Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ޖުހާއާއި އޭނާ ގަތް ހިމާރު

އެއްދުވަހަކު ޖުހާ ބާޒާރެއް ދިޔައެވެ. އަދި، ބާޒާރުގައި ހިމާރު ވިއްކާ ކޮށި ކައިރިއަށް ޖެހިލި އިރު، ކޮށީގައި ވަރަށް ރީތި ހިމާރެއް އޮއްވާ ފެނުނެވެ. ދެން، ޖުހާ އެ ހިމާރު ގަނެގެން ގެއަށް ގެންދިޔައެވެ.

ޖުހާގެ ހިމާރާ މެދު ގަޔާވިލެެއް ބޮޑުކަމުން ޖުހާ ގަސްދުކުރީ ގޭގެ ފުރާޅަށް ހިމާރު އަރުވައި ވަށައިގެން ފެންނަން އޮތް ރީތި މަންޒަރު ހިމާރަަށް ދައްކާލައި ހިމާރު އުފާކޮށްލަދިނުމަށެވެ. ދެން، ހިމާރު ފުރާޅަށް އެރުވިއެވެ. ޖުހާ ހިމާރަށް ކާންދީ އަދި ތަންތަން ދައްކައިލިއެވެ. މުޅި ދުވަސް ހިމާރު ހޭދަކުރީ މިގޮތުގައި ފުރާޅުމަތީގައި ރީތި މަންޒަރުތައް ބަލައި އުފާކޮށް ހިތްހަމަޖެއްސުމުގައެވެ.

އިރު އޮއްސުމުން، ޖުހާ ބޭނުންވީ ހިމާރު ފުރާޅުމަތިން ބޭލުމަށެވެ. ނަމަވެސް، މިކަމާ ހިމާރު އިންކާރުކޮށް ފުރާޅުމަތީ ދުވަން ފެށިއެވެ. އަދި، ޖުހާ ގައިގައި ފައިން ތަޅަން ވެސް ފެށިއެވެ. ޖުހާގެ ހިމާރުގެ ހައިޖާނު ބޮޑުވެ، ދެން ފުރާޅު ވެއްޓިދާނެހެން ހީވުމުން، ޖުހާ ފުރާޅުމަތިން ފޭބިއެވެ. އަދި އަނބިދަރިން ވެސް ގެއިން ނެރުނެވެ. ދެން، ހިމާރުގެ ރުޅިގަދަވެ، ފުރާޅުމަތީ ފައިންތަޅައި ދުވުމުގެ ސަބަބުން، އިސާހިތަކު ޖުހާގެ ގޭގެ ފުރާޅު ހަލާކުވެ، ގެވެސް ވެއްޓުނެވެ.

ދެން، ހިމާރު ކައިރިއަށް ގޮސް ހިމާރު ގާތު ޖުހާ ބުންޏެވެ. އޭ ހިމާރާއެވެ! އަހަރެންގެ ގޭގެ ފުރާޅު ހަލާކުވެ، ގެ ހަލާކުވެ، ވެއްޓި ދިޔުމުގައި ކަލޭގެ އެއްވެސް ކުށެއް ނެތެވެ. ހުރިހާ ވެސް ކުށެއް އޮތީ އަހަރެންގެ ކިބައިގައެވެ. ކަލޭގެ މަގާމަކީ ގޭގެ އެންމެ އުސް މަގާމެއް ނޫނެވެ. ނަމަވެސް، މިތާ ތިރީގައި ބިމުގައި މިހިރަ ގަސް ބުޑެވެ. ކަލެއަކީ މުދަލާއި މީހުން އުފުއްލާ އެއްޗެކެވެ. ނަމަވެސް، ކަލެއާ މާ ގަޔާވެވި، ކަލެއާ އެކަށޭނަ ނޫން މަގާމަކަށް އަހަންނަށް ކަލޭ ގެންދެވުނީއެވެ. އަދި، އެކަމުގެ ސަބަބުން އަހަރެންގެ ގެ ވެއްޓި ބޮޑު ގެއްލުމެއް އަހަންނަށް ލިބުނީއެވެ!

ޖުހާގެ މިވާހަކައިގެ މަތުލަބަކީ ކޮބާ ހެއްޔެވެ؟ އެއިން ލިބެނީ ކޮން ފިލާވަޅެއް ހެއްޔެވެ؟

ހިމާރެއް ދެކެ ލޯބިވެ، އެއާ މުނާސިބު ނޫން، އުސް ތަނަކަށް، އަރުވައި، އެއަށް މަތިވެރި މަގާމެއް ދީފި މީހާ، ހަނދާންކުރަން ޖެހެއެވެ. އެފަދައިން ކަންތައް ކުރުމަށް ފަހު، ދެން، ހިމާރުގެ ފަރާތުން ގެއްލުމެއް ލިބުމުން، އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ހިމާރުގެ ވެރިޔާއެވެ. އެކަން ކުރި މީހާއެވެ. އެކަން އެ ގޮތަށް ދިމާވުމުން ހިމާރެއް ކުށްވެރިއެއް ނުކުރެވޭނެއެވެ!

ހަމަ އެފަދައިން އެއްވެސް އިޚުލާސްތެރިކަމެއް ނެތް، މަގުމަތީ ދުވަމުން ސިޔާސަތުތައް ކަނޑައަޅާލަން އުޅޭ، ތަނެއް ދޮރެއް ނޭނގޭ، ނާގާބިލު މީހުން ކަންކަމާ މަތިކޮށް އެފަދަ މީހުންނާ ކަންކަން ހަވާލުކުރުމަށް ފަހު، ކަންކަން ނުކުރެވި، މުޅި ތަން ޚަރާބުވެ، ފުނޑުފުނޑުވެ ދިޔުމުން، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ތަނެއް ދޮރެއް ނުދަންނަ އެފަދަ ނާގާބިލު މީހުންނާ އެކަންކަން، ހަވާލުކުރި ބައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

  1. ޔަގީނުންވެސް ކޯލިސަނާ ވ ވައްތަރު ވާހަކައެއް ތީ. ވީމާ ކޯލިސަނުންވާނެ ޒިންމާ ނަގަން އަދި މިގައުމު ސަލާމަތް ކުރަން.
    މިހާރު ގައުމު މިއޮތީ
    ރަތް ރޮނގުގައި

  2. ރާއްޖޭގެ މީހުންވެސް މިތިބެނީ 2 ހިމާރު 2ތާކަށް އަރުވައިގެން. އެކަމުގެ ގެއްލުން ވަރަށް ބޮޑު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *