Support Us

ކުރާކަމެއް ކުރުމުގައި ދޫނުކޮށްލައި ސާބިތުވެ ދެމިހުންނާށެވެ!

ތިރީގައި އެވަނީ އެމެރިކާގެ ޅެންވެރިއެއް ކަމުގައިވާ ޖޯން ގްރީން ލީގް ވިޓިއަރގެ "ޑޯންޓް ކުވިޓް" މި ޅެމުގެ ތަރުޖަމާއެކެވެ. ޖޯން ޥިޓިއަރ އަކީ 19ވަނަ ގަރުނުގެ އެމެރިކާގެ މަޝްހޫރު ޅެންވެރިންގެ ތެރޭގައި ހިމެނުނު ޝާއިރެކެވެ. އަޅުންގެ ހައްގުގައި އަޅުން މިނިވަންކުރުމަށް މަސައްކަތް ކުރި ދީންވެރި ޅެންވެރިއެކެވެ.

****

ބައެއްފަހަރު، ދިމާވާނޭ ފަދައިން، ކަންކަން ރަނގަޅަށް ނުދިޔުމުން،

އުނދަގޫތަކާ ކުރިމަތިލަމުން، ކަލޭ ހިނގަމުންދާ މަގަކީ، އަބަދު ވެސް މައްޗަށް އަރައިގެން ދާން އޮންނަ މަގެއްހެން ހީވުމުން،

އަތުގައި ހުރި ފައިސާކޮޅު މަދުވެފައި، ދަރަނިތައް މާ ގިނަވުމުން،

ކަލޭ ހިނިތުންވާ ބޭނުންވި ނަމަވެސް، ކަލެއަށް ހިތާމައިގެ މާނޭވާލާން ޖެހިފައި ވުމުން،

އަޅާލުން ބޭނުންވެފައި އޮތުން، ކަލޭގެ ކިބައިގައިވާ ކުރިއަށް ދިޔުމުގެ ރޫހު ނެތިކޮށްލަފާނެހެން ހީވުމުން،

އަރާމުކޮށްލަން ޖެހިއްޖެ ނަމަ، އަރާމުކޮށްލާށެވެ! ނަމަވެސް ފަހަރެއްގައި ވެސް ކުރަން އުޅޭ ކަމެއް ދޫކޮށްނުލާށެވެ!

ހަޔާތަކީ އޭގައި އޮޅުންތަކާއި ބަދަލުވުންތައް އެކުލެވޭ، ވަރަށް ވެސް އަޖައިބުކުރުވަނިވި ކަމެކެވެ.

އަހަރުމެން ކޮންމެ މީހަކަށް ވެސް ބައެއް ފަހަރު އެނގޭ ފަދައިންނެވެ.

އަދި، އެތައް ނާކާމިޔާބީއަކާ ވެސް އަހަރުމެން ކުރިމަތިލާން ވެސް ޖެހެއެވެ.

ކުރިއަށް ދިޔުމުގައި ސާބިތުވެ ހިފަހައްޓާލެވުނު ނަމަ، އޭނާއަށް ކާމިޔާބު ލިބޭނޭ ފަދަ ވަގުތުގައެވެ.

އެހެންވީމާ، ކުރާ ކަމެއް ކުރުމުގައި ހުއްޓުމެއް ނެތި ކުރިއަށްދާށެވެ! ހިނގުމުގެ ބާރުމިން ލަސްކޮށްލަން ޖެހުނު ނަމަވެސް ވެހެވެ.

ކުރިމަތިވާ އެހެން އެތިފަހަރަކާއެކު ކާމިޔާބީގެ އައްސޭރިއަށް ވާސިލުވެވިދާނެއެވެ.

ކާމިޔާބަކީ ނާކާމިޔާބު(ގެ ހެދުން) އަނެއް ފުށަށް ޖަހާލުން ފަދަ ކަމެކެވެ. (މާނައަކީ ކާމިޔާބުވުން އޮންނަނީ ނާކާމިޔާބާ ވަރަށް ވެސް ކައިރީގައެވެ. ހެދުމުގެ އެއް ފުށް އަނެއްފުށާ އޮންނަ ކައިރި މިނުގައެވެ.)

ނާކާމިޔާބަކީ ޝައްކުތަކުގެ ވިލާތަކުގައި އެޅިފައިވާ ރިހީގެ ވިދުވަރުގެ ރޮނގެވެ.

ކަލޭ ހުރީ، ކާމިޔާބުވުމާ ކިހާ ކައިރީގައި ކަމެއް ބުނެދޭކަށް ކަލެއަކަށް ފަހަރެއްގައި ވެސް ނޭނގޭނެއެވެ.

ކާމީޔާބުވުން އޮތީ ވަރަށް ވެސް ދުރުގައިހެން ހީވާއިރު، ކާމީޔާބުވުން އޮންނަނީ ވަރަށް ވެސް ކައިރީގައި ކަމުގައި ވެދާނެއެވެ.

އެހެންވީމާ، އެންމެ ދަތި އުނދަގޫ ހާލަތްތައް މެދުވެރިވާ ވަގުތުގައި ވެސް، ކާމިޔާބީގެ މަގުގައި ހަނގުރާމަކޮށް ގަދައަށް މަސައްކަތްކުރަމުގައި ސާބިތުވެ ދެމިހުންނާށެވެ!

ހުރިހާ ކަމެއް އެންމެ ގޯސްވެއްޖެ ކަމަށް ހީވާ ވަގުތަކީ ކުރަމުންގެންދާ މަސައްކަތް ދޫނުކޮށް އެކަން ކުރުމުގައި ދެމިހުންނަން ޖެހޭ ވަގުތެވެ.

އެހެނީ، ދުލުން ނުވަތަ ގަލަމުން ވެސް ބަޔާންކުރެވޭނޭ

އެންމެ ހިތާމަވެރި ދެރަވާން ޖެހޭ ބަހަކީ މިއެވެ: "(އެކަމުގެ ދެމި ހުރެވުނު ނަމަ) އެކަން ކާމިޔާބު ކުރެވުނީހެވެ!

(ތަރުޖަމާއެއް)