...

Support Us

ކޮލަމް ކޯދު: އަލީ ޝަރީއަތީގެ ލިޔުންތަކުން ހޮވާލައިފައިވާ ބުއްދިވެރި ބަސްކޮޅެއް

އަލީ ޝަރީއަތީއަކީ އިރާނުގެ ސިޔާސީ އަދި އިޖުތިމާއީ މުފައްކިރެވެ. އީރާނުގައި އޮތް ޝާހުގެ މުސްތަބިއްދު ވެރިކަމާ އިދިކޮޅު ހަދައި، އިންގިލާބީ ހެޔޮ ބަދަލަކަށް ވަކާލާތުކޮށް ވާހަކަދައްކަވައި ލިޔުއްވި ލިޔުންތެރިއެކެވެ. އެންމެ ފުރަތަމަ، އޭނާ ކިޔަވާ ވިދާޅުވީ އީރާނުގައެވެ. ދެން، ކިޔަވައިދެއްވުމުގައި ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ފަހު، ފުރާންސަށް ވަޑައިގެން، ޕެރިސް ޔުނިވަރސިޓީގައި މަތީ ތައުލީމު ފުރިހަމަކުރައްވައި 1964ގައި އިޖުތިމާއީ އިލްމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި، 1979ގެ އީރާނުގެ އިސްލާމީ އިންގިލާބުގެ މުންޒިރަކީ، އެކަމުގެ މައްޗަށް ނަޒަރުހިންގައި، ވިސްނައި، އެކަމާ ގުޅޭ ނަޒަރިއްޔާތުތަކާއި އެ ނަޒަރިއްޔާތުގެ މައްޗަށް ބިނާވާ ތަސައްވުރެއް ހުށަހަޅާލި މުފައްކިރަކީ އަލީ ޝަރީއަތީއެވެ. ނަވާރަ ސަތޭކަ ހަތްދިޔަ ނުވައެއްގައި އިރާނަށް އިންގިލާބެއް ގެނައި ކަމުގައި ވިޔަސް، އިންގިލާބުގެ ކަންތައް ނިމިގެން ދިޔައީ އޭނާގެ ޚިޔާލާތާއި ތަސައްވުރާ އެއްގޮތުގެ މަތިންނެއް ނޫނެވެ. އިންގިލާބުގެ ކުރިން، 1977 ވަނަ އަހަރު، ޔޫކޭގައި، އޭނާ އަވަހާރަކޮށްލުމުން ވެސް މެއެވެ. ނުވަތަ އަނެއް ބަޔަކު ދެކޭ ގޮތުގައި، ހިތްހުއްޓިގެން، އުމުރުންފުޅުން 43 އަހަރުގައި އޭނާ އަވަހާރަވުމުން ވެސް މެއެވެ. އަދި އިންގިލާބުގެ ގިޔާދަތު ދީނީ އިލްމުވެރިންގެ އަތްމައްޗަށް ފުރޮޅިގެން ދިޔުމުން ވެސް މެއެވެ.

މީގެ ކުރިން ވެސް އޭނާގެ ބަސްކޮޅެއް ގެނެސްދީފައިވާނެއެވެ. ތިރީގައި ހުށަހަޅާލައިފައި ވަނީ އޭނާގެ ލިޔުންތަކުން ހޮވާލައިފައިވާ އޭނާގެ އިތުރު ބަސްކޮޅެކެވެ.

  1. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި މިސްކިތަށް ތިން ސިފައެއް ލިބިފައި އޮތެވެ. އަޅުކަން ކުރުމާއި ތައުލީމާއި ތަރުބިއްޔަތުކުރުމާއި އަދި ރައްޔިތުންގެ މަޖުލީހެއްގެ ސިފައެވެ. އެ ދުވަސްވަރު، ކޮންމެ މުވާތިނަކީ މިސްކިތުގެ މެމްބަރެކެވެ. މިސްކިތަކީ މިހާރު ގަނޑުވެރެއް ފަދަ ތަނެކެވެ. ނަމަވެސް، މަތީގައި ނަންގަނެވުނު އެއްވެސް ސިފައެއް މިސްކިތަށް މިހާރު ލިބިގެން ނުވެއޭ ބުނެވިދާނެއެވެ.
  2. އަހަރެންގެ ފައިވާން ގެއްލިދާނެތީ އެކަމާ މެދު ވިސްނަން މިސްކިތުގައި އިނުމަށް ވުރެ، ބޭރުގައި، މާތްﷲގެ ރަސްކަންފުޅު މަތިން ހަނދުމަކުރުން މަތީ ހުރެ ހިންގުން ވެސް އަހަންނަށް މާ ރަނގަޅެވެ.
  3. މުސްލިމުންގެ މެދުގައި ޚިޔާލު ތަފާތުވެ، ދެބަސްވެ، އަރާރުންވެ ތަޅާފޮޅާ ހެދުން ގުޅިފައި އޮތީ އެމީހުންގެ އިސްލާމީ އަގީދާއަކާ ނޫނެވެ. އެކަން ގުޅެނީ ދައުލަތްތަކާއި (ސިޔާސީ މީހުންގެ) މަސްލަހަތުތަކާއެވެ.
  4. ދީން ވިއްކައި ވިޔަފާރިކުރާ މީހުން މިކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެމީހުންގެ މި ވިޔަފާރިޔާ ދެކޮޅުހަދައި އާންމު މީސްތަކުން ތެދުވާނެ ދުވަހެއް އަންނާނެއެވެ. ހިތާމައަކީ އެ ދުވަހުން، އެ ދެކޮޅު ހެދުމުގެ ގުރުބާނީއެއްގެ ގޮތުގައި ދީން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާތީއެވެ.
  5. އެމީހުންގެ ގޮތަކީ އަބަދުވެސް ރަނގަޅު ގޮތްކަމުގައި ދެކޭ މީހުންނާ އެކުގައި އުޅުމަކީ ވަރަށް ވެސް ދަތި އުނދަގޫ ކަމެކެވެ.
  6. އިންގިލާބެއްގެ ކުރިން، މީސްތަކުން އިލްމީ ހޭލުންތެރިކަމަކުން ހޭލުންތެރިވެފައި ނެތް ނަމަ، ބަޔަކު މީހުން އެ އިންގިލާބު އެމީހުންގެ އަމިއްލަ ފައިދާއަށް ޖަހައިގަނެގެން ގެންދިޔުމުން އެކަކު ވެސް ބަދުނާމު ކުރަން ނުހަދާށެވެ!

(މި މަންޒަރު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ވެސް ރީތިކޮށް ފެނެއެވެ. ތަނުގެ ސިޔާސީ ސަގާފަތް ބަދަލުނުވެ، ތަނުގެ އާންމު މީހުންގެ ވިސްނުން ބަދަލުނުވެ، ބޭރު ފުށުގެ ބަދަލުވުމަކުން ޑިމޮކުރަސީއޭ ކިޔާ ނިޒާމެއް ގެނައުމުން، ބަދަލުވެގެން ދިޔައީ ހަމައެކަނި ނަމެވެ. ހަގީގަތް އޮތީ އޮތް ގޮތަށެވެ. ކުރިން ވެސް އޮތް ފަސާދައާއި ގާތް މީހުންނަށް ވަޒީފާ ދިނުމާއި މަދު ބައެއްގެ އަތްމަތީ ހުރިހާ ސިޔާސީ ބާރެއް އޮތުން، މިފަދަ އެއްވެސް ކަމަކަށް ހަގީގީ ބަދަލެއް ނާދެއެވެ! އާންމުންގެ އަސާސީ ބޭނުންތައް އެމީހުންގެ އިންސާނީ ކަރާމަތް ނަގާނުލައި ފުއްދޭނޭ ނިޒާމެއް ގާއިމު ނުކުރެވެންޏާ، އެ ނިޒާމަށް ކޮންމެ ނަމެއްކީ ކަމުގައި ވިޔަސް އެ ހެޔޮ ނިޒާމަކަށް ނުވާނެއެވެ.)

  1. އަލުން އަނެއްކާ ވެސް، ގަބުރުތަކުންނާއި މަރުވީމާ މީހުންގެ މައްޗަށް ކިޔެވޭ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުމުން، ކީރިތި ގުރުއާން ނެރެ ސަލާމަތް ކުރަން ޖެހިއްޖެއެވެ. ކީރިތި ގުރުއާން ކިޔެވެން ޖެހޭނީ ދިރި ތިބީންގެ މައްޗަށެވެ. މަރުވެފައި ތިބޭ މީހުންގެ މައްޗަކަށް ނޫނެވެ. (ހަމަ އެހެންމެ ކީރިތި ގުރުއާން ވާންޖެހޭނީ، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ގޮތުގައި ރީތި ރާގުރާގަށް ކިޔެވޭ އަދި ހަމައެކަނި ހިތުދަސްކުރެވޭ ފޮތަކަށް ނޫނެވެ! ކީރިތި ގުރުއާން ވާން ޖެހޭނީ އޭގައި ބަޔާން ކުރެވިފައިވާ ރިސާލަތު ފަހުމުކޮށްގަންނަން ކިޔެވޭ ފޮތަކަށެވެ!)
  2. އަހަރުމެން އިސްލާމް ދީނަށް ނިސްބަތްވާ މީހުންގެ މިއަދުގެ މައްސަލައަކީ އަހަރުމެންގެ ފަރުދީ އަދި ޖަމާއީ ހަޔާތުގައި އިސްލާމް ދީން ހިންގާ ނުލުމެއް ނޫނެވެ. އިސްލާމް ދީނުގެ ރިސާލަތު، މެސެޖު، ފަހުމު ނުވުމެވެ. (އިސްލާމް ދީނުގެ ރިސާލަތަކީ، އަޚުލާގީ ގޮތުން ހެޔޮ ލަފާ، އެކަކު އަނެކަކަށް އަޅާލައި އިހުތިރާމުކުރާ އޯގާތެރި ފަރުދުންތަކެއް އުފައްދާނޭ ގޮތް ބުނެދިނުމެވެ. އަދި ހަމަ އެހެންމެ، ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ ސިޔާސީ ނިޒާމެއް އުފައްދާނީ ކިހިނެއްކަން ބުނެދިނުމެވެ.)
  3. ކަލޭގެ ގޭގައި އަލިފާން ރޯވެ، ގެ އަދަމުން ދަނިކޮށް، އަޅުކަންކޮށް މާތްﷲއަށް ކުއްތަންވުމަށް އަންނާށޭ ގޮވާ މީހާގެ ގޮވުމަކީ ޚިޔާނަތްތެރިއެއްގެ ގޮވުމެކެވެ. ގޭގެ އަލިފާންގަނޑު ނިއްވާނުލައި އެހެން ކަމެއް ކުރަން ބުނުމަކީ ހެޔޮ ވިސްނުމުން އެއްކިބާވެ، ހިމާރަކަށް ވުން ފަދަ ކަމެކެވެ. އެ ގޮވަނީ މާތް މުގައްދަސު ކަމެއް ކުރަން ކަމުގައި ވިޔަސް ވެހެވެ.
  4. ދީނީ އިލްމުގެ އަހުލުވެރިން އެމީހުންގެ މަސްއޫލިއްޔަތު އުފުލުމުން އެއްކިބާވެ، މީސްތަކުން ވިސްނާ ފިކުރު ކުރުމުން ދުރުކޮށް، އެމީހުންގެ ސިކުނޑިތައް ގަނޑުކޮށްލާ ބަޔަކަށް ވުމުން، ދީނާ މީސްތަކުން ދުރުވުމުން އެކަމާ ހައިރާންވާކަށް ނުޖެހެއެވެ. އެހެނީ، މީސްތަކުން އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދާލާނޭ އެހެން ގޮތްތަައް ހޯދާނެއެވެ.
  5. ބޭރު ދައުލަތެއްގެ އިސްތިއުމާރީ ބާރުގެ ދަށަށް ދިޔުމާއި މީސްތަކުންގެ ސިކުނޑި ގަނޑުވެ، ވިސްނުމާ ދުރުވެ، ހިމާރުންނަށް ވުމާ މާ ބޮޑު ތަފާތެއް ނެތެވެ. އެދެކަމުގެ ދެމެދުގައި އޮތް ތަފާތަކީ ފުރަތަމަ ކަން އަންނަނީ ބޭރުންނެވެ. ދެވަނަ ކަން އަންނަނީ ތަނުގެ އެތެރެއިންނެވެ.
  6. ބާތިލު ބަލައިނުގަނެ އެއަށް ނޫނެކޭ ބުނުމުގެ ހިއްވަރު ލިބިގަންނާށެވެ! ބާތިލުގެ ގޮތްތައް ބަލައިގަތުމުގައި ކިތަންމެ ބޮޑު ވަގުތީ ފައިދާއެއް އޮތް ކަމުގައި ވިޔަސް ވެހެވެ.
  7. އަހަރުމެންގެ މުޖުތަމާއަކީ އޭގެ ދެބައިކުޅަ އެއްބައި ނިދައި އައްސިވެ، އެމީހުންގެ ސާހިބުންގެ ޖާދުލުގައި ޖެހިފައި ތިބި ބައެކެވެ. (އާދެ، އަމިއްލައަށް ވިސްނައި ފިކުރުކުރާ ބައެއް ނޫނެވެ!) ދެން އަނެއް ބަޔަކީ ދުވެ ފިލާދާ ބައެކެވެ. އަހަރުމެންވާން ޖެހޭނީ ނިދާފައި ތިބި މީހުން ހޭލައްވައި ފިލަން ދުވާ މީހުން އަނބުުރައި ގެންނާނޭ ބަޔަކަށެވެ.
  8. ދެފުށް ދެގޮތް މުނާފިގަކަށްވެ، ކަންކަމުގެ ހަގީގަތް އޮޅުވާލައިގެން، މީހުންގެ މަގުބޫލުކަން ހޯދުމަށް ވުރެ، ކަންކަން އޮތް ގޮތަށް ސަރީހަކޮށް ވާހަކަ ދައްކައިގެން މީހުންގެ ނުރުހުމާއި ނަފުރަތު ލިބުން މާ ރަނގަޅެވެ.
  9. އަހަރެންގެ އަވައްޓެރިޔާ ބަނޑަށް މަރުވުމުން، އަވަށު އެންމެން ނިކުމެ ހުރިހާ ގެރި ބަކަރިއެއް އޭނާއަށްޓަކައި ކަތިލުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ އޭނާގެ ބަނޑުހައިހޫނުކަން ކުރިން ދެނެގަނެ، އެ ތަކެތި ކަތިލައި އޭނާއަށް ކާންދެވުނު ނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.