެވެ. އޭނާ ބުނަމުން ދިޔައެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އަޅަމެންގެ ފާފަފުއްސަވައި އަޅަމެންނަށް ރަޙްމަތް ލައްވާފާނދޭވެއެވެ."

ކޮންމެއަކަސް އެ ދުވަހަކީ އާދައިގެ ދުވަސްދުވަހަށްވުރެ ހޫނު ގަދަ ދުވަހެކެވެ. އެހެންކަމުން މާގިނަ އިރުތަކެއް ނުވެ ގަދަހޫނަށް ކެތްނުވެގެން މި ފަޤީރު މީހާ ބޯއަނބުރައިގަނެގެން ކަޢުބާގެ ކައިރިޔަށް ވެއްޓިއްޖެވެ. އިސާހިތަކު އެތަނުގައި ތިބިމީހުން އޭނާ ނަގައިގެން ގޮސް ހަރަމުގެ ކުރިމަތީގައި ހުރި އަޖްޔާދު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އޭނާ ހޭވެރިކަންވީ ހޮސްޕިޓަލްގައި އޮންނަތާ 4-5 ގަޑި އިރެއްހާ ފަހުންނެވެ. ރަނގަޅަށް ދެލޯހުޅުވައި ބަލައިލިއިރު އޭނާ މިއޮތީ ހުދުކުލައިގެ "ގަނޑުވަރެއް" ކަހަލަ ތަނެއްގައެވެ. ތަނުގެ ފާރުތަކާއި ބިންމައްޗާއި ސީލިނގާއި އެންމެހައި ތަކެތިވެސް ހުރީ ހުދުކުލައިންނެވެ. ލިބެމުންދިޔަ އަރާމު ފިންޏާއި ދުވަމުން ދިޔަ މަޑުމަޑު މީރުވަހުގެ ސަބަބުން އޭނާގެ ހިތްފުރެމުންދިޔައެވެ. ބާއްވާފައި އޮތީ ހުދުކުލައިގެ އަރާމު އެނދެއްގައެވެ. ދުވަހަކުވެސް އޭނާ އެހާ އަރާމު އެނދެގައި ނޯންނަ ކަހަލައެވެ. ހިތަށް އެރިއެވެ. ޔަގީނެވެ. އަހުރެން މިއޮތީ ޖަންނަތުގައެވެ. އެހެންކަމުން ގޮވަން ފެށިއެވެ. "ﷲ އަކުބަރު ﷲ އަކުބަރު.. ﷲ ވަޢުދުފުޅަކީ ތެދު ހަޤީގަތެވެ. އަހުރެން ހެކިވަމެވެ… ޖަންނަތެވެ. ޖަންނަތެވެ."

ކޮންމެއަކަސް މި މީހާގެ ހަޅޭކުގެ އަޑަށް ހޮސްޕިޓަލްގައި އުޅޭ ޕިލިޕީންސްގެ މުސްލިމް ހަތް ނަރުސް ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް އެތަނަށް އައެވެ. ހުދު ހެދުމުގައި ތިބި މި ނަރުސްކުދިންތައް މީނާ އަށް ފެނުމުން ހިތަށް އެރިއެވެ. ޔަގީނެވެ. މިތިބީ ޖަންނަތުގެ ހޫރުލް ޢީނުންނެވެ. އެއާއެކު ގޮވަންފެށިއެވެ. "އަލް ޙޫރުލް ޢީން.. އަލް ޙޫރުލް ޢީން"

އެ ކުދިންނަކަށް މީނާ ކިޔައިނުކިޔާއެއް ނޭނގެއެވެ. އެހެންކަމުން މީނާ އަށް ބޮޑުކަމެއް ދީމާވީއޭ ހިތައި ހުރިހާ ނަރުސްކުދިން އެއްފަހަރާ އެ ދިމާލަށް އަވަސްވެގަތުމުން ގޮވަން ފަށައިފިއެވެ. "ނޫނެކެވެ. ފަހަރަކު މީހެކެވެ. ފަހަރަކު މީހެކެވެ."

ނޯޓް:- މިއީ ޝައިޚް މުޙައްމަދު އަލް އަރީފީ ކިޔައިދެއްވާފައިވާ ހަޤީޤީ ވާހަކައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *