Support Us

ލޯބިވާއެވެ. ތިބާގެ ވަކިވެދިއުން…

ލޯބިވާއެވެ. ހަޔާތަކީ ހާދަ ކުރު އެއްޗެއްކަން އަހަރެންނަށް އޭނގެ އެންމެ ފުރިހަމަ މާނައިގައި އިހުސާސްކޮށްދިނީ ތިބާގެ ވަކިވެދިއުމެވެ. ހާޔަތަކީ ދާދި ކުޑަ ހިނދުކޮޅެއްކަންވެސް އިހުސާސްކޮށްދިނީ ތިބާގެ ކުއްލި ވަކިވެދިއުމެވެ. ވަޤުތުގެ މުހިންމުކަންވެސް އިހުސާސްކޮށްދިނީ ހަމަ ތިބާގެ ހިތްދަތިކުރުވަނިވި އަލަވަދާޢުއެވެ.

ލޯބިވާއެވެ. އަހަރެމެން ދެމީހުން އެކުގައި އުޅެން ލިބުނު 34 އަހަރާއި ހަ މަސް ދުވަސް އެއީ އެސްފިޔަ ޖަހާލާހައި ކުޑަ ހިނދުކޮޅެއްކަން ތިބާގެ ވަކިވެދިއުން މިއަދު އަހަރެންނަށް އިހުސާސު ކޮށްދީފިއެވެ. މިވެނި ކަމެއް ކޮށްދެވުނު ނަމައޭ އެވެނި ވާހަކައެއް ބުނެވުނު ނަމައޭ ހިތަށް އަރާ ކިތަންމެ ފަހަރެކެވެ. ތިބާއާ އެކުގައި 12،625 ދުވަސް ވޭތުކުރެވުނު ނަމަވެސް އަދި ކުޑަ ހިނދުކޮޅެއް ލިބޭނެ ނަމައޭ ހިތަށް އަރާ އެތައް ސަބަބެކެވެ. އެތައް ފަހަރެކެވެ. އެވެނި މިވެނި ވާހަކައެއް ބުނެލަން ބޭނުންވާ އެތައް ފަހަރެކެވެ. ތިބާއާ އެކު ހޭދަކުރެވުނު ދުވަސްތައް އެއީ ސިކުންތެއްގެ ބައިކުޅަބައި ކަމުގެ އިހުސާސް އަހަންނަށް ކުރުވައިފިއެވެ. މި ދުނިޔެއަކީ ހަޤީގަތުގައިވެސް ހުވަފެނެއް ފަދަ ވަޤުތީ މަންޒިލެކެވެ. ތިބާގެ ވަކިވެދިއުން އަހަންނަށް އެކަން އިހުސާސްކޮށްދީފިއެވެ.

ލޯބިވާއެވެ. ތިޔައީ ހަމައެކަނި އަހަރެންގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއެއް ނޫނެވެ. އަހަރެންގެ ލޯބިވާ އަލަތު އަނބި މީހާގެ އިތުރުން ތިޔައީ އަހަރެންގެ ދެ ދަރިންގެ ލޯބިވާ މަންމައެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނުވަތަ ބެސްޓް ފްރެންޑް ވެސްމެއެވެ. ގާތް ތިމާގެ ނުވަތަ ލޯބިވާ މީހަކާ ހިއްސާކުރަން ބޭނުންނުވާ ވާހަކަތައް ހިއްސާކޮށްލަން ހުރި މިޒަމާނުގެ ގޮތަށް ބުނާނަމަ ސްޓްރޭންޖަރ ވެސްމެއެވެ. ތިޔައީ އަހަރެންގެ ގޭގެ މައި އޮޅިގަނޑެވެ. ދިރިއުޅުމުގެ ބިންގަލެވެ. ހަޔާތުގެ ދަންމަރެވެ.

ލޯބިވާއެވެ. ތިޔައީ އަހަރެންގެ ދެ ދުނިޔޭގެ ބައިވެރިޔާއެވެ. ދުނިޔެވީ ހަޔާތުގެ މަގުޗާޓު ކުރަހައިދިން އާކިޓެކްޗަރއެވެ. އަދި އުޚުރަވީ ހަޔާތަށް ދިއުމަށް ބޭނުންވާ މަގު ކޮށައިދިން ހިކުމަތްތެރިޔާއެވެ. ދިރިއުޅުމުގައި އެހީވެދިން ފަދައިން އާޚިރަތަށް ވެސް އެހީވެދިން އަހަރެންގެ ފުރާނަ ފަދަ ލޯބިވެރިޔާ ނުވަތަ މިހާރުގެ ގޮތުން ބުނާނަމަ ގާލް ފްރެންޑެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ތިބާގެ ވަކިވެދިއުން އަހަރެންގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. އަހަރެންގެ ދިރިއުޅުމާއި އާދަކާދަތައް އެފުށްމިފުށަށް ޖަހާލައިފިއެވެ. އެތައް ހާސް ރުއިމަކުން އަހަރެންގެ ހިތް ރޮއްވައިލައިފިއެވެ. އަހަރެންގެ ހިތް އެތައް އެތިކޮޅުތަކަކަށް ކުދިކުދި ކޮށްލައިފިއެވެ. ތިބާގެ ހަނދާންތައް އަހަރެން ވަށާލައިފިއެވެ. ތިބާގެ ވަކިވެދިއުން އަހަންނަށް އެތައް ފިލާވަޅެއް ނަގައިދީފިއެވެ. ލޯބި އެއީ ކޮން އެއްޗެއްކަން އިތުރަށް ސާފުކޮށްދީފިއެވެ. ކައިވެންޏަކީ ކޮބައިކަން އިހުސާސްކޮށްދީފިއެވެ. މަރާ އޭގެވޭން ތަސައްވުރު ކޮށްދީފިއެވެ. ވަކިވެދިއުމަކީ ކިހާ ހިތާމަވެރި ކަމެއްކަން ބުނެދީފިއެވެ. ލޯބިވާ ގާތް ތިމާގެ މީހުންނާއި ހެޔޮއެދޭ ރައްޓެހިން ހާމަކޮށްދީފިއެވެ. ތިބާގެ ވަކިވެދިއުމުން އަހަރެންގެ މި ދެލޯ ނިދިން ހޭލައްވާލަ ދީފިއެވެ. މި ދުނިޔެއަކީ ކިހާ ކެހިވެރިތަނެއްކަން ހާމަކޮށްދީފީމުއެވެ. އަދި މިއީ ދާދި ކުޑަ ހިނދުކޮޅެއްގެ ވަޤުތީ މަންޒިލެއްކަން އަންގައިދީފީމުއެވެ.

ލޯބިވާއެވެ. ލޯބިވާގެ އެދުން ﷲ ތަޢާލާ ފުރިހަމަ ކުރައްވައިފިއެވެ. އަހަރެންނަށް ވުރެ ކުރިން ތިބާ މިދުނިޔެ ދޫކޮށް ހިނގައްޖައީމުއެވެ. ތިބާގެ ވަޢުދު ތިބާ ފުއްދައިފީމުއެވެ. އެންމެ ފަހު ނޭވަޔާ ޖެހެންދެން އަހަރެންނާ އެކު އުޅެފީމުއެވެ. އޭގެ އެންމެ ފުރިހަމަ ގޮތުގައި ތިބާގެ ހިތުން އަހަރެންނަށް ޖާގަ ދީފީމުއެވެ. ތިބާގެ ވާޖިބު ތިބާ ފުރިހަމަ އަށް އަދާކޮށްދީފީމުއެވެ. ތިބާއީ ﷲ މިދުނިޔޭގައި އަހަރެންނަށް ދެއްވި ޖަވާހިރެކެވެ. އަގު ނުކުރެވޭނެ ފަދަ ހަޒާނާއެކެވެ.

ލޯބިވާއެވެ. އަހަރެންގެ ވަޢުދުވެސް އިންޝާﷲ ފުއްދާނަމެވެ. އަހަރެންގެ ހެޔޮ ދުޢާތަކުންނެވެ. އެންމެ ފަހު ނޭވަޔާ ޖެހެންދެނެވެ. ތިބާގެ އެންމެ ފަހު ދުވަސްކޮޅުގެ ވާހަކަތައް އަހަރެން ހަނދާން އެބަހުއްޓެވެ. އަހަރެމެންގެ ދެބޭންނަށް ތިބާ ދެމުން އައި ނަސޭހަތްތައް އިންޝާﷲ އަހަރެން ދޭނަމެވެ. އެކަން ދަމަހައްޓާނަމެވެ. އެކުދިންނަށް ތަކުރާރުކޮށް ހަނދާން ކޮށްދޭނަމެވެ. އިންޝާﷲ އަހަރެމެންގެ ދުޢާތަކުން ތިބާގެ ދަރަޖަ ﷲގެ ހަޒުރަތުގައި އުފުލާލަދޭނަމެވެ.

ލޯބިވާއެވެ. ދެމީހުން އެކުގައި ދެކެމުން އައި ގިނަ ހުވަފެންތައް ހަޤީޤަތަކަށް ވިތަން ﷲގެ ރަހުމަތްފުޅުން ދެމީހުންނަށް އެކުގައި ފެނުނެވެ. އެ ހުވަފެންތަކުގެ ތެރެއިން އެންމެ ދެކެން ބޭނުންވި ހުވަފެންވެސް މިއަދު މިވަނީ ހަޤީޤަތަކަށްވެފައެވެ. ނަމަވެސް މި އުފަލުގައި ތިބާގެ ފެނިލުން ނެތުމުގެ ފަޅުކަން އިންތިހާއެވެ. ދެރަނުވާށެވެ. ތިބާގެ ވާހަކަ ކިޔައިދޭނަމެވެ. މާމަގެ ވާހަކަތަކުން ކުޑަކުޑަ މާމަ ދަރިފުޅުގެ ހިތް، އިންޝާﷲ ފުރާލަދޭނަމެވެ.

ލޯބިވާއެވެ. ތިބާ އަހަރެންގެ މިހިތް ރޮއްވާލާފައި ވަކިވެދިޔައީ އިއްޔެފަދައެވެ. ނަމަވެސް މިއަދަށް ތިބާވަކިވެދިޔަތާ ހަ މަސްދުވަސް ފަހަނައަޅާ ދިޔައީއެވެ. ލޯބިވާއެވެ. ދެރަނުވާށެވެ. ބިރުނުގަންނާށެވެ. އެކަނިވެރިޔަކު ކަމުގައި ނުހިތާށެވެ. އިންޝާ ﷲ ތިބާގެ ހެޔޮ އަމަލުތައް ﷲގެ ތަނަވަސް ރަހުމަތާ އެކު ތިބާއާ އެކުވާނެއެވެ. އިންޝާﷲ، އަހަރެމެންގެ ދުޢާ އަބަދުވެސް ފޫހިކަމެއްނެތި ތިބާ އަށް ފޯރުކޮށްދޭނަމެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ތިބާއަށް އެދިގެންނެވެ. ތިބާގެ ކުށްތަކަށް އަފޫ ކުރެއްވުން އެދިއެވެ. ތިބާގެ ކަށްވަޅު ތަނަވަސް ކުރެއްވުން އެދިއެވެ. ސުވަރުގޭގެ ފެތުރެއްވެވުމަކުން ތިބާގެ ކަށްވަޅު ފެތުރެއްވުން އެދިއެވެ. ޤިޔާމަތް ގާއިމް ކުރެވޭ ހިނދު އަރުޝީގެ ހިޔާވަހިކަން ތިބާ އަށް ދެއްވުން އެދިއެވެ. އެކަލާނގެ ނޫރުފުޅުން ތިބާގެ ކަށްވަޅު އަލިކުރެއްވުން އެދިއެވެ. ތިބާގެ ކަށްވަޅަކީ ޖަންނަތުލް ފިރުދައުސްގެ ތަންމައްޗެއް ކަމުގައި ލެއްވުން އެދިއެވެ. ތިބާގެ ދާއިމީ ގޯއްޗަކީ ޖަންނަތުލް ފިރުދައުސް ކަމުގައި ލެއްވުން އެދިއެވެ. އަދި ތިބާ އަށް ކައުސަރޭ ކިޔުނު ކޯރުން ފެން ބުއިމުގެ ތައުފީގު ދެއްވުން އެދިއެވެ. ލުއި ބެއްލެވުމަކުން ތިބާގެ ހިސާބު ބެއްލެވުން އެދިއެވެ. މަޚުޝަރުގައި ތިބާއާ އެކު މިކުޑަ އާއިލާ ލެއްވުން އެދިއެވެ. އަހަރެމެންގެ ދުޢާ އިން ﷲގެ ހަޒުރަތުގައި ތިބާގެ ދަރަޖަ އުފުލިގެން ދިއުން އެދިއެވެ.

ލޯބިވާއެވެ. ބުނެލަން އޮތީ ތިއީ އަދިވެސް އަހަރެންގެ ފޭވަރިޓެވެ. މިއަދުވެސް ތިއީހަމަ މީގެ 35 އަހަރު ކުރިން ފެނުނު ލޯބިވެރިޔާއެވެ. އަހަރެންގެ ބެސްޓު ފްރެންޑެވެ. ޕާޓުނަރެވެ. މައުޝޫގާއެވެ. ގާރލް ފްރެންޑެވެ. ސީކްރެޓް ފްރެންޑެވެ. އަނބި މީހާއެވެ. ހަޔާތުގެ ބައިވެރިޔާއެވެ. އިންޝާﷲ އާޚިރަތުގެވެސް ބައިވެރިޔާއެވެ. އަހަރެންނާ ވަކިވެ ދިޔައީ ތިބާގެ ޖިސްމެވެ. ތިބާގެ ހަނދާންތަކާއި ލޯބި އަދިވެސްވަނީ އަހަރެންނާ އެކުގައެވެ. ހިތްގައިމު ގޮނޑުދޮށްތަކާއި ދޮންވެލި ތުނޑިތައްމަތީގައި ދެ މީހުން ލޯބިން އުޅުނު ދުވަސްތައް އަބަދުހެން އާވެއާވެ ހުރެއެވެ. ވަރަށް ހަނދާންވެއެވެ. ވަރަށް ލޯބިވެއެވެ. ތިބާއަށް ހެޔޮ ދުޢާ ކުރުމުގައި އިންޝާﷲ ދެމިހުންނާނަމެވެ. ތިޔައީ އަދިވެސް އަހަރެންގެ ފޭވަރިޓެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
222
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *